ޝާފިޔާގެ އެދުރު އަށި: އުނގެނުމަށް ފަހި ވަޒަންކުރުން (Assessment for learning) ރާވާނީ ކިހިނެއް؟

މިއަދުގެ ކޮލަމުގައި ލިޔެލުމަށް ގަސްދުކޮށްފައިވާ މައުޟޫޢަކީ ގައުމީ މަންހަޖު ތަންފީޒު ކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެ ކަމަށް ފާހަގަކުރެވޭ މުހިންމު  މައުޟޫޢެކެވެ. ގައުމީ މަންހަންޖު ތަންފީޒު  ކުރުމުގެ މަސައްކަތް އެންމެ ބޮޑަށް ގުޅިފައިވާ އެއް ކަމަކީ އުނގެނުމަށް ފަހި ވަޒަންކުރުމަށް މުދައްރިސުން އަހުލުވެރިވުމެވެ. ކުރީ ހަފުތާގައި ވެސް އަޅުގަނޑު އަލިއަޅުވައިލައިފައިވާނެ ފަދައިން މި ކަމަކީ އަޅުގަނޑުމެންގެ މުދައްރިސުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ތަފާތު އެކި ފޯރަމުތަކުގައި ވާހަކަ ދެކެވިފައިވެއެވެ. އެހެންކަމުން، އުނގެނުމަށް ފަހި ވަޒަންކުރުމާ ބެހޭގޮތުން ޢިލުމީ ލިޔުންތަކުގައި އިޝާރާތްކުރައްވައިފައިވާ ބައެއް ކަންކަން މި ލިޔުމުގައި ހިމެނުމަށް ގަސްދުކުރަމެވެ.

'އުނގެނުމަށް ފަހި ވަޒަންކުރުން' މި މަފުހޫމުގެ ދިރާސީ ވިސްނުން

Assessment For Learning / އުނގެނުމަށް ފަހި ވަޒަންކުރުން، މި މަފުހޫމު ތަޢާރަފުވީ Formative assessment (ބަދަލުގެނައުމަށް ވަޒަންކުރުން) ގެ ތެރެއިން 1998 ގެ ލިޔުންތަކުންނެވެ. އަދި ޚާއްޞަކޮށް، 1998 ގައި ޕޯލް ބްލެކް އަދި ޑިލިޔަން ވިލިއަމް ލިޔުއްވި މަޝްހޫރު ފޮތް '’Inside the black box (ކަޅުފޮށި އެތެރެ) ވެގެންދިޔައީ، ކިޔަވައިދިނުމުގެ ދާއިރާގައި ވަޒަންކުރެވޭ ގޮތާ ބެހޭގޮތުން ބޭނުންތެރި ޢިލުމީ ޚިޔާލުތަކެއް ފޯރުކޮށްދިން ފޮތަކަށެވެ. ފޮތުގައި ޖުމުލަ ގޮތެއްގައި ބަލައިލެވިފައިވަނީ، ދަރިވަރުންގެ އުނގެނުން ވަޒަންކުރާއިރު ހަމައެކަނި މާކުހަށް ނުވަތަ ނަތީޖާއަށް ބެލުމުގެ ސަބަބުން ދަރިވަރުންގެ އުންގެނުން ކުރިއަރުވައި ތަރައްގީކުރުމަށް އެހީތެރި ނުވެވޭ ވާހަކައެވެ. މިކަމާ ގުޅޭގޮތުން މި ލިޔުންތެރިން ތިން ސުވާލެއް ހުށަހަޅުއްވާއި އެ ސުވާލުތަކާ ބެހޭ ގޮތުން ބަހުސްކުރައްވާފައިވެއެވެ. އެއީ،

  1. ފޯމެޓިވް އެސެސްމަންޓް (ބަދަލުގެނައުމަށް ވަޒަންކުރުން) ގެ މަސައްކަތް މިހާރު ރާވާ ގޮތުން ދަރިވަރުންގެ އުނގެނުން ކުރި އެރުވޭ ހެއްޔެވެ؟
  2. ފޯމެޓްވި އެސެސްމަންޓްގެ ތެރެއިން ދަރިވަރުންނަށް އިތުރަށް ކަންކަން ރަނގަޅު ކުރުމަށް ޖާގަ/ވަގުތު ދެވޭ ހެއްޔެވެ؟
  3. ފޯމެޓްވި އެސެސްމަންޓްގެ ތެރެއިން ދަރިވަރުންގެ މަސައްކަތް އިތުރަށް ރަނގަޅު ކުރާނެ ގޮތް ދަރިވަރުންނަށް އަންގައި ދެވޭ ހެއްޔެވެ؟

މިތިން ސުވާލަކީ ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ކޮންމެ މުދައްރިސަކު ވެސް ވިސްނެވުން މުހިންމު ސުވާލުތަކެކެވެ. ޙަޤީޤަތުގައި ކިޔަވައިދެނީ ކޮން ބޭނުމަކު، ކީއްކުރަން ހެއްޔެވެ؟ އޭގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ޝައްކެއްވެސްނެތް ގޮތުގައި އެއީ ދަރިވަރުގެ ކުރިއެރުމާއި ތަރައްގީއަށް ޓަކައި މަގުފަހިކޮށްދިނުމަށް ޓަކައެވެ. ހުނަރުތައް ދަސްކޮށް ދޭށެވެ. ގާބިލު ފަރުދެއް ތައްޔާރު ކުރާށެވެ. އެހެން ކަމަށްވާނަމަ ދަރިވަރު އުނގެނޭ ބައިތައް އެނގެމުން ދަނީ ކިހާ މިންވަރަކަށްތޯ ބަލައި، އެކަން ރަނގަޅު ކުރުމަށް ޖާގައާއި ވަގުތު ދީ، އަދި ކަންކަން ރަނގަޅު ކުރަންވީ ގޮތާއި އިތުރަށް ކުރިއަރުވަން ކުރަން ވީ މަސައްކަތް ދަރިވަރަށް ސީދާ އެނގެންޖެހެއެވެ. ކިޔަވައިދީ ނިންމާފައި އެއިން އިމްތިހާނެއް ހެދުމަކުން މިކަން ހާޞިލެއް ނުވެއެވެ. މާނައަކީ ވަޒަންކުރަނީ ހަމައެކަނި ދަރިވަރަށް ހާސިލުވި މިންވަރު ބަލައި ރިޕޯޓް ކުރުމުގެ މަޤުޞަދުގައި ކަމަށް ވާނަމަ، އެއަށްފަހު އިތުރަށް ކުރަން ޖެހޭ ކަމަކަމާ މެދު ވިސްނާކަށް މުދައްރިސަށް މަޖުބޫރެއް ނުވެއެވެ. ބްލެކް އަދި ވިލިޔަމްގެ މައިގަނޑު ބަހުސަކީ މިއީއެވެ. މި ބީދައިން ޚިޔާލުތައް ލިޔުއްވަމުން މި ލިޔުންތެރިން ހާމަކުރައްވާފައިވަނީ، ކިޔަވައިދިނުމުގެ ދާއިރާގައި އާންމުކޮށް ބޭނުން ކުރެވޭ ވަޒަންކުރުމުގެ އުޞޫލުތައް ބިނާވެފައި އޮންނަނީ ދަރިވަރަށް ހާސިލުވާ ނަތީޖާއަކަށް ނުވަތަ މާކުހަކަށެވެ. މަދު ފަހަރެއްގައި ނޫނީ އެ މާކްސް ރަނގަޅު ކުރުމަށް ދަރިވަރުންނަށް ފުރުޞަތެއް ނުދެވެއެވެ. މުދައްރިސުންގެ މި ވިސްނުން ބަދަލުކޮށް ކިޔަވައިދިނުން ރާވަން ޖެހޭނީ އިމްތިހާނުކޮށް ނަތީޖާ/ސްކޯރ ބެލުމުގެ ބަދަލުގައި ވަޒަންކޮށް އުނގެނުން ކުރިއެރުވުމަށް ކަމަށް މި ޢިލުމުވެރިން އިލްތިމާސް ކުރައްވައެވެ. ޚުލާޞާ ގޮތެއްގައި ބަލައިލާއިރު، ބްލެކް އަދި ވިލިއަމް (1998)ގެ ފޮތުގެ މައިގަނޑު މެސެޖަކީ ވަޒަންކުރުމަކީ ކިޔަވައިދިނުން ރޭވުމަށާއި އަދި ދަރިވަރުގެ އުނގެނުން އިތުރަށް ކުރިއެރުވުމަށް ކަންކަން ކުރަންވީ ގޮތް ހޯދައި ބަލައި މޮނިޓަރކުރުމަށް ކުރެވޭ މަސައްކަތަކަށް ހެދުމެވެ. މި ފޮތުގައި ބަޔާންކުރައްވާފައިވާ ތަފާތު ކަންކަމަށް ރިޢާޔަތްކޮށް، ސްކޫލުތަކުގައި ދަރިވަރުންނަށް ހަވާލު ކުރެވޭ ތަފާތު މަސައްކަތްތަކާ ގުޅޭ ގޮތުން ކުރެވެމުން ދިޔަ ދިރާސާތައް އިތުރުވިއެވެ (ސިބަޓޭން، 1998؛ ބިގްސް، 1998؛ ސޭޑްލަރ، 1998؛ ހެއިޓީ އަދި ޖެއިގަރ، 1998). މިއިން ކޮންމެ ދިރާސާއަކުން ވެސް ހާމަވެފައިވަނީ އުނގެނުމަށް ފަހި ވަޒަންކުރުމަކީ، ދަރިވަރުންގެ ކުރިއެރުން ހުރިހާ ދާއިރާއަކުން (މަޢުލޫމާތު، ހުނަރު، ސިފަ) ބެލެމުންދާ އަދި ދަރިވަރުގެ ޖުމުލަ ތަރައްޤީއަށް ބޭނުންތެރި ކަމެއްގެ ގޮތުގައެވެ. މި ދިރާސާވެރިންގެ އިތުރުން، އާރލް ލޯރނާ (2003) ގެ ފޮތް 'އެސެސްމަންޓް އޭސް ލާރނިން (އުނގެނެމާ އެކުގައި ވަޒަންކުރުން) ހިމެނުނީ އުނގެނުމަށް ފަހި ވަޒަންކުރުމުގެ މަސައްކަތަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނުވި ޚިޔާލުތަކަކަށެވެ. ޚާއްޞަކޮށް އޭނާގެ ފޮތުގައި ހުށަހަޅުއްވާފައިވާ ތިން ބަޔަށް ބަހައިލެވިފައިވާ ޕިރަމިޑްގެ ބައްޓަމަކީ، ފެންވަރު ވަޒަންކުރުމަށް ބަދަލު ގެންނަންވީ ގޮތުގެ ސިފަކުރުމެކެވެ. އެއީ ކުރީގެ ޓްރެޑިޝަނަލް (ގަދީމީ) ވަޒަން ކުރުމުގެ ގޮތްތައް ބޭނުންކުރަމުން އައި ގޮތާއި، 21 ވަނަ ގަރުނުގެ ކިޔަވައިދިނުމުގައި ވަޒަން ކުރުމުގެ މަސައްކަތަށް ގެންނަން ޖެހޭ ބަދަލު ދައްކުވައިދޭ ހޫލައެކެވެ (ހޫލަ1). އެ ހޫލަ ތިރީގައި ދެވިފައި އެވަނީއެވެ. ހޫލައިގެ ތަފުސީލުގައި އާރލ ލޯރނާ ލިޔުއްވާ ގޮތުގައި، ކުރިން ކިޔަވައިދިނުމުގެ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއްދެވެނީ އެސެސްމަންޓް އޮފް ލާރނިން/އުނގެނުމަށް ފަހު ވަޒަންކުރުމުގެ މަސައްކަތަށެވެ. އެގޮތުން، އެންމެ ބޮޑު ޖާގަ ޕިރަމިޑްގައި ކުރިން ދެވިފައިވަނީ އުނގެނުމަށް ފަހު ވަޒަންކުރުމަށް ނުވަތަ އެސެސްމަންޓް އޮފް ލާރނިންއަށެވެ. އެއާއި ޚިލާފަށް، މިހާރުގެ ކިޔަވައިދިނުމުގައި އެންމެ ބޮޑު ޖާގައެއް ދެވެން ޖެހޭނީ އެސެސްމަންޓް ފޯރ ލާރނިން/އުގެނުމަށް ފަހި ވަޒަންކުރުމާއި އަދި އެސެސްމަންޓް އޭސް ލާރނިން/އުނގެނުމާ އެކުގައި ވަޒަން ކުރުމަށް ކަމުގައި އިޝާރާތްކުރައްވާފައިވެއެވެ.

ހޫލަ1. ވަޒަން ކުރުމުގެ މަސައްކަތުގެ އޭރާއި މިހާރު

އުނގެނުމަށް ފަހި ވަޒަންކުރުމުން ދަރިވަރުންނަށް ލިބިދޭ ފައިދާތައް ނުހަނު ގިނަގުނައެވެ. މިގޮތުން ދިރާސާވެރިން ހާމަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި އެ ކުދިންގެ އުނގެނުން ކުރިއަރައި، އުނގެނުމުގެ ގާބިލުކަން އިތުރުވެ، ނަފުސުގެ އިތުބާރު ބޮޑުވެ، އަމިއްލައަށް ކަންކުރުމުގެ މިނިވަން ވިސްނުން ތަރައްޤީވެ، މުޅި ކިޔަވައިދިނުމުގެ މާހައުލު ދަރިވަރުންގެ ބައިވެރިވުމާ ގުޅި ލާމެހިގެންދިޔުން ފަދަ ފައިދާތައް ހިމެނެއެވެ (ސިބަޓޭން، 1998؛ ބިގްސް، 1998؛ ސޭޑްލަރ، 1998؛ ހެއިޓީ އަދި ޖެއިގަރ،1998؛ ހެއިޓީ އަދި ޖެއިގަރ، 1998؛ ހެޓީ، 2008؛ ހެޓީ އަދި ޓިމްޕަރލީ، 2007).

އިސްވެ ބަޔާންކުރެވުނު ލިޔުންތަކާއި ބަހުސްތަކާއި ދިރާސާތަކާއެކު، ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ކިޔަވައިދިނުމުގައި އުނގެނުން ވަޒަން ކުރާގޮތަށް ނުހަނު ހަލުއިކަމާ އެކު ބަދަލުތައް ގެނެވުނެވެ. އެއަށްފަހު ވަޒަންކުރެވޭ ގޮތްތަކާ ބެހޭގޮތުން އެ ގައުމުތަކުގައި ދިރާސާތައް ހަދައި އޭގެ ހެޔޮ ނަތީޖާތައް ފެންނަން ފެށިއެވެ. ނަމަވެސް، މިކަމަކީ، ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި އާންމު ކަމަކަށް ވިޔަސް އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކުގެ މުދައްރިސުން އަދިވެސް އުނގެނުމަށް ފަހި ވަޒަންކުރުމާ ވަރަށް ބީރައްޓެއްސެވެ. މީގެ އެއްސަބަބކީ، ކިޔަވައިދިނުމުގެ ނިޒާމުގައި ހެދޭ ދިރާސަތަކާއި އޭގެ ނަތީޖާއަށް ބަލައިގެން ކިޔަވައިދިނުމުގެ މަސައްކަތަށް ބަދަލު ގެނެވޭ މިންވަރު މަދުވުމެވެ. އެހެންކަމުން، އުނގެނުމަށް ފަހި ވަޒަންކުރުމުގެ މަސައްކަތަށް މުދައްރިސުން އަހުލުވެރި ވާން ވީ މިންވަރާ ގާތަކަށް ވެސް އަހުލުވެރިނުވާކަން ތަޢުލީމީ ދާއިރާއާ ގުޅޭ ލިޔުންތަކުން ފާހަގަވެއެވެ.

