އަންދަލުސްގެ ބާޒު – 57

(10 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނެއްކާވެސް ހިތްޕުޅަށް އެރިއެވެ. [ފެރްނާންދޯއަކީ އެހައި ވިޔާނުދާ މީހަކަށް ވެދާނެހެއްޔެވެ؟ އަހަރެމެން އަމިއްލަ ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓިގަތީ ކަލެއަށްޓަކައެވެ. އަބޫ މުޙްސިނާއި އައްޒަޣަލާ ހަނގުރާމަކުރީވެސް ކަލެއަށްޓަކައެވެ. ކަލޭގެ ބެލުމުގެ ދަށުގައި އަމާން ދިރިއުޅުމެއް އުޅޭވޭނެކަމަށް އަހަރެމެން ޔަގީންކުރީމެވެ. އަންދަލުސްގެ އަމަންއަމާންކަމަށްޓަކައި އަހަރެމެންގެ ރަސްކަމުގެ ބޮޑު ބައެއް ކަލެޔާ ހަވާލުކުރީމުއެވެ. މިހާރު ތިޔަ އުޅެނީ ގްރަނާދާވެސް އަހަރެމެންގެ އަތުން އަތުލާށެވެ. ކަލެއަކީ އަންދަލުސްގެ ރަސްގެފާނެވެ. ވައުދާ ޚިލާފުވުމަކީ ކަލޭގެ ޝަރަފާއި މަގާމާ އެކަށީގެންވާ ކަމެއް ނޫނެވެ. މުވައްރިޚުން ލިޔާނީ ކީކޭހެއްޔެވެ؟ އަހަރެމެން ކަލެޔަށް އެހީތެރިނުވިނަމަ އަބުލްޙަސަންގެ ފުތޫހާތުގެ އޮއިވަރު ހުއްޓުވުމަކީ ކަލެއަށް ކުރެވޭނޭ ކަމެއް ނޫން ކަމަށް އެއްބަހެއް ނުވާނަން ހެއްޔެވެ؟ އެއްވެސް މީހަކު ކަލެޔާ ދެކޮޅަށް އަޑު އުފުލައިފިނަމަ އަހަރެމެން ގެންދިޔައީ އެމީހަކުގެ ކަރުގައި ހިފަމުންނެވެ. ކަލެޔާ ދެކޮޅަށް ހަތިޔާރު އުފުލި ކޮންމެ މީހަކު ކަތިލައިގެން ގެންގޮސް ކަލޭގެ ފައިބުޑަށް ވައްޓައިލީމެވެ. އަހަރެމެންގެ ޚިދުމަތުގެ އަގު އަދާކުރަން ކަލެއަށް ފެނުނު ގޮތަކީ މަލަޚާގައި އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއެއް ހިންގި ހިޔަޅުތަކަށްޓަކައި އަހަރެމެންގެ ރަށުގެ ދޮރާށި ހުޅުވައިދޭން އެންގުން ހެއްޔެވެ؟ އަހަރެމެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. މިހާރު މި ވާހަކައަކުން ވާނޭ ފައިދާއެއް ނެތެވެ. މިހާރު ފެރްނާންދޯއަކަށް އަހަރެމެންގެ ބޭނުމެއް ނެތެވެ. މިހާރު އޭނާއަކަށް އަބުލްޙަސަނާއި އައްޒަޣަލްގެ ފަރާތުން ކުރިމަތިވާނޭ ނުރައްކަލެއް ނެތެވެ. އެތައް ގަރުނެއް ވާންދެން އަންދަލުސްގެ މައިދާންތަކުގައި އެބައެއްގެ ދިދަ އުފުލަމުން ދިޔަ މީހުންގެ ފަރާތުން ކުރިމަތިވާނޭ ނުރައްކަލެއްވެސް މިހާރަކު ނެތެވެ. ވެހެމުންދިޔަ ދުނީގެ ވާރެއިން ސަލާމަތްވާން ފެރްނާންދޯ ވަނީ ހިލަތަކުގެ ފުރަގަހަށެވެ. އޭނާޔާ ދެކޮޅަށް ހަނގުރާމަކުޅަ މުޖާހިދުންގެ ދުނިދަނޑިތައް ބިނދިއްޖެއެވެ. އެހެންވީމާ މިހާރު އެ ހިލަތަކުގެ ބޭނުން ކެނޑިއްޖެއެވެ. ހަނގުރާމަ ކާމިޔާބުކުރުމަށްޓަކައި ފެރްނާންދޯ ބޭނުންކުޅަ ހިލަތަކަކީ އަބޫ ޢަބްދުﷲއާއި އަހަންނާއި އަހަރެމެންގެ އެހެން ބައިވެރިންނެވެ.]

