ޝާފިޔާގެ އެދުރު އަށި: ކޮލެބޮރޭޓިވް ލަރނިންގ/އެކުއެކީ ބައިވެރިވެ އުނގެނުން  

މިއަދު ލިޔެލަން ގަސްތުކޮށްފައި މިވަނީ މިޒަމާނުގެ ކިޔަވައިދިނުން ރާވާއިރު ސަމާލުކަންދެވޭ މުހިންމު އުނގެނުމުގެ ވައްތަރެއްކަމަށްވާ ކޮލެބޮރޭޓިވް ލަރނިންގއާ ބެހޭގޮތުންނެވެ. 21 ވަނަ ގަރުނުގެ ޖީލުތަކުގެ ކުދިންނަށް ކޮންމެހެން އެނގެންޖެހޭ އެއް ހުނަރަކީ އެކުވެ ބައިވެރިގެން ކުރާ މަސައްކަތްތައް ކުރުމަށެވެ. ސަބަބަކީ މިޒަމާނުގެ ގިނަ މުއައްސަސާތަކުގެ މަސައްކަތު މާހައުލަކީ އެންމެން ބައިވެރިވެގެން މަސައްކަތްތައް ކުރާ ޕްރޮޖެކްޓްތައް ހިމެނޭ ވަޒީފާގެ މާހައުލެކެވެ. މިޒަމާނުގެ ކުދިން ސްކޫލު ނިމިގެން ނުކުންނައިރު މިފަދަ ކަންތައްތަކަށް ތިބެންޖެހެނީ އަހުލުވެރިވެ ތަޖުރިބާތައް ލިބިފައެވެ. ކޮލެބޮރޭޓީވް ލަރިނިންގއަކީ އެކުގައި މަސައްކަތްކޮށް ބައިވެރިވެގެން ކަންތައްތައް ނިންމުމުގެ ހުނަރު ތަރައްގީކުރުމުރަށް ވަރަށް އެކަށޭނަ އުނގެނުމުގެ ވައްތަރެކެވެ.

ކޮލެބޮރޭޓިވް ލަރނިންގއަކީ އެއް ސިކުނޑިއަށް ވުރެ ގިނަ ސިކުނޑިތަކެއް ބައިވެރިވެގެން ކަމަކާ ގުޅޭ ގޮތުން ވިސްނައި ކުރެވޭ ޚިޔާލުތައް އެއްކޮށްގެން އުނގެނުމުގެ މަސައްކަތް ކުރުމެވެ. މިގޮތުން އުނގެނުމުގެ ހަރަކާތްތަކުގައި ދަރިވަރުން އެކުއެކީ ބައިވެރިވެ ވިސްނައިގެން މަސައްކަތްކުރުމަށް ފުރުސަތު ފަހިކޮށްދިނުން މުހިންމެވެ.  މިފަދަ އުނގެނުމަކީ ދަރިވަރުންގެ ވިސްނުން ތަރައްގީވުމަށް އެހީތެރިވެދޭ އަދި ހަމައެހެންމެ ކްރިޓިކަލް ތިންކިން ފަދަ ބިނާކުރަނިވި ވިސްނުންތަކަށް ދަރިވަރުންގެ ސިކުނޑިތައް ހާނުވައި ފަރިތަކުރުވޭ އުނގެނުމުގެ ބާވަތެކެވެ.