އެސެސްމަންޓް ފޯރ ލާރނިން/ އުނގެނުމަށް ފަހި ވަޒަންކުރުމަކީ ކޮބާ؟

Assessment For Learning / އުނގެނުމަށް ފަހި ވަޒަންކުރުން، މި މަފުހޫމު ތަޢާރަފުވީ Formative assessment (ބަދަލުގެނައުމަށް ވަޒަންކުރުން) ގެ ތެރެއިންނެވެ. ބައެއް ޢިލުމުވެރިން ލިޔުއްވާގޮތުގައި އުނގެނުމުގެ ދާއިރާގައި މި ދެ މަހުފޫމުގެ ނަން ތަފާތުވި ނަމަވެސް ބޭނުން ކުރެވެނީ އެއް މާނައެއްގައެވެ (ސިބަޓޭން، 1998؛ ބިގްސް، 1998؛ ސޭޑްލަރ، 1998؛ ހެއިޓީ އަދި ޖެއިގަރ، 1998). ފޯމެޓިވް އެސެސްމަންޓްގެ މާނައަކީ އުނގެނުމަށް ބަދަލު ގެނެވޭފަދަ ގޮތްގޮތަށް ވަޒަންކުރުން ރޭވުމެވެ.  ނަމަވެސް އެސެސްމަންޓް ފޯރ ލާރނިން މި މަފުހޫމު ތަޢާރަފުވުމަށް ފަހު ވަޒަންކުރުމުގެ މަސައްކަތް ކުރެވޭގޮތަށް ވަރަށް ބޮޑު ބަދަލުތަކެއް އައެވެ.  މި ކޮންސެޕްޓް/މަފްހޫމުގެ މައިގަނޑު މަޤުޞަދު ގުޅިފައިވަނީ ދާއިމީގޮތެއްގައި އަބަދު ދެމިގެންދާ ފަދަ ގޮތަކަށް ދަރަވަރަށް އެނގެންޖެހޭ މަޢުލޫމާތު/ބައިތައް، ތަރައްޤީ ކުރަންޖެހޭ ހުނަރުތައް/ގާބިލިއްޔަތުތައް، ދަރިވަރުގެ ކިބައިގައި ހަރުލައްވަން ޖެހޭ ސިފަތައް، ފަދަ ހުރިހާ ކަމެއް ކުރިއަރަމުން ދާ މިންވަރާއި ފެންވަރު ވަޒަންކުރުމާއެވެ. މާނައަކީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން ހާމަވާ ނަތީޖާގެ މައްޗަށް ބިނާކޮށްގެން އެ ކުދިންނަށް އިތުރު އެހީ ބޭނުންވާ ދާއިރާތައް ދެނެގަނެ، ކިޔަވައިދިނުން ރޭވޭ ގޮތް ބަދަލުކޮށް ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރުމެވެ. ވަކިން ޚާއްޞަގޮތެއްގައި، ދަރިވަރުންގެ އުނގެނުން ފަހިވާނެ ގޮތެއްގެ މަތިން އެ ދަރިވަރުންނަށް މަޢުލޫމާތު ދެވި ރަނގަޅު ކުރަންވީ ކަންކަން ކިޔައިދެވި، ހަދަންވީ ގޮތްތައް ބެނެދިނުމުގެ ތެރެއިން ދަރިވަރުންގެ ޖުމުލަ ތަރައްޤީއަށް ސަމާލުވެގެން މުދައްރިސުންގެ ކިޔަވައިދިނުން ރޭވުމެވެ. މިގޮތަށް ކިޔަވައިދިނުން ރޭވުމުގައި ބަލަންވީ އެންމެ މުހިންމު ކަމަކީ، 'ކްލޯސް ދަ ގެޕް' ނުވަތަ މަންހަޖުގައި ކަނޑައަޅާފައިވާ ހާސިލުވާންވީ މިންވަރަށް ބަލައި ދަރިވަރު ހުރީ ކިހާ ހިސާބެއްގައިކަން ދެނެގަތުމާ އެކު ކަނޑައެޅިފައިވާ މިންވަރާއި ހުރި ހިސާބާއި ދެމެދު އޮތް ދުރުމިން ގާތްކުރުމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ހާޞިލުކުރަން ބޭނުންވާ މިންވަރަށް ދަރިވަރު ކުރިއަރުވަން މަސައްކަތް ކުރުމެވެ. ތިރީގައި ދެވިފައިވާ ހޫލަ 2 ގައި ދައްކާފައި އެވަނީ މިގޮތުން މުދައްރިސުގެ ވިސްނުން ގެންގުޅެންވީ ގޮތެވެ. ކިޔަވައިދިނުން ރާވާއިރު، ދަރިވަރު ހުރި ހިސާބާއި ހާސިލުވާން ޖެހޭ މިންގަޑާ ދެމެދުގެ ދުރުމިން ދެނެގަންނަން ޖެހެއެވެ. އެއަށްފަހު އެ ދެމެދުގެ ދުރުމިން ގާތް ކުރަން މަސައްކަތް ކުރަން ޖެހެނީ ކިޔަވައިދިނުމުގެ ތެރެއިންނެވެ.


