މަތީ ތަޢުލީމު ޙާސިލް ކުރަމުންދާ ދަރިވަރުންނަށް ދިމާވާ މައްސަލަތައް ޙައްލު ކޮށްދޭނަން: މިނިސްޓަރ

ރާއްޖެއިން ބޭރުން ތަޢުލީމް ޙާސިލް ކުރަމުންދާ ދަރިވަރުންނަށް ދިމާވާ މައްސަލަތައް މި ސަރުކާރުން ޙައްލުކޮށް ދެއްވާނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއން ބޭރުން ތައުލީމް ޙާސިލް ކުރާ ކުދިންނަށް ޕޮކެޓުމަނީ ދެނީ ވެސް ބައިނަލް އަގުވާމީ މިންގަނޑަށް ބައްލަވައިގެން ކަމަށެވެ. އެހެންނަމަވެސް ޕޮކެޓު މަނީ މަދުވެ ދަތިކަން ކުރިމަތިވާ ކަމަށްވާނަމަ މިސަރުކާރުން އެކަން ޙައްލުކޮށްދިނުމަށް ވިސްނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގައި މުހިންމީ ދަރިވަރުންނަށް ހަމަޖެހިގެން ތަޢުލީމް ޙާސިލް ކުރެވުން. އެހެންވީމާ ދަރިވަރުންނަށް ތަޢުލީމް ޙާސިލް ކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށްވާނަމަ އެ ދަތިތަކަށް މިސަރުކާރުން އެޑުރެސްކުރާނެ،" މިނިސްޓަރ ވިދާޅުވިއެވެ. އެއީ ޕޮކެޓު މަނީގެ މައްސަލަ ވިޔަސް އަދި އެހެން މައްސަލައެއް ކަމަށްވިޔަސް ދަރިވަރުންނަށް މައްސަލައެއް ދިމާވާ ކަމަށްވާނަމަ  އެކަމެއް ޙައްލު ކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ނުވާކަމަށްވާނަމަ ސަރުކާރުގެ މަޤުސަދު ޙާލުނުވާނެ ކަމަށެވެ. "ބޭނުން ވަނީ ލޯނު ފުރުސަތު ބަޔަކަށް ދީގެން މަތީތަޢުލީމް ޙާސިލް ކޮށްގެން އެމީހުން އެނބުރިއައިސް ޤައުމަށް ޚިދުމަތް ކުރަން މަގުފަހިކޮށްދިނުން. އެހެންވީމާ އެކަން ކުރުމަށް ދަތިތަކެއް ކުރިމަތިވާނަމަ އެކަންކަމަށް ހައްލުތައްކެ ހޯދައިދޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.