އުނގެނުމާއި އުނގަންނާދިނުމަކީ އަބަދު އެއްގަޮތަކަށް ގެންދަންޖެހޭ ކަމެއް ކަމަށް ގަބޫލު ކޮށްގެން ނުވާނެއެވެ. ކިޔަވާދިނުން އެންމެ ފުރިހަމަ ގޮތުގައި ފަރުމާ ކުރަމުން ދިޔަ ނަމަވެސް، އެކަމާއި ގުޅޭގޮތުން ދަސްކުރަންޖެހޭ، ކިޔަވާދިނުމުގެ ތެރެއިން ދަސްވާ، އިތުރަށް ހޯދާ ދެނެގަނެވޭނެ ބައިވަރު މަޢުލޫމާތާއި ހުނަރު ހުންނާނެއެވެ. މީގެ ހެއްކަކީ އެއްދުވަހު ވަރަށް ފުރިހަމައަށް ރޭވި ހިންގޭ އުގެނުމުގެ އެކްޓިވިޓީއެއް ދެވަނަ ދުވަހު ބަދަލު ގެނައުމަށް ވިސްނާފިނަމަ، ކުރެވިދާނެ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވުމެވެ. މިގޮތުން ކުލާހުގައި ތަފާތު އެކްޓިވިޓީތައް ގެންދެވުނު އިރު ހިތުގައި އުފެދުނު ސުވާލުތަކާއި، ދަރިވަރުން އެމަސައްކަތް ކުރި އިރު ކަން ހިނގި ގޮތާއި، ކިޔަވާދިނުމަށް ބޭނުން ކުރެވުނު މަޢުލޫމާތާއި އަދި ކަންޑައެޅި އުގެނުމުގެ މަޤުޞަދު ޙާޞިލުވިވަރާއި، ދަރިވަރުންގެ ބައިވެރިވުން ލިބުނު މިންވަރާއި، ޝައުޤުވެރިކަން ދެމެހެއްޓުނުތޯ ނުވަތަ ނޫންތޯ އާއި މިފަދަ ގިނަ ގުނަ ކަންކަމާއި އަދި ސުވާލުތަކެއް އަމިއްލަށް އުފެއްދިދާނެއެވެ. މި ސުވާލުތަކުގެ އެންމެ ފުރިހަމަ ޖަވާބު ހޯދުމުގެ ބަދަލުގައި އަޅުގަނޑު ޢާއްމުކޮށް ކުރާކަމަކީ އެ ގެންދެވުނު ގޮތް ނޫން އެހެން ގޮތެއް އިޚްތިޔާރު ކުރުމާއި، ނުވަތަ ކިޔަވާދިން އިރު ބޭނުންކުރެވުނު ތަފާތު މެޓީރިއަލްސް ނުވަތަ ޓޫލްސް (އައިސީޓީ) އަދި އެކްޓިވިޓީއެއްގައި ހޭދަ ކުރެވުނު ވަޤުތަށްވެސް ބައެއް ފަހަރު ބަދަލު ގެނައުމެވެ. އަޅުގަނޑު ދެކޭގޮތުގައި ވަކި މިވެނި ގޮތެއް ވާނީ އެންމެ ރަގަޅު ގޮތްކަމަށް ނިންމުމުގެ ބަދަލުގައި ތަފާތު ތަކެއް ކިޔަވާދިނުމަށް ގެނައުމުގެ ވިސްނުމެއް ގެންގުޅުން ރަގަޅެވެ. މިއީ އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި ކިޔަވާދިނުމުގައި އަޅުގަނޑަށްވެސް އަދި ދަރިވަރުންގެ ކުރިއެރުމަށްވެސް ވަރަށް ފައިދާ ކުރަނިވި ރިފްލެކްޓިވް ގޮތެކެވެ.
