އެޕްރީލް 6 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހދ. ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރ އެކެއް ނާހިދު ޙަސަން ވިދާޅުވީ ދާއިރާގެ ރައްޔިތުން ތިބީ އެއްވެސް އަސާސީ ޚިދުމަތެއް ނުލިބި "އަޅުވެތިކަމެއް" ގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން އެކަމުން ސަލާމަތް ވުމަށް މިފަހަރުގެ އިންތިޚާބުގައި އެދާއިރާގެ ރައްޔިތުންގެ ވޯޓު އޭނާއަށް ދޭންޖެހޭ ކަމަށް އޭނާ ޤަބޫލު ކުރައްވައެވެ.
ނާހިދަކީ 20 އަހަރާއި 6 މަސް ވަންދެން އެމްއެންޑީއެފްގައި މަސައްކަތް ކުރައްވައިވާ ހީވާގި ބޭފުޅެކެވެ. މިހާރު އޭނާ މަސައްކައްތް ކުރައްވަނީ ޤާނޫނީ ދާއިރާގައެވެ. ނާހިދު ވާދަކުރައްވާ ދާއިރާގައި ހިމެނެނީ ނޮޅިވަރަމާއި ނޮޅިވަރަންފަރެވެ.
އޭގެތެރެއިން ނޮޅިވަރަންފަރުގައި އެހެން ތިންރަށެއްގެ މީހުން ވެސް މިހާރުވަނީ އާބާދުވެފައެވެ. އެއީ ހދ. ކުނބުރުދޫ، ފަރިދޫ، މާވައިދޫ މީހުންނެވެ. ނާހިދު ހިމެނިފައިވަނީ ނާވައިދޫން އެރަށަށް ބަދަލުވި މީހުންގެ ތެރޭގައެވެ.
މަޖިލީހަށް ކުރިމަތި ލެއްވި މަޤުސަދު
ސިފައިންގެ ގޭގައި މަސައްކަތް ކުރެއްވި އިރުވެސް ދާއިރާއާ މެދު އޭނާ ފިކުރު ހިންގިއެވެ. ދާއިރާގެ ތަރައްޤީއާމެދު ވިސްނެވިއެވެ. އެކަން ކުރެވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން އޭނާއަށް ވިސްނުނީ މަޖިލީސް ތެރެއިން އެކަމަށް މަސައްކަތް ކުރަން ފަސޭހަ ވާނެ ކަމަށެވެ.
"މަޖިލީހަށް ކުރިމަތިލީ ކުޑައިރުއްސުރެ އުޅެބޮޑުވި ރަށުގެ އާބާދީ މިވަނީ ނޮޅިވަރަންފަރަށް ބަދަލުކޮށްފައި. ބަދަލުކުރިއިރު ދަތުރުފަތުރުގެ ރަނގަޅު ނިޒާމެންނެތް. ސިއްޙީ ރަނގަޅު ފަ ރުވާއެއް ލިބެންނެތް. ކަމެއް ދިމާވެއްޖެނަމަ ފުރައިގެންދާން މިޖެހެނީ ކުޅުދުއްފުށްޓަށް ނޫނީ ކުޅުދުއްފުށިން މާލެއަށް. މާލެއިން ނުވެއްޖެއްޔާ ދާން މިޖެހެނީ ރާއްޖެއިން ބޭރަށް. ބޭރަށްދާން ބަލާއިރު ޖީބު ހުސްވެފައި،" ނާހިދު ވިދާޅުވިއެވެ.
ތަޢުލީމީ ޙާލަތު
ނާހިދު ވިދާޅުވީ އެ ދާއިރާގެ ރައްޔިތުންނަށް ތަޢުލީމީ ގޮތުން ހުޅުވިފައިވާ މާޙައުލެއްނެތެވެ. "މިރަށުގެ ނުވަތަ ދާއިރާގެ ކުދިން ކިޔަވަންޖެހެނީ ހަމައެކަނި ބިޒްނަސް ސްޓްރީމް. އެހެން ސްޓްރީމެއް ކިޔެވޭކަށްނެތް. ސީޙީ ޙާލަތާއި ތަޢުލީމީ ޙާލަތު ޢުމްރާނީ ގޮތުންވެސް ވަނީ ވަރަށް ނިކަމެތި ހިސާބުގައި. އެހެންވީމާ މިކަންކަން ލޮލަށްފެނި އެއީ ރަނގަޅުކުރަން ވެއްޖެކަމަށް ކަމަށް ފެނުނު ހިނދު މަޖިލިސްތެރެއިން އެކަންކަމަށް މަސައްކަތްކުރަން ފަސޭހަވާނެ ކަމަށް ބަލައިގެން ކުރިމަތިމިލީ،" އޭނާ ވިދާޅުވިއެވެ.
ނާހިދަށް ވޯޓުދޭންޖެހޭ ސަބަބު
ނޮޅިވަރަމް ދާއިރާއަށް މިފަހަރުވެސް 9 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރެއިން ޤާނޫނީ ދާއިރާއިން ކިޔަވައިފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ވެސް އޭނާއެވެ. އޭނާއަށް ވޯޓުދޭން ޖެހެނީ އަޅުވެތި ދިރިއުޅުމަކުން މިނިވަން ދިރިއުޅުމަކަށް ރައްޔިތުން ގެނެސް ދިނުމަށް މަސައްކަތްކޮށް ދާއިރާގެ ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެތީއެވެ.
"މިނިވަން ދިރިއުޅުމަކަށް އައުމޭ މިބުނެވޭ ބަހުގެ މާނައަކީ ރަށުގައި ލިބެންނެތް ޚިދުމަތެއް ރަށުން ލިބޭނެ ގޮތްތައް ގާއިމްކޮށްދިނުން. ރަށުގައި ރައްޔިތުން ތިބެގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރަށުން ލިބި ދިނުމަށްޓަކައި ކަޑައަޅާފައިވާ ސިޔާސަތެއް އަޅުގަނޑު ގެންގުޅެނީ. އެސިޔާސަތުގެ ދަށުން ހުރިހާ ކަމެއް ޙައްލު ކުރުމަށް މަސައްކަތްކުރާނަން. އަޅުގަނޑަށް ހިޔެއް ނުވޭ އަޅުގަނޑު ނޫނީ ދާއިރާގެ ތަރައްޤީއަށް ޕްލޭނަކާއެކު އައިސްފައިވާ ދެވަނަ މީހަކު ހުރިހެން،" އޭނާ ވިދާޅުވިއެވެ.
ދާއިރާގެ ތަރައްޤީއަށް އޭނާ ގެންގުޅުއްވާ ޕްލޭންގައި މުހިންމު ހުރިހާ ކަމެއް ހިމަނާފައުވެއެވެ. "އަޅުގަނޑު އިންތިޚާބު ކޮށްދީފިކަމަށްވާނަމަ ރަށުން ފުރައިގެން މާލެ ދެވޭނެގޮތް ގާއިމް ކޮށްދެވޭނެ. ޢާއްމު ސިއްޙީ އެއްވެސް ޚިދުމަތަކަށް ރަށުން ފުރައިގެން ނުގޮސް އެކަމެއް ރަށުން ލިބޭނެ ގޮތް ހެދުމަށް ކްލިނިކެއް ގާއިމްކޮށްގެން ރަށުން އެޚިދުމަތް ފޯރުކޮށްދެވޭނެ. ހުޅުވިފައިވާ މާޙައުލެއްގައި ކުދިންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދެވޭނެ. ކުޅިވަރުގެ ދާއިރާއިން އަތޮޅު ފެންވަރުގެ މުބާރާތްތައް ކުޅެވޭނެ ފެންވަރަކަށް މިދެރަށް ތަރައްޤީ ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ. އޭނާ އެކަންކަން ކުރައްވާނީ މަޖިލީހުގެ މެމްބަރުގެ ކަމުގެ ޙައިސިއްޔަތުން ސަރުކާރުގެ ކަމާ ބެހޭފަރާތްތަކާއެކު މަޝްވަރާކޮށް އެކަމަށް މަގުފަހިކޮށްގެންނެވެ. އެހެންކަމުން ދާއިރާ މިހާރުއޮތް ޙާލަތުން ރަނގަޅު ޙާލަކަށް ބަދަލުކުރުމަށް މިފަރުގެ އެދާއިރާގެ ގޮނޑިއަށް ނާހިދު އިންތިޚާބު ކޮށްދެއްވުމަށް އޭނާ އެދިވަޑައިގަންނަވައެވެ.