އަންދަލުސްގެ ބާޒު - 18

(13 ޑިސެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަބީޢާއާއި އެންޖެލާއާ ދެ ކުދިން އެ ކޮޓަރިއާ ދިމާއަށް ބަލަން ފަށައިފިއެވެ. [ކޮއްކޯއެވެ. ބައްޕަ މިއަދު ހެނދުނުއްސުރެ އުޅުއްވަނީ ވަރަށް ކަންބޮޑުވެ ލައްވައިގެންނެވެ.]

އެންޖެލާ، ރަބީޢާއާ ދިމާއަށް މާނައިން ފުރިގެންވީ ގޮތަކަށް ބަލައިލާފައި ބުންޏެވެ. [ކަނޑުވެލައްވަނީ މާދަމާގެ އުނދަގޫ ދަތުރާ ހެދި ކަމަށް ވެދާނެއެވެ. އެކަމަކު އަހަންނަށް ދައްތަ މާ ބޮޑަށް ކަންބޮޑުވެފައި އިން ވައްތަރު ޖަހައެވެ. ކަސްތިއްޔާއިން ގްރަނާދާއަށް ދާ ވާހަކަ ބުނީމާ ދައްތަ އިނީ ވަރަށް ބޮޑަށް އުފާވެފައެވެ. އެކަމަކު މިހާރު ހީވަނީ ގްރަނާދާއަށްވުރެ މާ ބޮޑަށް މި ވީރާނާ ސަރަހައްދާ ގަޔާވެއްޖެ ހެންނެވެ.]

[އަހަރެން ގްރަނާދާ ދެކެ ލޯބިވަމެވެ. އަހަރެން ކަންބޮޑުވަނީ މާދަމާ ގްރަނާދާއަށް ދިއުމުގެ ވިސްނުން ބައްޕަ ބަދަލު ކުރައްވައިފާނެތީއެވެ.]

[ގްރަނާދާއަށް ދިއުމުގެ ވިސްނުން ބައްޕަ ބަދަލު ނުކުރައްވާނެކަން ދައްތައަށް ރަނގަޅަށް އެނގޭނެއެވެ. ސަރަހައްދީ ބާޒު އެ އޮތީ އަހަރެމެން ދަތުރުކުރާނޭ އައު ގާޑިޔަލެއް ގެނެސްފައެވެ. ދައްތަ ތިޔަ ކަންބޮޑު ވަނީ އެހެން ކަމަކާއެވެ. ދައްތަގެ ހިތުގެ ހާލަތު އަހަންނަކަށް ސިއްރެއް ނުކުރެވޭނެއެވެ. ދައްތަ ދެރަވަނީ ގްރަނާދާއާއި ސަރަހައްދީ ބާޒުގެ ޖަގަހަޔާ ދުރުކަމުންނެވެ.]

ރަބީޢާގެ މޫނުމައްޗަށް ލަދުވެތިކަމުގެ ފިޔާތޮށިކުލަ ވެރިވެގެން ދިޔައެވެ. އެންޖެލާއަށް ދޭނޭ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ. އެންޖެލާ އަނެއްކާވެސް ބުންޏެވެ. [ދައްތާއެވެ. އަހަރެމެން ދެ މީހުން މިތިބީ އެއް އޮޑިއެއްގައެވެ. އަހަރެން ބަޝީރް ޙަސަންގެ ނަން ގަނެލިޔަސް ދައްތަ މަލާމާތް ކުރެއެވެ. އެކަމަކު ދައްތަގެ ހާލު ހުރި ގޮތް މިހިރަ ފެންނަނީއެވެ. މިތަނުން ދާން ޖެހެއޭ ހިތަށް އެރީމާވެސް ތިޔަ ހުންނަނީ މިލައި މޯޅިވެފައެވެ. ތެދަށް ބުނާށެވެ. ސަރަހައްދީ ބާޒު ދެކެ ލޯތްބެއް ނުވަން ހެއްޔެވެ؟]

