
(29 އޯގަސްޓް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އައްޒަޣަލްގެ މާޔޫސީ
(1)
ބަދްރު ބިން މުޣީރާ ގާއިމު ހުންނެވީ ފަރުބަދަމަތީގެ މަރުކަޒެއްގައެވެ. ހަވީރުގެ ވަގުތު އޭނާ މަރުކަޒުގެ ގޯތިތެރޭގައި އޭނާގެ ލަޝްކަރަށް އިރުޝާދުދެއްވާން ހުންނެވިއެވެ. އެވަގުތު ވަރަށް ބާރަށް އަސް ދުއްވަމުން އައި ސަވާރަކު މަރުކަޒަށް ވަދެއްޖެއެވެ. އޭނާ އަހުގެ ލަގަނަށް ދަމައިލައި ބަދްރާ ތަންކޮޅެއް ދުރަށް މަޑުކޮށްފިއެވެ. ބަދްރު ދެތިން ފިޔަވަޅުފުޅު ކުރިއަށް ޖެހިވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. [ބަޝީރެވެ. ތިޔަ ވަޑައިގަތީ ރަނގަޅު ޚަބަރަކާއިގެން ހެންނެއް ހިޔެއެއް ނުވެއެވެ.]
ބަޝީރް ބިން ޙަސަން އަސްކޮޅުން ފައިބައިވަޑައިގެން ބަދްރާ ސަލާންކޮށްލެއްވިއެވެ. [އަޅުގަނޑު ގެނައި ޚަބަރަކީ ރަނގަޅު ޚަބަރެއް ކަމަށް ގްރަނާދާގެ ރައްޔިތުން ދެކެއެވެ. އެކަމަކު އަޅުގަނޑު މި ހުންނަނީ ކަންބޮޑުވެފައެވެ. މަންޞޫރު ކޮބައިތޯއެވެ؟]
[ނަމާދުން ފައިބައިގެން ދެންމެއަކު ކޮޓަރިއަށް ހިނގައްޖެއެވެ. މިއަދަކީ އޭނާގެ ދުވަހެވެ. އޭނާ ގާތަށް ދަމާ ހިންގަވާށެވެ.] މިހެން ވިދާޅުވެފައި ލަޝްކަރުގެ މީހުންނާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ދެން ހުރި އިރުޝާތުތައް ޢިޝާނަމާދުގެ ފަހުން ދޭނަމެވެ.]
ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަނާ ދެ ބޭފުޅުން ވަޑައިގަތީ ދެވަނަ ބުރީގެ ކޮޓަރިކޮޅަކަށެވެ. ކޮޓަރިކޮޅުގައި ދަންމަރެއް ދިއްލައިފައި ހުއްޓެވެ. މަންޞޫރު ހުންނެވީ ތަނބިކަށިފުޅުގެ ދަހަނާ އައްސަވާށެވެ. ބަޝީރް ވެދެވަޑައިގަތީމާ ސަލާންކޮށްލެއްވުމަށްޓަކައި އަތްޕުޅު ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. [ބަޝީރް ވަޑައިގެންނެވިކަން ވަރަށް ރަނގަޅެވެ. މިރޭ އަޅުގަނޑު ޒަޚަމް ވެއްޖެއްޔާ ބޭސްކުރާނީ ކާކުބާވައޭ ހިތަށް އަރާތާ ކިތަންމެ އިރެކެވެ.]
ބަޝީރް ވިދާޅުވިއެވެ. [މަންޞޫރު ޒަޚަމް ކޮށްލެވޭފަދަ ކަނޑިއެއް ކަސްތިއްޔާގެ ހަތިޔާރު ކާރުޚާނާއަކުން އަދިއެއް ނުހަދައެވެ.]
ތިން ބޭފުޅުން ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. މަންޞޫރު ބަޝީރާ ސުވާލުކޮށްލެއްވިއެވެ. [އަޅުގަނޑުމެންގެ މޫނުފޮރުވި މުޖާހިދާމެދު ގްރަނާދާގެ ރައްޔިތުން ތިބީ ކަންބޮޑުވެފައި ދޮގެއްތޯއެވެ؟]
[އާދޭހެވެ. ގްރަނާދާގެ ކޮންމެ މެހެފިލެއްގައިވެސް ދެކެވެނީ އެ ވާހަކައެވެ. ސަރަހައްދީ ބާޒުގެ ޖާގައިގައި މިހާރު ހުންނެވީ ސަރަހައްދީ މޫނުފޮރުވި މުޖާހިދެވެ.]
