
ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ނުކުންނެވި ކުރީގެ އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ތާއީދު ގެމަނަފުށީ ދާއިރާގެ ކެންޑިޑޭޓު ޖަމީލް ޢުސްމާން (ޖޭޔޫ) އަށް ދެއްވައިފިއެވެ.
ގެމަނަފުށީ ދާއިރާގެ ޕީޕީއެމް ޓިކެޓް ޖަމީލް ޢުސްމާނަށް ދެއްވުމަށްފަހު އެދާއިރާގެ ޖޭޕީގެ ކެންޑިޑޭޓު ޢަލީ ޢާދިލަށް ތާއިދު ދިނުމުގެ ގޮތުން ޕީޕީއެމުން ވަނީ ޖަމީލް ޢުސްމާންގެ ޓިކެޓު އަތުލައިފިއެވެ. އެހެންވެ ގެމަނަފުށީ ދާއިރާއަށް ޖަމީލް މިފަހަރު ވާދަ ކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ޖަމީލް ޢުސްމާނަށް ތާއިދު ކުރައްވާކަން ޙަމަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޖަމީލް ޢުސްމާނަކީ ތަޢުލީމީ އަދި ޤާބިލް ބޭފުޅެއް ކަމަށެވެ. ނިމިގެންދާ ފަސްއަހަރުގެ ދައުރުގައި ޖަމީލް ޢުސްމާން ފެނިފައިވަނީ ނަމޫނާ ކެރޭ މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެއެވެ. ޝަހީމް ވިދާޅުވީ ގެމަނަފުށީ ދާއިރާގައި ތިބި އޭނާގެ ހުރިހާ އެކުވެރިން ވެސް ޖަމީލަށް ވޯޓު ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.