އޭޕީގެ ތާއިދު އަޅުގަނޑަށް ލިބުމަކީ ލިބުނު ވަރަށްބޮޑު އުންމީދެއް: ފަތުހުﷲ

ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ފަތުހުﷲ އަޙުމަދު ރައީސް ނަޝީދާއި ބައެއް ވަޒީރުންނާއެކު: ފޮޓޯ ސޯޝަލް މީޑިއާ

އެޕްރީލް ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގދ. ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ފަތުހުﷲ އަޙުމަދަށް އަދާލަތު ޕާޓީ (އޭޕީ) އިން ތާއިދު ކުރުމަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބުނު ވަރަށްބޮޑު ހިތްވަރަކާއި އުންމީދެއް ކަމަށް ފަތުހުﷲ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑަކީ އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅިގެން މަޖިލީސް އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ފެށިފަހުން އަދާލަތުން މިގޮތަށް ތާއިދުކުރި ފުރަތަމަ ކެންޑިޑޭޓު. އަދާލަތުގެ ތާއިދާއެކު ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށްބޮޑު އުންމީދެއް މިހާރުވަނީ ލިބިގެން ގޮސްފައި،" ފަތުހުﷲ ވިދާޅުވިއެވެ.

އަދާލަތު ޕާޓީން އޭނާއަށް ތާއިދު ކުރުމުން ފަރެސްމާތޮޑާ ދާއިރާގައި ތިބި އެޕާޓީގެ މެމްބަރުންގެ ތާއީދާއި އެއްބާރުލުން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ އަދާލަތާއި، އެމްޑީޕީއާއި އަދި ވެސް އަޅުގަނޑަށް ތާއިދުކުރާ މީހުންނާއި މެމްބަރުންގެ ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ފަތުހުﷲ ވިދާޅުވީ އޭނާ މަޖިލިހަށް ވަޑައިގަންނަވަނީ ޒުވާން ޚިޔާލާއި ޒުވާން ފިކުރާއި ޒުވާން ރޫޙާއެކު ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ ހިތްވަރާއި ޢަޒުމުގައި ކަމަށެވެ. މަޖިލީހަށް އިންތިޚާބު ވުމަށްފަހު ދާއިރާގެ ތަރައްޤީއަށް އިތުރު މަސައްކަތް ފަށާނެ ކަމަށާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަވަހަށް ނިންމެވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދާއިރާގައި މިހާރު ހިނގަމުންދާ ތަރައްޤީގެ އެންމެބޮޑު މަޝްރޫޢަކީ ފަރެސްމާތޮޑާގައި އަޅާ އެއާޕޯޓު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމެވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ދާއިރާގެ އެހެން ރަށްރަށަށް ވެސް ސަރުކާރުން ކުރައްވާފައިވާ ވަޢުދުތައް ފުއްދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެހީތެރިވާން އަބަދުވެސް އަޅުގަނޑު ހުންނާނީ ތައްޔާރަށް،" ފަތުހުﷲ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.