[ބަދްރު އަވަހާރަވެއްޖެކަމަށް އަދިވެސް އެމީހުން ގަބޫލުކުރޭ ދޮގެއްތޯއެވެ؟]
[ލަޝްކަރުގެ ބައެއް އޮފްސަރުން އަދިވެސް ގަބޫލުކުރަނީ ބަދްރު ދުނިޔޭގައި އެބަ ހުންނެވި ކަމަށެވެ. ދޭތެރެދޭތެރެއިން އަޅުގަނޑާ ސުވާލުކޮށް ކޮނުމުގެ މަސައްކަތް އެމީހުން ކުރެއެވެ. ޖަވާބުގައި އަޅުގަނޑު ބުނަނީ މުޖާހިދުންނަކީ ތާއަބަދު ދިރިތިބޭ ބައެއް ކަމުގައެވެ. މީގެ އިތުރަކަށް އަޅުގަނޑު އެއްވެސް ވާހަކައެއް ނުދައްކަމެވެ.]
ބަދްރު ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ. ގްރަނާދާގެ މީހުން އުފަލުން ތިބި ކަމުގައި ވިޔަސް ބަޝީރް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި ޚަބަރަކީ ކޮބައިތޯއެވެ؟]
[އަބޫ ޢަބްދުﷲ ފެރްނާންދޯގެ ގައިދުޚާނާއިން ފިއްލަވައިގެން ގްރަނާދާއަށް ވަޑައިގެންފިއެވެ. ބޭރުގެ ނުރައްކާތެރިކަމުން ސަލާމަތްވެވަޑައިގަތްހައި އަވަހަކަށް ގްރަނާދާގެ ތަޚުތު އަބޫ ޢަބްދުﷲއާ ހަވާލުކުރައްވާނޭ ކަމަށް އައްޒަޣަލް އިއުލާނު ކުރައްވައިފިއެވެ. އެ ދުވަހަކާ ހަމައަށް ލޮއްޚާގެ ވެރިކަން އަބޫ ޢަބްދުﷲ އަށް ދެއްވައިފިއެވެ.]
ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ތިޔައީ ހަމަ ތެދުފުޅެއްތޯއެވެ؟ އައްޒަޣަލް އެވަރުގެ ކަތި ފިޔަވަޅުފުޅެއް އެޅުއްވީތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [އެއީ ކަތި ފިޔަވަޅުފުޅެއް ކަމުގައި ވަނީނަމަ އެ ކަތި ފިޔަވަޅުފުޅު އައްޒަޣަލް އަޅުއްވައިފިއެވެ. އަޅުގަނޑު އަބޫ މުޙްސިނާވެސް ބައްދަލުކުރީމެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރަހައްދަށް ހަމަލަދިނުމުގެ ކުރިން އަބޫ ޢަބްދުﷲ ހުންނެވީ ފެރްނާންދޯ ގާތަށް ވަޑައިގަންނަވާން ކަމަރު ބަންނަވައިގެންނެވެ. ހާލަތު ބަދަލުވެގެން ދިޔަ ގޮތުން މަޖުބޫރުވެ ވަޑައިގެން އެބޭފުޅުންގެ ލަޝްކަރާ ގުޅިވަޑައިގަތީއެވެ. އަބޫ ޢަބްދުﷲގެ ނިޔަތާމެދު އަޅުގަނޑު ޝައްކު ކުރަނީއެއް ނޫނެވެ. އެކަމަކު އޭނާއަކީ މިނިޓަކު ދެފަހަރު މިޒާޛު ބަދަލުކުރައްވާ ޒުވާނެކެވެ. މިހާރުގެ ހާލަތު އޮތް ގޮތުން އޭނާޔާ އެއްވެސް ކަހަލަ ޒިންމާއެއް ހަވާލުކުރުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ނުރައްކާތެރި ކަމެކެވެ. ޚަބަރު ލިބުނު ގޮތުގައި އަބޫ ދާވޫދް މިހާރުވީ ފެރްނާންދޯގެ ގާތުގައެވެ. އޭނާއަކީ ކިތަންމެފަދަ ބޮޑު ނުބައި ކަމެއްވެސް ކުރައްވާން އަބޫ ޢަބްދުﷲ ރުހިވަޑައިގަންނަވާ ގޮތް ހަދައިފާނޭ މީހެކެވެ.]
