ދައުލަތުގެ މުސާރަތަކަށް ގެނައި ބަދަލުން މަހެއްގެ މައްޗަށް 15 މިލިއަން ސަލާމަތް ކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީގައި) ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސްމިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ 20 ހާސް ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިގެ އޮނިގަޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން 20 ހާސް ރުފިޔާއާއި 25 ހާސް ރުފިޔާއާއި ދެމެދުގެ އަސާސީ މުސާރައެއް ލިބޭ މީހުންގެ އަސާސީ މުސާރައިން 20 އިންސައްތަ ވަނީ އުނިކޮށްފައެވެ. މީގެ ތެރޭގައި ހިމެނިގެނަދާނީ މިނިސްޓްތީތަކުގެ ޕީއެސުންނާއި ކޮންޓެރެކްޓް ސްޓާފުންނާއި ކޮންސަލްޓަންޓުންގެ ގޮތުގައި ތިބި ބޭފުޅުންނާއި ކޮމިޝަންސްތަކުގެ އިސް މަޤާމުތަކުގައި ތިބި ބޭފުޅުންނެވެ. 25 ހާސް ރުފިޔާއާއި 60 ހާސް ރުފިޔާ އާއި ދެމެދުގެ އަސާސީ މުސާރައެއް ލިބޭ މީހުންގެއަސާސީ މުސާރައިން 30 އިންސައްތަ ކެނޑުމަށް ވަނީ ނިންމާފައެވެ. އަދި 60 ހާސް އަށްވުރެ މަތީ މުސާރައެއްލިބޭ މިހުންގެ އަސާސީ މުސާރައިން 35 އިންސައްތަ ކެނޑުމަށް ވަނީ ނިންމާފައެވެ.
ސަރުކާރު ޙިއްސާ ވާ ކުންފުނިތަކުގެ އެމްޑީނާއި ޑީއެމްޑީންގެ މުސާރައިންވެސް 32 އިންސައްތަ އުނިކުރުމަށް ވަނީ ނިންމައިފައެވެ. އެއީ އަސާސީ މުސާރައިގެ 22 އިންސައްތައިގެ އިތުރުން ބޯރޑް އެލަވަންސްގެ ގޮތުގައި ލިބޭ 11500 ރުފިޔާ ކަނޑާލައިގެންނެވެ.
އަދި ދައުލަތުގެ އެންމެހާ މުވައްޒަފުން ގެއަށް ގެންދަން ލިބޭ ޖުމްލަ މުސާރަ ކެޕްކުރަން ވަނީ ނިންމަފައެވެ. ކެޕްކުރުމުގެ ސަބަބުން އަސާސީ މުސާރަ 10 ހާހަށްވުރެ ދަށްނަމަ އެމީހަކު ގެއަށް ގެންދިއުމަށް އިތުރު އެލަވެންސްތައް ލައިގެންވެސް ލިބެޭނެ އެންމެ ބޮޑު އަދަދަކީވެސް 25 ހާސް ރުފިޔާއެވެ. ފިނޭންސް މިނިސްޓާރ އިތުރަށް ވިދާޅުވި ގޮތުގައި މުސާރަ ކުޑަކުރުމާއި ބެހޭގޮތުން ސާކިއުލާއެއް މިއަދު ނެރޭނެއެވެ.