އަނެއްކާވެސް ޠަރީފްގެ ހިތްޕުޅަށް އެރިއެވެ. [އެކަމަކު އަބޫ ދާވޫދަކީވެސް އޭގެތެރެއިން އެއް ހިލައެއް ނޫން ހެއްޔެވެ؟ އޭނާއަށް ދިނީ ލޮއްޚާގެ ގަވަރުނަރުކަމުގެ މަގާމެވެ.] މި ސުވާލުގެ ޖަވާބުވެސް އައީ ޠަރީފްގެ ހިތްޕުޅުންނެވެ. [އޭނާގެ ބޭނުން އަދިވެސް ހިފެން އޮތީއެވެ. ފެރްނާންދޯ ބޭނުންވަނީ އޭނާގެ ކުރިމަތީގައި ބަލިވީ އެންމެން މަރައި ހުސްކުރާށެވެ. އަބޫ ދާވޫދޭ ކިޔޭ ހިލައަކީ އޭނާގެ ކަނޑިތައް ތޫނުކުރާން ބޭނުންކުރާ އެއްޗަކަށް ހެދިދާނެކަމަށް ފެރްނާންދޯއަށް އަދިވެސް ގަބޫލުކުރެވެނީއެވެ. އޭނާގެ ދުޝްމިނުންގެ ހަށީގަނޑުގައި އެންމެ ލޭ ތިތްކެއްވެސް ދައުރުކުރާކަށް ފެރްނާންދޯއެއް ނޭދެއެވެ. ބުރިކޮށްލާންވީ ލޭނާރު ފާހަގަކޮށް ދައްކައިދެނީ އަބޫ ދާވޫދެވެ. އަހަރެމެން ފަދައިން އަބޫ ދާވޫދްގެ ބޭނުން ކެނޑިއްޖެކަމަށް ފެރްނާންދޯއަށް ފެންނަ ދުވަހެއް އައުމަކީވެސް ދުރުކަމެއް ނޫނެވެ. މި ވަގުތަށް ބަލާއިރު އޭނާގެ ބޭނުން އެބައޮތެވެ. އަބޫ ދާވޫދް އަހަންނަށް ޔަގީންކަން ދިނީ އަބޫ ޢަބްދުﷲއަށް ޚިޔާނަތްތެރިވެގެން ފެރްނާންދޯގެ ހިތް އުފާކޮށް ދިނުމަކީ އަހަންނަށް ކުރެވިދާނޭ ކަމެއް ކަމުގައެވެ. އެއީ ބޮޑު މަކަރެކެވެ. އަބޫ ޢަބްދުﷲއާ ދެކޮޅަށް ފެރްނާންދޯ ނިންމި ނިންމުމަކީ އަބޫ ދާވޫދްގެ މަޝްވަރާގެ މަތީން ނިންމި ނިންމުމަކަށް ނުވާނެ ހެއްޔެވެ؟ އަބޫ ޢަބްދުﷲއަށް މަކަރުހެދި މީހަކު އަހަންނަށް މަކަރެއް ނުހަދާނެ ހެއްޔެވެ؟ އަހަރެން މަލަޚާއަކަށް ނުދާނަމެވެ. އެކަމަކު ގްރަނާދާއަށް ގޮސް އަހަރެން ވަކި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ މޫސަ އޮންނެވީ އަހަރެންގެ ގައިދުގައެވެ. އޭނާ މިނިވަންކުރުމުގެ ނުރައްކަލާ ކުރިމަތިލުމަކީ އަހަންނަށް ކުރެވިދާނެ ކަމެކެވެ. އަހަރެން އޭނާއަށް ދަންނަވާނަމެވެ. [މޫސާއެވެ. އަޅުގަނޑުމެންގެ ގައުމަށް މަނިކުފާނުގެ ބޭނުން ޖެހިއްޖެއެވެ.] އެކަމަކު މޫސައަށްވެސް މިހާރު ކުރެއްވޭނީ ކޮން ކަމެއް ހެއްޔެވެ؟]

