އަރބަން ސެންޓަރެއްގެ ގޮތުގައި އައްޑޫގެ ބޮޑު މަޝްރޫއުތަކެއް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ: މިނިސްޓަރ އަމީރް

އަރބަން ސެންޓަރެއްގެ ގޮތުގައި އައްޑޫގެ ބޮޑު މަޝްރޫއުތަކެއް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރް ވިދާޅުވެއްޖެއެވެ. އަމީރް މިހެން ވިދާޅުވވީ ބުރާސްފަތި ދުވަހުގެރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަމީރް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަ ކުރެވިފައިވާ ފަދައިން މި ސަރުކާރުގެ ފަސް އަހަރުތެރޭގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އަރބަން ސެންޓަރުތަކެއް ހެދިގެންދާނެ ކަމަށެވެ. އެގޮތުން މިހާރުވެސް އައްޑޫ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހެދި ބޭރުގެ ފަރާތްތަކާ ވާހަކަ ދެކެވި މަސައްކަތްްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އަރބަން ސެންޓަރެއްގެ ގޮތުގައި ބޮޑެތި މަޝްރޫއުތަކެއް އިއުލާން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމުގައި މިނސިްޓަރުވަނީ ސަރުކާރުގެ މާލީ ސިޔާސަތު ތަކާއި ބެހޭ ގޮތުން ގިނަ މައުލޫމާތު ތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. "ރާއްޖޭގެ 200 ރަށުގަ އެކިއެކި ތަރައްގީގެ މަޝްރޫއު ތައް މި ހިންގަނީ. ފެނާއި ނަރުދަމާ އެއް ރަށުގަ. އަނެއް ރަށުގަ ބަނދަރު. އަނެއް ރަށުގަ މަގު ހެދުން" މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާާރުގެ ސިޔާސަތަކީ އެއްފަހަރާ ތަރައްގީ ފެނުން ކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، "ސިޓީ އެއް ޑިވެލޮޕް ކުރުމަށްޓަކައި ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް، އެއްފަހާރަ ޕްރޮޖެކްޓްްތައް ގެނެސްގެން ތަރައްގީ ފެންނާނީ. އެހެންނޫނީ  މި ފެންނަނީ 10 އަހަރު، 15 އަހަރު، 20 އަހަރު ވެގެން ދާއިރު ވެސް، ހަގީގީ ތަރައްގީ އެއް ރަށްރަށަކުން ނުފެނޭ. އެ ފެންނާނީ އެއްފަހަރާ އަމާޒު ކުރެވިގެން. އަރބަން ސެންޓަރު ތަކެއް ތަރައްގީ ކުރެވުމުން. އެ މަސައްކަތް ތިބޭފުޅުންނަށް ފެނިވޑައިގަންނާނެ." މިނިސްޓަރ ވިދާޅުވިއެވެ.  އޭރުން ޑޮމެސްޓިކް އެއަޕޯޓު ތަކުގެ ބޭނުން ރައްޔިތުންނަށް ހިފިގެންދާތަން ފެންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ސިޔާސަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވެރިކަމާ ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެންކަމުންް ސަރުކާރުގެ ފުރަތަމަ މަސައްކަތަކަށް ވެގެންދިޔައީ ބޭރުގެ އެކި ފަރާތްތަކާ ވާހަކަ ދައްކައިގެން އެހީ ހޯދުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ބޭރު ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ވާހަކަ ދައްކައިގެން ހިލޭ އެހީގެ ގޮތުގައި، ބަޖެޓް ސަޕޯޓުގެ ގޮތުގައި ވަރަށް ދީލަތި އެހީ ލިބުނުކަން ފާހަގަކުރެއްވިއެވެ.

"އިންޑިއާ އިން ބަޖެޓް ފައިނޭންސިން އަށް ހިލޭ އެހީގެ ގޮތުގައި ފަންޑް ލިބިގެން ދިޔަ. އެހެން ގައުމުތަކުން ވެސް އެހީ ލިބިގެން ިދޔަ. ކުރީގަ ުރި މައްސަލަތަކުން އަރައިގަނެވި އެ މައްސަލަތައް ކުރިަމތި ނުވާނެ ކަމުގެ ޔަގީންކަން ދެން. އިންޑިއާ ސަރުކާރުން 200 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓު ލިބުނު. އޭގެއިން ބައެއް މިހާރު ލިބިގެން މިދަނީ. މިދިޔަ 2014 އިން ފެށިގެން 2018ގެ ތަފާސް ހިސާބަށް ބަލާއިރު، ފަސް އަހަރު ވެގެން ދިޔައިރު ދައުލަތަށް ލިބިގެން ދިޔައީ 1.97 ބިލިއަން ރުފިޔާ. އެކަމަކު ނޮވެންބަރުން ފެށިގެން ސަރުކާރަަށް 90 ދުވަސް ވެގެންދާއިރު މިހައިތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެ. އެއީ މިދިޔަ ފަސް އަހަރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އާއި މިހާރު މި ސަރުކާާރުގެ 90 ދުވަހުގެ ތެރޭގައި އެވަރަށް ލިބިއްޖެ"، މިނިސްޓަރު ވިދާޅުވިއެވެ.

ލިބުނު އެހީ އާއެކު ކުރީގަ ހުރި ދަތިތަކުން އަރައިގަނެވި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ފޯކަސް ކުރެވޭނެ ޖާގަ ލިބިފައިވާ ކަމަށް  ވެސް މިނިސްޓަރު ވިދާޅުވިއެވެ. ދައުލަތުގެ ފުރަތަމަ ފޯކަސް އަކަށްވީ ސަރުކާރާ ހަވާލުވިއިރު ފުނޑުފުނޑުވެފައި އޮތް ދައުލަތުގެ މާލީ ނިޒާމު ރަނގަޅު ކުރުން ކަން ވެސް ފާހަގަ ކުރެއްވިއެވެ.

"ފުރަތަމަ ފޯކަސް އަކަށްވީ، ސަރުކާރާ ހަވާލުވި އިރު ސަރުކާާރުގެ މާލީ ނިޒާމު އެއްކޮށް ވަނީ ފުނޑުފުނޑު ވެފަ. ޕްރޮޖެކްޓްސް ހިންގުމުގަ އެއްވެސް އުސޫލެއް ނެތް. ކޮރަޕްޝަނާއި ފަސާދަ މުޅި ގައުމުގެ ފެތުރިފަ އޮތީ. ދައުލަތުގެ ކުންފުނި ތައް ބޭނުންކޮށްގެން ބޮޑެތި ޕްރޮޖެކްޓް ތައް ހިންގަމުން ދިޔައިރު އެއީ ދައުލަތުގެ ކުންފުނިތަކަށް ނުކަތާ ވަރަށް ހިންގާފައި ހުރި ޕްރޮޖެކްޓްތަކެއް. އެހެންވީމަ ފުރަތަމަ ވެސް ސަރުާކާރާ ހަވާލުވެފަ ޖެހުނީ މިކަންތަތައް ހައްލު ކުރަން މަސައްކަތްތަކެއް ކުރަން" އަމީރް ވިދާޅުވިއެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.