[ކޮއްކޯއެވެ. އޭނާ ދެކެ ރުޅި އާދެއޭ އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ދައްތަގެ ދުނިޔެއާއި އޭނާގެ ދުނިޔެއާ މުޅީން ތަފާތެވެ. ބަދްރު ބިން މުޣީރާއަކީ އަންދަލުސްގެ އުޑުގައި އަލިކުރަމުން ގެންދާ ސާދަވިލޭރޭގެ ހަނދެކެވެ. ދައްތައަކީ އެ އަލިކަމުގެ އަސަރު ކުރިކަމުގައި ވިޔަސް ހަނދު އުޑުން ބާލައިގެން ޖިފުޓިއަށް ގެންނާން އުއްމީދުކޮށްގެން ތިބެމެ، އެއީ ކުރެވޭނޭ ކަމެއް ނޫންކަން ދެނަހުރި އެތައް ލައްކަ ބަޔަކުގެ ތެރެއިން އެކަކީމެވެ. ބަޝީރް ބިން ޙަސަނަކީވެސް އަންދަލުސްގެ އުޑުގައި ފިޔަޖަހަމުންދާ އަލިގަދަ ތަރިއެކެވެ. ކޮއްކޮގެ ވިސްނުން ހުރީ އެ ތަރިއާ ދިމާއަށް ބެލުމާ ހަމައިގައި ކަމުގައި ވަނީނަމަ ދައްތަގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އެ ތަރި ބާލައިގެން ގެނެސް އުނގަށް ލާން ޚިޔާލު ކުރާނަމަ ތިޔަ ހުންނަނީ އުޑާއި ބިމާ ދެމެދު ހުރި ދުރުމިނަށް ނުވިސްނައެވެ. އެ ދުރުމިން ކޮއްކޮއަށް ދައްކައި ދިނުމަކީ ދައްތަގެ ވާޖިބެކެވެ.]

އެންޖެލާގެ ރީތި މޫނު މިލައިފިއެވެ. ތުންފަތްމައްޗަށް ވެރިވީ ހިތާމައިގެ ހިނިތުންވުމެކެވެ. [މީގެ ކުރީން އަހަރެން ދައްތަޔާމެދު ކަންތައް ކުރަމުން އައި ގޮތް ކިތަންމެ ނުބައި ވިޔަސް އަހަރެން ހީކޮށްގެން ހުރީ އަހަންނަށް އެންމެ ބޮޑަށް ހެޔޮ އެދޭ މީހަކަށް ހުންނާނީ ދައްތަ ކަމުގައެވެ. އެކަމަކު ހިތް ބުރަ ނުކުރާށެވެ. ދައްތައަކީ ޅެންވެރިއެކެވެ. އަހަރެން އޭނާ މި ދެކެނީ އުޑަކުންނެއް ނޫނެވެ. މި ބިންމަތިންނެވެ. އޭނާ ދެކެ ލޯބިވެޔޭ ބުނާކަށް އަހަރެން އެއްގޮތަކަށްވެސް ލަދެއް ނުގަނެއެވެ. އޭނާ އުނގަށް ނުލެވުނަސް އޭނާޔާ ދިމާއަށް އަތް ދިއްކުރާކަށް އަހަރެން ޖެހިލުމެއް ނުވާނެއެވެ. ދައްތާއެވެ. އޭނާ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އެއީ އަހަރެންގެ މިލްކެކޭ ހިތް ބުނެފިއެވެ. އޭނާގެ އަޑު އިވުނީމާ އިހުސާސް ކުރެވުނީ އަހަރެންގެ ކަންފަތުގައި އެތައް ޒަމާނެއް ވާންދެން ހަރުލައިފައި ހުރި އަޑެއް ކަމުގައެވެ. އަހަރެންގެ ލޮލަށް އޭނާ ފެންނަހައި ހިނދަކު، އަދި އަހަރެންގެ ކަންފަތަށް އޭނާގެ އަޑު އިވޭހައި ހިނދަކު މި ހިތް އަބަދުވެސް ބުނަމުން ދާނީ އެއީ އަހަރެންގެ މީހެކޭއެވެ. އަހަރެންގެ މީހެކޭއެވެ. ދައްތާއެވެ. ތެދަށް ބުނާށެވެ. ބަދްރު ބިން މުޣީރާއާ މެދު މި ކަހަލަ އިހުސާސެއް ދައްތައަކަށް ހަމަ ނުކުރެވޭ ހެއްޔެވެ؟ އެއީ ފިރިހެނެކެވެ. ދައްތައަކީ އަންހެ...]