ހޫލަ 2. ކަނޑައެޅި މަގުސަދާއި ދަރިވަރުގެ އުނގެނުން ހުރި ހިސާބު ދެނެގަތުން

މިގޮތަށް ކިޔަވައިދިނުން ރާވާއިރު އަމިއްލައަށް އަދި މިނިވަންކަމާ އެކު މަސައްކަތްކުރުމަށް ޓަކައި، ދަރިވަރަށް ބޮޑު ރޯލެއް ދެވެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ، މިއީ ދަރިވަރު އަމިއްލައަށް އެނގެމުންދާ މިންވަރު ފާހަގަ ކުރެވޭ ގޮތަށް ކިޔަވައިދިނުން ރޭވުމެވެ. މިކަން އެދެވޭ ގޮތުގައި ކުރުމަށް މިޒަމާނުގެ ކިޔަވައިދިނުމުގައި ބޭނުން ކުރެވޭ އެއް އުކުޅަކީ، 'ވިޒިބަލް ލާރނިން'/ހާމަކޮށްކޮށް(ފެނިގެން) އުނގެނުން' މި މަފުހޫމުގައި ވާގޮތަށެވެ. 'ވިޒިބަލް ލާރނިން' އަކީ ޖޯން ހެޓީ (2008) ތަޢާރަފު ކުރައްވާފައިވާ މަފުހޫމެކެވެ. މިއީ ކިޔަވައިދިނުމުގައި އުނގެނުމަށް ފަހި ވަޒަންކުރުން ބޭނުން ކުރުމަށް ކޮންމެހެން ބޭނުންތެރި އުކުޅެކެވެ. މިއުކުޅު ބޭނުންކުރާއިރު، ދަރިވަރުން އަމިއްލައަށް އެނގެމުންދާ މިންވަރު ވަޒަން ކުރެވި މުދައްރިސަށް އެކަން ބެލޭ ފަދަ ގޮތަކަށް ކުލާހުގެ ކަންކަން ރާވައެވެ. މިގޮތުން ދަރިވަރުންގެ ފަރާތުން ފެންނަ ކަންކަމުން، ބުނާބަސްތަކުން، ދައްކާ ހަރަކާތަކުން އެ ކުދިންގެ އުނގެނުން ހުރި ހިސާބު ހާމަވާނޭހެން ކަންކަން ހިމަނައިގެން ކިޔަވައިދިނުން ފަރުމާ ކުރެވެއެވެ.

ވިޒިބަލް ލާރނިން ޢަމަލީ ގޮތެއްގައި ތަންފީޒުކުރާއިރު، ކިޔަވައިދޭން ފެށުމުގެ ކުރިން އުނގެނެން އުޅޭ ބައިތަކާއި، ދާންޖެހޭ ޓާރގެޓް/ހާސިލުކުރަން ޖެހޭ މަޤުޞަދު އޮންނަން ޖެހޭނީ ދަރިވަރުންނާ އެކު މަޝްވަރާކުރެވި ވާހަކަ ދެކެވިފައެވެ. މީގެ މާނައަކީ ދަރިވަރު އަމިއްލައަށް ވެސް އޭނާ ހުރި ހިސާބު، ނުވަތަ ހާސިލުވާންޖެހޭ މިންގަނޑުން ބަލާއިރު އޭނާ ހުރީ ކިހާ ހިސާބެއްގައިކަން ފާހަގަކުރެވޭ ގޮތަށް ކިޔަވައިދިނުން ރޭވުމަށް ސަމާލުކަން ދިނުމެވެ. އެހެނީ ކިޔަވައިދެމުންދާއިރު، "ހީވަނީ މިހާރު އެނގޭހެން، ކުޑަކޮށް އޮޅުން އަރާ، އެހެންމީހަކަށް ވެސް ކިޔާދެވިދާނެ" މިފަދަ އިބާރާތްތައް ލިޔެފައިވާ ކާޑުތައް ދަރިވަރުންނާ ހިއްސާކޮށް ކުލާހުގައި ބޭނުން ކުރެވިދާނެއެވެ. މިނޫނަސް، ތަފާތު ވައްތަރުގެ އައިކަންތައް (ރަމުޒީ ނިޝާންތައް) ވެސް ބޭނުން ކުރެވެއެވެ. ތިރީގައި ދެވިފައި އެވަނީ ބައެއް ކުލާސްތަކުގައި ދަރިވަރުންނާ ހަވާލު ކުރަން ގެންގުޅޭ (ޓްރެފިކްލައިޓްގެ ނިޝާނުގެ ކުލަތަކުން ތައްޔާރު ކުރެވިފައިވާ) އައިކަންތަކުގެ މިސާލެކެވެ. މިއީ ކިޔަވައިދޭއިރު ބޭނުން ކުރާ ވިޒިބަލް ލާރނިންގެ ވަރަށް އާދައިގެ ދެ މިސާލެކެވެ. މި ނޫނަސް ވިޒިބަލް ލާރނިން ބޭނުންކޮށްގެން މުދައްރިސުން ވަރަށް ގިނަ ގޮތްގޮތަށް ފިލާވަޅުގެ ތެރޭގައި އެކި ބާވަތުގެ ކަންކަން ބޭނުންކުރެއެވެ. އެފަދަ އެހެން މިސާލެއް ތަފުސީލާއެކު ތިރީގައި މިވާ ވީޑިއޯއިން ބައްލަވައިލައްވާށެވެ


