ޑޮމެނިކަން ރިޕަބްލިކްގެ އެންމެމަތީ ނިޝާން އިއްޒަތް ފޮރިން މިނިސްޓަރ ޝާހިދަށް

ޑޮމެނިކަން ރިޕަބްލިކްގެ އެންމެމަތީ ނިޝާން އިއްޒަތް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯ ގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގައި މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ "ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް" ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓެވެ.

1931 ވަނަ އަހަރުން ފެށިގެން އެ ޤައުމުން ދެމުން އަންނަ މިނިޝާންގެ ޢިއްޒަތް ނިސްބަތްވަނީ އެ ޤައުމު އުފެދުމުގެ ބާނީން ކަމުގައިވާ ޚުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ.

މިއީ އެ ޤައުމަށް ޚާއްސަ ގައުމީ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަޤްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދްމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށް އަރުވާ އިއްޒަތެކެވެ.

އެ ގައުމުން، މިނިސްޓަރ ޝާހިދަށް މި ޝަރަފް ދެއްވާފައިވަނީ އެމަނިކުފާނުގެ " އދ ގެ އުންމީދުގެ ރިޔާސަތު" ގެ ތެރެއިން، ކޮވިޑް ޙާލަތުން ދުނިޔެ އަރައިގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށެވެ. އަދި ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އދ. އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ،ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މިނިސްޓަރ ޝާހިދު ޑޮމިނިކަން ރިޕަބްލިކަށް ވަޑައިގެންނެވީ ޖޫނެ މަހުގެ 16 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް ލުއިސް އަބިނަދެރ އާ ބައްދަލުކުރައްވައި އެ ޤައުމާއި އދ.ގެ ޢާންމު މަޖިލީހާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާއި ކޮވިޑްގެ ޙާލަތުން އަރައިގަތުމުގައި އެ ޤައުމުން ހޯދާފައިވާ ކާމިޔާބީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރޮބާޓޯ އަލްވަރޭޒްއާއެކު، ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ޑޮމިނިކަން ރިޕަބްލިކްގެ ހޯގަރ ޑެލް ނިޏޯ އަށް ޒިޔާރަތްކުރައްވައި ދެމެހެއްޓެނިވި ޓުއަރިޒަމް ތަރައްޤީކުރުމަށްޓަކައި އެޤައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.