އޯއީސީޑީގެ ގައުމުތައް ހިމެނޭގޮތަށް 'ހައި އެޗީވަރސް ސްކޮލަރޝިޕް' ސްކީމް މުރާޖަޢާކޮށްފި

ފޮޓޯ: ރައިސް އޮފީސް

'ހައި އެޗިވަރސް ސްކޮލަރޝިޕް' ސްކީމް މުރާޖަޢާ ކޮށް އެ ސްކީމްގައި އޯއީސީޑީގެ ޤައުމުތައް ހިމަނައިފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ފުރަަތަމަ 100 ދުވަހު ފުއްދުމަށް އެމަނިކުފާނުގެ ވުޒާރާ އާއި ހަވާލު ކުރައްވާފައިވާ ދެވަނަ ވަޢުދަކީ "ހައި އެޗީވަރސް ސްކޮލަރޝިޕް' ސްކީމަކީ އޯއީސީޑީގެ ގައުމުތައް ހިމެނޭ ގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމްތައް ނުވަތަ ޔުނިވަރސިޓީ އަކުން ކިޔެވޭން ސްކީމަކަށް ހެދުން" ކަމަށެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން ކުރިން 'ހައި އެޗީވަރސް ސްކލަރޝިޕް' ސްކީމް ގެ ދަށުން ކިޔަވަންދާ ކުދީންނަށް އޯއީސީޑީގެ ގައުމުތަކަށް ކިޔަވަން ދިއުމުގެ ފުރުޞަތެއް ނުިބޭ. ވަރަށް ގިނަ ކުދީން ޙަޤީޤަތުގައި އޯއީސީޑީގެ ޤައުމުތަކަށް ދާން ބޭނުންވޭ"، މިނިސްޓަރ ވިދާޅުވިއެވެ.

ހައި އެޗީވަރސް އެވޯޑަކީ އޭ ލެވެލް އިން އެންމެ ފުރިހަމަ ނަތީޖާ ހޯދާ އެންމެ މޮޅު ކުދީންކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުގައިވަނީ 'ހައި އެޗީވަރސް އަށް އޯއީސީޑީގެ ގައުމުތަކަށް ކިޔަވަން ދިއުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ކަމަށެވެ.

"ދިވެހި ކުދީން އެންމެ ގިނައިން ދާން ބޭނުންވާ ގައުމުތައް މިހާރު މި ލިސްޓުގައި މި ހިމެނުނީ. އޮސްޓްރޭލިއާ، ނިއުޒީލޭންޑް، އިނގިރޭސިވިލާތް، ފިންލެންޑް ފަދަ ގައުމުތައް އޯއީސީޑީގެ ލިސްޓުގައި ހިމެނޭތީ، އެ ގައުމުތަކަށް ކިޔަވަން ދިއުމުގެ ފުރުސަތު މި ލިސްޓުގައި މި ހިމެނުނީ"، މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކލަރޝިޕާއި 'ހައި އެޗީވަރސް ސްކޮލަރޝިޕް'ގެ ތަފާތަށްވެސް އަލި އަޅުވައިލެއްވިއެވެ. އެގޮތުން 'ހައި އެޗީވަރސް ސްކޮލަރޝިޕް' އަށް ފުރުސަތު ލިބޭނީ އެ ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުންނަށް ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ ސްކޮަލރޝިޕަށް ހޮވޭ ދަރިވަރުންނާ މިނިސްޓްރީ އިން އިސްނަންގަވައިގެން ވާހަކަދައްކަވާނެ ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި 'ހައި އެޗީވަރސް ސކޮލަރޝިޕް' ގެ ތަފާތަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ލިސްޓް އިއުލާން ކުރުމުން އަޅުގަނޑުމެން އާއްމުކޮށް އިއުލާނެއް ކުރާނަން، ސްކޮލަރޝިޕަށް ކުރިމަތިލުމަށް. އެހެންވީމަ ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުންނަށް މި ފުރުސަތު ލިބިގެންދާނީ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަށް ހޮވޭ ކުދީންނަށް މިނިސްޓްރީގެ ފަރާތުން ކޮމިއުނިކޭޝަން އިނީޝިއޭޓް ކޮށްގެން ކުރިއަށް ގެންދާނަން"، މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް އެކުލަވައިލެއްވި އުސޫލުތައް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ޝާއިޢު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.