ހޫލަ 3. ދަރިވަރުގެ އުނގެނުން ހުރި ހިސާބު ދެނެގަތުމަށް ވިޒިބަލް ލާރނިންގައި ބޭނުންކުރާ ބައެއް ނިޝާންތައް

 

އުނގެނުމަށް ފަހި ވަޒަންކުރުން ކުލާހުގައި ގެންދާނީ ކިހިނެއް؟

އުނގެނުމަށް ފަހި ވަޒަންކުރުން ކުލާހުގައި ރާވާއިރު މުދައްރިސުންނަށް ސަމާލުވެވިދާނެ 5 ކަމެއް މިތަނުގައި ހިމަނައިލާނަމެވެ. މި ފަސް ކަމަކީ ވެސް އެކުއެކީ ލާމެހިގެން ކުރެވޭ ކަންތައްތަކެކެވެ. ކޮންމެ ކަމެއް ވަކިން ގެންދިޔުމުން އުނގެނުމަށް ފަހި ވަޒަންކުރުން އެންމެ ރަގަޅަށް ކުލާހުގައި ގެންދަން ދަތިވާނެއެވެ. މާނައަކީ އުނގަންނައިދިނުމުގެ ތަފާތު ހަރަކާތްތައް ރާވާއިރު ހުރިހާ ކަމަކަށް ވެސް މުދައްރިސުން ބަލަން ޖެހޭނެކަމެވެ.

