
އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ސްރީލަންކާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެ، ޒަމާނުއްސުރެ، ސްރީލަންކާއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަކުރެއްވިއެވެ. އަދި، ފެށިގެންދާ އާ ދައުރުގައި އެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ސްރީލަންކާގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ސްރީލަންކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ.