
ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި، އަންނައަހަރުގެ ބަޖެޓުގައި ހިމެނުމުގެ މަަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ވެސް ލަސްތަކެއްނުވެ ސަރުކާރުން ކުރިޔަށްގެންދަވާނެ ކަމަށެވެ.
މި ޖަލްސާގައި ރައީސް ވަނީ ސަރުކާރުން މުޅި ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެންނަވަމުން އަންނަ ހެޔޮބަދަލުތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވަވާފައެވެ.
އެގޮތުން ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ރާވާފައިވާ 203 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިޔަށްދާކަމަށާއި މިދިޔަ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެންނެވި ހެޔޮ ބަދަލުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫޢެއް ކުރިޔަށްދާކަން ފާހަގަކުރައްވައި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.