ޝާފިޔާގެ އެދުރު އަށި: ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން

އުނގެނުމަކީ ދަރިވަރުންގެ ޝައުގުވެރިކަމާއި ބައިވެރިވުމާއި ގުޅިފައިވާ ކަމެކެވެ. ކުލާހަކީ ދަރިވަރުން ގަޔާވާ، އެހެން ދަރިވަރުންނާ އެކު ބައިވެރިވެގެން ކަންތައްތަކެއް ކުރެވޭ މާހައުލަކަށް ހެދުމަކީ ކިޔަވައިދިނުން ފަރުމާކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ވަރަށް ގިނަ ޢިލުމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ދަރިވަރުން ކުލާސްރޫމުތަކުގައި ފޫހިވެ ޝައުގުވެރިކަން ކުޑަވާނަމަ އުނގެނުމަށް އޮންނަ ފޯރި ދަށްވެ އުނގެނުމުގައި ދަތިތައް ދިމާވެއެވެ. މިކަން އެންމެ ބޮޑަށް ދިމާވާ އެއްސަބަބަކީ ދަރިވަރުން ޢަމަލީ ގޮތުން ބައިވެރިވާނެ ކަމެއް ނެތި ކިޔަވައިދޭ ބައިތަކެއް އަޑުއަހައި ނުވަތަ ލިޔަން ތިބެން ޖެހުމެވެ (ބްލަމެންފިލްޑް އަދި އޭނާގެ ބައިވެރިން، 1991). ހަމަ މިއާއެކު، އުގެނުމަކީ ވަކިވަކި މާއްދާތަކެއްގެ މަޢުލޫމާތުތަކެއް ދަސްކޮށް އިމްތިޙާނު ހަދަން ކުރާ ކަމަކަށް ވާނަމަ އެއީ ފުރިހަމަ އުނގެނުމެއް ކަމަކަށް ވެސް ނުބެލެވެއެވެ. ސަބަބަކީ، އުނގަންނައިދިނުމުގެ މައިގަޑު މަގުސަދަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމެވެ. ކޮންމެ މާއްދާއެއްގެ މަޢުލޫމާތުތައް ކިޔަވައިދީ އެއިން ޓެސްޓްތަކެއް ނަގައި ކޮންމެ ބަޔަކުން ހާސިލުވީ ކިހާވަރެއްތޯ ބެލުމަކުން ދަރިވަރުން އެންމެ ފުރިހަމައަށް ދިރިއުޅުމަށް ތައްޔާރެއް ނުވެއެވެ. ދިރިއުޅުމަށް ބޭނުންވަނީ ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކުރުމެއް ނޫނެވެ. އެއާ ޚިލާފަށް މަޢުލޫމާތު އެނގުން، ސިފަތަކެއް ލިބިގަތުން، ހުނަރުތަކެއް ހަރުލުން، ދިރިއުޅުމުގެ އިހުސާސް ކުރެވުން، ކަންކަމާމެދު ޚިޔާލުކުރެވި ލޯހުޅުވުން، ކަންކަމާމެދު ޢަމލީ ގޮތުން ވިސްނުން، ތަފާތު ޚިޔާލު ބަދަލުކުރެވި މަޝްވަރާކުރެވުން، މީހުންނާއި މުއާޞަލާތު ކުރެވުން، މިހިރީ މުޅިންވެސް ދަރިވަރުންގެ ކާމިޔާބު އުނގެނުމެއްގައި ހިމެނެން ޖެހޭ ކަންތައްތަކެވެ. މިއަދު އަޅުގަނޑުގެ ވާހަކަކޮޅު މި އަމާޒުކޮށްލަނީ ކިޔަވައިދިނުމުގައި މިދެންނެވި ކަންތައްތައް ހިމަނައިލެވިދާނެ ކިޔަވައިދިނުމުގެ ގޮތެއްކަމަށްވާ ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ގެންދިއުމާ ބެހޭގޮތުންނެވެ.

ސިކުނޑީގެ ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި އުނގެނުމަކީ ސިކުނޑީގެ ވަރަށް ބައިވަރު ބައިތައް ގުޅިލާމެހިގެން ހިނގާ ކަމެކެވެ (ވިސްލީ އަދި ހޮޝް، 2002). މާނައަކީ، ސިކުނޑީގައި ކަންހިނގާ ގޮތަށް ބަލާއިރު އުނގެނުމެއް ހިނގަނީ ދަރިވަރުންނަށް ކުރެވޭ ހަރަކާތްތަކާއި އެކަންކަމާ ގުޅޭ ގޮތުން ކުރެވޭ ޚިޔާލުތަކާއި، އެއާއެކު ހިތުގައި ދައުރުވާ އެތައް ވިސްނުންތަކަކާއި އިހުސާސްތައް އެކުއެކީއެވެ. ކުރިންވެސް އަޅުގަނޑުގެ އެހެން ލިޔުމެއްގައި އިޝާރާތް ކުރެވިފައިވާނެ ފަދައިން ކިޔަވަވައިދިނުމަކީ ކޮންމެ މާއްދާއަކަށް ޚާއްޞަކޮށްގެން ވަކިވަކިން ކުރަން ޖެހޭ ކަމެއް ނޫނެވެ. ހަމައެހެންމެ ކޮންމެ މައުޟޫޢެއް ކުދިކުދިކޮށް ކޮށާލައިފައިވާ ވަކިވަކި ބައިތަކެއްހެން ވެސް ކިޔަވައިދިނުން ރާވާކަށް ނުޖެހެއެވެ. ޕްރޮޖެކްޓް ފަދަ މަސައްކަތްތައް ހިމަނައިގެން ދަރިވަރުންގެ އުނގެނުން ރޭވުމަކީ ގިނަ ކަންތައްތަކެއް ހިމަނައިލައިގެން ދަރިވަރުންގެ އުނގެނުން މާ ބޮޑަށް ވެސް ކާމިޔާބުކަމާ އެކު ގެންދެވޭނެ ގޮތެކެވެ.

ޕްރޮޖެކްޓް ހިމަނައިގެން ދަރިވަރުންގެ އުނގެނުން ރޭވުމަކީ މިޒަމާނުގެ އުނގެނުމުގެ މާހައުލުތަކުގައި ވަރަށް އާންމުކޮށް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ ގޮތެކެވެ. މިގޮތަށް ކިޔަވައިދޭއިރު ދަރިވަރުންގެ އުނގެނުން ރޭވެނީ ދަސްކުރަން ޖެހޭ މަޢުލޫމާތުތަކާއި ކުރި އަރުވަން ޖެހޭ ހުނަރުތަކާއި އަދި ހަމަ އެ ކިޔަވާ ބައިތަކާ ގުޅިގެން ހަރުލައްވަން ޖެހޭ ސިފަތަކާއި، އަދި އެނޫން ވެސް އިހުސާސްތަކާއި، ޚިޔާލުތަކާއި، ވިސްނުންތައް ވަކިގޮތަކަށް ބައްޓަން ކުރުމަށް އެހީތެރިވެދޭ ޕްރޮޖެކްޓް މަސައްކަތުގެ ތެރެއިންނެވެ. މިފަދައިން ޕްރޮޖެކްޓެއްގައި ބައިވެރިވާއިރު ދަރިވަރުން ދާނީ ޢަމަލީގޮތުން ގިނަ ކަންތައްތަކެއް ކުރަމުންނެވެ. ޢަމަލީގޮތުން މި ކުރެވޭ ކަންތައްތަކަކީ ދަރިވަރުންނަށް ނުހަނު މުހިންމު އުނގެނުމުގެ ތަޖުރިބާތަކެކެވެ. މިގޮތަށް ލިބޭ އުނގެނުމުގެ ތަޖުރިބާތަކުން ދަރިވަރުން އެ ކިޔަވާ މަޢުލޫމާތުތަކާއި ގުޅޭ އެތައް ގިނަގުނަ ހުނަރުތަކަކާއި ސިފަތައް ދަސްވުމަށް ފުރުސަތު ފަހިވާނެއެވެ.

ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ޖޯން ޑްވެއި (1938)ގެ އެންމެ ކުރީގެ ލިޔުންތަކުގައި އިޝާރާތް ކުރައްވާފައިވާ 'ލާރނިންގ ބައި ޑުއިން" (ކަމެއް ކުރަމުން އުނގެނުން) މިކޮންސެޕްޓާ އެކު ތަޢާރަފުވި އުނގެނުމާއި އުނގަންނައިދިނުމުގެ ފިލޯސަފީއެކެވެ.  އެއަށްފަހު މި ވިސްނުން ފުޅާވެގެން ދިޔައީ ޖޯން ޑުވެއިގެ ދަރިވަރެއް ކަމަށްވާ ވިލިއަމް ހާރޑްގެ ލިޔުންވުންތަކުންނެވެ. އޭނާ އިޝާރާތްކުރައްވާފައިވާ ގޮތުގައި، ކަމެއް ކުރަމުން އުނގެނުމުގެ ތެރޭގައި ޕްރޮޖެކްޓް ފަދަ މަސައްކަތްތައް ހިމަނައިގެން ކިޔަވައިދިނުން ވަރަށް މުހިންމެވެ. މިގޮތުން މި ދެ ޢިލުމުވެރިން ވެސް ދަރިވަރުންނާއި ގުޅޭ އަދި ތަފާތު މާއްދާތަކުގެ ބައިތައް އެކުވި ގޮތަކަށް ހިމަނާލެވި ރާވާލެވޭ ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އިރުޝާދު ދެއްވާފައިވެއެވެ. މީގެ އިތުރުން އެންމެ ކުރީގެ ޢިލުމުވެރިންގެ ތެރޭގައި ހިމެނޭ ޖީން ޕިއާޖޭ (1952) ގެ ލިޔުއްވުންތަކުގައި އިޝާރާތްކުރައްވާފައިވާ 'ސިޗުއޭޓެޑް ލަރނިން' ނުވަތަ ވެށި/މާހައުލާއި ގުޅުވައިގެން އުނގެނުން ވެސް ހިމެނެނީ ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވާދިނުމުގެ ފިލޯސަފީއާ ވަރަށް ގުޅުން ހުރި ކޮންސެޕްޓެއް ގޮތުގައެވެ. އިސްވެ ދެންނެވުނު ތިން ޢިލުވެރިން ވެސް ތާއީދުކުރައްވާ ގޮތުގައި ޕްރޮޖެކްޓް ފަދަ މަސައްކަތްތައް ހިމަނައިގެން ކިޔަވައިދިނުން ރޭވުމުން ދަރިވަރުންގެ ދިރިއުޅުމާ ގުޅޭ އަދި ޢަމަލީ މަސައްކަތްތަކެއްގެ ތެރެއިން ދަރިވަރުންގެ ހިއްސާ ބޮޑުކޮށް އުނގެނުމަށް ފުރުސަތުތައް ފަހިކޮށްދެވެއެވެ.

