ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި 23 މީހުން މަރުވެއްޖެ

އަވަށްޓެރި ސަރީލަންކާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މިހާތަނަށް 23 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފިއެވެ.

ޑީއެމްސީގެ ތަރުޖަމާނު ޕްރަދީޕް ކޮޑިއްޕިލި ވިދާޅުވެފައިވަނީ،މަރުވި 23 މީހުންގެ ތެރެއިން ބައެއް މީހުން މަރުވެފައި ވަނީ ފެން ބޮޑުވުމުގެ ސަބަބުން ގެނބިގެން ކަމަށެވެ.

ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް އެގައުމަށް ވިއްސާރަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ، ލަންކާގެ ނޭޝަނަލް ބިލްޑިންގް އެންޑް ރިސާޗް އޯގަނައިޒޭޝަނުން ބައެއް ސަރަހައްދުތައް ބެލެހެއްޓުމަށް ޓަކައި ސީރިއަސް އެލާޓެއް ނެރެފައިވާކަމަށެވެ.

އެ ސަރަހައްދު ތަކަކީ، ގާއްލޭއާއި ކަލުޓަރާ، ރަތުނަޕުރާ، ކެގައަލޭ އަދި ނޫރަލިޔާއެވެ.

ރެޑް އެލާޓު ނެރެފައިވާ މި ސަރަހައްދު ތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތައް ރައްކާތެރި ހިސާބު ތަކަށް ގެންދިޔުމަށް ހަމަޖައްސާފައވާ ކަމަށާއި އެ ފަރާތްތަކުން މޫސުމުގެ ކަންތައް ހަމައަކަށް އެޅެންދެން އެ ތަންތަނުގައި ތިބެވޭނެގޮތްވެސް ހަމަޖެހިފައިވާކަމަށް ތަރުޖަމާނު ވަނީ ވިދާޅު ވެފައެވެ.
މީގެ އިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކަށް ވެސް ދަތުރު ފަތުރު މަޑުޖައްސާލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ވިއްސާރައިގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުނަތަކެއް ވެފައިވާއިރު މިހާތަނަށް 4000 އެއްހާ ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އެއްކޮށް ހަލާކުވެފައެވެ.

ކޮލަންބޯ އިން ބޭރު ބައެއް ސަރަހައްދު ތަކުގައި ބިޔަގަސްތައް ވެއްޓި މަގުތައް ބަންދުވުމުގެ އިތުރަށް ފެން ބޮޑު ވުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ސުކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ.

މި ވިއްސާރައިގައި ލަންކާއަށް ގެއްލުން ވަމުން ދިޔުމުގެ ސަބަބުން، އެގައުމުގެ ރައްޔިތުންނަށް ވަގުތުން ޚިދުމަތް ދިނުމަށް ރައީސް މައިތުރިޕާލް ސިރިސޭނާ ވަނީ ކަމާއިބެހޭ އިދާރާތަކަށް އަންގަވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.