އަންދަލުސްގެ ބާޒު – 86

(10 ޖުލައި 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަލްޙަމްރާގެ އެންމެ ފަހުގެ ރައްކައުތެރިޔާ

(1)

ގްރަނާދާގެ ހިސާރު ހަތްވަނަ މަހަށް އަޅައިގެންފިއެވެ. ސަހަރުގެ ހާލަތު ދަނީ ނާޒުކުވަމުންނެވެ. ރައްޔިތުން ހާންތިވަމުން ދަނީއެވެ. ގްރަނާދާގެ ބޮޑުންނާއި އަމީރުން އަލްޙަމްރާގެ ތަނަވަސް ކޮޓަރިކޮޅަކަށް ޖަމާވެއްޖެއެވެ. ގްރަނާދާގެ ސިންގާ މޫސާ ބިން އަބީ ޣައްސާން ކޯފާއިން ފުރިފައިވާ ނަޒަރުފުޅަކުން އަބޫ ޢަބްދުﷲއާއި އޭނާގެ ދަރުބާރީންނާ ދިމާއަށް ބައްލަވަމުން ގެންދަވަނީއެވެ.

ފެރްނާންދޯގެ ސުލްހައިގެ މަންދޫނު ކޮޓަރިކޮޅަށް ވަދެއްޖެއެވެ. އަދި ތަޚުތުގެ ކުރިމައްޗަށް ހުއްޓި ކުރުނީސްކޮށްފިއެވެ. އޭނާގެ އަތުގައި އޮތީ ފެރްނާންދޯގެ ސިޓީއެކެވެ. އަބޫ ޢަބްދުﷲއާއި އެހެން ދަރުބާރީންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓިފައި ހުރިކަން ފާހަގަ ކުރެވުނީމާ އޭނާ އެ ސިޓީގައި ހުރި ވާހަކަތައް ކިޔައިދޭން ފަށައިފިއެވެ.

[މަތިވެރިވެގެންވާ މާތް ރަސްގެފާނު ފެރްނާންދޯގެ ފަރާތްޕުޅުން ގްރަނާދާގެ ރަސްގެފާނު އަބޫ ޢަބްދުﷲއަށް މަޝްވަރާ އަރުވައި ނަސޭހަތްތެރިވަމެވެ. އެދެވޭ ނަތީޖާއެއް ނުނުކުންނާނޭކަން އެނގިވަޑައިގަންނަވާ ދިގު ހަނގުރާމައަކުން މަނިކުފާނުގެ ރައްޔިތުންގެ ދަތި އުނދަގޫ ދިރިއުޅުން އިތުރަށް ދަތިކުރައްވައި މުސީބާތުގެ ހާލަތު ދިގު ނުކުރައްވާށެވެ. މިހާރުގެ ހާލަތަށް ބަލާއިރު ގްރަނާދާ ފަތަހަ ނުކޮށް ކަސްތިއްޔާގެ ލަޝްކަރު އެނބުރި ނުދާނޭކަން ރަސްގެފާނަށް މިހާރު ވާނީ ވިސްނިވަޑައިގެންފައެވެ. އެފްރިކާގައި އެ އޮތީ އަހުލީ ހަނގުރާމަ ފެށިފައެވެ. އެހެންވީމާ އެފްރިކާގެ ރަސްރަސްކަލުން ގްރަނާދާއަށް އެހީތެރިވާން ލަޝްކަރު ފޮނުއްވުމަކީ ވާނޭ ކަމެއް ނޫނެވެ. ގްރަނާދާގެ ލަޝްކަރާއި އެބައިމީހުންގެ އެހީތެރިންނާއި ފަރުބަދަމަތީގެ ގަބީލާތަކުގެ ލަޝްކަރުތައް ބަލިކުރެއްވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން މާތްވެގެންވާ ރަސްގެފާނަށް އެބައޮތެވެ. އެކަމަކުވެސް ރަސްގެފާނާއި ރާނީއާ ދެކަނބަލުން ތިއްބެވީ އަބޫ ޢަބްދުﷲއާއި ގްރަނާދާގެ ރައްޔިތުންނާއެކު ސުލްހަވެރިވެ ވަޑައިގަންނަވާން ތައްޔާރަށެވެ. އަބޫ ޢަބްދުﷲގެ ބޭނުންފުޅަކީ އެ މަނިކުފާނުގެ ރައްޔިތުންގެ ނިކަމެތި ހާލަތު އިތުރަށް ނުބައި ކުރެއްވުން ކަމުގައި ނުވަނީ ނަމަ ވަގުތުން ވަގުތަށް ހަތިޔާރު ބަހައްޓަވައި މާތްވެގެންވާ ރަސްގެފާނުގެ އަރިހަށް ސުލްހައިގެ މަޝްވަރާ ކުރާނޭ މަންދޫބަކު ފޮނުއްވާށެވެ. އެފަދަ މަންދޫބަކާ މެދު ނިހާޔަތަށް އިހުތިރާމާއި ގަދަރާއެކު މުއާމަލާތް ކުރައްވާނޭ ކަމުގެ ޔަގީންކަން ރަސްގެފާނު ފެރްނާންދޯ އަރުއްވައެވެ. މި ނޫން ގޮތަކަށް އަމަލު ކުރައްވައިފިނަމަ ގްރަނާދާގެ ވޭންދެނިވި އިބުރަތުން ފުރިގެންވާ ހަލާކުގެ ޒިންމާ އުފުއްލަވާން ޖެހިވަޑައިގަންނަވާނީ ރަސްގެފާނު އަބޫ ޢަބްދުﷲ އަށެވެ.]