މިގޮތުން ވަކި ގޮތެއް ބަދަލު ކުރުމުގައި އަޅުގަނޑަށް ސަމާލުވެވޭ އެއްކަމަކީ ދަރިވަރުންނެ ޝައުޤުވެރިކަން ދެމެހެއްޓުނުތޯ ނުވަތަ އިތުރު ކުރެިވދާނެ ގޮތަކީ ކޮބާތޯ ދެނެގަތުމެވެ. ސަބަބަކީ، އުގެނުމުގެ މާހައުލެއްގައި އެންމެ ބަޮޑަށް އަސަރު ކުރާ އެއްކަމަކީ ދަރިވަރުން އުނގެނުމުގައި ބައިވެރިވުމާއި އެމީހުންގެ ޝައުޤުވެރިކަން އުނގެނުމަށް އިތުރު ކުރުމެވެ. ކިޔަވާދިނުމުގެ ދާއިރާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާ މަޝްހޫރު ބައެއް ވާހަކަ ދެއްކުންތެރިން، މިސާލަކަށް ރީޓާރ ޕިއަރސަން ޓެޑް ޓޯލްކްގައި 2015 ގައި ދެއްކެވި ބައެއް ވާހަކަ ތަކަކީ ކިޔަވާދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މުދައްރިސަކަށްވެސް މުހިއްމު ވާހކަަ ތަކެކެވެ. ދަރިވަރުންގެ ހިތުގައި އުނގެނުމަށް ޝައުޤުވެރިކަމެއް ނެތި އެކުދިން އުނގެނުމުގެ ތެރެއަށް ނުވެއްދޭނެކަން ތަފާތު އެކި މިސާލުތަކުން ރީޓަރ ގެ ވާހަކައިގައި އިޝާރާތް ކުރެއްވިއެވެ. ކޮންމެ ދަރިވަރަކީ ކާމިޔާބު ދަރިވަރަކަށް ހެދުމަށް ކުރެވިދާނެ އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި އުނގެނުމަށް ޝައުގުވެރިކުރުވުމާއި ދަރިވަރުންނާއި ގުޅުން ބަދަހި ކުރުމަކީ މުދައްރިސުން ސަމާލުވާން ޖެހޭ ކަންކަން ގޮތުގައި ލިސްޓުގެ އެންމެ މަތީގައި ހިމަނައެވެ. ރީޓާރގެ ވާހަކަ ކޮޅު އަޑު އަހާލުމުން މިކަމުގެ މުހިއްމުކަން އިތުރަށް އެނގިގެން ދާނެއެވެ.
ތިރީގައިވާ ފޮޓޯއަށް ފިއްތަވާލެއްވުމުން އޭނާގެ ވާހަކަކޮޅު ބައްލަވާ ލެއްވޭނެއެވެ.
މިފަދަ ކޮންމެ ވާހަކަ ކޮޅަކުންވެސް ދޭހަވެގެންދަނީ ކިޔަވާދިނުމަކީ އަބަދުމެ ރިފްލެކްޓްކޮށް އާކަންތައްތައް ދަސްކޮށް، އަބަދުމެ ތަރައްޤީ ކޮށް ހަރުދަނާ ކުރުމަށް ލިބޭ ފުރުޞަތު ތަކެއް ކަމެވެ.
އަޅުގަނޑުގެ ޢާއްމު ކިޔަވާދިނުމުގައި ފާހަގަ ކުރެވެނީ ކޮންމެ ދުވަހަކު ވެސް އާ ކަންތައްތަކެއް ދަސްވާ ދުވަހެއް ގޮތުގައެވެ. އުޞޫލެއްގެ ގޮތުން ކިތަންމެ ރަނގަޅަށް ހެދިފައި ހުންނަ ޕަވަރޕޮއިންޓް ތަކުގައިވެސް އެހެން ދުވަހަކު އެފިލާވަޅު ގެންދާއިރު ހަމަ އެމައުޟޫޢު ކިޔަވާދިން ނަމަވެސް އިތުރު ކުރާނެ ބައިތަކާއި ބަދަލު ކޮށްލެވިދާނެ ގޮތްތައް ފެނެއެވެ. ހަމަ މިއުޞޫލުން ކުލާހުގައި ގެންދަން ރާވާފައި ހުންނަ އެކްޓިވިޓީތައް އެހެން ސެމެސްޓާރ އެއްގައި ބަދަލު ކުރުމަކީ އަޅުގަނޑު ވަރަށް ގަޔާވާ ޢާއްމުކޮށް ކުރާ ކަމެކެވެ. މިކަމުގެ ސަބަބުން އެހެން ގޮތްތައް ވިސްނަން އަބަދުވެސް އަޅުގަނޑު ސިކުޑިއަށް މަޖުބޫރު ކުރުވެއެވެ. މާނައަކި އެންމެ ފުރިހަމަ އަށް ގެންދެވުނު ކަމަށް ނިންމުނު ކަމުގައި ވިޔަސް ކޮންމެހެން އެގޮތް އެއީ ދާއިމަށް އަބަދަށް ކުލާހުގައި އުނގެނުން ރާވަން ޖެހޭ ގޮތްކަމަށް ވާކަށް ނުޖެހޭ ކަމެވެ.