  1. ސުވާލުކުރުން: އުނގެނުމަށް ފަހު ވަޒަންކުރުމެއް ގެންދާއިރު ދަރިވަރުންނާ ސުވާލުކުރެވޭ ގޮތް، ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ސަބަބަކީ އުނގެނުމަށް ފަހިވާ ގޮތަށް ވަޒަންކުރާނަމަ ދަރިވަރު ހުރި ހިސާބު މުދައްރިސަށް އަންދާޒާ ކުރެވެން ޖެހޭނެއެވެ. އިތުރަށް ކިޔާދޭންވާ ބައިތަކާއި އެހީތެރިވެދޭނެ ގޮތް ކަނޑައެޅެނީ ސުވާލު ކުރުމުގެ ތެރެއިން ފާހަގަވާ ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
  2. ފީޑްބެކްދިނުން: އުނގެނުމަށް ފަހި ވަޒަންކުރުމުގެ އެންމެ މައިގަނޑު މަސައްކަތަކީ ދަރިވަރަށް ދެވޭ ފީޑްބެކްއެވެ. އެ ފީޑްބެކް ހުންނަންވާނީ، ދަރިވަރަށް އެނގެންޖެހޭ ބައިތައް އިތުރަށް ކުރިއެރުވުމަށާއި، ރަނގަޅު ކުރަންޖެހޭ ވަކި ޚާއްޞަކަންކަމަށް ވަރަށް ބޮޑަށް އަމާޒުކުރެވިފައެވެ. މާނައަކީ، ފީޑްބެކް ދޭއިރު 'އަދި މިއޮތީ އެހާ ރަނގަޅަކަށް ނޫން' މިފަދަ ގޮތަކަށް ފީޑްބެކް ދިނުމުން ރަނގަޅު ކުރަންވީ ކަމެއް ދަރިވަރަށް ނޭނގޭނެއެވެ. އެއާއި ޚިލާފަށް، ކުރަންވީކަމެއް، ރަނގަޅުކުރެވޭނެ ގޮތެއް، ހަދަންވީ ގޮތެއް، ކިޔަންވީ އެއްޗެއް، ބަދަލުކުރަންވީ ކަމެއް، މިފަދަ ކަންކަމަށް އަމާޒުކޮށްގެން ފީޑްބެކްދިނުން ވަރަށް މުހިންމެވެ. ފީޑްބެކް ދިނުމާ ބެހޭގޮތުން އަދި އޭގެ ބައެއް އުކުޅުތަކާއި ބެހޭގޮތުން އަޅުގަނޑުގެ އެހެން ކޮލަމެއްގައި ލިޔަން ގަސްދުކުރާ ވާހަކަ ދަންނަވަމުން މިހިސާބުން މިބައި ކުރުކޮށްލާނެމެވެ.
  3. މަސައްކަތް އޮންނަންވާ ގޮތް/ހާސިލުވާން ޖެހޭ މަޤުޞަދު ސާފުކޮށް ދަރިވަރަށް އެނގެން އޮތުން: މީގެ އެންމެ ބޮޑު ބޭނުމަކީ ތިމާއަށް އެނގިއްޖެކަން ދަރަވަރަށް ޔަގީންވެ އެކަން ކަށަވަރު ކުރަން ފުރުޞަތު ދިނުމެވެ. މިސާލަކަށް، ދިވެހި ކިޔަވައިދޭ ފިލާވަޅެއްގައި މައިގަނޑު މަޤުޞަދަކީ ޢިބާރާތްތައް ގުޅިގެންދާ ގޮތަށް ވާހަކައެއްގެ ފެށުން ލިޔުން ކަމަށްވާނަމަ، ރަނގަޅަށް ލިޔެވިފައި ހުންނަ ވާހަކަތަކުގެ ފެށުމުން ފާހަގަ ކުރެވޭ މުހިންމު ސިފަތަކާއި، ގޮތްތައް، ބޭނުންކޮށްފައި ހުންނަ ޢިބާރާތްތަކާއި ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަން މިސާލާ އެކު ދައްކައިދޭން ޖެހޭނެއެވެ. އަދި ހަމައެހެންމެ ވާހަކައެއްގެ ފެށުމުގައި ހުރެގެން ނުވާނެ ކަންތައްތަކާއި، ކޮންމެހެން ހިމަނަންޖެހޭ ބައިތަކާއި ކަންކަން ވެސް ދަރިވަރާ އެކު މަޝްވަރާ ކުރެވޭންޖެހޭނެއެވެ. މިއާއެކު ދަރިވަރުން ލައްވާ ރުބުރިކްތައް ބޭނުންކޮށްގެން ވާހަކަތައް މާކުކުރުވައި ވަޒަންކުރުވުމަކީ ވެސް މިފަދަ ލިޔުންތައް ހުންނަ ގޮތުގެ ތަޞައްވަރު ދަރިވަރުންނަށް އަންގައިދެވޭނެ ކަމެކެވެ. ޚުލާޞާކޮށް ދަންނަވާނަމަ، ވާހަކައިގެ ފެށުން ކިޔަވައިދިނުމަށް ޓަކައި، ވާހަކައިގެ ފެށުމެއް ރަނގަޅަށް ލިޔާނެ ގޮތުގެ ނަމޫނާ/ގައިޑެއް ދަރިވަރުންނާ ހިއްސާކުރެވެފައި އޮންނަންވާނެއެވެ.
  4. ދަރިވަރުންގެ އަމިއްލަ ވަޒަންކުރުން: އިސްވެ ދެންނެވުނު ނުކުތާތަކުގައިވާ ފަދައިން، ދަރިވަރަށް އެނގެންޖެހޭ މިންވަރާއި އޭނައަށް އެނގެމުންދާ މިންވަރު އަމިއްލައަށް ބެލޭފަދަ ގޮތްތަކެއް އޮންނަން ޖެހޭނީ ރޭވިފައެވެ. މިކަމަކީ މުދައްރިސުން ފިލާވަޅުގެ ތެރޭގައި ރާވާ އެކްޓިވިޓީތަކުގައާއި، ދަރިވަރުންނާ އެކު ބޭއްވޭ މަޝްވަރާތަކުގައި ވެސް ޚާއްޞަކޮށް ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ. އެނގިއްޖެކަން ޔަގީން ކުރާނީ މުދައްރިސަށް ވުރެ ބޮޑަށް ދަރިވަރު އަމިއްލައަށެވެ. އެކަމަށް އެހީތެރިވާނީ މުދައްރިސް ކުލާހުގައި ރާވާ ކަންކަމުގެ ތެރެއިންނެވެ. މިކަމަށް އެހީތެރިވެދޭ ކަންކަމުގެ ތެރޭގައި، ޕިއަރ އެސެސްމަންޓް/އެކަކު އަނެކަކުގެ މަސައްކަތް ވަޒަންކުރުމާއި ސެލްފް އެސެސްމަންޓް/އަމިއްލައަށް ވަޒަންކުރުން، މި ދެ ގޮތް ވެސް ބޭނުންކުރެއެވެ. ޚާއްޞަކޮށް މިކަމަށް ބޭނުންކުރެވޭ އެކައްޗަކީ ރުބުރިކް، ޖަވާބު ގައިޑު ނުވަތަ ފުރިހަމަ މަސައްކަތްތަކުގެ ނަމޫނާތައް ފަދަ ތަކެއްޗެވެ.
  5. ސަމޭޓްވް އެސެސްމަންޓް/އިޖުމާލީ ގޮތެއްގައި ނުވަތަ ޖުމުލަކޮށް އުނގެނުން ވަޒަންކުރުން: މިއީ ކުލާސްރޫމުގައި ވަރަށް އާންމުކޮށް ކުރެވޭ ކަމެވެ. އިމްތިހާނު، ޔުނިޓް ޓެސްޓް، ކުއިޒު ފަދަ ވަރަށް ގިނަ އުނގެނުމަށް ފަހު ވަޒަންކުރުމުގެ ބާވަތްތައް ކުލާހުގައި ދެވެއެވެ. ބައެއްފަހަރު މިފަދަ މަސައްކަތްތަކުން ހާމަވާ ނަތީޖާއަށް ބަލައިފައި ދަރިވަރުގެ އުނގެނުން ރަނގަޅު ކުރަންޖެހޭ ދާއިރާތައް ކަނޑައެޅެއެވެ. މިސާލަކަށް، މޮކް އެގްޒާމެއް ދީފައި އާންމުކޮށް ދަރިވަރަށް އޮޅުން އަރާ ބައިތައް ދެނެގަނެ، އެ ބައިތަކުން އިތުރަށް ޓިޔުޓޯރިއަލް ރާވައިދީ، އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

