މަޅުމަތި: ހިތްހުއްޓުން

އަހަރެން ދަތުރު ކުރަމުން ދިޔައީ ޓެކްސީއެއްގައެވެ.
މާލެ ދިޔައީ ބުރިޖުމަތީންނެވެ.
މަންޒަރު ބަލަމުންނެވެ.
ސައިކަލުތަކުގައި ދެ ޖިންސުގެ ޒުވާނުން ދުއްވަމުން ދިޔައެވެ.
އެކަކުގެ ގައިގައި އަނެކަކު ތަތްކޮށްލައިގެން ތިބެއެވެ.

ޚިޔާލެއް ފިކުރެއް ނެތެވެ.
ފެންނަނީ އެކި ގައުމުގެ އެކި ކަހަލަ ހެދުމެވެ.
ބައެއް ހެދުމަކީ ހެދުމެއް ބާވައޭވެސް ހިތަށް އަރައެވެ.
ނިވައިވާ ތަނަށްވުރެ ފެންނަތަން ބޮޑެވެ.

ޓެކްސީގެ ރޭޑިއޯ ހުރީ ހުޅުވައިފައެވެ.
ޚަބަރުގެ ސުރުޚީތައް ކިޔަނީއެވެ.
ކޮންމެވެސް ރަށެއްގައި ވަޅި ހަރައި މީހަކު މަރާލައިފިއެވެ.
ރާބޯން ތިއްބައި ބަޔަކު ހައްޔަރު ކޮށްފިއެވެ.
ރާ ކައްކާން ތިއްބައި ބަޔަކު ހައްޔަރު ކޮށްފިއެވެ.
ގެއެއް ފާސްކޮށް ދިހަ ކިލޯގެ މަސްތުވާ ތަކެތި ނަގައިފިއެވެ.
އެކެއްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ތޭރަ އަހަރަށް ޖަލަށް ލާން ހުކުން ކޮށްފިއެވެ.
ރާއްޖެއަށް އިސްލާންދީން އައިތާ އަށްސަތޭކަ ނުވަދިހަ ދެ އަހަރު ވެއްޖެއެވެ.

އިންސާފުގެ ދަރުބާރު ގަޑުބަޑު ކޮށްފިއެވެ.
އެއް ފަހަރު ފައްޗަކަށް މީހުން ހައްޔަރު ކުރީއެވެ.
އަނެއް ފަހަރު ފައްޗަކަށް މީހުން ދޫކުރީއެވެ.
ޒިނޭގެ ކުށްވެރިންނަށް މާފު ދެއްވައިފިއެވެ.
ބޮޑެތި ގޮނޑިތަކަށް ފަސާދައިގެ މީހުން ވެރިވެގެންފިއެވެ.
ފަސާދައަކުން ފަސާދައަކަށް މަގު ފަހި ކޮށްގެންފިއެވެ.
ފައިސާއާއި ނުފޫޒުގެ ކުޅިވަރު ކުޅޭން ފަށައިފިއެވެ.
މަކަރާއި ހީލަތް އާއްމު ކޮށްގެންފިއެވެ.
ބަދުއަޚްލާގު އަޚްލާގަށް ހަދައިގެންފިއެވެ.
މިސްކިތްތައް ރީތިކޮށްފައިމެ، ފަޅުކޮށްގެންފިއެވެ.

ކުއްލިއަކަށް އަހަރެންގެ މެޔަށް ތަދެއް އަރައިފިއެވެ.
ތަދު ބޮޑުވާން ފަށައިފިއެވެ.
އަވަހަށް ހަސްފަތާލަކަށް ދާން ޓެކްސީ ދުއްވާ މީހާ ގާތު ބުނެފީމެވެ.

ޑަކްޓަރު ބަލަބަލާފައި ބުންޏެވެ.
ހާޓް އެޓޭކެއް ޖެހުނީއެވެ.
ހިތް ހުއްޓުނީއެވެ.

ނަރުސް ކުއްޖާ ފޯމެއް ހިފައިގެން އައިސް އަހަރެންގެ ނަން އަހައިފިއެވެ.
އަހަރެން ވޭނާއެކު މަޑުމަޑުން އަހަރެންގެ ނަން ބުނެފީމެވެ.
"އިސްލާމްދީން"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.