ކިޔަވާދިނުމަކީ ރިފްލެކްޓިވް ކަމެކޭ ބުނެވެނީ އެހެންވެގެންނެވެ. ބައެއް ދިރާސާވެރިން އެމީހުންގެ ކިޔަވާދިނުން ސިފަކޮށްފައިވާ އިރު ރިފްލެކްޓިވް ޓީޗިން ނުވަތަ އަބަދުމެ ދަސްކުރެވެމުންދާ ކަމެއްގޮތުގައި ސިފަ ކޮށްފައިވެއެވެ. މިސާލަކަށް، ކޮސްނިކް- Kosnik (2007)، އޭނާގެ ކިޔަވާދިނުމާއި މެދު ދެކިލައްވާގޮތުގައި އެއީ ބަލާ އޮބްޒާވްކުރެވޭ، ތަހުލީލު ކުރެވޭ، ދުރުމީއަކުން ނުވަތަ ލެންސަކުން ބަލަމުން ކުރެވޭ މަސައްކަތެކެވެ. އެކަމުގެ ތެރެއިން ކޮސްނިކް ހާމަކުރައްވާގޮތުގައި އޭނާގެ ކިޔަވާދިނުން އެތަށް ގުނައެއް ކަމިޔާބު ކަމާއެކު ގެންދެވުމުގެ އިތުރުން ކިޔަވާދިނުމުގެ ހިތްހަމަ ޖެހުން ވެސް އިތުރުވެއެވެ. މީގެ މާނައަކީ ކިޔަވާދިނުމަކީ ދިރާސީ އަދި ތަހުލީލީ މަސައްކަތެއް ކަމެވެ. ހަމަ އެހެންމެ، ފާހަގަ ކޮށްލެވޭ ކަމަކީ އަަބަދު އެއްގޮތަކަށް ރޭވި، ބަދަލު ނުވާ ކަންތައްތަކެއް ނުވަތަ އެކްޓިވިޓީ ތަކެއް ގެންދެވޭން ޖެހޭ ކަމެއް ނޫންކަމެވެ.
ކިޔަވާދިނުމަކީ ދިރާސީ އަދި ރިފްލެކްޓިވް މަސައްކަތެކެވެ. ތަންކޮޅެއް ކުރީގެ ދެ ޢިލުމު ވެރިއަކު މިކަމަށް އިޝާރާތްކޮށް ވިދާޅުވަނީ ކިޔަވާދިނުމަކީ ހޯދާ، ބަލާ، ދެނެގަނެ ދިރާސާ ކުރުން ކަމެވެ (Clarke& Erickson, 2004). މިޢިލުމުވެރިޔާ އިތުރަށް ދޭހަކުރައްވާފައިވާ ގޮތުގައި ކިޔިަވާދިނުމަކީ އުނގެނުމެކެވެ. ކޮންމެ ދުވަހަކު ކިޔަވާދިނުމުގެ ތެރެއިން މުދައްރިސުގެ ކިޔަވާދިނުމާއި ގުޅޭ އުނގެނުން ދާނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް މިކަމަށް އިޝާރާތް ކުރައްވާ ލިޔުއްވާފައިވަނީ، ކިޔަވާދިނުމަކީ "teacher knowing rather than teacher knowledge... " (Clarke & Erickson, 2004, p. 55).. މިހެންނެވެ. މިބަސްކޮޅުގެ މާނަ، ދިވެހިބަހުން ދެންނެވޭނީ، ކިޔަވާދިނުމަކީ މުދައްރިސަށް އެނގިފައި ހުންނަ މަޢުލޫމާތަކަށް ވުރެ އެނގެމުންދާ ބައިތަކެއް ކަމެވެ. މިބަސްކޮޅާމެދު ވިސްނާލި ނަމަވެސް އަޅުގަނޑަށް ފާހަގަ ކުރެވެނީ، ކިޔަވާދިނުން ވާންޖެހެނީ ތަފާތުވަމުން، ބަދަލުވަމުން، ނިއުޅެމުން، އިތުރުވަމުން، ދަސްވަމުން، ދެނެގަނެވެމުން، ކުރިއަރަމުން އަންނަ ކަމެއް ގޮތުގައެވެ. މިގޮތަށް ކިޔަވާދިނުމަށް މިކިޔަނީ ރިފްލެކްޓްކޮށް ކިޔަވާދިނުމެވެ.
