އެމްއެންޕީގެ ޚާރިޖީ ސިޔާސަތުގައި ދިވެހިންގެ ތަނަވަސްކަން އިތުރުކޮށްދޭނެ: ދުންޔާ

ދުންޔާ މައުމޫން - އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އާއެކު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުވާނީ ދިވެހިންގެ ތަނަވަސްކަން އިތުރުކޮށްދޭ ސިޔާސަތަކަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ޚާރިޖީ ސިޔާސަތު ވާނީ ދުނިޔޭގައި ރާއްޖެއަކީ ގަދަރުވެރި، އެހެންގައުމުތަކުގެ އިހްތިރާމު ލިބިގެންވާ ގައުމަކަށް ހެދުން ކަމަށެވެ.

މީގެ އިތުރުން ދިވެހިންގެ ތަނަވަސްކަން އިތުރުކުރުމަށް ބޭރުދުނިޔެއަށް ފުރުސަތުތައް ފަހިކޮށްދޭ ސިޔާސަތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޕީގެ ނައިބު ރައީސް، އޯވަރސީސް ދުންޔާ މައުމޫން އިތުރަށް ވިދާޅުވީ ޚާރިޖީ ސިޔާސަތެއް އޮތުމުގެ ބޭނުމަކީ ގައުމުގެ މިނިވަންކަން ދިފާއުކޮށް، އެ މިނިވަންކަން ބައިނަލްއަގުވާމީ މައިދާނުގައި ނެގެހެއްޓުން ކަމަށެވެ.

"ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ ގައުމުތަކުގެ ބާޒާރުތައް ހުޅުވާލާ، އުފެއްދުންތަކަށް ހަމައަގު ހޯދައިދިނުން. ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުން." ދުންޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހި އެމްބަސީތަކުން ބޭރުގެ އިންވެސްޓަރުން ހޯދުމުގެ ބަދަލުގައި ދިވެހިންގެ ލާރި ބޭރު ގައުމުތަކުގައި އިސްރާފުކުރާ ތަންތަނަށް ވެފައިވާކަމީ ހިތާމަ ކުރައްވާ ކަމެއްގެ ގޮތުގައި ދުންޔާ ވަނީ ފާހަގަކުރައްވާފަ އެވެ.

"މިސާލެއް ދަންނަވާލާނަން. 2013 ވަނަ އަހަރާ އަޅާބަލާއިރުގަ އެމްބަސީތަކުގެ ޚަރަދުތައް 2023 ގަ މިވަނީ 185 އިންސައްތަ އިތުރުވެފަ. މީ 10 އަހަރު ތެރޭގައި އައިސްފައިވާ ބަދަލު. ސްރީލަންކާގަ ހުންނަ އެމްބަސީއަށް ކުރާ ޚަރަދު 355 އިންސައްތައިން ވަނީ އިތުރުވެފަ." ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އެމްބަސީތަކުން މިވަރަށް ފައިސާ އިސްރާފު ކުރާއިރު، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ރާއްޖޭގައި މުހިންމު އިދާރާތަކުގައި ފައިސާ ނުހުންނަ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު، ކުޑަކުދިންގެ ހިޔާގެ ބަޖެޓަކީ 9 މިލިއަން ރުފިޔާ ކަމަށާއި އެކަމަކު އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް 15 މިލިއަން ރުފިޔާ ޚަރަދުކުރައްވަން ނިންމަވާފައިވާތީ ވެސް ދުންޔާ ވަނީ ކަންބޮޑުވުން ފާލު ކުރައްވާފަ އެވެ.

ދުންޔާ ވިދާޅުވީ އެމްބަސީތަކާ ނުބައްދަލު މިންވަރަކަށް ޚަރަދު ކުރާއިރު، އެތަންތަން ހުންނަ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށަށް ދާކަމަށެވެ.

ކަންމިހެން އޮތްނަމަވެސް އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި އެމްބަސީތައް ވާނީ ދިވެހި ރައްޔިތުންގެ މަދަދުގާރުންނަށް ކަމަށާއި ޚިދުމަތް ދިނުމުގައި ރައްޓެއްސަކަށް ނުވަތަ ބީރައްޓެއްސަކަށް ބެލުމެއް ނޯންނާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އިންސާފުވެރިކަމާއެކު ހަލުވިކޮށް، ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި ޚާރިޖީ ސިޔާސަތު ހިންގާނީ ހުރިހާ ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭ ގޮތަށް ކަމަށާއި ހުރިހާ ދިވެހިން ފަޚުރުވެރިވާނެ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.