ސިކުނޑިފުޅުގައި މިފަދަ ހައިޖާނެއް އުފެދިގަތީމާ ޠަރީފް އޭނާގެ ބައިވެރިންނާ ވާހަކަފުޅު ދައްކަވައެވެ. މެހުމާނުޚާނާއަށް ވެދެވަޑައިގަތުމުގެ ކުރީން ވަޑައިގަންނަވާންވީ ތަނެއް އޮތީ ނުނިންމެވިއެވެ. އެއް ފިޔަވަޅުފުޅު މަލަޚާއާ ދިމާއަށް ހުރިއްޔާ އަނެއް ފިޔަވަޅުފުޅު ހުރީ ގްރަނާދާއާ ދިމާއަށެވެ. އެކަމަކު މެހުމާނުޚާނާއިން ނުކުމެވަޑައިގަތްއިރު ވަޑައިގަންނަވާން އޮތީ އެންމެ ދިމާއަކަށްކަން އެނގިވަޑައިގެންފިއެވެ. އަނިޔާލިބެމުންދިޔަ އަންހެންކުއްޖެއްގެ ހިތާމަވެރި މަރުގެ ސަބަބުން އޭނާގެ ޒަމީރު ހޭލައިފިއެވެ. އެއީ އޭނާގެ މުޅި ހަށިކޮޅަށް އެރި އެންމެ ވަރުގަދަ ލޮޅުމެވެ. އޭނާ ވެއްޓިވަޑައިގަތުމުގެ ކުރީން ސަމާލުވެވަޑައިގެންފިއެވެ. ގައުމުގެ ނިކަމެތި އަންހެންކުއްޖެއްގެ ރުއިމުގެ ސަބަބުން އެ ގައުމުގެ ބޮޑު ވަޒީރު ގެނެސް، ކާމިޔާބީއާއި ނާކާމިޔާބީއާ މެދު ވިސްނައިވަޑައިގަތުމެއް ނެތި ހަނގުރާމަކުރައްވާން މަޖުބޫރުވެފައިވާ މީހުންގެ ސަފަށް ވައްދައިފިއެވެ. ޠަރީފްގެ ކުރިފުޅުމަތީގައި މިހާރު އޮތީ އެންމެ މަގެކެވެ.

ފަޖުރުލީ ވަގުތު އޭނާގެ އަސްކޮޅު މަޑުކޮށްލީ ކޯރެއްގެ އައްސޭރިއަށެވެ. އޭނާ ބައިވެރިންނާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ނަމާދުކޮށްލަމާ ބަހީއެވެ.]

ކޯރުން ވުޟޫކޮށްލެއްވުމަށް ފަހު ގިބްލައަށް ކުރިމަތިލައްވައިގެން ހުއްޓިވަޑައިގެންފިއެވެ. ނަމާދުން އަވަދިވެވަޑައިގެން ދުޢާކުރެއްވުމަށްޓަކައި އަތްޕުޅު އުފުއްލައިލެއްވީ ވަގުތު ދޫފުޅުން އެއްވެސް ލަފުޒެއް ބޭރެއް ނުކުރެއްވުނެވެ. ލޯފުޅުން ހޯސްލައިފައި އޮހިގަތީ ކަރުނަފޮދެވެ. އޭނާ މޫނުފުޅުގައި ދެ އަތްތިލަފުޅު އަޅުއްވައިލެއްވިއެވެ. އެތައް މަސައްކަތްޕުޅަކާއެކު ވިދާޅުވެވުނެވެ.