ބަދްރު ސުވާލުކުރެއްވިއެވެ. [އަބޫ ޢަބްދުﷲ ވަޑައިގަތީމާ ގްރަނާދާގެ ރައްޔިތުން އުފާކުރަނީތޯއެވެ؟]
[އާދޭހެވެ. އެމީހުން ދެކޭ ގޮތުގައި އަބޫ ޢަބްދުﷲގެ ދާވަނިކޮޅުގައި ޖެހިފައިވާ ކަޅު ލައްތައް ފިލައްޖެއެވެ. ބައެއް މީހުން ތިބީ ދެ ފިކުރެއްގެ މަތީގައެވެ. އެކަމަކު އެފަދަ މީސްމީހުންވެސް ޢަމަލީ ފިޔަވަޅެއް އަޅާކަށް ބޭނުމެއް ނުވެއެވެ.]
[މޫސައާ މެދު ކަންތައް ހިނގައިދިޔަ ގޮތުގެ ކަންބޮޑުވުންވެސް ރައްޔިތުންގެ ކިބައިގައި މިހާރު ނެތީތޯއެވެ؟]
[އަބޫ ޢަބްދުﷲ ވިދާޅުވާ ގޮތުގައި މޫސަ އޭނާގެ ގައިދުޚާނާއިން ފިއްލަވައިފިއެވެ. މުޅި ސަހަރަށް މަޝްހޫރުވެފައިވާ ގޮތަކީ މިއީއެވެ. މިކަން ސާބިތުކުރައްވާން އައްޒަޣަލްގެ ކުރިފުޅުމައްޗަށް ދެތިން ހެކިންވެސް އޭނާ ގެންނެވިއެވެ.]
[އައްޒަޣަލް އޭނާގެ ވާހަކަފުޅު ގަބޫލުފުޅު ކުރެއްވީތޯއެވެ؟]
[ފިއްލެއްވި ނަމަ އަބޫ މޫސާ އޭނާގެ އަރިހަށް ވަޑައިގަންވާނޭ ކަމުގައި އަޅުގަނޑު އައްޒަޣަލަށް ދެންނެވީމެވެ. އައްޒަޣަލް ވިދާޅުވިއެވެ. އަބޫ މޫސާއަކީ ނިކަން ޣީރަތްތެރި ބޭފުޅެކެވެ. އަބޫ ޢަބްދުﷲގެ ތުއްޕުޅުއިރުގެ އެކުވެރިއެކެވެ. އޭނާޔާ މެދު އަބޫ ޢަބްދުﷲ ކަންތައް ކުރެއްވި އިހާނެތި ގޮތުގެ ސަބަބުން ގްރަނާދާގެ އެއްވެސް މީހަކަށް މޫނުފުޅު ދައްކަވާންވެސް ބޭނުންފުޅު ނުވީއެވެ. އޭނާ ވަޑައިގަތީ މޮރޮކޯއަށް ކަމުގައި ހީފުޅުކުރެއްވޭ ކަމަށް އައްޒަޣަލް ވިދާޅުވިއެވެ. ކޯރްދޮބާގައި އުޅުނު އޭނާގެ އާއިލާގެ ވަރަށް ގިނަ މީހުން މޮރޮކޯއަށް ހިޖުރަކޮށްފިއެވެ. އައްޒަޣަލް ވިދާޅުވި ގޮތުގައި އޭނާ މިހާރުވެސް ގެންދަވަނީ އަބޫ މޫސާ ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަބޫ ޢަބްދުﷲ ދޮގު ހެއެްދެވީ ކަމުގައި ސާބިތު ވެއްޖެނަމަ އޭނާޔާމެދު ހެޔޮކޮށް ކަންތައް ކުރެއްވުމުގެ ވިސްނުންފުޅު ބަދަލު ކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.]