މަތީގައި ބަޔާންކުރެވުނު ޢިލުމީ ވިސްނުންތަކަށް ބަރޯސާވެ، ބައެއް ޢިލުމުވެރިން ފާހަގަކުރައްވާ ގޮތުގައި ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާއިރު ސަމާލުކަންދޭން ޖެހޭ ހަތަރު ކަމެއް ވެއެވެ. މިގޮތުން  ކްރާޗިކް އަދި ބްލަމެންފިލްޑް (2006) ލިޔުއްވާފައިވާ ގޮތުގައި ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާއިރު، އެޕްރޮޖެކްޓެއްގައި (1) ދަރިވަރުން ހަރަކާތްތެރިކޮށް އުނގެނޭނެ ފުރުސަތު ފަހިވެފައި އޮންނަން ޖެހޭނެއެވެ.  އަދި ހަމައހެންމެ (2) ދަރިވަރުންގެ މެދުގައި ދޭދޭ ވާހަކައާއި މަޝްވަރާކޮށްގެން ކުރާނެ ކަންތައްތަކެއް ހިމަނަންޖެހޭނެއެވެ. މީގެ އިތުރުން (3) އުނގެނުމުގައި ކުރާ ކަންތަކަކީ ދަރިވަރުން އުޅޭ މާހައުލާ ގުޅިފައިވާ އެކުދިންގެ ދިރިއުޅުމާ ގުޅޭ މާނަ ހުރި ކަންތައްތަކަކަށް ވާންޖެހޭނެއެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި (4) އުނގެނުމުގެ މާހައުލުގައި އުނގެނުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެފައި ހުރުން މުހިންމު ކަމަށް ކްރާޗިކް އަދި ބްލަމެންފިލްޑް (2006) އިޝާރާތްކުރައްވައެވެ. މިއިން ކޮންމެ ކަމަކީ ވެސް ޕްރޮޖެކްޓް ބޭނުންކޮށްގެން އުނގަންނައިދިނުން ފަރުމާކުރާއިރު ދަރިވަރުންގެ އުނގެނުން ކާމިޔާބު ކަމާއެކު ހާސިލުކުރުމަށް ލާޒިމު ކަންތައްތަކެކެވެ.  ހަމައެއާއެކު ހޫލަ 1 ގައި ދައްކާފައިވާ ގޮތަށް މި ހަތަރު ކަމަކީ އެކުއެކީ ޕްރޮޖެކްޓްގެ ތެރޭގައި ރޭވި ހަމަޖެހިފައި ހުންނަން ޖެހޭ ކަންތައްތަކެކެވެ. ޕްރޮޖެކްޓް ބޭނުންކޮށްގެން ގެންދެވިފައިވާ ޢަމަލީ ކުލާސްރޫމެއްގެ މިސާލު ދެވިފައިވާ ވީޑިއޯގައިވާނެއެވެ.


ހޫލަ 1. ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދޭއިރު ހިމެނެން ޖެހޭ 4 ކަމެއް