ރަބީޢާ ފުން ނަޒަރަކުން އެންޖެލާއާ ދިމާއަށް ބަލައިލިއެވެ. [ކޮއްކޯއެވެ. ކޮއްކޮއަކީ ކްރިސްޓިއަނެކެވެ. ބަޝީރް ބިން ޙަސަނަކީ އިސްލާމެކެވެ. އިސްލާމުންނާއި ކްރިސްޓިއަނުންނާ ދެމެދު އެހެރަގެން ދަނީ ހަނގުރާމަ ކުރަމުންނެވެ. އެކަމަކާ ކޮއްކޮ ވިސްނައެއް ނުލަން ހެއްޔެވެ؟]

އެންޖެލާ ބުންޏެވެ. [އެކަމަކާ އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އޭނާ އަހަރެންގެ މައްޗަށް ލަންބައިލެވޭތޯ މަސައްކަތް ކުރާނަމެވެ. ލަންބައިނުލެވިއްޖެއްޔާ އޭނާޔާ ދިމާއަށް އަމިއްލައަށް ލެނބިގަންނާން އަހަރެން މިހިރީ ތައްޔާރަށެވެ. އެއްވެސް ޖެހިލުމަކާ ނުލައި އެކަން ކުރާނަމެވެ.]

ރަބީޢާ ބުންޏެވެ. [ކޮއްކޯއެވެ. ގްރަނާދާއާއި ކަސްތިއްޔާއާ ދެމެދު ހަނގުރާމަ ފެށިއްޖެއްޔާ ވާނޭ ގޮތަކާ މެދު ވިސްނައިބަލާށެވެ. އެފަދަ ހާލަތެއް މެދުވެރި ވެއްޖެއްޔާ ކޮއްކޮއާއި ބަޝީރް ޙަސަނާ ދެމެދު އޮތް ހުރިހައި މަގެއް ބަންދުވެދާނެއެވެ.]

[އަހަރެމެން ދެމީހުންގެ ދެމެދުގައި ހުރި މަގުތައް ވަގުތީ ގޮތުން ބަންދުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ހަނގުރާމައިގެ ނަތީޖާއަކަށް ވާނީ މުޅި އަންދަލުހަށް ކްރިސްޓިއަނުން ވެރިވުން ނޫން ކޮން ކަމެއް ހެއްޔެވެ؟ އެހެންވުމާއެކު ހުރިހައި ހުރަހެއް ނެތިގެން ހިނގައިދާނެއެވެ.]

[ކޮއްކޮ ތިޔަ ހީކުރަނީ ހަނގުރާމަ ނިމޭއިރު ބަޝީރް ޙަސަން ކަހަލަ ސިފައިންގެ މީހަކު ކޮއްކޮއާ އެކީ ލޯބީގެ ކުޅިވަރު ކުޅެން ދިރި ހުންނާނޭ ކަމަށް ހެއްޔެވެ؟]

އެންޖެލާގެ މޫނުމައްޗަށް އުދާހުގެ އަސަރު ވެރިވެއްޖެއެވެ. ކުޑަ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުންޏެވެ. [ދައްތާއެވެ. އަހަރެން މި ބުނާ ކަހަލަ ކަމެއް ޚިޔާލަށް ގެނެސްބަލާށެވެ. ހާލަތު ނިޔާކުރާ ގޮތަކުން އޭނާއަށް ކަސްތިއްޔާއަށް ދާން މަޖުބޫރުވީ ކަމަށް ބަލާށެވެ. އޭނާގެ ދިރިއުޅުމުގައި ބާކީ އޮތްތަން އެތާގައި ހޭދަކުރާން މަޖުބޫރު ވެއްޖެއްޔާ އަހަރެމެން ދެ މީހުންގެ މެދުގައި އޮތް ހުރަސް ނެތިގެން ނުދާނެ ހެއްޔެވެ؟]

