(21 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދިމާވީ އަރައިނުގަނެވޭފަދަ އުޒުރަކާހެދި މި ވާހަކަ ގެނެސްނުދެވޭތާ ތިން ހަފުތާވެފައިވާތީ ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ. މީގެ ފަހުން އިރާދަކުރެއްވިއްޔާ ހަފުތާއަކު އެއް ފަހަރަށްވުރެ ގިނައިން މި ވާހަކަ ގެނެސްދޭން މަސައްކަތްކުރާނެމެވެ.
މޫސާ އޭނާގެ ލަޝްކަރަށް މަޑުކުރަން އަންގަވައިފިއެވެ. ބަދްރު ބިން މުޣީރާ އޭނާގެ ރޭއެްވެވުން ގްރަނާދާގެ މީހުންނަށް ނާންގަވައި ބޭއްވެވީ މަސްލަހަތަށްޓަކައިކަން މޫސާއަށް އެނގިވަޑައިގެންފިއެވެ. އަދި ދުޝްމިނުންނަށް ކޯރާ ހަމައަށް ދެވުނީމާ، ބަދްރު ބިން މުޣީރާގެ އެންމެ ފަހުގެ ތީރަކީ ކިހައި ނުރައްކާތެރި އަދި ކިހައި ގެއްލުންދެނިވިި ތީރެއްކަން އަންދާޒާކުރެވޭނޭކަންވެސް އޭނާއަށް ވިސްނިވަޑައިގެންފިއެވެ.
އިސްލާމުން އޭނާގެ ފަހަތުން ނާންނަކަން އެނގުނީމާ ތަންކޮޅަކަށް ގޮސްފައި ފެރްނާންދޯ އަސް މަޑުކޮށްފިއެވެ. އަދި އޭނާގެ މުޝީރުން ގާތަށް ގެނެސްފިއެވެ. އިސްލާމުންގެ ހިލަމެއް އެއްވެސް ދިމާއަކުން ނުވެއެވެ. އެހެންވީީމާ ލަޝްކަރު ކުރިއަށް ދާން އަންގައިފިއެވެ. ކޯރުގެ އައްސޭރިއަށް ދެވުނީމާ އެބައިމީހުންނަށް އައު މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ކޯރުގެ މަތީން ދާން އޮތް ބުރިޖު އޮތީ ހަލާކުވެފައެވެ. ބުރިޖުގެ ކައިރީގައި ފެރްނާންދޯގެ ލަޝްކަރުގެ އެތައް ބަޔަކު ގަތުލުވެފައި ތިއްބެވެ. އެއީީ ބުރިޖު ބަލަހައްޓާން އޭނާ ފޮނުވި މީހުންނެވެ.
ކަސްތިއްޔާގެ އަހުލުވެރިންނަށް ގަބޫލުކުރެވުނު ގޮތުގައި އެބައިމީހުންނަށް މައްސަލައަކާ ކުރިމަތިލާން ޖެހޭނީ ކޯރު ހުރަސްކޮށް އަނެއް ފަރާތަށް ދެވުނީމައެވެ. އެކަމަކު އައު ވިސްނުމެއް ނެރޭހައި ވަގުތެއް ފެރްނާންދޯއަކަށް ލިބިފައެއް ނެތެވެ. ކޯރު ހުރަސްކުރާން އޭނާ ލަޝްކަރަށް އަމުރުކޮށްފިއެވެ. ކޯރު އެހައި ފުޅަލެއް ނޫނެވެ. އަދި ފެންގަނޑުވެސް އެބައިމީހުންގެ ރިކާބީތަކާ ހަމައަށް ފޯރާވަރަށްވުރެ ބޮޑެއް ނޫނެވެ.
ލަޝްކަރުގެ ފުރަތަމަ އަސްވާރުންގެ ސަފު ކޯރަށް ފައިބައިފިއެވެ. ދެމެމުން ދިޔަ ފެންގަނޑުގައި ބާވަތެއްގެ ރާޅުބާންޏެއް އުފެދިއްޖެއެވެ. އެޔާއެކު ކޯރުގެ އަނެއް ފަރާތުން ﷲ އަކްބަރުގެ ނަޣަރާގެ އަޑު އިވޭން ފަށައިފިއެވެ. ދެން ފެނުނީ ގަސްތަކުގެ ތެރެއިން ނުކުތް ބަޔަކު ކާފަރުންގެ ލަޝްކަރާ ދިމާއަށް ދުނިޖަހަން ފެށިތަނެވެ.
