ރާއްޖެއިން ބޭރުގައި ތިބި ދިވެހިނަށް 7.3 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފި

އެކި ބޭނުންތަކަށް ރާއްޖެއިން ބޭރުގައި ތިބި ދިވެހިނަށް ގާތްގަޑަކަށް 7.3 މިލިއަން ރުފިޔާގެ އެހީތެރިކަން ކޮވިޑާ ގުޅިގެން ފޯރުކޮށްދެއްވައިފައިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ  ފޯރުކޮށްދެއްވައިފައިވާ އެހީތެރިކަމުގެ ތެރޭގައި މާލީ އެހީއާއި ޓިކެޓްގެ އެހީތެރިކަން ހިމެނޭކަމަށެވެ. އެފަދަ އެހީ ތެރިކަން ފޯރުކޮށް ދިނުމަށް ކޮށްފައިވާ ހޭދައިގެ ތެރޭގައި ޒަކާތު ފަންޑުން ދެއްވި 3 މިލިއަން ރުފިޔާވެސް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ފައިސާގެ ކަންކަމަށް ވުމުން އެޚަރަދުތައް ކުރެވިފައިވަނީ ކަނޑައެޅިފައިވާ ވަކި އުޞޫލުތަކެއްގެ ތެރެއިން ކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެފައިސާ ޚަރަދުކުރެވުނު ގޮތް އޮޑިޓްކޮށް ބަލަހަށްޓަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ ބޭރުގައިތިބި ދިވެހި ރައްޔިތުންނަށް ސަލާމާތައި ރައްކާތެރިކަން ހޯދައި ދިނުމާއި އެނބުރި ރާއްޖެ އާދެވޭނެ މަގު ފަހިކޮށް ދިނުން ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭން ބޭރުގައި ތިބި 2300 ދިވެހިން އަނބުރާ ރާއްޖެއަށް ގެނެވިފައިވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ތަޢުލީމު ހާޞިލްކުރުމަށާއި އެނޫންވެސް ބޭނުންތަކަށް ރާއްޖޭން ބޭރުގައި ތިބި ދިވެހިން ހިމެނެއެވެ. އެންމެ ފުރަތަމަ ކޮވިޑް ފެތުރެން ފެށި ޗައިނާގެ ހޫބޭ ޕޮރޮވިންސުން އެންމެ ފުރަތަމަ ބޭރުގެ ޤައުމުތަކުގެ މީހުން އަނބުރާ ގެނައި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ވެސް މިނިސްޓަރ ޝާހިދު ފާހަގަ ކުރެއްވިއެވެ. އެތަނުގައި ތިބި ދިވެހިން ގެނެސްފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދީފައިވާ އެހީ ތެރިކަމަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކަމަށް ފޮރިން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި ތިބި ބޭރުޤައުމުތަކުގެ ބައެއް މީހުން ހާލުގައި ޖެހިގެން ފޮރިންމިނިސްޓްރީގެ އެހީ ތެރިކަމަށް އެދުމުން އެޤައުމުތަކަށް ގުޅުމުން މާބޮޑު އަޅާލުމެއް ނުހުންނަކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އެކަންކަމަކީ އެބައެއްގެ އަމިއްލަ ކަންކަމަށްވެސް ބުނާ ކަމަށްވެސް ފޮރިން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެފަދަ ބައެއް މީހުންނަށް ދިވެހި ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.