ރަބީޢާ ބުންޏެވެ. [ތިޔަކަން ބިނާވާނީ އޭނާ ކަސްތިއްޔާއަށް ދާން މަޖުބޫރުވާ ސަބަބަށެވެ. ގައިދީއެއްގެ ގޮތުގައި ގޮސް ހުއްޓައި އަންހެންކުއްޖެއްގެ އެދުމުގެ މަތީން މިނިވަން ވެއްޖެއްޔާ އެއީ އޭނާ ބަރުދާސްކުރާނޭ ނިކަމެތިކަމެއް ނޫނެވެ. އެ ނިކަމެތިކަމުގައި ދިރިއުޅުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ. ފާތިޙެއްގެ ގޮތުގައި ހުރެގެން ކޮއްކޮގެ ލޯބީގެ ހިލިހިލާގައި ބަނދެވުން ފަހަރެއްގައި ގަބޫލުކޮށްފާނެއެވެ. އެކަމަކު އޭނާ ކަސްތިއްޔާއަށް ދާން މަޖުބޫރުވާނޭ ހާލަތަކީ ކޮބައިހެއްޔެވެ؟]

އެންޖެލާ އޭނާގެ ކަންބޮޑުވުމުގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. [މަލެއްގެ ހަގީގީ ޖަގަހައަކީ ބަގީޗާއެވެ. މި ކަހަލަ ވީރާނާ ތަނެއްގައި މާ ގިނަ ދުވަހު އުޅެން އޭނާ ނުރުހުމަކީވެސް އެކަށީގެންވާ ކަމެކެވެ.]

ރަބީޢާ އެ ވާހަކައަށް ޖަވާބެއް ދޭން އުޅުނެވެ. އެކަމަކު އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލާފައި އަބޫ ދާވޫދާއި މާރިޔާ އެތެރެއަށް ވަދެއްޖެއެވެ. އަބޫ ދާވޫދްގެ އަތުގައި އަނދައަނދައި ހުރި ދެ ދަންމަރު އޮތެވެ. އޭނާ އެ ދަންމަރު ގެންގޮސް ކޮޓަރީގެ ކުޑަދޮރުން ބޭރަށް އަލި ފެންނަގޮތަށް ކޮޓަރިތެރޭގައި ބަހައްޓައިފިއެވެ. ރަބީޢާ މައުސޫމު ރާގަކަށް ބުނެލިއެވެ. [ބައްޕާއެވެ. ކޮޓަރީގައި މިއޮތް ފާނޫޒުންވެސް ރަނގަޅަށް އެބަ އަލިވެއެވެ. ތިޔައީ ކީއްކުރައްވަން ގެންނެވި ދަންމަރެއްތޯއެވެ؟]

އަބޫ ދާވޫދް ކުޑަކޮށް ކަންބޮޑުވެފައި އަހައިފިއެވެ. [މާ އަލި ގަދަވީމާ ދަރިފުޅަށް އުނދަގޫ ވަނީ ހެއްޔެވެ؟]

[ވައި ޖެހުނީމާ ތިޔަ ދަންމަރު ނިވިދާނެއެވެ. ކުޑަދޮރު ލައްޕާލަންތޯއެވެ؟]

[ނޫނެކެވެ. ތާޒާ ވައި ވަންނާނީ ކުޑަދޮރު ހުޅުވާފައި ހުރީމައެވެ.] އަބޫ ދާވޫދް މިހެން ބުނެފައި މާރިޔާއާ ދިމާއަށް ބަލައިލިއެވެ. [މި ދަންމަރު ނިވިއްޖެއްޔާ ލަސްނުކޮށް އަލުން ހުޅުދާން ކުރާށެވެ. އަހަރެންގެ ކޮޓަރީގައި އަދި ދަންމަރު އެބަހުއްޓެވެ. ރޯ ނުކުރެވޭ ވަރަށް ހުސް ވެއްޖެއްޔާ އެ ގެންނާށެވެ.]