ރިފްލެކްޓިވް ކޮށް ކިޔަވާދިނުމާއި ގުޅޭގޮތުން ލިޔުއްވާފައިވާ މަޝްހޫރު ޢިލުމުވެރިންގެ ތެރެެއިން ފާހަގަކޮށްލެވޭ އެހެން ފަރާތަކީ އޮސްޓްރޭލިއާ ގެ ދިރާސާވެރިއެއް ކަމަށްވާ ޖޯން ލޮގްރަން އެެވެ. އޭނާގެ ވަރަށް ގިނަ ލިޔުންތަކުގައި ކިޔަވާދިނުމުގައި ރިފްލެކްޓް ކުރުމުގެ މުހިއްމު ކަމާ ބެހޭގޮތުން އިޝާރާތް ކުރައްްވާފައިވެއެވެ. ފާހަގަކޮށްލެވޭ ބައެއް ކަންކަން މިތާގައި ހިމަނާލާނަމެވެ. ލޮގްރަން Loughran (2004) ހާމަކުރައްވާގޮތުގައި އެމީހެއްގެ އަމިއްލަ ކިޔަވާދިނުމާއި ގުޅޭ ގޮތުން ސުވާލު އުފައްދާ ރަގަޅު ކުރެވޭނެ ގޮތްތައް ހޯދުމަކީ ކިޔަވާދިނުމުގައި ރިފްލެކްޓިވް އުޞޫލު ބޭނުން ކުރުމެވެ. ޚާއްޞަކޮށް ލޮގްރަން ފާހަގަކުރައްވާފައިވަނީ ކިޔަވާދިނުމަކީ 'ސެލްފް ސްޓަޑީން' ނުވަތަ އަމިއްލައަށް ދިރާސާކުރުން ކަމަށެވެ. މިނޫންވެސް ވަރަށް ގިނަ ޢިލުމުވެރިން ކިޔަވާދިނުމުގައި ރިފްލެކްޝަން ބޭނުން ކުރުމުގެ މުހިއްމު ކަމަށް ބާރު އަޅުއްވާފައި ވެއެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވޭ ތަންކޮޅެއްގެ ކުރީގެ އެހެން ލިޔުންތެރިއެއް ކަމަށްވާ ޑޮނަލްޑް ޝޮން Schön އެވެ. ޝޮން (1987) ލިޔުއްވާގޮތުގައި ކިޔަވާދިނުމުގައި ތަފާތު ތިން ވައްތަރެއްގެ ރިފްލެކްޝަން ބޭނުން ކުރެވިދާނެއެވެ. އެއްގޮތްތަކަކީ،
1. ރިފްލެކްޝަން އިން އެކްޝަން (reflection-in-action)، މާނައަކީ، ކިޔަވާދެމުން ދާއިރު އަދި ކަން ހިނގަމުން ދާއިރު ރިފްލެކްޓް ކުރުން ނުވަތަ އެކަމާމެދު ވިސްނުމެވެ.
2. ރިފްލެކްޝަން އޮން އެކްޝަން (reflection-on-action)، މާނައަކީ، ކިޔަވާދިނުމަށްފަހު އެކަން ހިނގި ގޮތާމެދު ނުވަތަ އެކްޓިވިޓީ އެއް ގެންދެވުނު ގޮތާމެދު ރިފްލެކްޓް ކޮށް ސުވާލު އުފެއްދުމެވެ.