އަސްވާރުން ޒަޚަމްވެގެން ކޯރަށް ވެއްޓޭން ފަށައިފިއެވެ. އަސްތައް ހާސްވެގެން ކޮޅުކޮޅުމައްޗަށް ދުވަން މަސައްކަތްކުރާން ފަށައިފިއެވެ. ކޯރަށް ފޭބި އަސްވާރުންގެ ތެރެއިން ސަލާމަތްވީ މީހުން އެނބުރި އައްސޭރިއަށް ދާން މަސައްކަތް ފަށައިފިއެވެ. ކަންތައް މި ހިސާބަށް ދިޔައިރު އެބައިމީހުންގެ ކަނާތްފަރާތުންނާއި ވައަތްފަރާތުން އައި އިސްލާމުންގެ ލަޝްކަރު އައިސް އަރައި ހަމަކޮށްފިއެވެ. މިހާރު އެބައިމީހުންނަށް އޮތީ ފުރަގަހުން ފެންނާން އޮތް ތަނެވެ. އެކަމަކު ފަހަތަށް އެނބުރި ތަންކޮޅަކަށް ދެވުނުތަނާ ކުރިމަތިލާން ޖެހުނީ މޫސާގެ ތީރުވެރިންގެ ހަމަލަޔާއެވެ. ތީރުވެރިންގެ ހަމަލައިގެ ތެރެއިން ލައިފައި ގޮސް ވަދެވުނީ ލޮންސިވެރިންގެ ހަމަލައިގެ ތެރެއަށެވެ. މަންޞޫރު ބިން އަޙްމަދުގެ ފަހުލަވާނުން ވައަތްފަރާތް ދޫކޮށްލައިފައި ގޮސް ގްރަނާދާގެ ލަޝްކަރާ ގުޅިއްޖެއެވެ. ކަސްތިއްޔާގެ ލަޝްކަރު ވައަތްފަރާތަށް އެނބުރިއްޖެއެވެ. މިހާރު އެބައިމީހުން މަސައްކަތް ކުރަމުން އެދަނީ ކަނާތްފަރާތުން ގޮސް ރައްކާތެރި ދިމާއަކުން ކޯރު ހުރަސްކޮށްފައި އަނެއް ފަރާތަށް ދެވޭތޯއެވެ. އެކަމަކު އޭރު ކޯރުގެ އަނެއް ފަރާތަށް ލަޝްކަރެއް ދަނީ ޖަމާވަމުންނެވެ. އެ ލަޝްކަރުން ތީރުވެރިން ނުކުމެ އިރުއިރުކޮޅާ ހަމަލަދެމުން ގެންދެއެވެ. ދެކުނު ފަރާތުން ކޯރު ހުރަސްކުރުން ނޫން ގޮތެއް ފެރްނާންދޯގެ ލަޝްކަރަށް ނެތިއްޖެއެވެ.
