
ޗައިނާއާއި ރާއްޖެއާ ދެމެދުގައި ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަސް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ޒިޔާރަތުގެ ތެރެއިން މިއަދު ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދު ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ ހުޅުމާލެއާއި މާލެ ގުޅުވައިދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ބުރިޖުގެ ކަންކަން ބަލަހައްޓައި މަރާމާތުކުރުމާ ގުޅޭ ފީސިބިލިޓީ ހެދުމާ ބެހޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ ވައިސް ޗެއަރމަން ޖަން މައުން ޔޫ އެވެ.
ދެވަނަ އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި ވިސާއިން އިސްތިސްނާ ދިނުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޚަލީލެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރެވެ.
ތިންވަނަ އެއްބަސްވުމަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އިގްތިސާދީ ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެވުނު އެއްބަސްވުމެކެވެ.
ހަތަރުވަނަ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ހަސްފަތާލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރެވެ.
ފަސްވަނަ އެއްބަސްވުމަކީ ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ އެއްބަސްވުމެވެ.