ދައުލަތް ހިންގުމުގެ ސިޔާސަތުތައް މިއަދު ތަރުތީބުވެފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު އެމް.އެން.ޕީ. ގެ ރައީސް މުޙައްމަދު ނާޒިމް ސުވާލުއުފައްދަވައި ވާހަކަފުޅު ދައްކަވައިފިއެވެ.
އެމް.އެން.ޕީ އިން ބާއްވާ "ނުއިވޭ އަޑުތައް" ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުން މުޙައްމަދު ނާޒިމް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ ޤައުމު ހިންގުމުގެ ޙާލަތު މި ވަގުތު މި އޮތީ ރަނގަޅުގޮތަކަށް ނޫން ކަމުގައެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތާ، ދިފާއީ އަދި އިޤްތިޞާދީ ސިޔާސަތުގައި ހުރި ބޮޑެތި މައްސަލަތަކާމެދު ފާޑުވިދާޅުވެ ވާހަކަދެއްކެވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު މިއަދު ފެންނަނީ ވަކި ޤައުމެއްގެ "އުނގަށް" ވެއްޓިފައިވާ ތަނެވެ. އަދިި އެއް ޤައުމެއްގެ ގޮނޑިކޮއްކޮއަކަށްވެ، ޚާރިޖީ ސިޔާސަތުތައް ދީލާލާފައިވަނީ އެއް ޤައުމެއް އެދޭ ގޮތަށް ކަމަށެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރަކަށް މިއަދު ހުންނެވީ އެހެން ޤައުމަކަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ މިފަދަ ވާހަކަފުޅެއް ވިދާޅުވެފައިވާ ބޭފުޅަކު އެ މަޤާމުގައި ހުންނަވައިގެން ޚާރިޖީ ގޮތުން ރާއްޖޭގެ ސަލާމަތް ކަށަވަރުކުރެއްވޭނެކަމަށް ދެކެވަޑައިނުގަންނަވާކަމުގައި ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ވިޔަފާރިއާ އިޤްތިޞާދުވެސް މިއަދު ވަނީ ހަމަ އެގޮތަށް އެއް ޤައުމެއްގެ އަތްދަށަށް ގޮސްފައިކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެގޮތުން، އަސާސީ ކާޑުގެ ތަކެތި ލިބެނީ ހަމައެކަނި އެއްމެ ޤައުމަކުން ކަމަށް ހަމަޖެހިފައި އޮތުމަކީ ނުރަނގަޅު ކަމެއް ކަން ނާޒިމް ފާހަގަކުރެއްވިއެވެ.
މިފަދަ ހުރިހާ ސިޔާސަތެއްގައި މިއަދު މި އޮތް ސަރުކާރުގެ ބާރެއް ނެތްކަން ނާޒިމް ސިފަކުރެއްވިއެވެ. އަދި އެ ސިޔާސަތުތައް ބައްޓަންވެގެން އަންނަނީ އެހެން ޤައުމަކުން އެދޭ ގޮތަށް ކަމަށް ވާތީ، ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ބިރުވެރިކަމަށް ހުށަހެޅިފައިވާކަން ނާޒިމްގެ ވާހަކައިން ސާފުކޮށްދެއްވިއެވެ.
ރާއްޖެ ދަށުލަމުންދާ ޤައުމަކީ އިންޑިޔާ ކަމުގައި ނާޒިމް ވިދާޅުނުވި ނަމަވެސް، ނާޒިމް އިޝާރާތް ކުރައްވަމުން ގެންދެވީ އިންޑިޔާއަށް ކަން ސާފުވެއެވެ.
ނާޒިމް ވިދާޅުވީ އދ.ގައި ދިވެހިރާއްޖެއިން ބައިވެރިވީ އަމިއްލަ މިނިވަން ދައުލަތެއްގެ ގޮތުގައި، އެފަދަ ދައުލަތެއް ދުނިޔެއަށް ތަމްސީލުކުރުމަށް ނަމަވެސް، މިއަދު އެ މަންޒަރު ބަދަލުވެ، ދައުލަތުގެ ޚާރިޖީ ސިޔާސަތު ދޯދިޔާވެ ވަކި ޤައުމެއްގެ ބަހަށް ދޫވެގޮސް، ރާއްޖެއަކީ މިހާރު އަމިއްލަވަންތަ ދައުލަތެއްތޯ ސުވާލުކުރާ ހިސާބަށް ހިނގައްޖެއެވެ.
އެމް.އެން.ޕީ އިން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާންކޮށްފައެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމެވެ. ނާޒިމް ވިދާޅުވަނީ ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަމަމަގަށް އަޅުވައި ސަރުކާރު ހިންގުމުގެ ކަންތައްތައް ހަމައަކަށް އަޅުއްވާނެކަމުގައެވެ.