ކޮލެބޮރޭޓިވް އުނގެނުމުގެ ވިސްނުމަކީ، ލެވް ވައިގޮޓްސްކީ (1978) ގެ މައިގަނޑު ތިއަރީގައި ބަޔާންކުރައްވާފައިވާ  ޒޯން އޮފް ޕްރޮކްސިމަލް ޑިވިލޮޕްމަންޓްގެ ތަޢާރަފުގެ ތެރެއިން ވުޖޫދުވި އުނގެނުމުގެ ބާވަތެކެވެ. މި ތިއަރީގައި ވައިގޮޓްސްކީ އިރުޝާދުދެއްވާފައިވާނީ ދަރިވަރުންގެ އުނގެނުން ކުރިއަރައި ދަނީ އެކުގައި އުޅޭ ދަރިވަރުންނާ އެކު އެއްކޮށް ބައިވެރިވެ އުނގެނުމުގެ ތަޖުރިބާގެ ތެރެއިން ކަމެވެ. މި ވިސްނުމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އުނގެނުން ހިނގަނީ އެއްކޮށް ވާހަކަ ދައްކައި އެކަކު އެނެކަކުގެ ޚިޔާލުތައް ހިއްސާކުރުމުގައި ކުރެވޭ ދޭދޭ މުޢާމަލާތްތަކުގެ ތެރެއިން ކަމެވެ. މި ތިއަރީގެ މައްޗަށް ބިނާކޮށް ކިޔަވާދިނުމުގެ ވަރަށް ގިނަ ގޮތްތަކާއި ވައްޓަފާޅި ކުލާސްރޫމުގެ މާހައުލުގައި ބޭނުން ކުރެވެއެވެ. ބައެއް ޢިލުމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކޮލެބޮރޭޓިވް ލަރނިންގއަކީ ދަރިވަރުންނަށް ހަވާލު ކުރެވޭ ގުރޫޕް މަސައްކަތްތަކުގެ ތެރެއިން އެންމެން އެއްކޮށް ކަންތައްތަކެއް ކޮށްގެން މަގުސަދު ހާސިލުވާ ގޮތަށް ކިޔަވައިދޭ އިރު ރޭވޭ އުނގެނުމުގެ ފުރުސަތުތަކެއް ކަމެވެ (ޗިއު، 2004). މި ފިލޯސަފީއަށް ތާއީދުކުރައްވާ ބޭފުޅުންގެ ތެރެއިން ގޮކޭލި (1995) އިޝާރާތްކުރައްވާ ގޮތުގައި ކޮލެބޮރޭޓިވް ލަރނިންގެ ސަބަބުން ދަރިވަރުންގެ ހަޔަރ އޯޑަރ ތިންކިން (މަތީ ލެވެލްގެ ވިސްނުން) ކުރިއެރުވުމަށް ވަރަށް ބޮޑަށް އެހީތެރިވެއެވެ.

މި ގޮތަށް އުނގެނުމުގެ ތެރެއިން ދަރިވަރުންނަށް ލިބޭ ތަޖުރިބާތައް ނުހަނު ގިނައެވެ. މިސާލަކަށް ތަފާތު ވިސްނުންތައް ބިނާކުރުން، އާ ޚިޔާލުތައް ހުށަހެޅުން، އެހެން މީހުންގެ ވިސްނުން ބަލައިގަތުން، އެ ވިސްނުންތަކާ މެދު ޚިޔާލުކުރަން ފުރުޞަތު ލިބުން، ޚިޔާލު ހުށަހެޅުމަށް ސިކުނޑި ހޭނުން، ރީޒަން ނުވަތަ ސަބަބަކާ އެކު ވާހަކަ ދައްކައި ޚިޔާލު ކުރަން ދަސްވުން، އެހެން މީހުން ދައްކާ ވާހަކަ އަޑު އަހަން ފަރިތަވުން، ގިނަ މީހުން އެއްބަސްވާ ގޮތަކަށް ކަންކަން ނިންމަން އެނގުން، ކަންކަމުގައި އަމިއްލަ/ޒާތީ ވިސްނުން އިސްނުކޮށް ގޮތްދޫކުރަން ދަސްވުން، ވަކި ކަމެއް ވަކި ގޮތަކަށް ނިންމުމަށް އެއްބަސްވުމަކަށް ޚިޔާލު ކުރަން އެނގުން، މިފަދަ އެތައް ހުނަރުތަކެއް ކޮލެބޮރޭޓިވް ލަރނިންގެ ފައިދާތަކުގެ ތެރޭގައި ހިމެނެއެވެ. ކޮލެބޮރޭޓިވްކޮށް އުނގެނުން ރޭވުމަކީ ކޮންމެ އުމުރެއްގެ ދަރިވަރުންނަށް ވެސް މި ޒަމާނުގެ ކުލާސްރޫމުތަކުގައި ބާރުއަޅާ ކަމެކެވެ. މިގޮތުން މިފަހަރު ކުލާސްރޫމުގެ މިސާލުގެ ގޮތުގައި ހިމަނާލާފައި މިވާ ވީޑިއޯއަކީ އެންމެ ތުއްތު ކުދިންގެ ކުލާސްރޫމެއްގައި ކޮލެބޮރޭޓިވް ހަރަކާތް ރާވައި ކުރިޔަށް ގެންދާނެ ގޮތް ދައްކައިދޭ މިސާލެކެވެ. ބައްލަވައިލެއްވުމަށް ވީޑިއޯ ލިންކަށް ފިއްތަވާލައްވާށެވެ.