ހޫލަ 1 ގައި ވާ ކަންތައްތަކުގެ އިތުރުން ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދޭން ވިސްނާނަމަ ދަރިވަރުން ވެސް މިފަދަ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމަށް އަހުލުވެރިކޮށް ތައްޔާރު ކުރަން ޖެހެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ހަތަރު ކަމަކަށް ކެލްސީ ބެންޑާރ (2020) އޭނާގެ ބްލޮގެއްގައި އިޝާރާތްކުރައްވާފައިވެއެވެ. ކެލްސީއަކީ ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވާދިނުމަށް ވަރަށް ގިނަ ސްކޫލްތަކުގައި އިރުޝާދުދެއްވާ އެކަމަށް މުދައްރިސުން އަހުލުވެރިކުރުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ އެމެރިކާގެ ތަޖުރިބާކާރެކެވެ. ހޫލާ 2 ގައި އެވަނީ އޭނާ ހާމަކުރައްވާ ކަންތައްތަކުގެ ޚުލާޞާއެކެވެ. ކެލްސީ ބެންޑަރ (2020) ދެކެވަޑައިގަންނަވާ ގޮތުގައި ދަރިވަރުންގެ ސިކުނޑިތައް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށް ތައްޔާރު ކުރަންޖެހެއެވެ. މީގެ މާނައަކީ ސީދާ މުދައްރިސް ނުވަތަ އެހެންވެސް ފަރާތަކުން ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށްވުރެ، ނުވަތަ ބަލައިގަތުމުގެ ބަދަލުގައި އަމިއްލައަށް މަޢުލޫމާތު އުފައްދައި، ހޯދައި، ވާހަކަދައްކައި، ތަޖުރިބާކޮށް ސުވާލުތަކެއްގެ ޖަވާބު ނުވަތަ މައްސަލައެއްގެ ހައްލު ހޯދަމުން އުނގެނެން އަހުލުވެރި ކުރުވާ އާދަ ކުރުވަން ޖެހެއެވެ. މިގޮތުން ދަރިވަރުންނަށް ހަވާލު ކުރެވޭ މައްސަލައަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދައި، އެކަން ވާގޮތް ބަލައި، އެހެން ދަރިވަރުންނާ އެކު މަޝްވަރާކުރެވި މަސައްކަތް ނިންމުމުގެ ތެރެއިން އުނގެނުން ރޭވެއެވެ. ހަމަ މިއާއެކު ދަރިވަރުންގެ އުނގެނުމުގެ މާހައުލު އަތުރާލެވި ރޭވިފައިވާ ގޮތާއި އެ ތަނުން ލިބެން ހުންނަ ވަސީލާތްތަކާއި އެވަސީލަތްތައް ބޭނުންކުރަން ފަރިތަވެފައިވުމާ އެކު ހަރަކާތްތެރިކޮށް އުޅެވޭ ފަދަ ޖާގަ ކުލާސްރޫމުގައި އޮތުން ވެސް މުހިންމު ކަމުގައި ކެލްސީ ލިޔުއްވައެވެ. ކެލްސީ ބަޔާންކުރައްވާފައިވާ ކުލާސްރޫމަކީ ހަމައެކަނި ކުލާހުގެ ހަތަރުފާރުގެ އެތެރެއެއް ނޫނެވެ. އެއާ ޚިލާފަށް އުނގެނުމުގެ މާހައުލު ނުވަތަ އުނގެނުން އެ ތަނެއްގައި ރޭވޭ ކޮންމެ ތަނެކެވެ. އަޅުގަޑުމެންގެ ސްކޫލުތަކުގައި އާންމުކޮށް މި ހުންނަ ކުލާސްރޫމުތަކުގައި އެފަދަ ގޮތަކަށް ޖާގަ ތަނަވަސް ކުރެވެން ނެތްނަމަ އެހެން ގޮތްގޮތަށް ވެސް މިފަދަ ޕްރޮޖެކްޓް މަސައްކަތް ހަވާލު ކުރެވިދާނެއެވެ. ނަމަވެސް އުނގެނުމުގެ މާހައުލު ތަރުތީބު ކުރުމުގައި މުދައްރިސުން ސަމާލުވާންޖެހޭ ކަމަކީ ދަރިވަރުން އެ ޕްރޮޖެކްޓެއްގައި ބޭނުންވާނެ ވަސީލަތްތައް އެތަނެއްގައި ފަހި ކޮށްދިނުމަށެވެ. ބައެއް ޕްރޮޖެކްޓްތަކަކީ ވަކި މުއްދަތަކަށް ދެމިގެންދާ ގޮތަށްވެސް ހަވާލު ކުރެވޭ މަސައްކަތްތަކެކެވެ. އެހެން ކަމުން އެމަސައްކަތްތައް ކުރުމަށް އެހީތެރިވެދޭނެ ރަގަނޅު މަގުޗާޓެއް/ޕްލޭނެއް ހަދައި އެކަން ކުރާނެ ގޮތް ދަރިވަރުންނާ އެކު މަޝްވަރާކުރެވި ކަން ކުރަންވާ ގޮތް އޮންނަން ޖެހޭނީ ދަރިވަރުންނަށް ސާފުކޮށް އެނގިފައެވެ.


ހޫލަ 2. ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޕްރޮސެސްއަށް ތައްޔާރުވުން

 

ޕްރޮޖެކްޓް ހިމަނައިގެން ކިޔަވައިދިނުމުގައި ފާހަގަކޮށްލެވޭ މުހިންމު ސިފަތައް

ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާއިރު އާންމުގޮތެއްގައި ދެވެނީ ދަރިވަރުންނާ ހަވާލު ކުރެވޭ ބޮޑު މައްސަލައެއް، ސުވާލެއް/ސުވާލުތަކެއް، މަސައްކަތެއް ދަރިވަރުންގެ ގުރޫޕުތަކެއް ހަދައި އެކި ކުދިން ބައިވެރިވެގެން ކުރާ ކަމެއް ގޮތަށެވެ. ނަމަވެސް މުދައްރިސުން ޕްރޮޖެކްޓްތައް ރާވާއިރު ސަމާލުކަންދޭން ޖެހޭ ދެތިން ކަމެއް ހޫލަ 1 އަދި ހޫލަ 2 ގައި ބަޔާންކުރެވިއްޖެއެވެ. މީގެ އިތުރުން ރޭވުނު މަސައްކަތަކީ ރަގަނޅު ޕްރޮޖެކްޓެއްތޯ އަމިއްލައަށް މުދައްރިސު ޗެކްކޮށްލުމަށް ވިސްނުން ގެންދިވިދާނެ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ.