ކާފަރުންގެ ލަޝްކަރު ކޯރާ ދިމާއަށް މިސްރާބު ޖެހިއިރު ގިނަ އަސްތަކަކު މީހެއް ނެތެވެ. މުޖާހިދުން މިހާރު ހަމަލަދެނީ ކަނޑިންނެވެ. ހަނގުރާމައިގެ ބުރަކަމާހުރެ މުޖާހިދުންގެ އަތްތައް ވާޅުވަމުންދަނީއެވެ. އެކަމަކުވެސް ކާމިޔާބީގެ ޖޯޝުގައި ހަނގުރާމަކުރަމުން ދަނީއެވެ. ބަދްރު ބިން މުޣީރާއަށް އޭނާގެ ވައަތްޕުޅު ފަރާތުން ގްރަނާދާގެ އަސްވާރަކު ފެނިވަޑައިގެންފިއެވެ. އެ އަސްވާރުގެ ދަހަނާއާއި ހަތިޔާރު ހަނދުވަރުގެ އަލީގައި ވިދަވިދައި ހުއްޓެވެ. އެހެންނަމަވެސް ބަދްރުގެ ލޯފުޅުގައި އަޅައިގަތީ އޭނާގެ ރީތި އަހެވެ. އެ އަސްވާރު ދުޝްމިނުންގެ ހައެއްކަ މީހުންނަށް މަރުގެ ރަހަ ދައްކައިލުމަށް ފަހު ކުރިއަށް ޖެހިލައިފިއެވެ. ކަސްތިއްޔާގެ އަސްވާރަކު އޭނާގެ ހަމަލައިން ޒަޚަމްވެއްޖެއެވެ. އެކަމަކު އެކަލޭގެ އެނބުރި އަނެއްކާވެސް ހަމަލަދީފިއެވެ. ޒުވާން މުޖާހިދު ކަނޑިން އޭނާގެ ހަމަލަ މަތަކޮށްފިއެވެ. އެވަގުތު ފުރަގަހުން ކަސްތިއްޔާގެ ސަވާރަކު ލޮންސި ހަމަލައަކުން އޭނާ ޒަޚަމްކޮށްލުމަށް ފަހު ކުރިއަރައިގެން ހިނގައްޖެއެވެ. ޒަޚަމްވުމާއެކުވެސް އެ މުޖާހިދު އަސް ހުއްޓައެއް ނުލައެވެ. ކާފަރުންގެ ދެ މީހަކު މަރުގެ އަނދަވަޅަށް ވައްޓައިލައިފިއެވެ.
ބަދްރު ބިން މުޣީރާގެ ދޫފުޅުން ބޭއިޚްތިޔާރުގައި ތައުރީފުގެ ލަފުޒުތަކެއް ނުކުމެއްޖެއެވެ. އަދި އެ މުޖާހިދާ ގާތަށް ޖެހިވަޑައިގެންފިއެވެ. [ކަލޭގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަން ފެނިފައި އަހަރެން ވަރަށް ބޮޑަށް އުފާކޮށްފީމެވެ. އެކަމަކު ދުޝްމިނުންގެ ބައިގަނޑުގެ މެދުތެރެއަށް ވަނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ.]
ދެވަނަ ފަހަރަށް ބަދްރު ބިން މުޣީރާއަށް އެ މުޖާހިދު ފެނިވަޑައިގަތްއިރު އޭނާ އޮތީ އަހުގައި ކުރިއަށް ގުދުވެގެންކަހަލަ ގޮތަކަށެވެ. ވަރުބަލިވެ އަވަދިވާ ވަރު ވެފައެވެ.
ބަދްރު ކުރިއަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [ކަލޭ ތިޔަ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.]
މުޖާހިދުގެ އަތުން ކަނޑި ދޫވެގެން ވެއްޓިއްޖެއެވެ. ބޯ ގޮސް ޖެހުނީ އަތްދަނޑީގައެވެ. ބަދްރު އޭނާ އުނަގަނޑުގައި ހިއްޕަވައި ދަންމަވައިގަތް ގޮތަކުން އަސްކޮޅު މައްޗަށް އޭނާ ނަންގަވައިފިއެވެ.
މެންދަމަށް އެޅުނުއިރު ފެރްނާންދޯގެ ލަޝްކަރު ބިރުން ސިހިސިހި ތިބެގެން ކޯރު ހުރަސްކުރަނީއެވެ. މުޖާހިދުން ގެންދިޔައީ ހުއްޓާނުލައި ތީރުން ހަމަލަދެމުންނެވެ. މިއީ ފެރްނާންދޯގެ ހަޔާތުގައި މިހައިތަނަށް ވީ އެންމެ ބޮޑު ބައްޔެވެ.
(6)
މި ފުރިހަމަ ކާމިޔާބީއަށް ފަހު މޫސާ އަސްކޮޅުން ފައިބައިވަޑައިގެން ސަޖިދައިގައި އެތައް އިރަކު އޮންނެވިއެވެ. އޭނާގެ ދޫފުޅުން ނުކުންނަނީ އެންމެ ދުޢާފުޅެކެވެ. [އޭ ޣަފޫރުއްރަޙީމެވެ. އަޅަމެންނަކީ މި ކާމިޔާބީއާ އެކަށީގެންވާ ބަޔަކީމެއް ނޫނީމެވެ. މިއީ އިބަކަލާނގެ ރަޙްމަތާއި ނިޢުމަތެވެ.]