މި ވީޑިއޯގައި ވެސް އިޝާރާތްކޮށްފައިވާ ފަދައިން ކޮލެބޮރޭޓިވް ލަރނިންގެ އުސޫލުތައް ބޭނުންކޮށްގެން ކުލާސްރޫމުގައި އުނގެނުން ރާވާނަމަ އެންމެ ބޮޑަށް ހާސިލުވާ ފައިދާއަކީ އުނގެނުމުގެ އެންމެ ފުންމިނަށް ދާން ދަރިވަރުންނަށް އެހީތެރިވެދިނުމެވެ. މިކަމަށް ޚާއްޞަކޮށް ލިޔުއްވާ އެއް ތަޖުރިބާކަރެއް ކަމުގައިވާ،  ރިބެކާ އަލްބަރ (2017) ފާހަގަކުރެވެއެވެ. މިދެންނެވި ގޮތަށް އުނގެނުމުގެ ފުންމިނަށް ދަރިވަރުން ގެންދިއުމަށް އަންނަނި ކަންތައްތައް ކުލާހުގައި ރޭވިދާނެ ކަމަށް ރިބެކާ އިރުޝާދު ދެއްވައެވެ.

1. ތަފާތު ކަންކަމުގައި ގުރޫޕް އެއްބަސްވާން އެހީތެރިވެދިނުން: މިކަމަށް އެހީތެރިވެދިނުމުގެ ގޮތުން ގުރޫޕް މަސައްކަތްތައް ހަވާލު ކުރާއިރު ދަރިވަރުންގެ މެދުގައި މަސައްކަތް ނިންމުމަށް ވަކި ޚާއްޞަ ގޮތްތަކެއް ރޭވުމަށް އިރުޝާދު ދެވިދާނެއެވެ. މިގޮތުން އަމިއްލައަށް އެކި ކުދިން އެކި ކަންކަމާ ހަވާލުވެ، ނިންމަން ޖެހޭ ގަޑިއަކަށް ކަންކަން ނިންމުމަށް ވާހަކަ ދައްކަން ފުރުސަތު ދެވޭނެއެވެ. ޚާއްޞަކޮށް ކޮލެބޮރޭޓިވް ލަރނިންގ ބޭނުން ކުރެވޭ އުނގެނޭ މާހައުލުތަކުގައި ދަރިވަރުން އަމިއްލައަށް ނަގާ ޒިންމާ ބޮޑުވާނެއެވެ. އަދި ހަމައެހެންމެ އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމާއި އަދި އެކަމުގެ ޒިންމާ ނެގުމުގެ ވިސްނުން ހަރުލުމަށް ވެސް އެހީތެރިވެދެއެވެ.

2. އެހެންމީހުން ދައްކާ ވާހަކަ އަޑުއަހަން އާދަކުރުވުން: ކޮލެބޮރޭޓިވް ލަރނިންގެ މާހައުލުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ކަމަކީ ގުރޫޕެއްގައި ދަރިވަރުން މަސައްކަތް ކުރަމުންދާއިރު އެކަކު އަނެކަކު ދައްކާ ވާހަކަ އަޑުއެހުމަށް ދަރިވަރުން އަހުލުވެރިވެ އެކަމަށް އާދަވާން ފުރުސަތު ލިބޭކަމެވެ.  މީގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމާއި އަދި އެކަކު އަނަކަކުގެ ރައުޔު ބަލައިގަތުން ފަދަ ކަންތައްތަކަށް ވެސް ދަރިވަރުން ފަރިތަވެއެވެ.