[އޭ އަޅަމެންގެ ވެރިރަސްކަލާނކޯއެވެ. އަޅަމެން މިވަނީ ގަދަރުވެރި ދިރިއުޅުމަކާ މާ ދުރަށް ސޮއްސައިލައިފައެވެ. ފަސްބައިގައި ޖެހިފައިވާ ކަޅު ލައްތައް އަޅަމެންގެ ކަރުނައިން ނުދޮވެވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅަމެން ވަނީ އިބަކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވެފައެވެ. އިބަކަލާނގެ ރަޙުމަތްޕުޅަށް ފުރަގަސްދީފައެވެ. އަޅަމެންގެ ކުރިމައްޗަށް ލަދުވެތިކަމާއި އަގުޥެއްޓުން އައި ހިނދު، އެދި މި ދަންނަވަނީ އަބުރުވެރި މަރެއް ދެއްވާތޯއެވެ. ނޫނެކެވެ. އަބުރާއި އިއްޒަތުގެ ވާހަކަ ދެންނެވުމަކީ އަޅަމެންނާ އެކަށީގެންވާ ކަމެއް ނޫނެވެ. އަބުރުވެރި މަރެއްގެ ތަސައްވަރުކުރުމަކީވެސް އަޅަމެންގެ ހައްގުގައި އޮތް ކަމެއް ނޫނެވެ. އަޅަމެން އެދި ދަންނަވަނީ ޒަމީރުގެ އަޒާބުން އަޅަމެން ސަލާމަތްކުރައްވާތޯއެވެ. އަޅަމެންގެ ކޮންމެ ނޭވައެއް މިވަނީ މަރަށްވުރެ ހިތި އެއްޗެއް ކަމުގައި ވެފައެވެ. އިބަކަލާނގެ މިލްކެއްކަމުގައިވާ، މި ބިމަށް މިހާރު އަޅަމެންގެ ބުރަ އުފުލުންވެސް ބުރަވެއްޖެ ކަހަލައެވެ. އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވައިފާނދޭވެ.]

މި ދުޢާފުޅު ފެށްޓެވީވެސް ކަރުނަފޮދުންނެވެ. ނިންމަވައިލެއްވީވެސް ކަރުނަފޮދުންނެވެ. އެޔަށް ފަހު ޠަރީފާއި އޭނާގެ ބައިވެރިން އަސްމައްޗަށް ސަވާރުވެއްޖެއެވެ.

ކޯރު ހުރަސް ކުރެއްވުމަށް ފަހު އަނެއް ފަރާތަށް ވަޑައިގެންނެވުމާއެކު ގްރަނާދާގެ މިސްކިތްތަކުގެ މުންނާރާއި އަލްޙަމްރާގެ ގުއްބުތައް ފެނިވަޑައިގެންފިއެވެ. އޭނާ އެ ދިމާއަށް ބައްލަވާން އިންނަވައިފައި ވިދާޅުވިއެވެ. [ނިކަން ބަލައިބަލާށެވެ. އެހެރަ ފެންނަނީ ގްރަނާދާއެވެ. އަހަރެމެންގެ ގްރަނާދާއެވެ. ޙަސަނާއެވެ. އެއީ އަންދަލުސްގައި އޮތް އަހަރެމެންގެ އެންމެ ފަހުގެ ޖަގަހައެވެ. އަހަރެމެން އެ ކިއްލާ ރައްކާތެރިކުރާނަމެވެ. ﷲ ގެ ރަޙްމަތްފުޅުން މާޔޫސްވުމަކީ އަހަރެމެން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ގްރަނާދާގެ ދިހަލައްކަ މީހުންގެ އާބާދީގެ ތެރެއިން އެއްލައްކަ ޒުވާނުން ދިރިތިބޭން އަހުދުވެއްޖެނަމަ އެ މީހުން އިނދަޖައްސައިލެވޭނީ ކާކަށް ހެއްޔެވެ؟ ސަރަހައްދީ ބާޒުގެ ކުޑަކުޑަ ލަޝްކަރަކުން ފެރްނާންދޯގެ ބޮޑު ލަޝްކަރުގެ ދަތްޕިލާ ދުއްވައެއް ނުލާހެއްޔެވެ؟ ޠާރިޤްގެ އެއްހާސް މުޖާހިދުންގެ ލަޝްކަރަކުން ރޮޑްރިކްގެ ތާޖު އެކޮޅުކޮޅުން ޖަހައެއްނުލާ ހެއްޔެވެ؟ އޭނާގެ ދަރުބާރު ބިމާހަމައެއް ނުކުރޭ ހެއްޔެވެ؟ އަހަރެމެންގެ ލަޝްކަރުގައި މަދު މީސްކޮޅެއް އޮތްއިރުވެސް އަހަރެމެން ވަނީ ދުޝްމިނުންގެ ބޮޑެތި ލަޝްކަރުތައް ބަލިކޮށްފައެވެ. މިއަދު އަހަރެމެންގެ ލަޝްކަރުގައި ލައްކައިން މުޖާހިދުން އެބަތިއްބެވެ. ވުމާއެކުވެސް ފެރްނާންދޯގެ އަޅުވެތިކަމަށް ރުހިގެން ތިބޭންވީ ހެއްޔެވެ؟ ކާބަފައިންގެ އަތުގައި ހުރި ކަނޑިތައް އަހަރެމެންގެ އަތުގައި...]