އިސްވެދިޔަ ފަސް ކަމަކީ އުނގެނުމަށް ފަހިވާ ގޮތަށް ވަޒަންކުރުން ރާވާނަމަ ކިޔަވައިދިނުމުގައި ސަމާލުވާން ޖެހޭ ކަންކަމެވެ. މިކަން ހިމެނޭގޮތަށް ކުލާހެއްގެ ޢަމަލީ މަސައްކަތް ރާވާލެވިފައިވާ ގޮތުގެ މިސާލެއް މި ވީޑިއޯ ކުލިޕްގައި ވާނެއެވެ. ދެވިފައިވާ މިސާލުގައި، މުދައްރިސް ފިލާވަޅު ފަށާ ގޮތާއި، ސުވާލުކުރާ ގޮތާއި، ދަރިވަރުންނަށް އިޖާބަދޭ ގޮތާއި، މަސައްކަތް ހަވާލުކުރާއިރު ދޭ އިރުޝާދާއި، ކުރަންވާ ކަންތައް ދަރިވަރުންނަށް ޔަގީންކޮށްދިނުމުގައި މުދައްރިސް ބޭނުންކުރާ ގޮތްތައް މި ވީޑިއޯ ކުލިޕްގައި ހިމެނިފައިވާނެއެވެ. އެހެންކަމުން ވީޑިއޯ ކުލިޕްއިން މި ކޮލަމުގައި ބަޔާންކުރެވުނު ތަފާތު ކަންކަން އިތުރަށް އޮޅުންފިލާނެއެވެ.

މިފަހަރުގެ ވާހަކަ ކޮޅަކީ ވެސް ކިޔަވައިދިނުމުގައި ބޭނުންތެރި މަޢުލޫމާތުތަކެއް ހިމަނާލެވުނު ވާހަކަކޮޅެއް ކަމަށް އުއްމީދު ކުރަމެވެ. މި ކޮލަމުގައި ހިމަނާ ގިނަ މަޢުލޫމާތުތަކަކީ ތިޔަ މުދައްރިސުންނަށް ކުރިން ވެސް އެނގިވަޑައިގަންނަވާނެ މަޢުލޫމާތުތަކަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ، އެނގިވަޑައިގަންނަވާ މަޢުލޫމާތާ ގުޅޭ ލިޔުމެއް އަލުން ވިދާޅުވެ، ކުލާހުގައި ކަންކަން ކުރެއްވޭ ގޮތާމެދު ރިފްލެކްޓް/ރިވެލިކޮށްލެއްވުމަށް ލިބިވަޑައިގަންނަވާނެ ފުރުސަތެއް ކަމަށް ބައްލަވާށެވެ. އެއްވެސް ހާލެއްގައި އަޅުގަނޑުގެ މަޤުޞަަދަކީ، އާ މަޢުލޫމާތަކެއް ތަޢާރަފު ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އާންމު ކުލާހެއްގައި ބޭނުންކުރެވިދާނެ، ކިޔަވައިދިނުމުގެ ތަފާތު އުކުޅުތަކާއި، ގޮތްތައް ތާޒާކޮށް، އަލުން އެ ކަންކަމާމެދު ވިސްނާލުމުގެ ފުރުސަތު މުދައްރިސުންނަށް ފަހިކޮށްދިނުމެވެ. މިގޮތުން، މިކޮލުމުގައި ހިމެނޭ ކޮންމެ ވާހަކަކޮޅަކީ ވެސް ކިޔަވައިދިނުމާ ގުޅޭ މަޢުލޫމާތާއި ހުނަރު ސިކުނޑީގައި ތާޒާކޮށްލަން ލިބޭ ވަގުތުކޮޅަކަށް ވާނެކަމުގެ އުއްމީދުގައި މިއަދުގެ ކޮލަމް ނިންމާލަމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

10 ޚިޔާލު

  1. ވަރަށް ކިޔާލާ ހިތުން ކިޔާލެވުނު ލިޔުމެއް. މިގޮތަށް ޢަމަލު ކުރުމަށް ހުރި ގޮންޖެހުންތައް ހުރަސް ކުރުމަށް މުދައްރިސުންގެ އިތުރުން ޢިލްމީ ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންވާނެ. ޝުކުރިއްޔާ، ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް

  2. ވަރަށް ބޮޑަށް ޝުކުރިއްޔާ! އިތުރަށް ލިޔުން ރަގަޅު މުދައްރިސުންނަށް ބޭނުންތެރި އަދި މުހިއްމު ބައެއް މައުޟޫޢުތަކާ ގުޅޭގޮތުން ޚިޔާލު ދެއްވުން އެދެން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.