ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ އިގްތިސާދީ ދަތިކަން ފޫބެއްދުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީ ހުއްޓައިލާށާއި، މިހާރު ނުފަށާ ހުރި ތަރައްގީގެ މަޝްރޫއުތައް ނުފަށައި ބަހައްޓާށާއި، މިހާރު ކުރިއަށްދާ މަޝްރޫއުތަކަށްވެސް ތަކެތީގެ ދަތިކަން ކުރިމަތިވާލީ މަޑު ޖައްސަލަން ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް ޢަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގަްއި ރާއްޖޭގެ އިގްތިސާދު މި ވަގުތު އޮތީ ނާޒުކު ފައްތަރެއްގައެވެ. ސީދާ އެމަނިކުފާނުގެ އިބާރާތުން ނަމަ އިގްތިސާދު އޮތީ ވެންޓިލޭޓަރެއްގެ އެހީ ބޭނުން ވެފައެވެ. ޢަމީރު ވިދާޅުވި ގޮތުގައި މި ދަތި ދަނޑިވަޅުގައި އެކަށިގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ލިބޭ ގެއްލުމުން އަރައިގަތުމަކީ ދަތި ކަމަކަށް ވާނެއެވެ.
ރާއްޖޭގެ އިގްތިސާދަށް އަރާ ބޮޑެތި ލޮޅުމުން ސަލާމަތޔްވާން ސަރުކާރުން ކުރާ ކަންތައެްތަކުގެ ތެރޭގައި ޚަރަދު ކުޑަ ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ދަތުރުފަތުރަށް ކުރާ ޚަރަދުތައް 33 އިންސައްތައަށް ކުޑަ ކުރުމާއި އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ގަތުން ހުއްޓައިލުމާއި ތެލުގެ ސަބްސިޑީ ދިނުމަށް މިހާރު ކުރާ ޚަރަދު 40 އިންސައްތައަށް ކުޑަ ކުރުމާއި ތަމްރީނުތަކަށް ކުރާ ޚަރަދު 30 އިންސައްތައަށް ކުޑަ ކުރުމާއި ހަރުމުދާ ހޯދަން ކުރާ ޚަރަދު 70 އިންސައްތައަށް ކުޑަ ކުރުންފަދަ ކަންތަސއްތައް ހިމެނެއެވެ.
މިނިސްޓަރު ޢަމީރު ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހޭ ކުއްލި ޚަރަދުތައް 1.6 ބިލިއަން ރުފިޔާއަށް އަރާނެއެވެ.