ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށް ހައުސިން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.
އެމަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑު ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއެވެ.
އެކުންފުންޏާ އެ މަސައްކަތް ހަވާލު ކުރެއްވީ ޑިޒައިން އެންޑް ބިލްޑު އުސޫލުންނެވެ. މިއީ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަގަކީ ހަތްދިހަ ދެ މިލިއަން ދެ ލައްކަ ހަތްދިހަ ހަތަރު ހާސް ހަ ސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ހަތްދިހަ އެއްލާރިއެވެ.
މި ޔުނިޓުތަކުގައި ހިމެނެނީ ތިން ބުރީގެ ތިން ބްލޮކާއި، ހަތަރު ބުރީގެ އެއް ބްލޮކް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. ތިން ބުރީގެ ތިން ބްލޮކޮގައި ހިމެނެނީ 24 އެޕާޓްމަންޓެވެ. ހަތަރު ބުރީގެ ބްލޮކްގައި ހިމެނެނީ 28 އެޕާޓްމެންޓް ކަމަށް ވެސް ހައުސިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ އެއްހާސް އަކަފޫޓުގެ އަމިއްލަ ގޯއްޗެއްގައި އެއްބުރީގެ ހައުސިން ޔުނިޓެއް އިމާރާތް ކުރުމަށް ވެސް މިމަޝްރޫއުގައި ހިމަނާފައިވާ ކަމަށެވެ. އެ ޔުނިޓުގައި ހުންނާނާއި ތިން ކޮޓަރިއާއި ތިން ފާޚާނާއެވެ. އަދި ސިޓިންރޫމަކާއި ގުދަން ކުރާނެ ތަނެއް ވެސް ހުންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިމަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު ޚާލިސް ޝަރީފެވެ. ރަޝީދު ކާޕެންޓްރީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދެއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 330 ދުވަހެވެ.