3. ރިފްލެކެޝަން ފޯރ އެކްޝަން ((reflection-for-action)، މާނައަކީ، ކިޔަވާދީ ނިމުމަށް ފަހު ނުވަތަ ކަމެއް ހިނގި ގޮތާމެދު ވިސްނަމުން ކުރިއަށްއޮތްތާގައި ކަމެއް ރަގަޅު ކުރުމަށް އިތުރަށް ކުރެވިދާނެ ކަމަކާ މެދު ވިސްނާ/ރިފްލެކްޓް ކުރުމެވެ.
މަތީގައި ދެންނެވިފައިވާ 3 ގޮތަކީ ވެސް ޢާއްމުގޮތެއްގައި ކިޔަވާދިނުމުގައި ބޭނުން ކުރެވިދާނެ މުހިއްމު ރިފްލެކްޓިވް ގޮތްތަކެކެވެ. މި ތިން ގޮތް ކިޔަވާދިނުމުގައި ބޭނުން ކުރާނަމަ، ޝޮން (1987) ހާމަކުރައްވާގޮތުގައި ސަމާލުކަން ދޭން ޖެހޭ ވިސްނުމުގެ ތިން ކަމެއް ވެއެވެ. އެއީ
1. ވަކިކަމަކަށް ޚާއްޞަކޮށް ސަމާލުވެ ވިސްނުން | To be conscious (though not clearly articulated) |
2. ކްރިޓިކަލް/އެކިގޮތްގޮތަށް ވިސްނުން | Critical (on-going evaluation) |
3. ތަފާތު ވިސްނުންތައް އެކަމެއް ހިނގާ ވަގުތު އޮޓޮމެޓިކްކޮށް ވިސްނުން | Spontaneous (room for more concerns to rise)
|
އިސްވެ ބަޔާން ކުރެވުނު ހުރިހާ ޢިލުމުވެރިންވެސް ކިޔަވާދިނުމުގައި ރިފްލެކްޓް ކުރުމުގެ މުހިއްމު ކަމާމެދު ވާހަކަ ދައްކަވާފައިވާ ކަން ހާމަވެގެން ހިގައްޖެއެވެ. މިހާ ހިސާބުން އުފެދޭ މުހިއްމު ސުވާލުތަކަކީ، އަޅުގަނޑުމެން ޢާއްމުކޮށް ކިޔަވާދިނުމާމެދު ވިސްނަނީ ކިހާވަރަކަށްތޯ އެވެ. އަދި ކިޔަވާދިނުން ރާވާއިރު ނުވަތަ ކިޔަވަދޭ ގަޑި އެއް ނިމުމަށްފަހު ރިފްލެކްޓް ކުރަން ކުރަނީ ކޮންކަމެއްތޯ އެވެ. އަދި ރިފްލެކްޓް ކުރާނަމަ ކިޔަވާދިނުމަށް ގެންނަނީ ކޮންބަދަލެއްތޯ އެވެ. ހަމަ އެއާއެކު، ރިފްލްކްޓް ކުރުމުގައި ޢާއްމުކޮށް ގެންގުޅޭ އުޞޫލުތަކަކީ ކޮބާތޯ އެވެ. މިސުވާލުތަކަކީ ކޮންމެ މުދައްރިސެއް ވެސް ފުންކޮށް އޭގެ ޖަވާބާމެދު ވިސްނާލުން މުހިއްމު ސުވާލުތަކެކެވެ. ހުރިހާ މުދައްރިސުންނަށް ވެސް ފާހަގަކޮށްލެވޭނެ ގޮތުގައި ކިޔަވާދިނުމާމެދު ރިފްލެކްޓް ކުރުމުން ކިޔަވާދިނުން އިތުރަށް ރަގަޅު ކުރުމަށް ފުރުޞަތުތައް ފަހިވެގެންދާނެއެވެ. ކިޔަވާދިނުން އިތުރަށް ރަނގަޅު ކުރުން، މިގޮތަށް މާނަ ކުރުމުގައި ވަކި މިނެއް ނެތެވެ. އެއީ އަބަދުވެސް ދެމިގެންދާ ނިމުމެއް ނުވާ ކަމެކެެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ކިޔަވާދޭން ދަސްކޮށް ހަރުދަނާ ކުރުމަކީ އެއީ ނިމުމެއް އަންނަ ކަމެއް ނޫނެވެ.
