ފުލުހުންގެ އަގުވެއްޓޭ ގޮތަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ޖާގަ ނުދިނުމަށް ރައީސް އެދިވަޑައިގެންފި

ފުލުހުންގެ އަގުވެއްޓޭ ގޮތަށް މަސައްކަތްކުރާ ފަރާތްތަކަށް ޖާގަ ނުދިނުމަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ލިބިގެންދާނީ އަވަސް މިނެއްގައި ފުލުހުންގެ ޒިންމާއަށް ހުރަސް ނޭޅޭ މިންވަރަށް މައުލޫމާތު ހިއްސާކޮށްގެން ކަމަށާއި ފުލުހުންގެ އަގުވެއްޓޭ ގޮތަށް މަސައްކަތްކުރާ ފަރާތްތަކަށް ޖާގަނުދިނުމަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

އަދި ގައުމުގައި އަމާންކަމާއި ހަމަޖެހުން ގާއިމުވެގެންދާނީ މިގޮތަށް މަސައްކަތްކޮށްގެންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން ހިދުމަތްދޭ އެންމެ ބޮޑު މުއައްސަސާ ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތަކީ ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހޭ މުއައްސަސާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައެއް ކަހަލަ ސަބަބުތަކާ ހެދި މުޖުތަމައު ތެރޭގައި ނުރަނގަޅު މައްސަލަތަކެއް ފެތުރިފައިވާ ކަމަށާއި ޑްރަގުގެ މައްސަލައަކީ މީގެ ތެރެއިން އެންމެ ބޮޑު މައްސަލަ ކަމަށާއި ބޮޑެތި ގޭންގުތަކުން ހިންގާ މާރާމާރީތަކާއި މިފަދަ ނުރަނގަޅު އަމަލުތައް ވެސް ވަނީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށެވެ.

އަދި މިއީ މިގަމުގައި މިއަދު ފެށުނު މައްސަލަތަކެއް ނޫންކަމަށާއި މީގެ އެތައް އަހަރެއް ކުރިން ފެށުނު ކަމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް ދޮގެއް ހަދާފާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލައިގެން ފުލުހުންނަށް ލިބޭނެ ފައިދާއެއް ނެތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ތެރެއިން ގައުމާމެދު ނުވިސްނާ ބަޔަކު ކުރަމުންދާ ކަންކަމުގައި ލޯ ހުޅުވަންޖެހޭ ކަމަށާއި ކޮންމެ މީހަކީ ގައުމުގެ މިނިވަންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ޒިންމާ އޮތް މީހެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.