ޠަރީފަށް ޖުމުލަ ނުނިންމެވެނީސް ގަސްތަކުގެ ތެރެއިން ފަތުއަޑު ކިޔައިފައި އައި ދުންޏެއް އޭނާގެ އަރިކަށިފުޅަށް ހެރިއްޖެއެވެ. އޭނާ އުފްއޭ ވިދާޅުވެލެއްވުމަށްފަހު އަސްކޮޅުމައްޗަށް ގުދުވެވަޑައިގެންފިއެވެ. އެޔާއެކު ދެން އައި ދުނި ހެރުނީ އޭނާގެ ބުރިކަށިފުޅަށެވެ. ޠަރީފްގެ ބައިވެރިން ވަށައިގެން އެނބުރި ހޯދާން ފަށައިފިއެވެ. ދެން ފެނުނީ ދުންޏެއްގެ ޝިކާރައަކަށްވެ އެހެން ސަވާރީއަކު ޒަޚަމްވީ ތަނެވެ. އެޔާއެކު ގަސްތަކުގެ ތެރެއިން އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވުނެވެ. އެބަޔަކު އެ ދަނީ ދުރަށްކަން އަޑުން އެނގެއެވެ.

ޠަރީފް ވަރަށް ބާރަށް ވިދާޅުވިއެވެ. [ޙަސަނާއެވެ. އެމީހުންގެ ފަހަތުން ދާން މަސައްކަތް ނުކުރާށެވެ. އަހަރެން ކުރަންޖެހޭ ލައްކަ ކަންތައް އަދި އެބަހުއްޓެވެ.]

ޠަރީފް އަސްކޮޅު މަޑުމަޑުން ދުއްވަވައިލެއްވިއެވެ. އޭނާގެ ބައިވެރިން ރުޅި އައިސް ދަތްކުނޑިވިކައިގެން ތިބެ ފަހަތްޕުޅުން އާދެއެވެ. ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ ޙަސަން އައިސް ޠަރީފާ އަރައިހަމަކޮށްފައި ދެންނެވިއެވެ. [މަޑުކުރައްވާންވީ ނޫންތޯއެވެ؟ އަޅުގަނޑު ދުނި އުފުރައިލެވޭތޯ ބަލާނަމެވެ.]

[ނޫނެކެވެ. އަހަންނަށް ލިބިފައިވާ ކުޑަ ހިނދުކޮޅުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ވަގުތު ނަގައިލާން ނޫޅޭށެވެ.]

[ތިޔަ ހާލަތުގައި މާ ދުރަކަށް ވަޑައެއް ނުގެންނެވޭނެއެވެ. އެންމެ ކުޑަމިނުން ޒަޚަމް ބަލައިލިޔަ ދެއްވާށެވެ.] މިހެން ބުނެފައި ޙަސަން ޠަރީފްގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިލިއެވެ. އަދި އޭނާގެ އަހުގެ ލަގަނަށް ދަމައިލިއެވެ.