ބަދްރު ހިނދުކޮޅަކު ވިސްނަވައިލައްވާން އިންނެވުމަށް ފަހު ވިދާޅުވިއެވެ. [އަބޫ މަންޞޫރެވެ. އަވަހަށް ގްރަނާދާއަށް ވަޑައިގަންވާން ތައްޔާރުވެ ވަޑައިގަންނަވާށެވެ.]
މަންޞޫރު ވިދާޅުވިއެވެ. [އަޅުގަނޑު މީނީ ހަނގުރާމައަށް ނުކުންނާން ތައްޔާރުވެގެންނެވެ. ސަރަހައްދުގައި އޮތް ލަޝްކަރު މިހާރު އޮންނާނީ އަޅުގަނޑުގެ އިންތިޒާރުގައެވެ.]
[މަންޞޫރުގެ ބަދަލުގައި އެތަނަށް އަޅުގަނޑު ހިނގައިދާނަމެވެ.]
[ބަދުރު ރޭ ހަތަރުދަން ހޭދަކުރެއްވީ އަސްކޮޅުމަތީގައެވެ. އެހެންވީމާ އަރާމު ބޭނުންފުޅުވާނެއެވެ.]
[މަންޞޫރު ވީހައިވެސް އަވަހަކަށް ގްރަނާދާއަށް ވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑުގެ ސިޓީއެއް ގެންދަވައި އައްޒަޣަލަށް އަރުވާށެވެ. އޭނާ އަރިހު ވަރަށް ސާފުކޮށް ވިދާޅުވާށެވެ. އަޅުގަނޑުމެންގެ ހަނގުރާމައަކީ ރަސްކަލަކަށްޓަކައި ނުވަތަ ވަކި ވެރިއަކަށްޓަކައި ކުރާ ހަނގުރާމައެއް ނޫނެވެ. އަޅުގަނޑުމެންގެ ގުރުބާނީގެ ހަމައެކަނި ބޭނުމަކީ ގްރަނާދާއަކީ އަޅުގަނޑުމެންގެ މައި ދިފާޢީ މަރުކަޒު ކަމުގައި ހެދުމަށް ފަހު، އަޅުގަނޑުމެންގެ މުޖާހިދުން އެއްތަންކޮށް، ކްރިސްޓިއަނުންގެ އަނިޔާވެރިކަމުގެ ދަށުގައި ފިތިފައި ތިބި އިސްލާމް ރައްޔިތުން އެ އަނިޔާވެރިކަމުން ސަލާމަތްކޮށް، މިނިވަންކުރުމެވެ. އަބުލްޙަސަން އަވަހާރަވީމާ، އައްޒަޣަލަކީ އަޅުގަނޑުމެންގެ ރަސްގެފާނު ކަމުގައި ގަބޫލުކުރީ މި ދެންނެވުނު ބޭނުމަށްޓަކައެވެ. އަބޫ ޢަބްދުﷲގެ ގޮތާއި ބާވަތް އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. ބޮޑުބޭބޭފުޅެއްގެ ހައިސިއްޔަތުން އަބޫ ޢަބްދުﷲގެ ހުރިހައި ކުށަކަށް މާފުދެއްވުމަކީ އައްޒަޣަލަށް އޮތް ޒާތީ ހައްގެކެވެ. އެކަމަކު އޭނާ މިހާރު ތައުބާވެވަޑައިގެން އިސްލާހުގެ މަގަށް އެނބުރިވަޑައިގެންފިއޭ ވިދާޅުވުމަށް ފަހު އޭނާއަށް ރަސްކަން ދެއްވައި އެކަން ގަބޫލުކުރާށޭ ރައްޔިތުން ގާތު ވިދާޅުވުމުގެ ހައްގެއް އައްޒަޣަލަކަށް ނެތެވެ. އައްޒަޣަލަށް