މިހެން ބުނެފައި އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

(2)

ޢިޝާ ނަމާދުގެ ވަގުތު ވަންތަނާ ބަދްރު ބިން މުޣީރާއާއި ގްރަނާދާގެ ރަސްގެފާނުގެ ކޮއްކޯފުޅު އައްޒަޣަލާއި ސިފައިންގެ ވަރުގަދަ ދެ ކޮމާންޑަރުން ކަމުގައިވާ މޫސާއާއި އައްޒައިޣަރީ ކިއްލާއަށް ވެދެވަޑައިގެންފިއެވެ. އެ ބޭފުޅުންގެ އަރިހުގައި ގްރަނާދާގެ އިސް ފަނަރަ ސިފައިންނާއި ދެވަނަ ދަރަޖައިގެ އޮފްސަރުންގެ ބަޔަކުވެސް ކިއްލާއަށް ވަނެވެ.

އެ ވަގުތު ކިއްލާގެ މިސްކިތުން ބަންގި ގޮވަނީއެވެ. އެހެންވީމާ ހުރިހައި ބޭފުޅުން އެންމެ ފުރަތަމަ ވަޑައިގަތީ މިސްކިތާ ދިމާއަށެވެ. މިސްކިތުގެ ދޮރުމަތީން އެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ އަބޫ ދާވޫދާއި ބަޝީރް ޙަސަނެވެ. އައްޒަޣަލް ބަޝީރް ޙަސަނާ ޖޯޝާއެކު މުސާފަހާ ކުރެއްވުމަށް ފަހު އަބޫ ދާވޫދާ ދިމާއަށް ބައްލަވައިލެއްވިއެވެ.

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މިއީ އަބޫ ދާވޫދެވެ. އައި މަގުމަތީގައި އަޅުގަނޑު މަނިކުފާނަށް ދެންނެވީ މި ބޭފުޅާގެ ވާހަކައެވެ.]

އައްޒަޣަލް އަބޫ ދާވޫދާ މުސާފަހާ ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [މަނިކުފާނުގެ ވަރަށް ރަނގަޅު ސިފަފުޅުތަކެއްގެ ވާހަކަ ބަދްރު ވިދާޅުވިއެވެ. އަޅުގަނޑަށް އެންމެ ކަމުދިޔަ ސިފަފުޅަކީ މަނިކުފާނުގެ މައްޗަށް އަޅުގަނޑުމެންގެ ސަރަހައްދީ ބާޒު ކުރައްވާ އިތުބާރާއި ޔަގީންކަމެވެ.]

އަބޫ ދާވޫދް ހިނިތުންވެލައިފައި ބުނެފިއެވެ. [އަޅުގަނޑަށް ލިބިފައިވާ އެންމެ މަތިވެރި ޝަރަފަކީ އަޅުގަނޑަކީ އިންތިހާ ދަރަޖައަށް ހެޔޮފުޅު ޒުވާނެއްގެ މެހުމާނަކަށް ވުމެވެ. އަދި މި އަގެއް ނެތް މެހުމާނުގެ ތާރީފުކުރެއްވުންވެސް މެހުމާންދާރީގެ ތެރެއަށް އިތުރު ކުރެއްވުމެވެ. އެ ހާދިސާއެއްގެ ސަބަބުން އަޅުގަނޑަށް ސަރަހައްދީ ބާޒުގެ ހެޔޮފުޅުކަން ތަޖުރިބާކުރުމުގެ ނަސީބު ލިބުނު ހާދިސާއަކީ އަޅުގަނޑުގެ ދިރިއުޅުމުގައި ދިމާވީ އެންމެ އުފާވެރި ހާދިސާއެވެ. ހަމައެކަނި ދުރުން ދެކިލުމަކީވެސް ލިބޭ ޝަރަފެއް ކަމުގައި އަޅުގަނޑުމެން ދެކޭ ވަރުގަދަ ޝަޚުސިއްޔަތު މިހާރު މި ހުންނެވީ އަޅުގަނޑުގެ ކުރިމަތީގައެވެ. ބިދުޢަކަށް ނުވާނަމަ އަޅުގަނޑު މިހިރީ މޫސާ ބިން ނުޞައިރާއި ޠާރިޤް ބިން ޒިޔާދްގެ ކަނޑިކޮޅު މިހާރު އުފުއްލަވާ އަތްޕުޅުގައި ބޮސްދޭންވެސް ތައްޔާރަށެވެ.]