ޠަރީފް އަސްކޮޅުން ފައިބައިވަޑައިގެންފިއެވެ. [ޙަސަނާއެވެ. ކަލެއަކީ ވަރަށް ގޮތް ދޫނުކުރާ މީހަކީމުތާއެވެ.] މިހެން ވިދާޅުވެފައި އަސްކޮޅުގެ ކައިރިއަށް ޖެހިވަޑައިގެން ހުންނަވައިފިއެވެ. [އަވަސްކުރާށެވެ.]

ޙަސަން އޭނާގެ ފޮށާ ނިއުޅުވައިލުމަށްފަހު އެހެން ބައިވެރިއަކުގެ އަތަށް ދީފައި ބުންޏެވެ. [މި ފޮށާ ދެފަޅިކޮށްލަދޭށެވެ.]

ދެ މީހަކު އަހުން ފައިބައި ޠަރީފަށް އެހީތެރިވެދޭން އުޅުނެވެ. އެކަމަކު އޭނާ ވިދާޅުވިއެވެ. [އަހަރެންގެ ހާލު ރަނގަޅެވެ. ޙަސަނާއެވެ. އަވަސްކުރާށެވެ.]

ޙަސަން އެއް ދުނި ދަމައިގެންފައި އެއްލައިލިއެވެ. އެކަމަކު އަނެއް ދުނި ދަމައިގަތް ވަގުތު ޠަރީފް ހޭފުޅުނެތިއްޖެއެވެ. ދެ ޒަޚަމްގައި ރަނގަޅަށް ބޭސްއަޅައި ބަނުމަށްފަހު ޙަސަން، އެހެން މީހުންގެ އެހީތެރިކަމާއެކު ޠަރީފް ބިންމަތީގައި ބާއްވައިފިއެވެ. ކުޑައިރުކޮޅަކުން ހޭފުޅުއަރައި ފެންފޮދެއް ހިއްޕެވުމަށްފަހު ތެދުވަޑައިގަންނަވާން އުޅުއްވިއެވެ. ޙަސަން ދެންނެވިއެވެ. [މި ހާލަތުގައި އަސްކޮޅުގައި ދަތުރުފުޅުކުރެއްވުން ރަނގަޅެއް ނުވާނެއެވެ. ކައިރީގައި މިއޮތް އަވަށަށް މަނިކުފާނު ދޫކޮށްލައިފައި އަޅުގަނޑުމެން ގްރަނާދާއަށް ގޮސް ގާޑިޔަލެއް ގެންނަންތޯއެވެ؟]

ޠަރީފް ތެދުވެވަޑައިގަތުމަށްފަހު އަމުރުވެރި ރާގަކަށް ވިދާޅުވިއެވެ. [ނޫނެކެވެ. އަހަރެންގެ ފުރާނަ ނުގެންދަވައި މަޑުކުރައްވައިފައިވަނީ އެންމެ ފަހުގެ ވާޖިބު އަދާކުރުމުގެ ފުރުސަތު ދެއްވާންވެގެން ކަމުގައި ހީވެއެވެ.]

ޠަރީފް އަސްކޮޅަށް ސަވާރުވެވަޑައިގެންފިއެވެ. ބައި މޭލެއްހައި ތަނަށް ވަޑައިގެންނެވުނުތަނާ އަސްކޮޅުގެ މަތީގައި އޮށޯވެވަޑައިގެންނެވޭ ކަހަލަ ގޮތަކަށް ވާތަން ޙަސަނަށް ފެނިއްޖެއެވެ. އަސްކޮޅުވެސް ދެ ދިމާއަކަށް ހޫރޭކަހަލަ ގޮތެއް ވާން ފަށައިފިއެވެ. ޙަސަން އޭނާގެ އަސް ޠަރީފްގެ އަސްކޮޅާ ކައިރިކުރުމަށްފަހު އޭނާގެ އަސް މައްޗަށް ޠަރީފް ނަގައިފިއެވެ.

ޠަރީފް ކުކުރައިވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. [އަހަރެން ނިކަން އަވަހަށް މޫސަޔާ ހަމައަށް ގެންގޮސްދޭށެވެ.]