ދަންނަވާށެވެ. އަބޫ ޢަބްދުﷲ އިޚްލާސްތެރިކަމާއެކު ތައުބާވެ ވަޑައިގަތް ކަމުގައި ވިޔަސް، އޭނާއަކީ ޣީރަތްތެރިކަން މަރުވެފައިވާ ބޭފުޅެކެވެ. މަރާއި ދިރިތިބުމާ ދެމެދު ތެޅިތެޅި ތިބި ރައްޔިތުންގެ ބޮލަށް ގަބުރެއް ސަވާރު ނުކުރައްވާށެވެ. ދިރިހުންނެވިހައި ދުވަހަކު އަމިއްލަ އިސްތަށިފުޅުގައި އެޅިފައި އޮތް ވާޖިބުތައް އަދާކުރެއްވުމަށް ފަހު، އިސްލާމުންގެ މިނިވަންކަމަށާއި އެބައިމީހުންގެ ހެވާއި ލާބައަށްޓަކައި، ދެން އަންނާނޭ ވެރިޔަކު ކަނޑައެޅުމުގެ ހައްގު ރައްޔިތުންނަށް ދޫކޮށްލައްވާށެވެ. އަބޫ ޢަބްދުﷲގެ ފަރާތުން އަޅުގަނޑަށް ކުރިމަތިވާނޭ ނުރައްކަލެއް ނެތެވެ. އޭނާ އަޅުގަނޑަށް މަކަރު ހައްދަވައި، އޮޅުވައިލައްވައިގެން ގަތުލުކޮށްލާން މަސައްކަތް ކުރެއްވިއެވެ. އަޅުގަނޑު އޭނާއަށް މާފުކޮށްފާނަމެވެ. އެކަމަކު އެއް ފަހަރު ޚިޔާނަތްތެރިވީ މީހަކުގެ އަތްމައެްޗަށް ގައުމުގެ ވެރިކަން ދޫކޮށްލެއްވުމާ އަޅުގަނޑު ދެކޮޅެވެ. ސަރަހައްދުގައި ކުޅަ ހަނގުރާމައަށް އޭނާ ހައެއްކަ މީހުން ނެރެދެއްވައިގެން ބަދަލު ވެވަޑައިގެންގެންފިކަމުގެ ހެކި ދެއްކެވުމުގެ ސަބަބުން އޭނާއަށް ދެއްވާން ޖެހޭނަމަ، ދެއްވާން އޮތް އެންމެ ބޮޑު އިނާމަކީ އޭނާގެ ފާއިތުވެދިޔަ ކުށްތަކަށް އަދަބެއް ނުދެއްވުމެވެ. އެކަމަކު އޭނާއަށް ލޮއްޚާގެ ވެރިކަން ދެއްވުމާއި ގްރަނާދާގެ ތަޚުތުގެ ވާރިސުކަމުގައި ގަބޫލުފުޅު ކުރެއްވުމަކީ އޭނާއަށް ހައްގުވާ އިނާމަށްވުރެ މާ ބޮޑު އިނާމެކެވެ.]
މަންޞޫރު ވިދާޅުވިއެވެ. [އައްޒަޣަލް ދެއްވާނޭ ޖަވާބު އަޅުގަނޑަށް އެނގެއެވެ. އޭނާ ވިދާޅުވާނެއެވެ. އަޅުގަނޑު އަބޫ ޢަބްދުﷲއަށް ހެޔޮކޮށް ހިތައި، ހައްގު މަގާމު ނުދީފިނަމަ ރައްޔިތުން ދެކޭނީ އަޅުގަނޑު ކުރި ޖިހާދަކީ އަމިއްލަ ބޭނުމަކަށްޓަކައި ކުރި ޖިހާދެއް ކަމުގައެވެ. މީގެ އިތުރަށް އަހުލީ ހަނގުރާމައެއް ފެށިދާނެތީވެސް އަޅުގަނޑު ބިރުގަނެއެވެ. އަބޫ ޢަބްދުﷲ އެފަދަ ކަމެއް ކުރުމަކީ ދުރުކަމެއް ނޫނެވެ.]
ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އޭނާގެ ކަރުފުޅުގައި ވާގަނޑެއް ޖަހައިގެން ބާޒާރުމަތީގައި ގަންނުހިންގުވާ ދޫކޮށްލެއްވުމަކީ ކުޑަ ހެޔޮކަމެއްތޯއެވެ؟ އައްޒަޣަލަށް ދަންނަވާށެވެ. އެއް ފަހަރު ޚަސީލަތް ދެނެގަނެވިފައިވާ ޚާއިނެއްގެ އަތްޕުޅުމައްޗަށް އުއްމަތާއި މިއްލަތް އާރާސްތުކުރުމުގެ މަސްއޫލިއްޔަތު ދޫކޮށްލާން ތައްޔާރަށް ތިބި، ޣާފިލު ބަޔަކު ކިޔާފާނެ އެއްޗަކަށް ނުބައްލަވާށެވެ. އިއްތިހާދުގެ މާނައަކީ ފަހަރެއްގައިވެސް އަހަކާއި ހިމާރެއް އެއް ގާޑިޔަލެއްގައި ބަނުމެއް ނޫނެވެ. ފަންސާސް ސިފައިން ކޮނޑުމަތީގައި ފަންސާސް ގަބުރު އުފުލުމަކީ އެބައިމީހުން ސަތޭކަ ސިފައިންނަށް ވުމެއް ނޫނެވެ. އަހުލީ ހަނގުރާމައެއް ފެށުނަނުދެއްވައި ދަފަރާ ކުރެއްވުމަށްޓަކައި ކުރައްވާން ޖެހިވަޑައިގަންނަވާ ކަމަކީ ނާގާބިލު ބައެއްގެ އަތްމައްޗަށް ވެރިކަން ދޫކޮށްލެއްވުމެއް ނޫނެވެ. އޭގެ ބަދަލުގައި ކުރައްވާން ޖެހިވަޑައިގަންނަވާ ކަމަކީ ނާގާބިލު މީހުންނަށް ތަޚުތާ ދިމާއަށް ބަލައިލާންވެސް ނުކެރެޭ ވަރަށް ރައްޔިތުން ހޭލުންތެރި ކުރެއްވުމެވެ. ރައްޔިތުންގެ ރައުޔު ބަދަލު ކުރެއްވުމުގެ މަސައްކަތް ކުރެއްވުމެވެ. ދިރިދެމި އޮންނާން ބޭނުންވާ ގައުމެއްގައި ފެންނާނީ ޣައްދާރުންނާއި ޚާއިނުން ކުދިކޮށް ކޮށައިލާ މަންޒަރެވެ. އެމީހުންނަށް ރިޝްވަތު ދީގެން ހިތްހަމަޖައްސައިދޭ މަންޒަރެއް ނޫނެވެ.]
މަންޞޫރު ވިދާޅުވިއެވެ. [ސިޓީފުޅު ލިޔުއްވާށެވެ. އަޅުގަނޑު މިހިރީ ގްރަނާދާއަށް ދާން ތައްޔާރަށެވެ.]
(2)
ދުވަސްކޮޅެއް ފަހުން މަންޞޫރު އެނބުރިވަޑައިގަތީ އައްޒަޣަލްގެ ޖަވާބުގެ ސިޓީފުޅަކާއެކުގައެވެ.
[ޢިއްޒަތްތެރި އެކުވެރިޔާއެވެ! މަނިކުފާނުގެ ސިޓީފުޅު އަޅުގަނޑަށް ލިބުނީ އަބޫ ޢަބްދުﷲ އޭނާގެ އެންމެ ފަހުގެ ގެއްލުން އަޅުގަނޑުމެންނަށް ދިންތަނާއެވެ. އޭނާ ދުޝްމިނުންނާ ލޮއްޚާ ހަވާލުކޮށްފިއެވެ. ފެރްނާންދޯގެ އަށްހާސް ސިފައިން އެރަށަށް އަރައިފިއެވެ. އަޅުގަނޑުގެ ނިޔަތް އެއްގޮތަކަށްވެސް ނުބައެއް ނޫނެވެ. އެކަމަކު ސިޔާސީ ކަތިފިޔަވަޅަށް ގުދުރަތުން މާފު ނުކުރައްވަނީ ކަމުގައި ވެދާނެއެވެ. މަނިކުފާނުގެ ކުރިފުޅުމަތީގައްޔާއި ގައުމުގެ ކުރިމަތީގައި އަޅުގަނޑުގެ ލަދުވެތިކަމުގެ ކަރުނަ ފިޔަވައި އެހެން އެއްޗެއް ނެތެވެ.
