ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ ޖަގަހައެއް ނުހެދޭނެ

އަފްޣާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް އެމެރިކާގެ ބައިވެރިއަކަށް ވާން ޕާކިސްތާން އޮތީ ތައްޔާރަށެވެ. އެކަމަކު އެމެރިކާގެ ސިފައިން ފޭބީމާ އަޅުގަނޑުމެން ބަލާނީ އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ނުވަދެ ވޭތޯއެވެ.

ގެއްލުން ތަހައްމަލު ކުރަމުން ގެންދާ އެ ގައުމުގައި (އަފްޣާނިސްތާނުގައި) އަޅުގަނޑުމެން ދެ ގައުމުގެވެސް މަސްލަހަތު އެބައޮތެވެ. އެ ގައުމަށް ސިޔާސީ ހަމަޖެހުން އައުމާއި ގައުމުގެ ދާޚިލީ ހަމަޖެހުމާއި އިގުތިސާދީ ތަރައްގީއާއި ނިރުބަވެރިންނަށް އޮތް އަމާން މަންޒިލެއް ކަމުގައި އެ ގައުމު ނުހެދުމަކީ (އަޅުގަނޑުމެންގެ) މަސްލަހަތު އޮތް ކަންކަމެވެ. އެއްވެސް ކަހަލަ އަސްކަރީ ހިސާރެއް އަފްޣާނިސްތާނަށް ކުރިމަތިކުރުވުމަކީ އަޅުގަނޑުމެން ދެކޮޅު ހަދާ ކަމެކެވެ. އެހެނީ ސަރުކާރެއް ކާމިޔާބު ކަމާއެކު ދަމަހައްޓާން ބޭނުން ނަމަ ތާލިބާނުން އެ ސަރުކާރެއްގައި ހިމަނާން ވަނީ މަޖުބޫރު ވެފައެވެ. (މިހާރުގެ ހާލަތަށް ބަލާއިރު) ތާލިބާނުންނަކަށް މުޅި ގައުމުގެ ތާއީދެއް ނުލިބޭނެއެވެ. އެ ފަދަ ކަމެއް ކޮށްފި ނަމަ ގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށި އިތުރު އެތައް ދަހަރަކަށް ދެމިގެން ހިނގައިދާނެއެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަ ކުރަމުން ގެންދިޔަ ޖަމާއަތްތަކުގެ ތެރެއިން ވަކި ޖަމާތަކަށް (ނުވަތަ ވަކި ޖަމާއަތް ތަކަކަށް) ތާއީދު ކުރުމަކީ ޕާކިސްތާނަށް މާޒީގައި އެޅުނު ޅަ އެއްޗެކެވެ. އެ ތަޖުރިބާއިން އަޅުގަނޑުމެން އިބުރަތް ލިބިގެންފީމެވެ. އަޅުގަނޑުމެން ތާއީދުކުރާ ވަކި ބަޔަކު މިހާރަކު އަފްޣާނިސްތާނަކު ނެތެވެ. އަފްޣާނިސްތާނުގެ ރައްޔިތުންގެ ތާއީދާއި އިތުބާރު ހޯދާ ސަރުކާރަކާއެކު އަޅުގަނޑުމެން މަސައްކަތް ކުރާނަމެވެ. ތާރީޚަށް ބަލައިލީމާ އެނގޭ ގޮތުގައި ގައުމުން ބޭރުގެ އެއްވެސް ބާރަކުން އަފްޣާނިސްތާން ކޮންޓުރޯލުކޮށްގެން ގެންގުޅުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.