3. ކަންކަމާ ގުޅޭ ގޮތުން ރަނގަޅު ސުވާލު ކުރަން އުނގަންނައިދިނުން: ކޮލެބޮރޭޓިވްކޮށް އުނގެނުން ރޭވުމުން މީހުން ދައްކާ ވާހަކަ އަޑުއަހުމަށްފަހު، ކޮންމެކޮންމެ ސުވާލެއް ކުރުމުގެ ބަދަލުގައި ދައްކާ ވާހަކައާ އަދި ހާލަތާ ގުޅޭގޮތުން ރަނގަޅަށް ސުވާލުކުރަން ދަރިވަރުންނަށް ދަސްވެ، އެކަމަށް މަގުފަހިވެއެވެ. ވަރަށް ގިނަފަހަރަށް ރަނގަޅަށް އަޑު އެހުމަށް ފަރިތަވުމާ އެކު އެކި ކަންކަމާ މެދު ވިސްނާ އެނިންމަން ޖެހޭ މަސައްކަތާ މެދު އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ މުޢާމަލާތް ވަރަށް ބޮޑަށް ކުރެވެއެވެ.

4. މައްސަލަ ހައްލު ކުރުމުގައި ނެގޯޝިއޭޓްކުރަން ކިޔައިދިނުން: ކޮލެބޮރޭޓިވް އެކްޓިވިޓީތައް އުނގެނުމުގެ މާހައުލުގައި ގެންދެވޭނަމަ ކަންކަމުގައި ހައްލު ހޯދުމަށް ނުވަތަ ވާހަކަދައްކައިގެން ކަންކަމުގެ ގޮތް ހޯދުން ހިމެނެއެވެ. ޚާއްޞަކޮށް ކަންކަމުގައި އެންމެ އަޑުގަދަ މީހާ ދައްކާ ވާހަކަ އަޑު އެހުމަށްވުރެ، އެހެންމީހުންގެ ވާހަކަ އަޑުއަހައި، އެހެން މީހުންނަށް އިހުތިރާމާ އެކު މުޢާމަލާތުކުރުމާއި ވާހަކަ ދައްކައިގެން ކަންކަމުގެ ނިންމުން ނިންމަން ދަސްވުން ވެސް ހިމެނެއެވެ.

5. ކަންކަމުގައި އެއް ސިކުނޑިއަށް ވުރެ ގިނަ ސިކުނޑީގެ ބާރު ދެނެގަތުން: މިކަމަކީ ކޮލެބޮރޭޓިވްކޮށް އުނގެނެމުން ދާއިރު އެކަކުގެ ސިކުނޑިން ވިސްނުމަށްވުރެ ގިނަ މީހުން ބައިވެރިވުމުން ވިސްނޭ ވިސްނުންތަކުގެ އޮއްޓަރު ރަނގަޅުކަން ހާމަވެ ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބުމެވެ.

މި ކަންތައްތައް ހާސިލު ކުރުމަށް ކުލާހުގައި ގެންދެވިދާނެ ބައެއް ހަރަކާތްތަކުގެ މިސާލުތައް ތިރީގައިވާ ތާވަލުގައި ހިމަނާލެވިފައިވާ އެވަނީއެވެ.

ކޮލެބޮރޭޓިވް އުނގެނުން ހިމަނައިގެން ގެންދެވިދާނެ ކުލާސްރޫމު ހަރަކާތްތައް

ހަރަކާތް ތަފުސީލު ސަމާލުކަން ދޭންޖެހޭ ކަންތައްތައް
ސްޓަމްޕް ޔުއަރ  ޕާރޓްނާރ

ފިލާވަޅެއް ކިޔަވައިދީ ނިމުމުން ދަރިވަރުން ގާތުގައި ޖެހިގެން އިންނަ ދަރިވަރާ  ޗެލެންޖިން ސުވާލެއް ކުރަން ފުރުސަތު ދިނުން. އަދި ސުވާލު ކުރުމުން އެސުވާލު ލިޔެ އެއަށް ދޭނެ ޖަވާބާ މެދު ޚިޔާލު ކުރަން ބުނުން ސީދާ ކޮންޓެންޓުން ސުވާލު ކުރުމަށް ވުރެ ހަޔަރ އޯޑަރ ތިންކިން ނުވަތަ މަތީ ލެވެލްގެ ވިސްނުންތަކާ ގުޅޭ ސުވާލު ކުރަން ދަރިވަރުންނަށް އިރުޝާދު ދިނުން. އަދި އޯޕަން އެންޑެންޑް (ހުޅުވާލެވިފައިވާ ބާވަތުގެ) ސުވާލު ކުރަން ބުނުން
ތިންކް-ޕެއަރ-ޝެއަރ

މިގޮތަށް ހަރަކާތް ރާވާއިރު މުދައްރިސް ދަރިވަރުންނާ ކުރިމަތި ކުރުވާނީ މަތީ ލެވެލްގެ ސުވާލެކެވެ. މިފަދަ ސުވާލުގެ ޖަވާބު ދެވޭނީ ތަހުލީލުކޮށް، ވަޒަންކޮށް، ބައިތަކެއް ގުޅުވައިގެންނެވެ.