(1) އިންޓަރޑިސިޕްލިނަރީ: އުނގެނުމުގައި ގިނަކަންތައްތަކެއް/ދާއިރާތަކެއް ގުޅިފައިވޭހެއްޔެވެ؟

ވަރަށް ގިނަފަހަރަށް ޕްރޮޖެކްޓެއް ރާވާއިރު ދެތިން މާއްދާއެއްގައި ދަރިވަރުން އުނގެނެމުންދާ ވަރަށް ގިނަ ބައިތައް ހިމެނެއެވެ.  ހަމައެއާއެކު ދަރިވަރުން ދާނީ ދިރިއުޅުމުގައި ބޭނުންވާ މުހިންމު ހުނަރުތަކާއި ސިފަތަކާއި، ވިސްނުންތަކާއި، ޚިޔާލުތަކާއި، މިފަދަ ވަރަށް ގިނަކަންތައްތައް ގުޅިފައިވާ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ. މިނޫނަސް، މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތަކާއި، ވާހަކަދައްކައި މަޝްވަރާކުރުން ފަދަ ގިނަ ކަންތައްތަކެއް ޕްރޮޖެކްޓްގައި ހިމެނިގެންދާނެއެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވާން ފަހިކޮށްދެވޭ ފުރުސަތުތަކަކީ ތަފާތު މާއްދާތަކުގައި ދަރިވަރުން ކިޔަވަމުންދާ ގިނަ މަޢުލޫމާތުތައް އެކި ގޮތްގޮތަށް ޢަމަލީ ގޮތުން  ބޭނުންކުރުމަށް ވެސް ދެވޭ ފުރުޞަތުތަކެކެވެ.

(2) ރިގަރެސް: ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން، ފަރުވާތެރިކަން، އަދި ތަރުތީބުވަނި ގޮތަކަށް ކުރެވޭ މަސައްކަތްތަކެއް ހިމެނޭހެއްޔެވެ؟

ޕްރޮޖެކްޓްގެ މަސައްކަތަކީ ދަރިވަރުންގެ ފުރިހަމަ ބައިވެރިވުމާ އެކު ތަރުތީބުވަނި ގޮތަކަށް ރޭވޭ ހަރަކާތްތަކެއް ކަމުން ދަރިވަރުންގެ އުނގެނުން ކުރިޔަށް ދާނީ އެނގޭ/އެނގެމުންދާ ގިނަ މަޢުލޫތުތަކެއް ޢަމަލީ ގޮތުން ބޭނުންކޮށް ވަރަށް ހަރަކާތްރި ކަންތައްތަކެއްގެ ތެރެއިންނެވެ. މީގެ ސަބަބުން ދަރިވަރުންގެ އުނގެނުން އެތައް ގުނައެއް ކުރިއަރައެވެ. އަދި  އުނގެނުމުގެ މަސައްކަތަކީ ހަމައެކަނި ފޮތެއް ބަލައިގެން އެއްޗެއް ދަސްކުރުން ފަދަ ގޮތްތަކަށް ވުރެ މާ ބޮޑަށް ވެސް ކާމިޔާބު ގޮތްތަކެކެވެ. އޭގެ އިތުރުން މިފަދަ މަސައްކަތަކީ ދަރިވަރުންގެ އުނގެނުމުގެ އަމިއްލަ ޒިންމާ ބޮޑު، އުނގެނުމުގައި ބާރުވެރި ކުރުވޭ އަދި ގިނަ ހުނަރުތަކެއް ދަސްކުރެވޭ ކަމުގެ އިހުސާސް ވުމާއެކު އަމިއްލަ ނަފުސުގެ ޔަގީންކަން އިތުރުވެގެންދާ ކިޔަވައިދިނުމުގެ ގޮތެކެވެ.