ލޮއްޚާގެ މައްޗަށް ކްރިސްޓިއަނުން ވެރިވުމަކީ އަޅުގަނޑުމެންގެ މެޔަށް ހަރައިލެވުނު ޚަންޖަރަކަށްވުރެ ކުޑަ ކަމެއް ނޫނެވެ. މަނިކުފާނު އަޅުގަނޑުގެ ގާތުގައި ހުންނެވިނަމަ މިފަދަ ނުބައި ފިޔަވަޅެއް ނޭޅުނީސްކަން ނޭނގެއެވެ. ހިތް ހަލާކުވެފައިވާ މުސްކުޅިއަކަށް މި ވަގުތު މިވަނީ މަނިކުފާނުގެ އެހީފުޅުގެ ބޭނުން ޖެހިފައެވެ. އެއީ އަޅުގަނޑުގެ އަމިއްލަ ބޭނުމަކު ނޫނެވެ. ގްރަނާދާގެ ތަޚުތާއި ތާޖުގެ ދިފާޢުގައެއްވެސް ނޫނެވެ. އިސްލާމުންގެ ޢިއްޒަތާއި މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައެވެ.
އަޅުގަނޑަށް އެހީތެރިވެވަޑައިގަތުމަށްޓަކައި ހަމަ މިހާރު ގްރަނާދާއަށް ވަޑައިގަންނަވާށެކޭ އަޅުގަނޑެއް ފަހަރެއްގައިވެސް ނުދަންނަވާނަމެވެ. މަނިކުފާނަކީ ގްރަނާދާގެ އެންމެ ފަހުގެ އުއްމީދެވެ. ގެނބެމުން މިދާ އޮޑީގެ އެންމެ ފަހުގެ އެހީތެރިޔާއެވެ. އަޅުގަނޑު ބޭނުންވަނީ މަނިކުފާނަކީ ނުބައިކަންކަމުން ރައްކާތެރިވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައި ދެކޭށެވެ. ބާޒުގެ ވާދީއަކީ އަޅުގަނޑުމެންގެ އެންމެ ފަހުގެ މަކާނެވެ. މަނިކުފާނު ސަރަހައްދުގެ ހަމަލަތައް ވަރުގަދަ ކުރައްވައިފިނަމަ ދެ މައިދާނެއްގައި ހިފަހައްޓައިލުން ދުޝްމިނުންނަކަށް ފަސޭހައެއް ނުވާނެއެވެ. އަޅުގަނޑު ލޮއްޚާ ދެވަނަ ފަހަރަށް ހިފޭތޯ މަސައްކަތް ކުރާނަމެވެ.
އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ފެރްނާންދޯގެ ކުރިމަތީގައި ގްރަނާދާއަށްވުރެ ބާޒުގެ ވާދީގެ އަހުމިއްޔަތުކަން ކުޑައެއް ނުވާނެއެވެ. ގްރަނާދާއަށް ހަމަލަދިނުމުގެ ކުރީން ތިޔަ ތަނަށް އޭނާ ހަމަލަދިނުން ވަރަށް ބޮޑަށް އެކަށީގެންވެއެވެ. އެހެންވީމާ ތައްޔާރީތައް އަވަސް ކުރައްވާށެވެ. ދަރިފުޅާއެވެ! އަޅުގަނޑުމެންގެ ފަރުވާކުޑަކަމުގެ ސަބަބުން ދަރިފުޅުގެ ހިތްވަރުފުޅު އެއްގޮތަކަށްވެސް ބަލިނުކުރައްވާށެވެ. ދަރިފުޅު މާޔޫސީގެ ތެރެއަށް ވެދެވަޑައިގެންފިނަމަ އަންދަލުސްގެ އިސްލާމުން އުއްމީދުގެ ބައްތި އިރުއެރުމުގެ ކުރީން ނިވިދާނެތީ އަޅުގަނޑު ބިރުގަނެއެވެ.]
(ނުނިމޭ)