އަފްޣާނިސްތާނުގައި ހިނގައިފައިވާ ހަނގުރާމަތަކާ ގުޅިގެން އަޅުގަނޑުމެންގެ ގައުމަށް (ޕާކިސްތާނަށް) ނުހަނު ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ. ޕާކިސްތާނުގެ 70000 މީހުން މަރުވެއްޖެއެވެ. އެމެރިކާއިން (އަޅުގަނޑުމެންނަށް) އެހީގެ ގޮތުގައި 20 ބިލިއަން ޑޮލަރު ވަނީ ދީފައެވެ. އެކަމަކު ޕާކިސްތާނުގެ އިގުތިސާދަށް 150 ބިލިއަން ޑޮލަރަށްވުރެ އތުރެވެ. ފަތުރުވެރިކަމާއި އިންވެސްޓްމަންޓް މުޅީން ހުއްޓިއްޖެއެވެ. އެމެރިކާގެ މަސައްކަތާ (އަފްޣާނިސްތާނާ ގުޅިގެން ހިންގި ހަރަކާތްތަކާ) ޕާކިސްތާނަށް އަމާޒުވާން ފެށްޓީ އެމެރިކާގެ ބައިވެރިއަކަށް ވީތީ އަމާޒުވީ ނަފުރަތެވެ. މި ނަފުރަތުގެ ނަތީޖާއަކަށްވީ ގައުމަށް އަމާޒުވީ ނިރުބަވެރި ހަމަލާތަކެވެ. މި ހަމަލާތައް ދެމުން ގެންދިޔައީ ތަޙްރީކެ ޠާލިބާން ޕާކިސްތާން (ޕާކިސްތާނުގައި އުފެދުނު ޠާލިބާނުންގެ ޖަމާޢަތް) އާއި އެހެން ބައެއް ޖަމާއަތްތަކުންނެވެ. އެމެރިކާގެ ޑްރޯން ހަމަލާތައް ފެށުމާއެކު (ނުރައްކާތެރި ނަތީޖާއެއް ނުކުންނާނޭ ކަމުގެ) އިންޒާރު އަޅުގަނޑު ކުރީމެވެ. އެ ހަމަލާތަކަކުން ހަނގުރާމައެއް ކާމިޔާބެއް ނުކުރެވުނެވެ. ވީހައިވެސް ކަމަކީ އެމެރިކާގެ މައްޗަށް ބޮޑު ނަފުރަތެއް އުފެދުމެވެ. އެ ނަފުރަތުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ ގައުމާއި އެމެރިކާއާ ދެކޮޅަށް އުފެދުނު ނިރުބަވެރި ޖަމާއަތްތައް (އެތައް ގުނައަކަށް) އިތުރު ވެގެން ދިއުމެވެ.