އައްޒަޣަލަކީ ވަރަށް ޢަމަލީ ބޭފުޅެކެވެ. ޚުޝާމަދަކީ އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އެކަމަކު އަބޫ ދާވޫދްގެ ބަހުރުވައާއި ލަހުޖާގެ ސަބަބުން އެމަނިކުފާނަށް އަސަރުކޮށްފިއެވެ. ލޯފުޅުން ހޫނު ކަރުނަފޮދުގެ އަސަރު ފައުޅުވެއްޖެއެވެ.

މޫސާއާއި އައްޒަޣަރީއަށް ތައާރަފުކުރެވުނީމާވެސް އަބޫ ދާވޫދް ދެއްކީ މި ކަހަލަ ޚުޝާމަދުގެ ވާހަކަތަކެކެވެ. ހުރިހައި ބޭފުޅުން މިސްކިތަށް އަރައިވަޑައިގެންފިއެވެ. އިމާމުވެ ނަމާދުކުރީ އަބޫ ދާވޫދެވެ.

ނަމާދުން އަވަދިވެވަޑައިގެން ހުރިހައި ބޭފުޅުން ވަޑައިގަތީ ޢިމާރާތުގެ މަތީބުރީގައި ތައްޔާރުކޮށްފައި އޮތް ރޭގަނޑުގެ ފަރީއްކޮޅަކަށް އިންސާފުކުރައްވާށެވެ. ކެއުމުގެ ތެރޭގައިވެސް އަބޫ ދާވޫދް ގެންދިޔައީ އެ ބޭފުޅުންނަށް އަސަރުކުރުވާނޭ ގޮތް ހެދުމުގެ ގޮތުން އޭނާގެ ގާބިލުކަމުގެ ބޭނުންކޮށްގެން ފޮނި ވާހަކަ ދައްކަމުންނެވެ. އައްޒަޣަލަކީވެސް އެތައް ދާއިރާއަކުން ކިޔަވައިވިދާޅުވެގެން ހުންނެވި ޢިލްމުވެރިއެކެވެ. ވުމާއެކު އަބޫ ދާވޫދަށް ލިބިފައިވާ މައުލޫމާތާއި ޢިލްމުގެ ފުޅާކަމުގެ ސަބަބުން އެމަނިކުފާނުގެ ހިތްޕުޅުގައިވެސް އަބޫ ދާވޫދުގެ މައްޗަށް ބާވަތެއްގެ ގަދަރެއް އުފެދިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އެ ބޭފުޅުން ކުރިއަށް ގެންދަވާ ބައެއް ކަހަލަ ސިއްރުވެރި ޙަރަކާތްތަކުގެ ވާހަކަފުޅުވެސް ދައްކަވައިފިއެވެ. [މަނިކުފާނުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާން ތިޔަ ޚިޔާރު ކުރެއްވި ތަނަކީ މަނިކުފާނުގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައިވާ ތަނަކަށް ވީ ކަމީ ﷲ އަށް ޝުކުރުވެރި ވާން ޖެހޭ ކަމެކެވެ. ގްރަނާދާގައި މަނިކުފާނަށް ކޮށްދެއްވޭނޭ ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. ބަދްރު ބިން މުޣީރާ ދެއްވި މައުލޫމާތުން އަޅުގަނޑަށް އެނގުނު ގޮތުގައި މަނިކުފާނަކީ ޒުވާނުންގެ ސަމާލުކަން ހޯއްދަވަން ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އަޅުގަނޑު މަނިކުފާނަށް ގްރަނާދާގެ ޒުވާނެއްގެ މައުލޫމާތު އަރުވާނަމެވެ. އެ ޒުވާނާ އަޅުގަނޑުގެ ބަޔަށް ގެނައުމަކީ އަންދަލުސްގައި ގެއްލިފައިވާ ވެރިކަން އަލުން އަނބުރައި ހޯދުމަށްވުރެ ވަކީން ކުޑަ ކަމެއް ނޫނެވެ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ވާހަކައެވެ. އަންދަލުސްގެ ވަލީ ޢަހްދު ޢަބްދުﷲ ގެ ވާހަކައެވެ. އެއީ އިންތިހާއަށް ވަހުމުގެ ކަންތައް ބޮޑު، ފިނޑި، ޙުޝާމަދަށް ލޯބިކުރާ އަދި ކަންކަމުގައި އަވަސް އަރައިގަނެގެން އުޅޭ ޒުވާނެކެވެ. ބިނާ ކުރުމަށްވުރެ ބޮޑަށް އޭނާ ލޯބިކުރަނީ ސުންނާފަތި ކުރުމަށެވެ. މަނިކުފާނު މަސައްކަތް ކުރައްވައިގެން އޭނާ އިސްލާޙު ކުރެއްވިއްޖެނަމަ އެއީ ގައުމަށްޓަކައި ކުރެއްވޭ މަތިވެރި ޚިދުމަތަކަށް ވާނެއެވެ.]