އޭނާ ތެދުވެވަޑައިގެން ބައިވެރިންނާ ދިމާއަށް ބައްލަވައިލެއްވިއެވެ. ތަންކޮޅެއް ދުރުގައި ހުންނަވައިގެން ބަދްރު ބިން މުޣީރާ ބަޝީރް ބިން ޙަސަނަށް ގޮވައިލައްވަނީއެވެ. މޫސާ ދުވެވަޑައިގެން، ވަޑައިގެން ބަދްރުގެ އަސްކޮޅުގެ ލަގަންކޮޅުގައި ހިއްޕަވައިފިއެވެ. އަދި އޭނާގެ އަތްޕުޅުގައި ބޮސްދެއްވައިފައި ވިދާޅުވިއެވެ. [ބަދްރެވެ. ދެން ތިޔަ ނިގާބު ނަންގަވާށެވެ. މުޅި ލަޝްކަރު އެ އޮތީ ﷲގެ އެތައް ހާސް ރަޙުމަތެއްގެ ވަސީލަތަކަށް ވެވަޑައިގަތް ބޭފުޅާގެ މޫނުފުޅު ދެކޭހިތުންނެވެ.]
ބަދްރު ވިދާޅުވިއެވެ. [މި ވަގުތު ދެކެން އެންމެ މުހިއްމު މޫނުތަކަކީ ޝަހީދުންގެ ދަރަޖަ ހޯދައިގެން އެތިބަ ނޫރުގަދަ މޫނުތަކެވެ. މި ފަތަހައިގެ ފަހުން މޫނު ކަޝްފުކުރުމަކީ އަޅުގަނޑު ދެކޮޅުހަދާ ކަމެއް ނޫނެވެ. އެކަމަކު މުޅި ލަޝްކަރުގެ ސަމާލުކަން އަޅުގަނޑުގެ މައްޗަށް އެނބުރޭގޮތް ނުހައްދަވާށެވެ. ފެރްނާންދޯގެ ލަޝްކަރު ބައިބައި ވިޔަސް އަދިވެސް މި ސަރަހައްދުގައި އެބައުޅެއެވެ. އެމީހުންނަށް ސަލާމަތްވެގެން ދިއުމުގެ ފުރުސަތު ދިނުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ.] މިހެން ވިދާޅުވެފައި ބަދްރު އޭނާގެ ނިގާބު ނަންގަވައިފިއެވެ.
މޫސާ ވިދާޅުވިއެވެ. [އެމީހުންގެ ތެރެއިން ސަލާމަތްވެގެން ދެވޭނީ އިރާދަކުރެއްވިއްޔާ މަދު މީހަކަށެވެ. އަޅުގަނޑު މި ވަގުތު ބޭނުންވަނީ އަސްތަކަށް ނޭވައެއްލާނޭ ވަގުތުކޮޅެއް ދޭށެވެ.]
މިހައިތަނަށް ވާހަކަފުޅު ދިޔަތަނާ މަންޞޫރާއި ލަޝްކަރުގެ އެހެން އޮފްސަރުން އެތަނަށް އަތުވެއްޖެއެވެ. ބަދްރު ވިދާޅުވިއެވެ. [މަންޞޫރެވެ. މިއަދު މަންޞޫރު ތިޔަވަނީ އަހަރެންގެ އަހާއި ކަނޑީގެ ހައްގުވެރިއަކަށް ވެފައެވެ. މި ސަރަހައްދުގެ ވާދީތަކާއި ފަރުބަދަތައް މަންޞޫރަށް އެހައި ރަނގަޅަށް އެނގިފައި ހުންނާނޭ ކަމަކަށް އަހަރެން އިހަކަށް ހިއެއް ނުކުރަމެވެ. އަހަރެން މަންޞޫރަށްޓަކައި ފަޚުރުވެރިވަމެވެ.]