އަޅުގަނޑު (އަބަދުވެސް) ބުނަމުން ގެންދިޔައީ އަފްޣާނިސްތާނުގެ މައްސަލައަކީ އަސްކަރީ ހަރަކާތަކުން ހައްލު ކުރެވޭނޭ މައްސަލައެއް ނޫން ކަމުގައެވެ. އެކަމަކު އެމެރިކާއިން ޕާކިސްތާނަށް މަޖުބޫރު ކުރަމުން ގެންދިޔައީ އަފްޣާނިސްތާނާ އެއްއިން ވެގެން އޮންނަ ސަރުކާރުގެ ބާރު ފުރިހަމައަށް ނުހިނގާ ގަބަލީ ސަރަހައްދު ތަކަށް އަޅުގަނޑުމެންގެ (އަސްކަރީ) ލަޝްކަރުތައް ފޮނުވާށެވެ. އެމެރިކާއިން އުއްމީދުކުރި ގޮތުގައި އެފަދަ އަމަލެއްގެ ސަބަބުން އެ ސަރަހައްދުގައި (އަފްޣާނިސްތާނުން އުފެދިގެން އަންނަ) އަސްކަރީ ހަމަނުޖެހުމަށް ހައްލެއް ހޯދޭނެއެވެ. އެކަމަކު ކަންތައް ވީ އެހެންނެއް ނޫނެވެ. އެ ސަރަހައްދަށް ސިފައިން ދިއުމުގެ ސަބަބުން ގަބަލީ ސަރަހައްދުގެ އާބާދީގެ ދެބައިކުޅަ އެއްބައި ވިއްސިވިހާލި ވެގެން ހިނގައްޖެއެވެ. އުތުރު ވަޒީރިސްތާނުން އެކަނިވެސް އެއް ބިލައަނަށްވުރެ ގިނަ މީހުން (މަޖުބޫރުވެގެން) އެކި ދިމަދިމާއަށް ދިޔައެވެ. (އެ ސަރަހައްދަށް) އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބުނެވެ.  އެތައް އަވަށެއް ދާއިމަށް ނެތި ފަނާވެގެން ދިޔައެވެ. (ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ) މަދަނީންނަށް ލިބޭން ފެށި ގެއްލުމާއި އަނިޔާގެ ނަތީޖާއަކަށްވީ ޕާކިސްތާނުގެ ސިފައިންނަށް އަމާޒުކޮށް ޖާނުން ފިދާވުމުގެ ހަމަލާތައް ދޭން ފެށްޓުމެވެ. މި ހަމަލާތަކުގައި އަޅުގަނޑުމެންގެ އެތައް ސިފައިންނެއް ޝަހީދު ވެއްޖެއެވެ. އަފްޣާނިސްތާނާއި ޢިރާޤާ ދެ ގައުމު އެއްކޮށްގެން ބަލާއިރުވެސް އެމެރިކާގެ ސިފައިން (އެ ދެގައުމުގައި) މަރުވެފައިވާ އަދަދު (ޖާނުން ފިދާވުމުގެ ހަމަލާތަކުގައި) އަޅުގަނޑުމެންގެ ސިފައިން ޝަހީދުވީ އަދަދު މާ ގިނައެވެ. އަޅުގަނޑުމެންނަށް އަމާޒުކޮށް ދޭ ނިރުބަވެރި ހަމަލާތައް ދިޔައީ އިތުރު ވަމުންނެވެ. ޚައިބަރް ޕަޚްތޫންވާ ޕްރޮވިންސްގައި އެކަނިވެސް 500 ފުލުހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އަޅުގަނޑުގެ ގައުމުގައި (މިހާރުވެސް) އަފްޣާން މުހާޖިރުންގެ (ރެފިއުޖީންގެ) 3 މިލިއަނަށްވުރެ ގިނަ މީހުން އެބައުޅެއެވެ. (އަފްޣާނިސްތާނުގެ) ދާޚިލީ ހަމަނުޖެހުން ނުވަތަ ދާޚިލީ ހަނގުރާމަ ދިގުދެމިގެން ހިނގައްޖެ ނަމަ ސިތޔާސީ ހަމަޖެހުން އައުމުގެ ބަދަލުގައި މުހާޖިރުންގެ އަދަދު މިހާރަށް ވުރެ ގިނަ ވެގެން ހިނގައިދާނެއެވެ. އެފަދަ ގޮތެއް މެދުވެރިކޮށްފި ނަމަ (އަފްޣާނިސްތާނާ) ސަރަހައްދީ ގޮތުން ގުޅިފައިވާ ހިސާބުގަނޑުގައި ހަމަނުޖެހުން ބޮޑު ވެގެން ދާނީއެވެ. ޠާލިބާނުންގެ ގިނަ މީހުންނަކީ ޕަޝްތޫން ވަންހައިގެ މީހުންނެވެ. ޕަޝްތޫން ވަންހައިގެ ދެބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުން ދިރިއުޅެނީ ސަރަހައްދީ ރޮނގުން އެތެރޭގައި އަޅުގަނޑުމެންގެ ގައުމުގައެވެ. ތާރީޚަށް ބަލާއިރު މި ސަރަހަދީ އޮތީ މުޅީން ހުޅުވިފައެވެ. އަޅުގަނޑުމެން މިހާރު މި ގެންދަނީ އެ ސަރަހައްދުގައި (ފުޅައް އަޅައި) މުޅީން ބަންދު ކުރަމުންނެވެ.

ޕާކިސްތާނުން އެއްބަސް ވެގެން އަފްޣާނިސްތާނަށް ބިން އެޅުމަށްޓަކައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޕާކިސްތާނުގެ ސަރަހައްދުގައި ގާއިމު ކޮށްފި ނަމަ އަފްޣާން ދާޚިލީ ހަނގުރާމަ އިތުރަށް ފުޅާވެ، ބަދަލު ހިފުމުގެ ނިރުބަވެރި އަމަލުތައް ޕާކިސްތާނަށް އަމާޒުވާން ފަށައިފާނެއެވެ. މިއީ އަޅުގަނޑުމެންނަށް އުފުލަން ކުޅަދާނަ ބުރައަކަށް ނުވާނެއެވެ. މިހާރުވެސް އަޅުގަނޑުމެންނަށް ވަނީ އިންތިހާއަށް ގެއްލުން ވެފައެވެ. ދުނިޔޭގެ ތާރީޚު މިހައިތަނަށް ދުށް އެންމެ ވަރުގަދަ އަސްކަރީ ގާބިލިއްޔަތަކީ އެމެރިކާއެވެ. އަފްޣާނިސްތާނުގައި ތިބެގެން 20 އަހަރު ދުވަސް ވާންދެން ކުރި މަސައްކަތުން އަފްޣާނިސްތާނުގެ ހަނގުރާމަ (އެމެރިކާއަކަށް) ކާމިޔާބެއް ނުކުރެވުނެވެ. އެހެންވީމާ އަޅުގަނޑުމެންގެ ގައުމުގައި އަސްކަރީ ޖަގަހަ ޖަހައިގެން (އަފްޣާނިސްތާނަށް ދޭ ހަމަލާއިން) އެ ހަނގުރާމަ ކާމިޔާބު ކުރެވޭނީ ކިހިނެއްތޯއެވެ؟

