ދައުލަތުން ބަދަލުދޭންޖެހޭ ކަންކަމުގައި ޒިންމާވާންޖެހޭ މުވައްޒަފުން، މާލީ އިލްތިޒާމު އުފުލަންޖެހޭގޮތަށް، މަޖިލީސް އިޤްރާރުވަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުން ބަދަލުދޭންޖެހޭ ކަންކަމުގައި ޒިންމާވާންޖެހޭ ދައުލަތުގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންގެ މައްޗަށް ދަޢްވާކޮށްގެން، ދައުލަތުން ޚަރަދުކުރަން ޖެހުނު ފައިސާއަށް އެފަރާތްތައް ޒިންމާ ކުރުވުމަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށް އިޤްރާރުވުމަށް މަޖިލީހަށް ހުށަހެޅި ޤަރާރު މަޖިލީހުން ބަލައިގެންފިއެވެ. މިގޮތަށް ބަޔާން ކޮށްފައި ވަނީ މާލީ އިލްތިޒާމްތައް އަދާކުރުމުގައި ދައުލަތަށް ބުރަނުވާނޭ އުސޫލެއް ޤާއިމުކުރުމަށް ހުށަހެޅި ޤަރާރުގައެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވި ޤަރާރަކީ ދައުލަތުން އެކިފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖާކޮށް، ދައުލަތަށް ބުރަނުވާނޭ އުސޫލެއް ޤާއިމުކުރުމަށް ގޮވާލާ ހުށަހެޅި ޤަރާރެކެވެ.

މިފަދަ އެއްބަސްވުންތަކުން ދައުލަތުން އުފުލަންޖެހޭ މާލީ އިލްތިޒާމްގެ ސަބަބުން ބަޖެޓުން ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭކަން ޙިޞާންގެ ޤަރާރުގައި ފާހަގަ ކުރައްވައިފައި ވެއެވެ. މިސަބަބުތަކަށްޓަކައި ސަރުކާރުގެ ސަމާލުކަމަށް ހަތަރު ކަމެއް ގެނައުމަށް މަޖިލީސް އިޤްރާރުވުމަށް ޤަރާރުގައި ވަނީ ހުށަހަޅުއްވައި ފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ވަނީ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުން އެކިފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކުގައި، ބަދަލުދޭންޖެހޭ ޙާލަތެއްގައި ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރު ކަނޑައެޅިގެން ބަޔާންކުރުމެވެ.

ދެވަނަ ކަމަކީ ދައުލަތުން އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ދައުލަތުން އަދާކުރަންޖެހޭ ޖެހޭ އިލްތިޒާމެއް އަދާނުކޮށް ދޫކޮށްލައިފައި އޮތުމުގެ ސަބަބުން ނުވަތަ ބޭއިންސާފުން އެއްބަސްވުން ބާޠިލްކުރުމުގެ ސަބަބުން ބަދަލުދޭން ޖެހިއްޖެ ޙާލަތްތަކުގައި އެކަމަށް ޒިންމާވާންޖެހޭ ދައުލަތުގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންގެ މައްޗަށް ދަޢްވާކޮށްގެން، ދައުލަތުން ޚަރަދުކުރަން ޖެހުނު ފައިސާއަށް އެފަރާތްތައް ޒިންމާ ކުރުވުމަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ހުށަހަޅައިފައި ވަނީ ނިމިދިޔަ ސަރުކާރުން އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ޚަރަދުކުރަން ޖެހިދާނެކަމަށްކަމަށް ލަފާކުރެވޭ ފައިސާގެ ތަފްޞީލް ބަލައި، އެމަޢުލޫމާތު މަޖިލީހަށް ހުށަހެޅުމެވެ.

ހަތަރުވަނަކަމަކީ އެއްބަސްވުންތަކާ ގުޅިގެން ގެއްލުމުގެ ބަދަލު ދޭންޖެހޭ ޙާލަތަކުގައި ސަރުކާރުން ބަދަލުގެ ގޮތުގައި، ފައިސާއިންނާއި ދައުލަތުގެ ވަޞީލަތްތަކުން ދެވޭނެ އެންމެ މަތީ މިންވަރު ޤާނޫނަކުން ކަނޑައެޅިގެން ބަޔާންކުރުމެވެ.