ދަރުބާރީން ހިމޭން ވެއްޖެއެވެ. އަބޫ ޢަބްދުﷲ ބަލަމުން ގެންދިޔައީ އަބުލްޤާސިމާއި ދިމާއަށާއި މޫސާއާ ދިމާއަށެވެ. މަންދޫބު އޭނާގެ އަތުގައި އޮތް ސިޓީ އޮޅައިލުމަށް ފަހު އަބޫ ޢަބްދުއާ ހަވާލުކޮށްފިއެވެ. އަބޫ ޢަބްދުﷲ އޭނާގެ ކަނާތްފަރާތަށާއި ވައަތް ފަރާތަށް ބަލައިލިއެވެ. ކަނާތްފަރާތުގައި އިނީ އޭނާގެ ބޮޑު ވަޒީރެވެ. ވައަތްފަރާތުގައި އިނީ ސިފައިންގެ ވެރިޔާއެވެ.

މަންދޫބާ ދިމާއަށް ބަލައިލުމަށް ފަހު އަބުލްޤާސިމް ބުންޏެވެ. [އަހަރެމެންގެ ޖަވާބު މާދަމާ ކަލެޔާ ހަވާލުކުރާނަމެވެ.]

މަންދޫބު ރަސްގެފާނަށް ކުރުނީސް ކުރުމަށް ފަހު ކޮޓަރިކޮޅުން ނުކުމެއްޖެއެވެ. ބޭރުގައި ތިބި ހަތިޔާރުއެޅި ސިފައިންގެ ދެ މީހުން އޭނާ ގޮވައިގެން ޝާހީ މެހުމާނުޚާނާއާ ދިމާއަށް ހިނގައިގެންފިއެވެ.

އަބޫ ޢަބްދުﷲ އެއް ފަހަރު ސިޓީ ނިއުޅުވައިގެން ބަލައިލުމަށް ފަހު މޫސާއާ ދިމާއަށް ބަލައިލައިފައި ހިތާމަވެރި ރާގަކަށް އަހައިލިއެވެ. [މޫސާއެވެ. މި ކަމުގައި މޫސަގެ ރައުޔަކީ ކޮބައިހެއްޔެވެ؟]