އަފްޣާނިސްތާނުގައި އެމެރިކާއާއި ޕާކިސްތާނުގެ އތޯ އެއް މަސްލަހަތެކެވެ. އަޅުގަނޑުމެން ބޭނުން ވަނީ ހަނގުރާމައެއް ނޫނެވެ. މަޗްވަރާކޮށްގެން ހޯދޭ ސުލްހައެކެވެ. އަޅުގަނޑުމެން ބޭނުން ވަނީ ހަމަޖެހުމެވެ. އަޅުގަނޑުމެން ބޭނުން ވަނީ (އެމެރިކާއާއި ޕާކިސްތާނާ) ދެ ގައުމަށް އަމާޒު ދޭ ނިރުބަވެރި ހަމަލާތަކަށް ހުއްޓުމެއް ގެންނާށެވެ. ތަރައްގީގެ މަގުގައި ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އަފްޣާނިސްތާނުން ހޯދާފައިވާ ކާމިޔާބީ ދަމަހައްޓާން ވެވޭ ކޮންމެ އެއްބަސްވުމަކަށް އަޅުގަނޑުމެން ތާއީދު ކުރާނަމެވެ. އިގުތިސާދީ ތަރައްގީވެސް އަޅުގަނޑުމެން ބޭނުން ވެއެވެ. މެދުތެރޭ އޭޝިއާގެ ގައުމުތައް ވިޔަފާރީގެ ގޮތުން ގުޅި ވިޔަފާރީގެ ހަރަކާތްތައް އިތުރު ވެގެން ދިއުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެކެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އިގުތިސާދު ފުޅާވެގެން ދާނެއެވެ. އިތުރު ދާޚިލީ ހަނގުރާމައަކަށް ފުރުސަތު ދީފިނަމަ އަޅުގަނޑުމެން އެންމެން އެކީގައި ހަލާކު ވެގެން ހިނގައިދާނެއެވެ.

ތާލިބާނުން މަޝްވަރާގެ މޭޒުދޮށަށް ގެންނާން އަޅުގަނޑުމެން ބުރަ މަސައްކަތްތަކެއް ކުރި ސަބަބަކީ މިއީއެވެ. ފުރަތަމަ އެމެރިކާއާއެކު މަޝްވަރާ ކުރުމަށްޓަކައެވެ. އޭގެ ފަހުން އަފްޣާނިސްތާނުގެ ސަރުކާރާ މަޝްވަރާ ކުރުމަށްޓަކައެވެ. ތާލިބާނުން އަސްކަރީ ކާމިޔާބީއެއް އިއުލާނު ކުރާން މަސައްކަތް ކޮށްފިނަމަ އިތުރު ލޭއޮހޮރުވުންތަކަކަށް މަގު ފަހިވާނެކަން އަޅުގަނޑުމެންނަށް އެނގެއެވެ. މަޝްވަރާތަކުގައި އަފްޣާނިސްތާނުގެ ސަރުކާރުންވެސް ދޫތަކެއް ދޭނޭ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަމެވެ. އަދި ޕާކިސްތާނުގެ ބޮލުގައި ތުހުމަތު އެޅުވުން ހުއްޓައިލާނޭ ކަމަށްވެސް އުއްމީދު ކުރަމެވެ. އަޅުގަނޑުމެން މި ގެންދަނީ އަސްކަރީ ހަމަލާތައް ފިޔަވައި، ކުރެވޭން އޮތް ހުރިހައި ކަމެއް ކުރަމުންނެވެ.

"ޓްރޮއިކާ" އެއްބަސްވުމުގައި ރަޝިއާއާއި، ޗައިނާއާއި، އެމެރިކާއާއެކު އަޅުގަނޑުމެން ބައިވެރިވި ސަބަބަކީވެސް މިއީއެވެ. އެ އެއްބަސްވުމުގައި ހުރިހައި ބައިވެރިން އިގުރާރުވެފައި ވަނީ ކާބުލްގައި ގަދަކަމުން ސަރުކާރެއް ގާއިމުކުރަން ކުރާ ކޮންމެ މަސައްކަތަކާ އަޅުގަނޑުމެން އެންމެންވެސް ދެކޮޅު ހަދާނޭ ކަމަށެވެ. އަދި އަފްޣާނިސްތާނަށް ބޭނުންވާ ޚާރިޖީ އެހީތެރިކަން ހޯދަން އެ ގައުމުން ކުރާ މަސައްކަތަށް ހުރަސްއެޅުމާވެސް ދެކޮޅު ހަދާނޭ ކަމުގައެވެ.

