
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ކުޑަފަރިއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޑަފަރިއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ކުޑަފަރީއަށް ކުރައްވާ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިބައްދަލުކޮށްލެއްވުން އޮންނާނީ ކުޑަފަރީގައެވެ.
ރައީސުލްޖުމްރިއްޔާ ކުޑަފަރީއަށް ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.