ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު މަގާމުގެ ހުވައިކުރައްވައިފި

ޕާކިސްތާނުގެ ރައީސު މަމްނޫން ހުސަައިން (މ) ވަގުތީ ބޮޑުވަޒީރު ނާސިރުލް މުލްކު (ވ) އަށް މަގާމުގެ ހުވައި ލައިދެއްވަނީ

ޖަސްޓިސް (ރިޓަޔާޑް) ނާސިރުލް މުލްކު ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

ހުކުރު ދުވަހު ރިޔާސީ ގަނޑުވަރު އައިވާނޭ ސަދްރުގަައި ބޭއްވުނު ރަސްމިއްޔާތެއްގައި އޭނާއަށް މަގާމުގެ ހުވައި ލައިދެއްވީ ރައީސު މަމްނޫން ހުސައިނެވެ.

ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް މަގާމުގެ މުއްދަތު ހަމަވީ ބޮޑުވަޒީރު ޝާހިދު ޚާޤާން އައްބާސީއާއި ސެނެޓްގެ ޗެއާމަން ސާދިޖު ސަންޖްރާނީވެސް ހާޒިރުވެވަޑައިގަތެވެ. ނާސިރުލް މުލްކަކީ ޕާކިސްތާނުގެ ހަތްވަނަ ވަގުތީ ބޮޑުވަޒީރެވެ.

2014 އިން 2015 އަށް ޕާކިސްތާނުގެ ޗީފް ޖަސްޓިސްކަން ކުރެއްވި މުލްކުގެ ވަގުތީ ސަރުކާރު ދެމިއޮންނާނީ ދެމަސް ދުވަހަށެވެ. އެ މުއްދަތުގެ ތެރޭގައި އާއްމު އިންތިޚާބު ބާއްވައި ނަތީޖާ އިއުލާންކުރުމަށް ފަހު އަލަށް ހޮވޭ ސަރުކާރާ ވެރިކަން ހަވާލުކުރެވޭނެއެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

ޕާކިސްތާނުގައި ވެރިކަން ކުރަމުން އައި ގާނޫނީ ސަރުކާރުގެ 5 އަހަރުގެ މުއްދަތު ވަނީ 31 މޭ ދުވަހުގެ ރޭ މެންދަމަށް ހަމަވެފައެވެ.  މުއްދަތު ހަމަވެގެން މަގާމުން ވަކިވެވަޑައިގެންނެވި ބޮޑުވަޒީރު އައްބާސީ ރަސްމިއްޔާތު ދޫކުރައްވައި ވަޑައިގަތުމުގެ ކުރިން އޭނާއަށް ގާޑް އޮފް އޮނާއެއް އެެރުވުނެވެ.

ޕާކިސްތާނުގެ ގާނޫނު އަސާސީ އަށް 2002 ވަނަ އަހަރު ގެނެވުނު އިސްލާހުގައިވާ ގޮތުން އާއްމު އިންތިޚާބު ބާއްވަން ޖެހެނީ މުއްދަތު ހަމަވާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްބަސްވާ ވަކިފަރާތަކަށް ނުޖެހޭ ބޮޑުވަޒީރަކު އިސްވެހުންނަވާ ސަރުކާރެއްގެ ބެލުމުގެ ދަށުންނެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވަގުތީ ބޮޑުވަޒީރު ނާސިރުލް މުލްކު ވިދާޅުވީ އޭނާގެ ސަރުކާރު އެކުލަވާލައްވާނީ ހުރިހާ ފަރަތަކާއި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށާ، ކުޑަ ސަރުކާރެއް އެކުލަވާލައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އާއްމު އިންސާފުވެރި، ދެފުށް ފެންނަ އިންތިޚާބެއް ކަޑައެޅިިފައިވާ މުއްދަތުގައި ބާއްވަވާނެ ކަމަަށެެވެ. "އަހަރުމެންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަހަރުމެން ފުރިހަމައަށް އަަދާކުރާނަން" އޭނާ ވިދާޅުވިއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.