މި އެއްބަސްވުމުން ފެނިގެން ދިޔައީ އަފްޣާނިސްތާނުގެ އަވަށްޓެރިންނާއި ބައިވެރިން އެއް އަންބާއެއް ކިޔާފައި (ސަރަހައްދުގެ) ސިޔާސީ ހަމަޖެހުން އޮންނާނޭ ތަސައްވުރެއްގެ މައްޗަށް (އެއްހިތުން) ފުރަތަމަ ފަހަރަށް އެއްބަސްވީތަނެވެ. މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދުގައި ސުލްހަވެރިކަން ގާއިމު ކުރުމަށްޓަކައި މުޅި ސަރަހައްދު އެކީގައި ހަދާ މުއާހަދާއަކަށް މަގުފަހި ވެގެން ދިއުމަކީ އެކަށިގެންވާ ކަމެކެވެ. އެފަދަ މުއާހަދާއެއްގައި ސިއްރިޔާތީ މައުލޫމާތު ހިއްސާ ކުރުމާއި އަފްޣާނިސްތާނުގެ ސަރުކާރާ ގުޅިގެން މަސައްކަތްކޮށް އަލަށް އުފެދިގެން އަންނަ ނިރުބަވެރި ނުރައްކަލުން ސަލާމަތްވާން މަސައްކަތް ކުރާނޭ ގޮތް ހިމެނިދާނެއެވެ. އަފްޣާނިސްތާނާ ދެކޮޅަށް އެއްވެސް ކަހަލަ ހަމަލާއެއް ދޭން އެ ގައުމެއްގެ ސަރަހައްދުގެ ބައެއް ދިނުމަކީ ސަރަހައްދުގެ ހުރިހައި ގައުމަކުން ދެކޮޅު ހަދާނޭ ކަމެއް ކަމަށް މުއާހަދާގައި ލިޔެވިދާނެއެވެ. އަފްޣާނިސްތާނުންވެސް މި ފަދަ ގޮތަކަށް އެއްބަސްވެވިދާނެއެވެ. މިފަދަ އެއްބަސްވުމެއްގެ ސަބަބުން އަފްޣާނިސްތާން އަލުން އާރާސްތު ކުރުމަށްޓަކައި އެހީތެރިވުމަށްވެސް ބާރު އަޅިދާނެއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަފްޣާނިސްތާނަށް ދާއިމީ ސުލްހައެއް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އިގްތިސާދީ ގުޅުން އުފެއްދުމާއި ސަރަހައްދީ ވިޔަފާރި ފުޅާކުރުމެވެ. އިތުރު އަސްކަރީ އަމަލުތަކަކީ ނުރައްކާތެރި އަމަލުތަކެކެވެ. އަޅުގަނޑުމެން މި ޒިންމާ އުފުލައިފިނަމަ ސަރަހައްދީ ދެކޮޅުވެރިކަން ބަދަލު ވެގެން ގޮސް ސަރަހައްދީ އެއްބައިވަންތަކަމުގެ ނަމޫނާއަކަށް އަފްޣާނިސްތާނުގެ ބަދަލު ވެގެން ހިނގައިދާނެއެވެ.


އެޑިޓަރުގެ ނޯޓު: މިއީ ޕާކިސްތާނުގެ ބޮޑު ވަޒީރު އެމެރިކާގެ "ވޮޝިންގޓަން ޕޯސްޓް" ނޫހުގައި ޝާއިއުކުރެއްވި ލިޔުއްވުމެއްގެ ތަރުޖަމާއެކެވެ.

ޢިމްރާން ޚާން
ޢިމްރާން ޚާނަކީ ޕާކިސްތާނުގެ މިހާރުގެ ބޮޑު ވަޒީރެވެ. އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ އިސްލާމީ ދުނިޔޭގައި މި ވަގުތު ތިއްބެވި އެންމެ ނުފޫޒު ގަދަ ލީޑަރުންގެ ތެރޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.