ހިތްވަރުގަދަ މުޖާހިދު ބަދްރުގެ ވާހަކަފުޅު ބަލައިގަތީ އޭނާގެ ލޯބިވާ ލީޑަރުގެ ފަރާތުން ލިބުނު އިނާމެއްގެ ގޮތުގައެވެ.
ބަދްރު ބިން މުޣީރާ ވަށައިގެން ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ބަޝީރު އަދިވެސް ނާދެއެވެ. އޭނާ ސަލާމަތުން ހުންނެވިކަމުގައި އަހަރެން އުއްމީދުކުރަމެވެ.]
މޫސާ ސިހިވަޑައިގެންފައި އައްސަވައިލެއްވިއެވެ. [ބަޝީރް ކޮބައިތޯއެވެ؟]
[އަޅުގަނޑު މި އައީ ކޯރުގެ އައްސޭރިއަށް މަނިކުފާނުގެ މުޖާހިދަކު ދޫކޮށްލައިފައެވެ. އަޅުގަނޑު ބަޝީރު ފޮނުވީ އޭނާއަށް ފަރުވާކުރާށެވެ. އެ ޒުވާނާ ސަވާރުވެ އިން ހުދު އަހަކީ ވަރަށް ރީތި އަހެކެވެ. ދަހަނާވެސް އެހައި ރީއްޗެވެ. އަޅުގަނޑަށް ހީވާ ގޮތުގައި އެއީ މަނިކުފާނުގެ ލަޝްކަރުގެ އިސް އޮފްސަރެކެވެ. އެއީ ވަރަށް ހިތްވަރުގަދަ ފަހުލަވާނެކެވެ. އެކަމަކު މާ ޖޯޝުހުރި ޒުވާނެކެވެ. އޭނާ ދެކިލާން އަޅުގަނޑު ބޭނުމެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.]
ޒުވާން އަސްވާރަކު ކުރިއަށް ޖެހިލައިފައި ބުންޏެވެ. [ރަސްގެފާނު ވީތަނެއް ނޭނގެއެވެ. ބައެއް މީހުންނަށް ވަނީ އޭނާގެ ހުސް އަސް ފެނިފައެވެ.]
ބަދްރު ބިން މުޣީރާގެ މޫނުފުޅުމައްޗަށް ހިތާމަފުޅުގެ އަސަރުތައް ވެރިވެގެން ދިޔައެވެ. [އަހަންނަށް ހީވެފައި އޮތީ ގްރަނާދާގެ ސިފައިން މިހާރު ގަބުރުތަކުން ސަލާމަތްވެދާނޭ ކަމުގައެވެ. ރަސްގެފާނޭ ތިޔަ ކިޔަނީ އަބޫ ޢަބްދުﷲއަށް ކަމުގައި ވަނީނަމަ އޭނާ އަނެއްކާވެސް ގްރަނާދާއަށް ގޮސް ރަށުގެ ދޮރާށިތައް ދުޝަމިނުންނަށްޓަކައި ހުޅުވައިދީފާނެތީ އަހަރެން ބިރުގަނެއެވެ.]
މަންޞޫރު ވިދާޅުވިއެވެ. [އަޅުގަނޑު އޭނާ ދުށީމެވެ. މަނިކުފާނު ހައިރާންފުޅު ވުމަކީ އެކަށީގެންވާ ކަމެކެވެ. ހިތާ ދެކޮޅަށްނަމަވެސް ދެތިން ފަހަރަކު އޭނާއަށް ހިތުގައި ތާރީފު އުފެދުނެވެ. އެއީ އަބޫ ޢަބްދުﷲއޭ އަބޫ މުޙްސިން ވިދާޅުވީމާ އަޅުގަނޑަށް ގަބޫލުކުރާންވެސް ދަތިވިއެވެ.]
އަބޫ މޫސާ ވިދާޅުވިއެވެ. [ރަށުގައި ނުބަހައްޓައި އަޅުގަނޑު އޭނާ މައިދާނަށް ނެރުނީ ގެއްލުން ކުޑަވާނީ އެހެން ހެދީމާކަމަށް ވިސްނިގެންނެވެ.