ދަރިވަރުން ޖަވާބުދިނުމަށް ވަގުތު ކޮޅެއް ހޭދަކޮށް ވިސްނާނެއެވެ. ދެން ކައިރީގައި ތިބޭ ގުރޫޕްގެ ބައިވެރިންނާ އެކު ދޭނެ ޖަވާބު ހިއްސާ ކުރާނެއެވެ.

އެއަށް ފަހު އެހެން ދަރިވަރުން އެ ސުވާލަށް ދޭނެ ޖަވާބު ނުވަތަ ޖަވާބު އެނގޭ ކުއްޖަކު އިންތޯ ބަލާނީއެވެ. އަދި އެކުއްޖެއްގެ ޖަވާބާ އެހެން ކުދިންގެ ޖަވާބު ތަފާތުތޯ ނުވަތަ އެއްގޮތްތޯ ބަލާނީއެވެ. އެއަށްފަހު މުޅި ކުލާހުގެ ދަރިވަރުންނާ އެކު އެ ސުވާލުގެ ޖަވާބު ހިއްސާކޮށް މަޝްވަރާކުރާނީއެވެ.

ހަރަކާތް ފެށުމުގެ ކުރިން ވިސްނަން ވަގުތު ކަނޑައެޅުން މުހިންމު ވާނެއެވެ. އަދި ހަމައެހެންމެ ޕެއަރ/ބައިވެރިވާނީ ކާކާ އެކު ކަން ވެސް އޮންނަން ޖެހޭނީ ހަމަޖެހިފައެވެ.

ގުރޫޕްގެ ސުވާލު ހިއްސާކޮށް މަޝްވަރާ ކުރާއިރު އަޑުގަދަ ވިޔަ ނުދީ އެންމެނަށް ވެސް ހަމަޖެހިގެން ވާހަކަ ދެއްކޭ ފަދަ ގޮތަކަށް ގުރޫޕްގެ އަޑު މެނޭޖުކުރުމަށް ވެސް އިރުޝާދު ދޭން ޖެހޭނެއެވެ. މިފަދަ ހަރަކާތްތަކުގެ ސުވާލު ދޭއިރު މަޢުލޫމާތު ލެވެލް ސުވާލު ދިނުން ރަނގަޅެއް ނޫނެވެ. އެއާ ޚިލާފަށް ކުދިންނަށް ވާހަކަ ދެއްކޭފަދަ ހުޅުވާލެވިފައިވާ ސުވާލުތައް ކުރިމަތި ކުރުވުން މުހިންމެވެ.

ކެޗްއަޕް

ކިޔަވައިދެމުން ދާއިރު ބައިތަކެއް ކިޔައިދީ ނިމުމުން މުދައްރިސް އިރުކޮޅަކަށް ހުއްޓާލުން، މިހާރު މިއީ ދަރިވަރުންގެ ވަގުތު ކަމަށް ބުނެ، ކުލާހުގެ ކުދި ގުރޫޕު އެކި ކުދިންގެ ނޯޓްސް ކޮމްޕެއަރކޮށް (އަޅައިކިޔައި) ލިޔެވިފައިވާ ނޯޓުތަކުން ސުވާލު އުފައްދައި، ކުރެވިދާނެ ސުވާލުތަކެއް ނޯޓުކުރަން ބުނުނ ހިމެނެއެވެ. އެއަށްފަހު ނޯޓް ކުރެވުނު ސުވާލުކުރަން ފުރުސަތުދިނުމެވެ. މިފަދަ ހަރަކާތްތައް ކުލާހުގައި ގިނަގިނައިން ގެންދިއުން މުހިންމެވެ. ދަރިވަރގެ ވަގުތު ކޮންމެ އިރެއްގައި ވެސް މުދައްރިސް އިޢުލާން ކޮށްފާނެކަން އެހެންވީމަ އެކަމަށް ހުރިހާ ދަރިވަރުންވެސް ތިބެން ޖެހޭނީ ތައްޔާރަށް ކަމަށް ކުރިޔާލައި އިރުޝާދު ދީފައި އޮތުން ރަގަޅުވާނެއެވެ. މިސާލަކަށް ފިލާވަޅުގެ ބައިތައް ކިޔައިދޭން ފެށުމުގެ ކުރިން ހުރިހާ ކުދިންވެސް ޝަރަޙަތަކުގެ ނޯޓު ނަގަން ޖެހޭނެ ކަމާ، ކޮންމެ ވަގުތެއްގައި ވެސް ދަރިވަރުންގެ ޓަރން (ވަގުތު) ޖެހިދާނެކަމަށް ދަރިވަރުން ސަމާލު ކުރުވުން.
ފިޝްބޮލް ޑިބޭޓް