އަބޫ ދާވޫދް އޭނާގެ އުފާވެރިކަން ފޮރުވާން މަސައްކަތްކުރަމުން ކިޔައިފިއެވެ. [ޒުވާނުން އިސްލާޙު ކުރުމަށްޓަކައި މަނިކުފާނުގެ އެންމެ ބައްލަވައިލެއްވުމެއް ފުދޭނެއެވެ. އެކަމަކުވެސް އަޅުގަނޑާ ޙަވާލުކުރައްވާ ކޮންމެ ޚިދުމަތެއް ފުރިހަމަކަމާއެކު އަދާކުރާނޭކަމުގެ ޔަގީންކަން އަރުވަމެވެ.]

އައްޒަޣަލް ވިދާޅުވިއެވެ. [ޢަބްދުﷲ އަކީ ބަލައިލުމަކަށް ގުޑާނޭ މީހެއް ނޫނެވެ. އޭނާ މައިތިރިކުރެވޭނީ ޗާބޫކުންނެވެ. އެ ޗާބޫކު އޮތީ މަނިކުފާނުގެ އަތްޕުޅުގައެވެ. މަނިކުފާނު ގްރަނާދާއަށް ވަޑައިގަންނަވަނީ ކޮން ދުވަހަކުތޯއެވެ؟]

[މި އުޅެނީ މާދަމާ ފުރާން ކަމަށެވެ.]

[މަނިކުފާނު ވަޑައިގަންނަވާން ވާއިރަށް އަޅުގަނޑުމެންވެސް ދާނަމެވެ. މަނިކުފާނު ކަހަލަ ގާބިލު ބޭފުޅަކު ލައްވައި ދަރިފުޅަށް ކިޔަވައިދެއްވުމަކީ އަޅުގަނޑުގެ ބޭބެ ދެކޮޅު ހައްދަވާނޭ ކަމެއް ނޫނެވެ. އެކަމަކު އޭނާއަށް ކިޔަވައިދެއްވާން ވަޑައިގަތީ އަޅުގަނޑުގެ އެދުމެއްގެ މަތީން ކަމަށް ޢަބްދުﷲ ގާތު ވިދާޅުނުވުން އެދެމެވެ. އަޅުގަނޑު ކުރާ ކޮންމެ ކަމަކަށް އޭނާ ޝައްކު ކުރާނެއެވެ.]

[ތިޔަ ކަމާ އެއްގޮތަކަށްވެސް ފިކުރުފުޅު ނުކުރައްވާށެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.