ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ގައުމުން ފިއްލަވައިގެން ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުންނާއެކު ލަންކާގެ އެއަރފޯސް މަތިންދާބޯޓެއްގައި އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގެންނެވީ ޕްރައިވެޓް ޖެޓެއްގައެވެ. އަދި އެހެން ރިޕޯޓުތައް ބުނާގޮތުން ޕްރައިވެޓް ޖެޓެއް ލިބިވަޑައިނުގަތުމުން އެމަނިކިފާނު ރާއްޖެއިން ފުރާވަޑައިގެންނެވީ ސައުދީ އެއަރލައިންގެ ބޯޓެއްގައެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފައިވަނީ ގޮތަބަޔާ އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އަދި ދެ ބޮޑީގާޑުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ޕްރައިވެޓް ޖެޓެއްގައި ކަމަށެވެ.
ސިންގަޕޫރުން ހިމާޔަތް ހޯއްދަވައިގެން ގޮތަބަޔާ ރޭ ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރިނަމަވެސް އެ ފްލައިޓުގައި ގޮތަބަޔާ ފުރާވަޑައިނުގަންނަވާކަން ވަނީ އެނގިފައެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފައިވާ ގޮތުން, ގޮތަބަޔާ އެ ފްލައިޓުގައި ފުރާވަޑައިނުގެންނެވީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެންނެވެ.
ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި ނަމަވެސް އަދިވެސް އެކަމެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ގޮތަބަޔާ ވަނީ ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފައެވެ.
ގޮތަބަޔާ އަށް ރާއްޖެއިން ހިމާޔަތް ދިން ކަމަށްބުނެ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުން ވަނީ އިއްޔެ މުޒާހަރާކޮށްފައެވެ.