ވެލާނާ އެއާޕޯޓުގެ މަސައްކަތް މަޑުޖެހި މަސައްކަތް ލަސްވަމުންދާ ދިއުމާ ގުޅޭ ގޮތުން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރް ވިދާޅުވީ ސަރުކާރުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކުރެވި ދިއުމުން މިހައިތަނަށް އައި އިރު އެއާޕޯޓުގެ މަސައްކަތް މަޑުޖެހި މަސައްކަތް ނުކުރެވި ދިޔަ ކަމަށެވެ. ނަމަވެސް މިހާރު ސައުދީ ޑިވެލޮޕްމަންޓް ފަންޑާއި، ކުވައިތު ފަނޑު އަދި އެހެނިހެން އެހީދޭ ޖަމާއަތްތަކާއި ވާހަކަ ދައްކައިގެން ވީހައިވެސް ހަލުވި ދުވެލީގައި މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަމީރް ވިދާޅުވިއެވެ. އަދި ހުރި މައްސަލަތައް ހައްލުކޮށްގެން ނޫނީ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ވަރަށް އަވަހަށް ޓާމިނަލްގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ގެންދެވޭން ގޮތަކަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. މިހާރު ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކޮށްްގެން ނޫނި އެކަންތައް ކުރެވޭނެ ގޮތެއް ނެތް. މިހާރު މިދަނީ އެހީ ދޭ ޖަމާއަތްތަކާއި ވާހަކަ ދައްކައިގެން، ހުރި މައްސަލަތައް ހައްލުކޮށްގެން އަވަހަށް ހަލުވި ސްޕީޑެއް ގަ އެ ކަންތައްތައް ކުރެވޭނެ މަގެު ހޯދަމުން، އިރާދަަކުރެއްވިއްޔާ ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ" އަމީރް ވިދާޅުވިއެވެ.
ރަންވޭ ރަނގަޅަށް ތަރައްގީ ކުރެވިފައި އޮތް ނަަމަވެސް ޓާމިނަލްގެ މަސައްކަތް ނިމިފައިނުވާތީ އެއާޕޯޓުގެ ބޭނުން އެންމަ ރަނގަޅަށް ނުކުރެވޭ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެއާޕޯޓު ޓާމިނަލް ނިމުމުން މިހާރަށް ވުރެ ފަތުރުވެރީންގެ އަދަދު ދެގުނަ އަށް އިތުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އޭރުން ފެނިގެންދާނެ މިހާރު އަންނަ ޓުއަރިސްޓު އެރައިވަލް 1.4 މިލިއަނުން ގާތްގަނޑަކަށް 3 މިލިއަނަށް އިތުރުވެގެންދާތަން. އަސްލު ހަގީގަތުގަ ތަރައްގީ ގެންނަން ޖެހެނީ ރަނަގަޅަށް ޕްލޭން ކުރެވިގެން. މިފެނިގެން މިދިޔައީ ރަންވޭ އެއް ހެދި ބޮޑު އިންވެސްޓްމަންޓެއް ކުރެވިގެނެ ދިޔައިރު، ރަންވޭ އާއެކު ޓާމިނަލް އެޅިގެން ނުދިޔައީ. ރަންވޭ އެ އޮތީ ރަނގަޅަށް ތަރައްގީ ކުރެވިފަ. އެކަމަކު ރަންވޭގެ ބޭނުން ރަނގަޅަށް ނުހިފޭ، ޓަރމިނަލް ނިިމިފަ ނެތީމަ. އެހެންވީމާ ރަންވޭ ވެސް ރަނގަޅަށް ޔޫޒް ކުރެވޭނީ ޓަމިނަލް އެޅިގެން"، މިނިސްޓަރު ވިދާޅުވިއެވެ.
އެހެންވީމާ ސަރުކާރުގެ އަމާޒަކީ ރަންވޭގެ މަސައްކަތް ވީހައިވެސް އަވަހަކަށް ނިންމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "ވަރަށް އަވަހަށް މަސައްކަތް ފެށި، ކުރިއަށް އޮތް 34 މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ޔޫޒް ކުރެވޭނެ މިންވަރަކަށް މަސައްކަތް ކުރިއަށް ގެންދެވޭނެ" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.