
ށ.އަތޮޅު ސިއްޙީދާއިރާގެ އިސްވެރިންގެ މަހާސިންތާ ބާއްވައިފިއެވެ. މި މަހާސިންތާ ބާއްވާފައިވަނީ ށ. ފުނަދޫ ހޮސްޕިޓަލުގައި ރޭ 9 އިން 12 އަށެވެ.
ހޮސްޕިޓަލުން ވިދާޅުވީ މި މަހާސިންތާގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ކަމަށެވެ.
މި ބޮޑު ބައްދަލުވުމުގައި ށ. އަތޮޅުގެ ހުރިހާރަށެއްގެ ސިއްޙީމަރުކަޒުތައް ހިންގެވުމާ ޙަވާލުވެ ތިއްބެވި ސިޔާސީ ބޭފުޅުންނާއި ޒިންމާދާރު އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރަށް ހެލްތު މިނިސްޓްރީގެ ސެކްޝަންތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ފުނަދޫ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރާއި ސެކްޝަންތަކުގެ ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވަނީ ދާއިރާގައިހުރި ސިއްޙީ މައްސަލަތަކާއި އެކަންކަން ޙައްލު ކުރައްވާނެ ގޮތާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައި ކަމަށް ވެސް ފުނަދޫ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މިދަތުރުފުޅުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ފުނަދޫ ހޮސްޕިޓަލުގައި ދުންފަތާ ދުރުކޮށްދޭ ކުލިނިކެއް ހުޅުވައި ދެއްވައިފައެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ހުޅުވުނު މިފަދަ ފުރަތަމަ ކުލިނިކެވެ.
މިނިސްޓަރ ޢަބްދުﷲ އަމީން ށ.އަތޮޅުގެ ގިނަ ރަށްރަށް ކުރައްވާ މިދަތުރުފުޅުގައިވަނީ ފުނަދޫ ހޮސްޕިޓަލުގެ "ކެވެނި ކެމްޕޭން" ވެސް އިފްތިތާހުކޮށް ދެއްވައިފައެވެ.