މިގޮތަށް ހަރަކާތް ރާވާއިރު، 3 ކުދިންގެ ގުރޫޕް ހަދައި، އެކަކަށް ދޭނީ މައުޟޫޢާ އެއްކޮޅަށް ވާހަކަ ދައްކާށެވެ. ދެވަނަ ކުއްޖާއަށް ދޭނީ މައުޟޫޢާ އިދިކޮޅަށް   ވާހަކަ ދައްކާށެވެ. 3 ވަނަ ދަރިވަރު ޖެހޭނީ ދެކޮޅުން ދައްކާވާހަކަ އަޑު އަހާފައި އެންމެ ރަނގަޅަށް ގަބޫލުކުރެވޭ ހެއްކާ އެކު ވާހަކަދެކެވުނު ކޮޅެއް ނިންމަންށެވެ. މިފަދަ ހަރަކާތްތައް ރާވާއިރު ފިލާވަޅާ ގުޅޭ، ދެކޮޅަށް ވާހަކަ ދެއްކޭފަދަ ހުޅުވާލެވިފައިވާ މައުޟޫޢު އިޚްތިޔާރު ކުރުން މުހިންމެވެ. ހަމައެހެންމެ ދަރިވަރުންނަށް އެކުދިންގެ ރޯލްތައް ވަރަށް ރަގަޅަށް ބުނެދެވިފައި އޮތުން ވެސް މުހިންމެވެ.
ކޭސް ސްޓަޑީ

ދަރިވަރުން ބައިވެރިވެގެން މަސައްކަތް ކުރެވޭފަދަ ތަފާތު ކޭސް ސްޓަޑީ ދާއިރާތަކެއް ކަނޑައަޅާށެވެ.

5 ނުވަތަ 4 ކުދިންގެ ގުރޫޕު ހަދައި، މަސައްކަތް ރާވާށެވެ.

15 ނުވަތަ އެއަށް ވުރެ ގިނަ ވަގުތު ވިޔަސް ހަވާލު ކުރެވުނު ކޭސް ރަނގަޅަށް ރިވިއުކޮށް މަސައްކަތް ކުރާނެ ވަގުތު ހަމަޖައްސާށެވެ.

އެކި ގުރޫޕްތަކުގައި ވާހަކަ ދެކެވެމުން ދާއިރު މުދައްރިސް ގުރޫޕުތަކަށް ޒިޔާރަތްކޮށް ސުވާލުކޮށް ހެދުން

މަސައްކަތުގެ ވަގުތު ހަމަވުމުން ގުރޫޕްގެ ދަރިވަރުންގެ ކޭސް އެނަލިސިސް ހުށަހަޅަން ބުނުން

މިފަދަ ހަރަކާތް ރާވާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ ދަރިވަރުންނަށް ފިލާވަޅާ ގުޅޭ ރަނގަޅު ކޭސްތައް ހަވާލު ކުރުމަށެވެ. ދެން މަސައްކަތުގައި އެންމެން ބައިވެރިވެ، ދަރިވަރުންގެ މެދުގައި ވާހަކަ ދައްކާތޯ، އެނަލިސިސް/ތަހުލީލު ކުރުމަށް ގެންގުޅޭ އުކުޅުތަކަކީ ކޮބައިތޯ ބަލައި ވާހަކަދައްކައި ރަނގަޅު އުކުޅުތައް ބޭނުން ކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
ޓީމް-ބޭސްޑް-ލަރނިންގ