ދައުލަތުން އެކިފަރާތްތަކާއެކު ވޭވޭ އެއްބަސްވުންތައް ތަންފީޒުކުރުމުގައި އެކި ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުގެ ސަބަބުން އެއްބަސްވުންތައް ބާޠިލްވާ ޙާލަތް ތަކުގައި ގެއްލުންވާ ފަރާތްތަކަށް ބަދަލު ދިނުމުގައި ހަރުދަނާ އުޞޫލުތަކެއް ޤާއިމް ވެފައި ނުވާކަމަށް ޙިޞާންގެ ޤަރާރުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. ނިމިދިޔަ ސަރުކާރުން އެކިފަރާތްތަކާއެކު ވެފައިވާ އެއްބަވުސްތައް ސިޔާސީ ސަބަބުތަކަށްޓަކައި ބޭއިންސާފުން ނިމުމަކަށް ގެނައުމުން އެކިފަރާތްތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދައްކާ ގަސްތުގައި ލަސްކުރުމުން ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެ ގެއްލުން ތަޙައްމަލުކުރަން ޖެހި، ބޮޑެތި ގެއްލުން ތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ޙިޞާންގެ ޤަރާރުގައި ވަނީ ބުނެފައެވެ.

ނިމިދިޔަ ސަރުކާރުން ގަސްތުގައި ކޮށްފައިވާ އެފަދަ ޢަމަލުތަކުގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް ބަދަލު ދިނުމުގެ ޒިންމާ މިހާރުގެ ސަރުކާރުން އުފުލަން ޖެހުމަކީ ދައުލަތުގެ ބަޖެޓަށް އެކަމުގެ ސަބަބުން އަސަރުކުރާނެ އަދި ހުރިހާ ރައްޔިތުންގެ މަސްލަޙަތާ ސީދާ ގުޅިފައިވާ އޮތް މައްސަލައެއް ކަމަށް ފާހަގަކުރައްވައިފައި ވެއެވެ.

ބަދަލުދޭން ޖެހޭ ޙާލަތްތަކުގައި ޖުރިމަނާގެ ގޮތުގައި ނެގޭނޭ އެންމެ މަތީ މިންވަރެއް ކަނޑައެޅިފައި އޮތުމަކީ ތަހްޒީބު މުޖްތަމަޢުގައި ޢަމަލުކުރަމުންދާ އުޞޫލެއްކަމަށް ފާހަގަ ކުރައްވައި، އެފަދަ ބައެއް މުޖުތަމަގައި ޢަމަލުކުރަމުންދާ އުޞޫލުތައް ޙީޞާންގެ ޤަރާރުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

އެފަދަ އުޞޫލެއް ޤާއިމުކުރެވިފައި ނެތުމުން ރާއްޖޭގައި އެކިފަރާތްތަކާއެކު ދައުލަތުން ވެފައިވާ އެއްބަސްވުންތައް ބާޠިލްކުރުމާއި އެއްބަސްވުންތަކުގައިވާގޮތަށް ޢަމަލުނުކުރުމުން އެކިފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ޖެހޭ ޢަދަދު އެފަރާތްތަކަށް ޙަޤީޤތުގައި ދޭންޖެހޭ ޢަދަދަށްވުރެ އެތައް ގުނައެއް އިތުރުވެ ނުޙައްޤު މަންފާއަކަށް މަގު ހުޅުވިގެންދާކަން ވެސް ޤަރާރުގައި ފާހަގަ ކުރައްވައިފައި ވެއެވެ.

ޤަރާރުގެ ބަހުސް ގައި ބައެއް މެމްބަރުން ވަނީ މިދިޔަ ސަރުކާރުން ވެފައިވާ އެއްބަސް ވުންތަކުގެ ސަބަބުން ދައުލަތުން އަދާކުރަންޖެހިފައިވާ މާލީ އިލްތިޒާމުތަކާމެދު ކަންބޮޑު ވުން ފާޅުކުރައްވައިފައެވެ. ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އެއްޗަކަށްވުރެ ޖުރިމަނާ ގޮތުގައި ދައްކަން ޖެހޭ ޢަދަދު ބޮޑުވެގެން ގޮސްފައިވާކަމަށްވެސް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.