(3) ޕްރޮޖެކްޓްގެ މަސައްކަތްތައް އެކީއެކަށްޗަށް އަމާޒު ކުރެވިފައިވަނީ ދަރިވަރަށް ހެއްޔެވެ؟

މުޅި ޕޮރޮޖެކްޓްގެ ހުރިހާ ކަމެއް ރާވަނީ ދަރިވަރުން ބައިވެރި ކުރާ ހަރަކާތްތަކެއް ގޮތަށް ކަމުން އެކީ އެކައްޗަށް ކިޔަވައިދިނުން ރޭވިފައި ވާނީ މުޅިން ދަރިވަރުންނަށް އަމާޒު ކުރެވިގެންނެވެ. މީގެ ސަބަބުން އުނުގެނުމުގައ ދަރިވަރުންގެ ހިއްސާބޮޑުވެ، ބައިވެރިވުން އެތައް ގުނައެއް އިތުރު ކުރެވެއެވެ. ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދޭނަމަ ދަރިވަރުންގެ އުނގެނުމުގެ ޝައުގުވެރިކަން ވެސް އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށް ދަރިވަރުން ލޯހުޅުވި މުޖުތަމަޢަށް ބޭނުންވާ ގާބިލު ބަޔަކަށް ދަރިވަރުން ހެދުމަށް އެހީތެރިވެދެއެވެ.