މޫސާ ތެދުވެވަޑައިގެން ދަރުބާރީންނާ ދިމާއަށް ވަކިވަކީން ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [އަހަރެމެން ގާތު ބުނެވުނީ ފެރްނާންދޯގެ މަންދޫބަކު ސުލްހައިގެ މެސެޖަކާއިގެން އަންނަ ވާހަކައެވެ. އެކަމަކު ސުލްހައިގެ ފުރަތަމަ ޝަރުތު އަބޫ ޢަބްދުﷲވެސް އަޑު އަހައިފީމުއެވެ. އެއީ އަހަރެމެން ހަތިޔާރު ބެހެއްޓުމެވެ. ފުރަތަމަ ޝަރުތަށް އަމަލު ކުރުމަށް ފަހު އެހެން ޝަރުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތެއް އަހަރެމެންނަށް އޮންނާނޭ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ސިޓީގައި ހުރި ވާހަކަތަކުގެ މަފޫހުމަކީ އެންމެ ފުރަތަމަ އަހަރެމެން ފެރްނާންދޯގެ ކުރިމަތީގައި ކުޑަ ކަކޫ ޖެހުމެވެ. އޭގެ ފަހުން އޭނާ އަހަރެމެންނަށް ރަހުމުކުރާނޭ ކަމަށް އިތުބާރު ކުރުމެވެ. އަބުލްޤާސިމް ޢަބްދުލްމަލިކު ބުނާ ގޮތުގައި ފެރްނާންދޯ ހުރީ އަހަރެމެންނާއެކު އިތުބާރުކުރެވޭ ފަދަ ސުލްހައަކަށް ދާން ތައްޔާރަށެވެ. އެހެންވީމާ އާއްމު މައިދާނަށް ނުކުމެ ހަނގުރާމަކުރުން ހުއްޓައިލުމަކީ އަހަރެމެންނަށް އޮތް އެންމެ ރަނގަޅު ގޮތެވެ. އަބޫ ޢަބްދުﷲ އަހަރެން ދެއްކި ވާހަކަ އަޑެއް ނޭހީމުއެވެ. އަމިއްލަ ގޮތްތައް މާ ރަނގަޅު ކަމަށް ގަބޫލުކޮށްގެން އެ ވަހުމުގެ ތެރޭގައި އުޅެން ބޭނުންވީއެވެ. މިއަދު މި ފެންނަނީ އެކަމުގެ ނަތީޖާއެވެ. މަތިވެރި ރަސްގެފާނެވެ. ވަޒީރުންނޭވެ. އަމީރުންނާއި ބޮޑުންނޭވެ. އަހަރެންގެ ރައުޔަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. ގަލަމުގެ ނިންމުން ކަނޑިން ކަފައިލުމަކީ އަބަދުވެސް ކަންތައް ހިނގާ ގޮތެވެ. ފެރްނާންދޯ ދެކޭ ގޮތުގައި ގްރަނާދާގެ ގަބުރު ކަށްވަޅަށް ތިރިކޮށްފިއެވެ. މިހާރު ކުރަން އޮތް ކަމަކީ ހަމައެކަނި ފަސްލުމެވެ. އޭނާގެ މަންދޫބު ހިފައިގެން އައި މެސެޖަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އޭނާ ބުނާ ގޮތުގައި އަހަރެމެން ތިބީ ކަށްވަޅު ކޮންނަން ތައްޔާރަށް ކަމުގައި ވަނީނަމަ އޭނާ އެހެރީ އަހަރެމެން ބޭނުން ވާފަދަ ގަބުރުސްތާނެއް ތައްޔާރުކޮށްދޭން ތައްޔާރަށެވެ. އަހަރެމެން އަމިއްލަ ކަރު އަމިއްލައަށް ބުރިކޮށްލަން އެއްބަސްވާނަމަ އަހަރެމެންގެ މުޅަމަސްގަނޑަށް ހުރުމަތްތެރިކޮށް ހިތާން ތައްޔާރަށެވެ. ތިޔަ ސުވާލުކުރަނީ ފެރްނާންދޯއަށް ފޮނުވާނޭ ޖަވާބަކާ ބެހޭ ގޮތުން ކަމުގައި ވަނީ ނަމަ ގްރަނާދާގެ ރައްޔިތުންގެ ފަރާތުން އޭނާއަށް ކަނޑިއެއް ފޮނުވާށެވެ. މިކަހަލަ ޝަރަފުވެރި އެއްބަސްވުން ލިޔުން ރަނގަޅީ ގަލަމަކުންނެއް ނޫނެވެ. ކަނޑިންނެވެ.]

މޫސާ އިށީނދެވަޑައިގެންފިއެވެ. ކުޑައިރުކޮޅަކަށް ދަރުބާރަށް ހިމޭންކަން ވެރިވެއްޖެއެވެ. އަބޫ ޢަބްދުﷲ އޭނާގެ ވަޒީރާ ދިމާއަށް ބަލައިލިއެވެ. [އަބުލްޤާސިމް ބުނަނީ ކީކޭ ހެއްޔެވެ؟]

