ޅ. ނައިފަރުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިކަމާ ބެހޭގޮތުން ނައިފަރު ކައުންސިލްގެ މެމްބަރު ވިދާދު ޢަބްދުﷲ ވިދާޅުވީ އެފަދަ މައްސަލައެއް އެރަށުގައި ހިނގާފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށާއި ޖެންޑަރ މިނިސްޓްރީން ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ބެހޭ ގޮތުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށެވެ. އެމައްސަލަ ރައްދުވާ ކުއްޖާ މީހާރުވަނީ ރައްކާތެރި މާޙައުލެއްގައިކަން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްފައި ކަމަށް ޖެންޑާއިން ވިދާޅުވިއެވެ. އެކުއްޖާ މިހާރުހުރީ އޭނާގެ މަންމަގެ ގާތުގައެވެ.
މި މައްސަލައާ ބެހޭގޮތުން ކުއްޖާގެ މަންމަ ބުނީ އެ ހާދިސާ ހިނގާފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެކަން އެނގުނީ ޖެހިގެންއައި ދުވަހު ކަމަށާއި އެކަން އެނގުމާއެކު ފުލުންނަށާއި ޖެންޑަރ މިނިސްޓްރީއަށް މައްސަލަ ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް އަދާ ހަމައަށް ވެސް އެޅި ފިޔަވަޅެއްނެތް ކަމަށެވެ. "ދަރިފުޅުގެ ފޯނު ގެންދިޔަ ފުލުހުން. އަދި ދަރިފުޅަށް ގޯނާކުރި މީހާގެ ފޯނު ވެސް އަތުލިކަމަށް ކިޔާއަޑު އިވޭ. އިތުރު އެއްވެސް ފިޔަވަޅެއް އަދިއެއްނާޅާ. އެމީހާ އެހުރީ މުޖުތަމައުތެރޭގައި މިނިވަންކަމާއެކު،" ކުއްޖާގެ މަންމަ ބުންޏެވެ.
އަށާރަ އަހަރު ނުފުރޭ ކުއްޖާއާ ބެހިގެން އުޅެނީ ނުފޫޒުގަދަ އެރަށުގެ ވިޔަފާރިވެރިއެއްގެ ޅީ ދަރިފުޅު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. "ކަމަކީ ޔަގީނުންވެސް ހިނގާފައިވާ ކަމެއް. ރަށުގެ ރައްޔިތުންނަށް ވެސް އެކަން އެނގޭ ޔަގީންވެސްވޭ. އެކަމަކު ސިޔާސީ އެކިއެކި ނުފޫޒާހެދި އެއްވެސް މުއައްސަސާއަކުން މިމައްސަލަ ކުރިއަށް ގެންދާ ކަމަށް ގަބޫލެއް ނުކުރެވޭ،" މިކަމާ ގުޅުންހުރި މީހަކު ބުންޏެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައި ތުހުމަތު ކުރެވެނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓާފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި ތަހުގީގަށް ބޭނުންވާ އިތުރު ހެކި މިހާރުވަނީ ނެގިފައި ކަމަށް ވެސް ވިދާޅުވިއެވެ.
މިމައްސަލަ ރައްދުވާ މީހާ ބަންދުކޮށްފައި ނުވިޔަސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.