މަޅުމަތި: ޕީއެޗްޑީ

"ދިވެހިރާއްޖޭގައި އަބުރާ ބެހުން"

މިއީ އަހަރެންގެ ޕީއެޗްޑީ މަގާލާގެ މަވްޟޫޢެވެ.

މި މަވްޟޫޢަށް ލިޔާނޭ ވާހަކަތަކެއް ހޯދުމަށްޓަކައި އަހަރެން މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ފަށައިފީމެވެ.

އެންމެ ފުރަތަމަ ދިޔައީ މާރުކޭޓަށެވެ.

އެމީހުން އެހެން މީހުންގެ އަބުރާ ބެހެނީ ކިހިނެއްތޯ އެހީމާ ކޮންމެ މީހަކުވެސް ރުޅި އައިސްގެން ދުރަށް ދަނީއެވެ.

ދެން އެރީ ފަޅު އޮޑިފަހަރަށެވެ.

ސުވާލު ކުރާ މީހެއްގެ ކިބައިން ފެންނަނީ ނުރުހުމުގެ އަސަރެވެ.

ކާމިޔާބީއެއް ލިބޭ ގޮތެއް ނުވިއެވެ.

ދެން ނުކުތީ މަގު މައްޗަށެވެ.

ސުވާލު ކުރި އެއްވެސް މީހަކު އެދެވޭ ޖަވާބެއް ނުދިނެވެ.

އަހަރެންގެ އެކުވެރި އެހީތެރިޔާ ބުންޏެވެ.

"ތިޔަ މަސައްކަތް ހުއްޓައިލާށެވެ.

ދިވެހިން ނުކުރާ ކަމެއްގެ މައުލޫމާތު ހޯދަން ނޫޅޭށެވެ."

އަހަރެން ޕީއެޗްޑީގެ ޚިޔާލު ދޫކޮށްލައިފިމެވެ.

އޭގެ ދެތިން އަހަރު ފަހުން ސިޔާސީ ޕާޓީ އުފެދިއްޖެއެވެ.

އަހަރެން އޭގެ ތެރެއިން އެއް ޕާޓީއަށް ވަދެއްޖައީމެވެ.

އޭގެ ފަހުން ޕީއެޗްޑީ މަގާލާ ނިންމައިލުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.