މިގޮތަށް އުނގެނުން ރާވާއިރު، މާއްދާގައި ކިޔަވައި ނުދޭ ބައެއް ދަރިވަރުންނަށް ހަވާލުކޮށް، މިސާލަކަށް ކިޔަން ޖެހޭ ރީޑިން/ކިޔުން ދީ އެކުދިން އަމިއްލަ އަށް އެ ކިޔައިގެން ހަދަން ޖެހޭ ކުއިޒެއް ހަވާލު ކުރާށެވެ. އެއަށްފަހު އެކި ކުދިން އެކި ގުރޫޕަށް ބަހައި، ގުރޫޕު ހަމަޖައްސައި ގުރޫޕް ކުދިންގެ މެދުގައި ވެސް އެކުއިޒުގެ ސުވާލުތައް، ނުވަތަ ނޭނގޭ ސުވާލުތަކުގެ ޖަވާބުތައް ރިވިއުކޮށް ހުރިހާ އެންމެނަށް ގަބޫލު ކުރެވޭ ރަނގަޅު ޖަވާބު ހުށަހެޅުމަށް ފުރުސަތު ދޭނީއެވެ. ޖަވާބާ އެކު އެ ޖަވާބު ރަނގަޅުވީ ކީއްވެކަން ދަރިވަރުންނަށް ބުނެދޭން އެނގެން ޖެހޭނެއެވެ.

ފުރަތަމަ ވަކިވަކި ކުދިން ހެދިއިރު ލިބުނު މާކުހާއި  ގުރޫޕް ކުދިން ބައިވެރިވެގެން ހެދިއިރު ލިބުނު މާކުސް ނޯޓްކުރުން މުހިންމެވެ.

ދަރިވަރުންނަށް އޮޅުން އަރާ ބައިތައް މުދައްރިސް އިތުރަށް ޝަރަޙަކުރުން ވެސް ހިމެނެއެވެ.

އެއަށްފަހު އެމައުޟޫޢާ ގުޅޭ ގުރޫޕް މަސައްކަތެއް ދިނުން. މިފަދަ ޓާސްކް ވާނީ ބޮޑަށް ޕްރޮބްލެމަކަށް (މައްސަލައަކަށް) އަމާޒު ކުރެވޭ ޓާސްކަކަށެވެ.

މިފަދަ ހަރަކާތް ގެންދާއިރު، ރީޑިންގއެއް ހަވާލު ކުރެވޭނަމަ ސީދާ ޓެކްސްޓްފޮތުން ރީޑިންއެއް ނަގާފައި ދިނުމަށްވުރެ އެ ފިލާވަޅާ ގުޅޭ އެހެން ރިސޯސްއަކުން ރީޑިންގ އިޚްތިޔާރު ކުރުން ރަނގަޅެވެ. އަދި ހަމައެހެންމެ އެކްޓިވް ރީޑިން ހުނަރުތަކާ ގުޅޭ އިރުޝާދު ދަރިވަރުންނަށް ދިނުން ވެސް މުހިންމެވެ. މިސާލަކަށް ކިޔަމުންދާއިރު ހަވާސާގައި ނުވަތަ ފޮތެއްގައިޕޮއިންޓްތައް ނޯޓްކުރަން ބުނުން، އަދި ހައިލައިޓްކުރަމުން (ކުލަޖައްސަމުން) ދާން އިރުޝާދު ދިނުންފަދަ ކަންތައްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ގުރޫޕްތެރޭގައި ދަރިވަރުން މަޝްވަރާކުރާއިރު އަޑު މެނޭޖުކުރުމާއި އެއްކުއްޖަކު އަނެއްކުއްޖަކާ ވާހަކަދައްކާއިރު އަޑުއެހުމަށް ބާރުއެޅުން ހިމެނެއެވެ.