އަބުލްޤާސިމް ތެދުވެއްޖެއެވެ. [މާތްވެގެންވާ ރަސްގެފާނެވެ. އަޅުގަނޑަކީ މޫސާ ބިން އަބީ ޣައްސާންގެ ދެކޮޅުވެރިއަކީމެއް ނޫނީމެވެ. އޭނާގެ ޖަޒުބާތަށް އަޅުގަނޑު އިހުތިރާމު ކުރަމެވެ. އެކަމަކު އަޅުގަނޑުގެ ހެޔޮ ނިޔަތާމެދު އޭނާގެ ހިތްޕުޅުގައި ޝައްކެއް އޮތް ކަމުގައި ވަނީނަމަ އަޅުގަނޑު މިހިރީ ހަމަ މި ވަގުތު އިސްތިއުފާދޭން ތައްޔާރަށެވެ. އަޅުގަނޑުގެ ކުށަކަށް މި ވަނީ ސަހަރުން ނުކުމެ، ހުޅުވިފައިވާ މައިދާނެއްގައި ފައިސަލާކުރުވަނިވި ހަނގުރާމައެއް ކުރުމާ ދެކޮޅު ހެދުމެވެ. އެކަމަކު އަޅުގަނޑު އެކަމާ ދެކޮޅު ހަދަނީ ފިނޑިކަމުގެ ސަބަބުން ނޫންކަން މޫސާ ބިން އަބީ ޣައްސާނަށް ނިކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑު ރައުޔެއް ހުށަހެޅީއެވެ. އެ ރައުޔަކީ އަޅުގަނޑުމެން ހަނގުރާމައިގައި ބަލިވެއްޖެ ނަމަ ދިމާވެދާނޭ ނުރައްކާތެރި އަދި ހިތާމަވެރި ހާލަތަށް ވިސްނައިފައި އެރުވި ޚިޔާލެކެވެ. ލަޝްކަރުގެ ހާލަތު އޮތް ގޮތް އަޅުގަނޑަށްވުރެ މާ ރަނގަޅަށް މޫސާ ދެނެވަޑައިގަންނަވާނެއެވެ. އާއްމު ރައްޔިތުންގެ ހާލަތު އެ އޮތީ ރީތިކޮށް ފެންނާށެވެ. އެއީ ސިއްރެއް ނޫނެވެ. ސުލްހައަށް އެދިގެން އަލްޙަމްރާގެ ދޮރާށި ދޮށުގައި މުޒާހިރާކުރަމުން އެގެންދާ މީހުންނަކީ އަޅުގަނޑުގެ ރޭވުމެއް ދަށުން އެއްކޮށްގެން އުޅޭ ބައެކޭ މޫސާ ބިން އަބީ ޣައްސާން ވިދާޅު ނުވާނެ ކަމަށް އުއްމީދު ކުރަމެވެ. އޭގެ ފަހުން މާތްވެގެންވާ ރަސްގެފާނުގެ ކުރިފުޅުމަތީގައި އެއޮތް ބޮޑު މައިދާނުގައި ހަނގުރާމައާ ދެކޮޅަށް އަޑު އުފުލި ސިފައިންނާއި ސަހަރުގެ ބޮޑުންނާއި އާއްމުންނަށް އެކަން ކުރަން ދަސްކޮށްދިނީ އަޅުގަނޑޭ ވިދާޅު ނުވާނޭ ކަމަށްވެސް ހީކުރަމެވެ. ފެރްނާންދޯގެ މަންދޫބު ވަޑައިގަތީމާ މިއަދު ސަހަރުގެ ރައްޔިތުން އުފާ ފާޅުކުރަމުން އެ ގެންދަނީ އަޅުގަނޑުގެ ސިއްރު އެންގުމަކަށް ކަމުގައި ވިދާޅު ނުވާނޭ ކަމަށްވެސް އުއްމީދުކުރަމެވެ.]

[ގްރަނާދާގެ ބޮޑުންނޭވެ. ތިޔަ ބޭފުޅުން މޫސާގެ ވާހަކަފުޅު ގަބޫލުފުޅު ކުރައްވާނަމަ، އެންމެ ފަހުގެ ނޭވަޔާ ހަމައަށް ހަނގުރާމަކުރުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯންނާނެއެވެ. އެ ގޮތަށް ހުރިހައި ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާނަމަ އަޅުގަނޑުވެސް މިހިރީ އެ ގޮތާ ރުހި ގަބޫލުވެގެންނެވެ. ތިޔަބޭފުޅުންގެ ނިންމެވުން ދުޝްމަނުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރެވޭނެއެވެ.]

އަމީރަކު ތެދުވެ ބުނެފިއެވެ. [އަޅުގަނޑުމެން ދެކޭ ގޮތުގައި ފައިސަލާކުރުވަނިވި ހަނގުރާމައަކަށް ތައްޔާރުވާންވީއެވެ. އެކަމަކު އެޔާއެކުވެސް ދުޝްމިނުންނާއެކު ވާހަކަ ދައްކައި، ސުލްހަވެރި ހައްލެއް ފެންނާން އޮތްނަމަ، ވާހަކަދެއްކުމުގެ ދޮރު ބަންދުކޮށްގެން ނުވާނެއެވެ.]

