މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކ.ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ. ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބެވެ.
މި މަޝްރޫޢަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ޢިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.
ކ.ތުލުސްދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޕޮލިޓެކްނިކް ޚާއްޞަ ކޮށްފައިވަނީ ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގޭނެއެވެ.
މި ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށްޓަކައި ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސަވައިދެއްވައިފައެވެ. އަދި މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.
މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރެވިގެން ދާނެއެވެ. މީގެ އިތުރުން މަދުވެގެން 6 ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ.
މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހިމެނިފައިވާނެއެވެ.
މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން، 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި އެއްބަސްވުން އެކުލަވާލެވިފައިވަނީ 50 (ފަންސާސް) އަހަރުގެ މުއްދަތަށެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންނާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސްގެ ބޭފުޅުންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމާއި، ތުލުސްދޫ ކައުންސިލްގެ ބޭފުޅުން (އޮންލައިންކޮށް) ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވާހަކަފުޅު ދައްކަވަމުން، ބިޑް އުސޫލުން ވާދަކޮށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއިން މި ޓެންޑަރ ކާމިޔާބު ކުރިކަމަށްޓަކައި އެފަރާތަށް ޝުކުރާއި މަރުޙަބާ ދެންނެވިއެވެ. މީގެ އިތުރުން މިއަދުގެ މި އެއްބަސްވުމަކީ މިފަދަ ގޮތަކަށް (ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން) ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވެވޭ މިފަދަ ފުރަތަމަ އެއްބަސްވުންކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި މިކަމުގައި ތުލުސްދޫ ކައުންސިލުންނާއި ދާއިރާގެ މެމްބަރު ކޮށްދެއްވި މަސައްކަތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމްގެ ވާހަކަފުޅުގައި މި ޕްރޮޖެކްޓުގައި ސޮއި ކުރެވިގެންދިޔުމަކީ ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ތަޢުލީމާއި ތަމްރީނުތައް ހޯދުމުގެ ވައްޓަފާޅި ބަދަލުވެ އެކަމަށް އިންގިލާބެއް ގެނެސްދޭނެކަމެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މިކަން ކާމިޔާބު ވެގެން ދިޔަކަމަށްޓަކައި މިކަމުގައި މަސައްކަތްތައް ކޮށްދެއްވި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށާއި، ތުލުސްދޫ ކައުންސިލަށް އަދި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ތިއީ ރަނގަޅު ކަމެއް. ބައެއްކަހަލަ ތައުލީމީ ކޮލެޖްތަކާއި އިނސްޓިޓިއުޝަން ތަކަކީ ރަށްތަކުގަ އެޅުމުން ނަގައިފަ ކުރާނެ ތަންތަން. ތުލުސްދޫ މާލެއާއި ކައިރިވެފަ ލޯކަލް ޓޫރިޒަމް އޮންނަ ރަށަކަށް ވެފަ ލޯންޗާއި ދޯނިފެރީގެ ޚިދުމަތް ލިބޭތީ އެރަށަކީ ތިކަމަށް ރަނގަޅު ލޮކޭޝަނެއް