މިއަދު މި ހުށަހަޅާލެވުނީ ވެސް ކިޔަވައިދިނުމުގެ ދާއިރާގައި މުދައްރިސުންނަށް ބޭނުންތެރި ވާހަކަ ކޮޅެކެވެ. ކިޔަވައިދިނުމަކީ ދަރިވަރުންގެ ހުނަރުތަކެއް ތަރައްގީކޮށް ކުރިއަރުވަން ކުރާ މަސައްކަތެކެވެ. މުދައްރިސުންގެ ކިޔަވައިދިނުން މިފަދަ ގޮތްގޮތަށް އަމާޒު ނުކުރެވޭނެމަ ކިޔަވައިދިނުމުގެ ފުރިހަމަ ޒިންމާ އަދާކުރެވޭ ކަމަށް ގަބޫލުކުރެއްވުން ރަނގަޅެއް ނޫނެވެ. ދަރިވަރުންނަށް މަޢުލޫމާތުތަކެއް ހަމައެކަނި ކިޔަވައިދިނުމުގެ ބަދަލުގައި އެ ކުދިން ސްކޫލު ނިމިގެންދާއިރު ތަމުރީނުދެވިފައިވާ ރަނގަޅު ހުނަރުތަކެއް ހުރުމަކީ ވެސް އަޅުގަނޑުމެންގެ ހުރިހާ މުދައްރިސުންގެ ޒިންމާއެކެވެ. އެންމެ ކުރުކޮށް ދަންނަވާނަމަ އެއީ ގައުމީ ޒިންމާއެއް ވެސް މެއެވެ. ޖީލުތައް ބިނާކުރަނީ މުދައްރިސުންނެވެ. އެމީހުންގެ ކިބައިގައި ހުނަރުތައް ނެތުމުން، އެންމެ އަވަހަށް އިނގިލި ދިއްކުރެވެނީ ވެސް ތަޢުލީމީ ދާއިރާއަށެވެ. މިއީ އަޅުގަނޑުމެން ވިސްނާލުން ރަނގަޅު ކަމެކެވެ. އަޅުގަނޑުމެން އަދާކުރަން ޖެހޭ ޒިންމާ އަދާ ކުރެވެނީ ކިހާވަރަކަށްތޯ އަމިއްލައަށް ސުވާލު އުފައްދައި ރިވެލިކުރުމަކީ މިފަދަ ކިޔަވައިދިނުމުގެ ގޮތްތައް ބޭނުން ކުރުމުގެ މުހިންމު ކަމެކެވެ. ކޮންމެ މުދައްރިސަކީ ވެސް މި ޒިންމާގައި އެއްވަރަކަށް ހިއްސާވާންވާނެ ބައިވެރިޔެކެވެ. ދަރިވަރުންނަކީ ހަރުދަނާ ހުނަރުވެރި ޖީލަކަށް ހެދުމުގެ ޒިންމާއަކީ ވަކި މުދައްރިސަކަށް ޚާއްޞަވެފައި އޮންނަ މަސްއޫލިއްޔަތެއް ނޫނެވެ. ދަރިވަރުންގެ ކިބައިގައި ހަރުލެއްވުން މުހިންމު ހުނަރުތަކަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ދިރާސާތައް ހަދާ މިފަދަ ހުނަރުތަކަށް ރިޢާޔަތްކޮށް މުޅި ސްކޫލުސިސްޓަމް ދަނީ ބައްޓަން ކުރަމުންނެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ މުއުޟޫޢުތަކަށް ވާހަކަދެކެވޭ މިންވަރު މަދުވުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މިފަދަ ކަންކަމަށް އިރުޝާދުތައް ދެވޭ މިންވަރު ވެސް މަދެވެ. ކޮލެބޮރޭޓީވްކޮށް އުނގެނުން ފަދަ ގޮތްތައް ކިޔަވައިދިނުމުގައި ބޭނުންކުރުމަކީ ހުރިހާ މުދައްރިސުން ވެސް އާންމުކޮށް ކުރާ ކަމަކަށް ހަދައި އޭގެ ފައިދާތައް ދެނެގަނެ ހޯދައިބަލާ ބަޔަކަށް މުދައްރިސުން ވާންޖެހެއެވެ. މިފަދަ ގޮތްތައް ކިޔަވައިދިނުމުގައި ބޭނުން ކުރުމުން މިކަމުގެ ހެޔޮ ބަދަލުތައް އަޅުގަނޑުމެންގެ ކުރިޔަށް އޮތް ޖީލުތަކުން ފެންނާނެކަން ކަށަވަރެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.