"ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާ ކުރަނީ..."
ލަވައިގެ އަޑު ގަދަވަމުން ދާތީ އަހަރެން ސުވާލު ކޮށްލީމެވެ.
ބަަލަަ ނަޢީމެވެ. ތިޔަ ކިޔަނީ ކޮން ލަވައެއް ހެއްޔެވެ؟
އޭނާ ބުންޏެވެ.
ކަލެއަކަށް ނޭނގޭ ހެއްޔެވެ؟
އަހަރެމެން މިނިވަން ވެއްޖެއެވެ.
މުއައްސަސާތަކާއި ޝަރުޢީ ދާއިރާ މިނިވަން ވެއްޖެއެވެ.
ކުށްވެރިންގެ ގޮތުގައި ޖަލަށްލީ، މައުސޫމު މީހުންތައް ބަރިބަރިއަށް ދޫކުރަމުން ދަނީއެވެ.
މިއަދަކީ އުފާވެރި ދުވަހެކެވެ.
* * *
އެހެން ހެއްޔެވެ؟
ތިޔަ ބުނާ މީހުންތައް ޖަލަށްލީ ކާކު، ކިހިނެއް ހެއްޔެވެ؟
* * *
އެމީހުން ޖަލަށްލީ އެންމެ މީހެއްގެ ނުފޫޒާއި، ބާރާއި، ބިރު ދެއްކުމުގެ ތެރެއިންނެވެ.
ހުރިހައި މުއައްސަސާތަކަށް ނުފޫޒާއި ބާރު ފޯރުވައި ބިރު ދައްކައިގެންނެވެ.
މިއަދު މިއޮތީ އެ ހުރިހައި ކަމަކުން އަހަރެމެން މިނިވަން ވެފައެވެ.
* * *
އެހެން ހެއްޔެވެ؟
ތިޔަ ބުނާ ނުފޫޒު ފޯރުވި މީހާއާއި އޭނާގެ ނުފޫޒުގެ ދަށުގައި ވީ މީހުންތައް މިހާރު ކޮބައި ހެއްޔެވެ؟
* * *
އެމީހުން އެބަތިއްބެވެ.
އެކަމަކު މިހާރަކު އެމީހުންނެއް ބިރެއް ނުގަނެއެވެ.
އެމީހުންނަކަށް އެ އަނިޔާވެރިޔާގެ ނުފޫޒެއް ނުފޯރުވެއެވެ.
ބާރެއް ނުދެއްކެއެވެ.
* * *
އެހެން ހެއްޔެވެ؟
ތިޔަ ބުނާ އެންމެން ތިބި ތާނގައި ތިބެގެން ނުފޫޒާއި ބާރު ނުފޯރެވޭ ގޮތައް ކަންތައް ބަދަލު ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟
އެއް ފަހަރު ނުފޫޒުގެ ދަށުގައި ވީ ބަޔަކު މިހާރު ނުފޫޒުން މައްޗަށް އެރީ ކިހިނެއް ހެއްޔެވެ؟
އެކެއްގެ ނުފޫޒާއި ބާރުގެ ދަށުން ސަލާމަތް ވެގެން އަނެއް މީހާގެ ނުފޫޒާއި ބާރުގެ ދަށަށް ދިޔައީކީ ނޫން ހެއްޔެވެ؟
ނުފޫޒާއި ބާރުގެ ދަށުގައިވީ ތަންތަން ތާހިރު ނުކޮށް ތިޔަ ކަަންތައް ކުރީ ކިހިނެއް ހެއްޔެވެ؟
* * *
ނުފޫޒާއި ބާރުން މިންޖުވީއެވެ.
އެމީހުން އިސްލާހު ވީއެވެ.
މިއީ ކަލެއަކަށް ވިސްނޭނޭ ކަންތައްތަކެއް ނޫނެވެ.
މިއީ މިނިވަން ކަަމުގެ އަލާމާތެވެ.
ޑިމޮކްރަސީއާއި ހަމަޖެހުމާއި އަދުލު އިންސާފުގެ ނަމޫނާ ފެންނަނީއެވެ.
* * *
ތިޔައީ ތެދެކެވެ.
އަހަންނަކަށް ނުވިސްނެއެވެ.
ވިސްނައިގެން ބޯ ހަލާކު ކުރާނެ ކަމެއްވެސް ނެތެވެ.
ދެމީހުން އެކީގައި ލަވަ ކިޔަމާ ހިނގާށެވެ.
"ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާ ކުރަނީ..."