ނޯޓެއް: ޝާފިޔާގެ އެދުރު އަށި، މި ކޮލަމަކީ ކިޔަވާދިނުމާއި ގުޅޭ ގޮތުން ލިޔާ ސިލްސިލާ ލިޔުންތަކެކެވެ. މިކޮލަމުގެ މައިގަނޑު މަޤުޞަދަކީ އަޅުގަނޑުމެންގެ ކުދިންގެ އުނގެނުން ތަރައްޤީ ކުރުމަށް މުދައްރިސުންގެ ކިޔަވާދިނުން ހަރުދަނާކޮށް ކުރިއެރުވުމަށް މަޢުލޫމާތު ތަކެއް ފޯރުކޮށްދިނުމެވެ. ކިޔަވާދިނުމާއި ގުޅޭ ގޮތުން ކިޔުންތެރިން ބޭނުންވާ އިތުރު މަޢުލޫމާތުތައް މިކޮލަމުގެ ކޮމެންޓްސްގައި ހުށަހަޅުއްވާފައިވާ ނަމަ އެބައިތަކަށް ކުރިއަށް ހުރި ލިޔުންތަކުގައި އިސްކަން ދެވޭނެވާހަކަ ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ.
ބުލޫމްސް ޓެކްސޯނޮމީގައި ހިމެނޭ އެކިއެކި ހުނަރުތައް ބޭނުންކުރާނެ ގޮތުގެ މިސާލުތައް ހިމެނޭ ލިޔުން ކޮޅެއް ހުށަހަޅާ އަދި މިހުނަރުތައް އެސެސް ކުރާނެ ގޮތާއި ނަތީޖާ ރަގަަޅު ކުރުމާއި ބެހޭގޮތުން އަލިއަޅުވާފައިވާ ލިޔުން ކޮޅެއް ހުށަހަޅާލަ ދެއްވިޔާ ވަރަށް ރަނގަޅު.
ވަރަށް ފައްކާ އެދުރު އައްޓެއް! މަޢުލޫމާތު ރަނގަޅު!
ވަރަށް މޮޅު ލޔުމެއް. ކިޔާލަން ފަސޭހަ ރީތި. ތިބޭފުޅާ ފެންވަރުގެ ބޭފުޅުން ލިޔުއްވުމަކީ މުޖުތަމައަށް ކޮށްދެއްވާ ކިދުމަތެއް. އަޅުގަނޑު ގެ އެދުމެއް އެބައޮތް. އެއީ ބޭރު ބަހަކުން ކިޔަވައިދިނުމުގެ ގެއްލުމާ ފައިދާގެ މައްޗަށް ލިޔުއްވައި ދެއްވުން. އަޅުގަނޑު ޕާސަނަލް ޚިޔާލަކީ ކިޔަވާދޭން ވަނީއެ ބައެއްގެ އަމިއްލަ ބަހުން ކަމަށް. ކީކޭތޯ ވިދާޅުވަނީ.
ދެން އެންމެ އަވަހަށް ލިޔާބައެއްގައި ތިމައުޟޫޢަށް އިޝާރާތް ކޮށްލެވޭތޯ ބަލާނަން. .ވަރަށް ބޮޑަށް ޝުކުރިއްޔާ ވާފިރާއަށް. އަދި އެކުގައި އުޅޭ ނުވަތަ ރައްޓެހި، ދަންނަ މުދައްރިސުން ބޭނުންވާ މައުޟޫޢުތައް ކޮމެންޓްގައި ހުށަހަޅުއްވާ ދެއްވުން ވަރަށް ބޮޑަށް އެދެން. އަޅުގަޑުގެ އެދުމަކީ ކިޔަވާދިނުމާއި ގުޅޭ ގޮތުން ކިއުންތެރިން ބޭނުންވާ ބައިތަކަށް ބޮޑަށް އަމާޒުކޮށްގެން މިކޮލަމުގެ ލިޔުންތައް ހުށަހެޅުން. މިލިޔާބައިތަކަކީ ކިއުންތެރިންނަށް ފައިދާ ހުރިބައިތަކަށް ވާނެ ކަމަށް އުއްމީދު ކުރަން.
Maashaa Allah
V Good
Good luck
Valuable information for teachers. You are doing an amazing work. Thank you Dr. Shafiya