އިސްވެ އިޝާރާތްކުރެވުނު ވާހަކަކޮޅަށް ބަލާއިރު، ޕްރޮޖެކްޓް ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވޭނަމަ ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ފާހަގަކޮށްފައިވާ ގާބިލިއްޔަތުތައް ހާސިލުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ. މިގޮތުން މިއަދު މިހުށަހަޅާލެވުނު މަޢުލޫމާތަކީ އަޅުގަޑުމެންގެ މުދައްރިސުން މިހާރަށް ވުރެ ބޮޑަށް ކިޔަވައިދިނުމުގެ ވައްޓަފާޅިތެރެއަށް ވައްދަން ޖެހޭ ގޮތްތަކެކެވެ. މިހެން ދަންނަވާއިރު ވެސް ބައެއް ސްކޫލުތަކުގައި މިކަން މިހާރު ވެސް ކުރަމުންދާކަން އަޅުގަނޑު ނުހަނު އުފަލާ އެކު ފާހަގަ ކުރަމެވެ. ނަމަވެސް އަދިވެސް ގިނަ މާއްދާތައް ބައިވެރިކޮށްގެން ބޮޑެތި ޕްރޮޖެކްޓް ދީގެން ކިޔަވައިދިނުން ރޭވޭލެއް މަދެވެ. އަޅުގަޑުގެ ލިޔުމުގެ މިއިޝާރާތް ކުރެވިދިޔަ ޕްރޮޖެކްޓް މާނަ ކުރެވިފައިވަނީ އެއްދުވަހުގެ ކުލާސް ގަޑިއެއްގައި ގެންދެވޭ ގޮތަށް ވުރެ ބޮޑަށް ދެހަފުތާ، ތިން ހަފުތާ، ނުވަތަ އެއްޓާރމުގެ ތެރޭގައި ދަރިވަރުން މަސައްކަތް ނިންމަން ހަވާލު ކުރެވޭ ބޮޑެތި ޕްރޮޖެކްޓްތަކެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ ސްކޫލުތަކުގައި އާންމު ގޮތެއްގައި މި އޮންނަނީ ކިޔަވައިދިނުމަކީ ކޮންމެ މާއްދާއެއްގެ މުދައްރިސުން ވަކިވަކިން ކުރާ މަސައްކަތެއް ގޮތުގައެވެ. ނަމަވެސް މިޒަމާނުގެ ކިޔަވައިދިނުމުގެ ގިނަ ފިލޯސަފީތަކާއި ކިޔަވާދިނުމުގެ ގޮތްތަކަށް ބަލާއިރު، ގިނައީ ތަފާތު މާއްދާތައް އެކުވި ގޮތަކަށް ދަރިވަރުންގެ އުނގެނުން ފަރުމާކުރުމުގެ ބޭނުންތެރިކަމަށް އިރުޝާދު ދެވޭތަނެވެ. ހަމައެހެންމެ ކިޔަވައިދިނުމުގެ ދާއިރާގައި ހެދިފައިވާ ގިނަ ދިރާސީ ހޯދުންތަކުން ވެސް ބާރުއަޅަނީ އުނގެނުން އެއީ ޖުމުލަގޮތެއްގައި ނުވަތަ ހޮލިސްޓިކް އެޕްރޯޗެއް ގޮތަށް ގެންދެވޭ ކަމަކަށް ހެދުމަށެވެ. ކަން މިހެން އޮތުމާއެކު ޕްރޮޖެކްޓް ފަދަ ގޮތްތައް ބޭނުންކޮށްގެން އެކި މާއްދާތައް އެކުވި ގޮތަކަށް ކިޔަވައިދިނުން ރޭވުމަށް ސްކޫލު ނިޒާމުތެރޭގައި ވެސް ވިސްނުން ބަދަލު ކުރަން ޖެހެއެވެ. ހަމައެއާއެކު މިފަދަ ގޮތްގޮތަށް މުދައްރިސުން ފަރިތަވެ އަހުލުވެރިވުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެކެވެ. ޚާއްޞަކޮށް އަޅުގަޑު މި ހުށަހަޅާ ކިޔަވައިދިނުމުގެ ގިނަ ގޮތްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައ ޢާއްމުކޮށް ކިޔަވައިދިނުން ރޭވި އަދި އެކަމާ ބެހޭގޮތުން ދިރާސީ ހެކިތަކާ އެކު އެ ގޮތްތަކުގައި ހިމެނޭ ކާމިޔާބުކަމާ މެދު މަޝްވަރާ ކުރެވިފައިވާ ކިޔަވައިދިނުމުގެ ގޮތްތަކެކެވެ. އެހެންނަމަވެސް އަޅުގަޑުމެންގެ ދިވެހިރާއްޖޭގައި މިފަދަ ގޮތްތައް ބޭނުންކުރާނެ ގޮތާއި ކުރާނަމަ އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތްތައް ވެސް ހޯދޭނީ މުދައްރިސުން މިފަދަ ގޮތްތަކަށް އާދަވެ ކިޔަވައިދިނުމުގައި ބޭނުން ކޮށްގެންނެވެ. މިގޮތުން ޕްރޮޖެކްޓްފަދަ ގޮތްތައް ބޭނުންކޮށްގެން ކިޔަވާދިނުމުން ވާ ފައިދާއާއި އެކަމުގައި ހުރި ގޮންޖެހުންތަކާއި އެ ކަންކަމުން އަރައިގަނެވޭނެ ގޮތްތައް ސީދާ ދިވެހިރާއްޖޭގެ ކުލާސްރޫމުތަކުގައި ދިރާސާ ކުރުން ވެސް މުހިންމެވެ. މިކަންކަމަކީ ސިދާ މުދައްރިސުންގެ ޝައުގުވެރިކަމާ އެކު ކުރެވެން ހުރި ކަންތައްތަކެކެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

1 ޚިޔާލު

  1. މުދައްރިސުންނަށް ވަރަށްބޭނުންތެރި މައޢުލޫމާތުތަކެއް. މިމަޢުލޫމާތުގެ ސަބަބުން ކިޔަވައިދިނުމުގައި ޕްރެޖެކްޓްގެ މުހިންމުކަން ވަރަށް ރަނގަޅަށްއެނގި ދަސްވެއްޖެ. ޖަޒާކަށް ﷲ ޚައިރަން .އަޅުގަނޑު ވަރަށް ފަޚްރުވެރިވަން އަޅުގަނޑުގެ މުދއްރިސާއަކަށް ވީތީވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.