(5)

މޭވާގެ ބަގީޗާތަކުގެ ތެރެއިން ލައިފައި ގޮސް ބައު ގެއެއްގެ ކައިރިއަށް ޙަސަން މަޑުކޮށްފިއެވެ. ގޭގެ ތޭރިޖެހި ކުޑަ ދޮރަކުން ކަޅު ބަބުރަކު ބަލައިލިއެވެ.

[ޙަސަން ބުންޏެވެ. [ދޮރާށި ހުޅުވާށެވެ. އަވަސްކުރާށެވެ.]

ވަކި ބަޔަކު އެނގުމާއެކު ބަބުރުކަލޭގެ ދޮރާށި ހުޅުވައިފިއެވެ. ދޮރާށިން އެތެރެއަށް ވަނުމަށް ފަހު ގޯތިތެރެއިން ލައިފައި ގޮސް ޙަސަންގެ އަސް މަޑުކޮށްލީ ގޭގެ ފެންޑާއަށެވެ. އޭރު ގޭތެރެއިން ދެތިން ނޯކަރުން ނުކުމެއްޖެއެވެ. ޙަސަންގެ އެންގުމަށް އެމީހުން ޠަރީފް އަހުން ބާލައިގެން ގެންގޮސް ކޮޓަރިކޮޅަކަށް ވައްދައިފިއެވެ. އޭރު އޭނާ އޮންނެވީ އަނެއްކާވެސް ހޭފުޅުނެތިފައެވެ.

ޙަސަން ނޯކަރަކާ ދިމާއަށް ބުނެފިއެވެ. [ވަރަށް އަވަހަށް އަންނާށޭ ޔަޢްޤޫބް ގާތު ބުނާށެވެ.]

ބަބުރަކު ދުވެފައި ހިނގައްޖެއެވެ. މާ ގިނަ އިރެއް ނުވެ އެނބުރި އައިސް ބުނެފިއެވެ. [އޭނާ އެބައާދެއެވެ.]

އިރުކޮޅަކުން ފެނުނީ ހަށިގަނޑު ރަނގަޅު، މެދު އުމުރުގެ މީހަކު އައިސް ވަންތަނެވެ. އެއީ ޔަޢްޤޫބެވެ. އޭނާ ޠަރީފާ ދިމާއަށް ބަލައިލައިފައި ޙަސަނާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

ޙަސަން ބުންޏެވެ. [ސާހިބާގެ އަމުރުފުޅު އޮތީ މޫސަ ގައިދުން ވީއްލައިގެން މިތަނަށް ގެންނާށެވެ.]

ޔަޢްޤޫބް ޝައްކުގެ ނަޒަރަކުން ފުރަތަމަ ޙަސަނާ ދިމާއަށް، ދެން އެތާނގައި ތިބި އެހެން މީހުންނާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ހިމޭން ނަޒަރުން ދޭހަވަނީ އެ އަމުރު ތަންފީޒުކުރަން ދެކޮޅުހަދާކަމެވެ.

ޙަސަން ބުންޏެވެ. [ޔާގޫބާއެވެ. ވަގުތު ނަގައިނުލާށެވެ. އަވަސްކުރާށެވެ.]

ޔަޢްޤޫބް ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ބުނެފިއެވެ. [ސާހިބާ އެ އޮންނެވީ ހޭފުޅުނެތިފައެވެ. އެ މަނިކުފާނު އަމުރުފުޅު ނުކު...]

ޙަސަން ރުޅި އައިސްފައި ބުންޏެވެ. [ސާހިބާގެ ފަރާތުން އަހަރެން މިކުރާ އަމުރަށް ކިޔަމަންވާށެވެ. އަވަސްކުރާށެވެ.]

[ސާހިބާ އަޅުގަނޑު ގަތުލުކުރައްވާނެއެވެ.]

[ސިންގާއެއް ހިޔަޅަކަށް ހަމަލައެއް ނުދޭނެއެވެ. ހިނގާށެވެ. ކަލެޔާއެކު އަހަރެންވެސް ދާނަމެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.