ބަދްރު އެއްޗެކޭ ވިދާޅުވާން އުޅުއްވިތަނާ ބަޝީރް އަސްކޮޅުގައި އެތަނަށް ވަޑައިގެންފިއެވެ. [ޒަޚަމްވެފައި އޮތްމީހާ އޮތީ މަނިކުފާނުގެ ފައިންޕުޅު ދެކޭހިތުން އަވަދިވާވަރު ވެފައެވެ.]
ބަދްރު ސުވާލުކުރެއްވިއެވެ. [އޭނާގެ ހާލު ކިހިނެއްތޯއެވެ؟]
[އަރިކަށީގެ ބައެއް ކަށި ހުރީ ބިނދިފައެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެއެވެ.]
(7)
ޒަޚަމްވީ މީހާ އިނީ ޒައިތޫނި ގަހަކަށް ލެނގިލައިގެން އިށީނދެގެންނެވެ. އޭނާގެ ވަށައިގެން ސިފައިންގެ ދެތިން މީހުން ތިއްބެވެ. ބަދްރު ބިން މުޣީރާއާއި އޭނާގެ ބައިވެރިން ވަޑައިގަންނަވާތަން ފެނުނީމާ ސިފައިން އެއް ފަރާތަކަށް ޖެހިލައިފިއެވެ. ބަދްރު އަސްކޮޅުން ފައިބައިވަޑައިގެން އޭނާގެ ގާތަށް ވަޑައިގެންފިއެވެ. ފުރަތަމަ ނަޒަރުފުޅުން އެއީ ކާކުކަމެއް ބަދްރަކަށް އެނގިވަޑައެއް ނުގަތެވެ. އެކަމަކު އެއް ކަކޫފުޅުމައްޗަށް ތިރިވެވަޑައިގެން ރަނގަޅަށް ބައްލައިލެއްވީމާ ހަށިކޮޅުގައި ބާވަތެއްގެ ފިނި ރާޅެއް ދައުރުކޮށްފިއެވެ. ބަދްރު ކުއްލިއަކަށް ތެދުވެވަޑައިގެންފިއެވެ.
އެޔާއެކު ޒަޚަމްވެފައިވާ މީހާ ބަލިކަށި އަޑަކުން ވާހަކަދައްކާން ފަށައިފިއެވެ. [މަނިކުފާނު ސަލާމަތް ކުރައްވައިގެން ގެންނެވީ ދިރިދުނިޔޭގައި ހުރުމުގެ ހައްގުން މަހުރޫމުވެފައިވާ މީހެކެވެ. އަޅުގަނޑަކީ ކުށްވެރިއަކީމެވެ. އަޅުގަނޑަކީ މަނިކުފާނުގެ ގާތިލެވެ. ކުރެވުނު ކުށަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ލަދުގެން ހިތާމަކުރަމެވެ. އަޅުގަނޑަށް ބޭނުންފުޅު އަދަބެއް ދެއްވުމަކީ މަނިކުފާނަށް އޮތް ހައްގެކެވެ.]
ބަދްރު ބިން މުޣީރާ އެއްވެސް އެއްޗެކޭ ވިދާޅުވެ އޭނާޔާ ދިމާއަށް ބައްލަވާން ހުންނެވީއެވެ. އޭނާގެ ކުރިފުޅުމަތީގައި އެ އިނީ އަބޫ ޢަބްދުﷲއެވެ. އެއީ އަންދަލުސްގެ ކޮންމެ މުޖާހިދެއްގެ ހިތުގައިވެސް އޭނާގެ ޚިޔާނާތްތެރިކަމާއި ގައުމު ވިއްކާލިކަމުގެ ހަނދާންތައް އަދިވެސް ހުރި އަބޫ ޢަބްދުﷲއެވެ. އެފަދަ މީހަކުގެ މަތީން ހަނދުމަފުޅު ނައްތަވައިލެއްވުމަކީ ނުވަތަ މައާފުކުރެއްވުމަކީ ބަދްެރު ބިން މުޣީރާފަދަ ބޭފުޅަކަށް ކުރެއްވޭވަރުގެ ކަމެއް ނޫނެވެ.
(ނުނިމޭ)
