ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ ރަނގަޅު ގޮތަކީ ކޯލިޝަނާއެކު ކުރިއަށް ދިޔުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރެއްވުމާބެހޭ ގޮތުން ޚިޔާލު ތަފާތުވިޔަސް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވި ގޮތަށް ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ކޮންމެ ޕާޓީއެއްގެ މެމްބަރުން ވެސް މަޖިލީހުގައި ތިބެންވާނެ ކަމަށާއި އެމަނިކުފާނު ބޭނުންވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތުން ކަމަށް ވިދާޅުވިއެވެ. އަދި ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅެއް ނުވެއެއެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާ ދެމެދު އުފެއްދިފައިވާ ޚިޔާލު ތަފާތުވުމަކީ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތި ލުމާބެހޭ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެކަމުގެ ސަބަބުން ކޯލިޝަން ނުރޫޅޭނެ ކަމަށާއި އެޕާޓީއަކަށް ގޮނޑި ހޯދަން އެޕާޓީއަކުން މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ޖޭޕީއަށް ގޮނޑި ހޯދުމަށް އެޕާޓީން ކުރާ މަސައްކަތުގައި ރައީސް ޔާމީނާ ވާހަކަ ދެއްކެވިޔަސް ޤާސިމް ޔާމީނާއެކު ކޯލީޝަނެއް ހައްދަވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުން ހުރިކަމަށާއި ކޯލިޝަން ހެދީ ވެސް އެކަން ދެނެތިބެ މަޝްވަރާގެ މަތިން ކަންކަން ޙައްލުކުރެވޭނެ ކަމުގެ ޔަޤީން ކަމާއެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޯލިޝަން ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވާ ކަމަށް ޤާސިމް ކުރެއްވި ތުހުމަތު ވެސް ރައީސް ދޮގުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ކަމެއް ކުރައްވާނެ ލީޑަރަކު ކޯލިޝަނުގައި ނެތް ކަމަށެވެ.