މީގެ ފަހުން ބަލާނީ އަމިއްލަ މަސްލަހަަތަށް: ޢިމްރާން ޚާން

ޕާކިސްތާނާ ގުޅުވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ދޮގު ޓްވީޓްތަކަކީ ޕާކިސްތާނުގެ ޒަޚަމުގައި ތޫނު ބޭސް އެޅުން ކަމުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ސިފަ ކުރައްވައިފިއެވެ. ޓްވީޓްގެ ޒަރީއާއިން ރައްދު ދެއްވަމުން ޢިމްރާން ޚާން ވިދާޅުވެފައި ވެއެވެ.

"އެމެރިކާގެ އަމިއްލަ ނާކާމިޔާބީ ފޮރުވުމުގެ ގޮތުން ޕާކިސްތާނަކީ ގުރުބާން ކުރެވޭ ބަކަރިއަށް ހައްދަވަނީއެވެ."

"ޓްރަމްޕް (ލިބިވަޑައިގެންފައިވާ) މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރައްވާށެވެ."

ޢިމްރާން ޚާން ވިދާޅުވެފައިވާ ގޮތުގައި ނިރުބަވެރިކަމާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޕާކިސްތާނުގެ 75 ހާސް މީހުން ވަނީ މަރު ވެފައެވެ. އަދި ޕާކިސްތާނުން ވަނީ 16482 އަރަބު ރުޕީސް ޚަރަދު ކޮށްފައެވެ. އެމެރިކާއިން އެހީގެ ގޮތުގައި މިހައިތަނަށް ދީފައިވާ 2680 ރުޕީސް އަކީ މި އަދަދާ ބަލައި އެއްވެސް އެއްޗެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢިމްރާން ޚާން ވިދާޅުވި ގޮތުގައި މީގެ ފަހުން ޕާކިސްތާނުން ބަލާނީ އަމިއްލަ މަސްލަހަތަށެވެ. ގައުމުގެ ރައްޔިތުންގެ ފައިދާއަށެވެ.

މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރައްވަން އެދިވަޑައިގެން ޓްވީޓް ކުރައްވަމުން ޢިމްރާން ޚާން ވިދާޅު ވެފައިވާ ގޮތުގައި އެމެރިކާއަށް ދީފައިވާ އެންމެ ބޮޑު ނިރުބަވެރި ހަމަލާގައި ޕާކިސްތާނުގެ އެންމެ ފަރުދަކުވެސް ބައިވެރިވެފައެއް ނެތެވެ. އެކަމަކު އެމެރިކާއިން ނިރުބަވެރިކަމާ ދެކޮޅަށް ކުރި ހަނގުރާމައިގައި އޭރު ޕާކިސްތާނުގައި އޮތް ސަރުކާރުން ވަނީ އަމަލީ ގޮތުން ބައިވެރި ވެފައެވެ. އެ ހަނގރާމައިގައި ޕާކިސްތާނުގެ 75 ހާސް މީހުން މަރުވިއެވެ. 123 ބިލިއަން ޑޮލަރު ޕާކިސްތާނުން ޚަރަދު ކުރިއެވެ. އެމެރިކާއިން އެހީގެ ގޮތުގައި ދިނީ އެންމެ 20 ބިލިއަން ޑޮލަރެވެ.

ޢިމްރާން ޚާން ވިދާޅުވި ގޮތުގައި ނޭޓޯގެ އެއް ލައްކަ ސާޅީސް ހާސް ފައުޖީންނާއި އަފްޣާނިސްތާނުގެ އެތައް ލައްކަ ފައުޖީންނަކާއެކު އެއް ޓްރިލިއަން ޑޮލަރު ޚަރަދު ކޮށްގެން އެތައް އަހަރަކު ހަނގުރާމަ ކުރި ނަމަވެސް ޠާލިބާނުން ބައްޔެއް ނުކުރެވުނެވެ. ޠާލިބާނުންގެ ބާރު މިހާރު އިހަށްވުރެ މާ ގަދައެވެ. ޕާކިސްތާނުގެ ގަބަލީ ސަރަހައްދު ވަނީ ވީރާނާ ވެފައެވެ. އެތައް ލައްކަ ބަޔަކު ގެދޮރު ދޫކޮށް ހިނގައްޖެއެވެ. ހަނގުރާމައިގެ ސަބަބުން ޕާކިސްތާނުގެ އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އެތައް އަސަރެއް ކޮށްފިއެވެ.

ޢިމްރާން ޚާން ވިދާޅުވި ގޮތުގައި މިހާރުވެސް ޕާކިސްތާނުން ވަނީ ބިމާއި ޖައްވުގެ މުވާސަލާތީ ޚިދުމަތް އެމެރިކާއަށް ހިލޭ ފޯރުކޮށް ދީފައެވެ. މިފަދަ ބޮޑު ގުރުބާނީއެއް އެމެރިކާއަށްޓަކައި ނުބަތަ ނިރުބަވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައަށްޓަކައި ވީ އެހެން އެއްވެސް ގައުމެއް މި އުޑު ހިޔައު ދަށުގައި އެބައޮތްތޯ ބޮޑު ވަޒީރު ސުވާލު ކުރެއްވިއެވެ.

މި ޓްވިޓަރ ހަނގުރާމައެއް ފެށިގަތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އޭނާ ވިދާުވީ ގޮތުގައި އެމެރިކާއިން ޕާކިސްތާނަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީ ދޭ އިރުވެސް ޕާކިސްތާނުން އެމެރިކާއަށްޓަކައި އެއްވެސް ކަމެއް ނުކުރެއެވެ. އެހެންވީމާ މީގެ ފަހުން ޕާކިސްތާނަށް އެއްވެސް އެހީއެއް ނުދެއްވާނޭ ކަމަށް ޓްރަމްޕް  ވަނީ ވިދާުވެފައެވެ.

އެކަމަކު މަޝްހޫރު ސެޕްޓެމްބަރު 11 ގެ ހަމަލާޔާ ގުޅިގެން އެމެރިކާއިން އަފްޣާނިސްތާނުގައި ފެށި ހަނގުރާމައިގައި ޕާކިސްތާނުގެ އެހީތެރިކަން ނުލިބުނު ނަމަ އެއީ ވާނޭ ކަމެއް ނޫން ކަމަށް މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޓްރަމްޕް ފުރަތަމަ ކުރައްވާ ކަމަކީ ޓްވީޓް ކުރެއްވުމެވެ. ހަގީގަތް އޮތް ނެތް ގޮތެއް ބައްލަވަނީ އޭގެ ފަހުންނެވެ. (މައުލޫމާތު: ދަ ޑޯވން)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.