އެހެން އަމީރަކު ތެދުވެ ކިޔައިފިއެވެ. [ޖަޒުބާތުގެ އޮއިވަރުގައި ބެހިގެން ގޮސް ހިތި ހަގީގަތްތަކަށް ލޯމަރައިލުމަކީ އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫނެވެ. ރައްޔިތުން ބަނޑަށް މަރުވަނީއެވެ. މިހާރު މި އޮތް ހިސާރު ފިނި މޫސުމާ ހަމައަށް ދެމިގެން ހިނގައްޖެ ނަމަ އަޅުގަނޑުމެންގެ ހާލަތު އިތުރަށް ނާޒުކުވެގެން ދާނެއެވެ. ބަދްރު ބިން މުޣީރާގެ ދޮޅަހަކަށް މީހުންގެ ފަރާތުން ލިބޭނޭ އެހީތެރިކަމެއް ފިޔަވައި އެހެން އެހީތެރިކަމެއް ލިބޭނޭ ކަމުގެ އެއްވެސް އުއްމީދެއް އަޅުގަނޑުމެންނަކަށް ނެތެވެ. އަޅުގަނޑުމެންގެ ލަޝްކަރު އެ އޮތީ ބަނޑުހައިހޫނުކަމާއި ހަނގުރާމައިގެ ހޫނުގެ ސަބަބުން ގޮތް ހުސްވެފައެވެ.]

ދަންނަބޭކަލަކު ތެދުވެއްޖެއެވެ. [ހައެއްކަ މަސް ދުވަސް ވާންދެން މިހެން ތިބެގެން ނުވަތަ ބޭރަށް ނުކުމެ ހަނގުރާމަކޮށްގެން ފެރްނާންދޯގެ ހިސާރު ނައްތައިލެވިދާނެ ކަމަށް ބަލަމާ ހިންގަވާށެވެ. އެކަމަކު ހަނގުރާމަ ނިމުނީމާ މިހާރަށްވުރެ މާ ބޮޑު ތައްޔާރީއަކާއެކު އަލުން އައިސް އެބައިމީހުން ހަމަލަ ނުދޭނެކަމުގެ ޔަގީންކަން އޮތީ ކިހައި ވަރަކަށްތޯއެވެ؟ އަޅުގަނޑުމެން ތިބެންވީ ތާއަބަދު ހަނގުރާމަކުރުންމަތީގައި ތޯއެވެ؟ އަޅުގަނޑުމެން ހަނދާންކުރަން ޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. ހިސާރު ދިގުލައިގެން ދިއުމުގެ ސަބަބުން އިސްޕޭނުގެ އެކި ހިސާބުގައި ދިރިއުޅޭ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ދިރިއުޅުމަށްވެސް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ. އެމީހުން އެތިބީ އެމީހުން ދިރިއުޅޭ ސަރަހައްދުގެ ކްރިސްޓިއަން ވެރިންގެ ރަހުމާއި އެހީތެރިކަމުގެ ދަށުގައެވެ.]

މޫސާ ތެދުވެވަޑައިގެންފިއެވެ. [އަހަރެމެން މިއަދު ގްރަނާދާގައި ހިސާރުވެފައި ތިބުމުގެ ބަދަލުގައި ކަސްތިއްޔާގެ ދޮރާށިދޮށުގައި ތިބި ނަމަ އިސްޕޭނުގައި ހާލުގައި ޖެހިފައި ތިބި ކަމަށް ތިޔަ ބުނާ މީހުން އެ ހާލަތަކަށް ނުދިޔައީހެވެ. އެބައިމީހުންގެ މައްޗަށް މުސީބާތުގެ ކޮޅިގަނޑު ނެގީ އަހަރެމެންގެ ހިއްސުތައް ގަބު ވެއްޖެކަން ކްރިސްޓިއަނުންނަށް އެނގުނު ހިސާބުންނެވެ.]

އެހެން މީހަކު ތެދުވެފައި ބުނެފިއެވެ. [ގްރަނާދާގެ ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ފެރްނާންދޯއާ ދެކޮޅަށް އަޅުގަނޑުމެން ކުރަމުން މި ގެންދާ ހަނގުރާމައަކީ ޖިހާދެއް ނޫނެވެ. އަޅުގަނޑުމެންގެ ގައުމުގެ ބޮޑު ބައެއް ކްރިސްޓިއަން ވެރިކަމުގެ ދަށަށް ހިނގައްޖެއެވެ. މި ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންގެ މައްސަލަތައް އިތުރުވެ މުސީބާތްތައް ބޮޑުވަމުން ދިއުން ނޫން އެހެން ނަތީޖާއެއް ނުނުކުންނާނެއެވެ.]

މޫސާ ކޯފާވެގެން ގޮސް ތެދުވެވަޑައިގެން ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. [އަހަރެމެންގެ ހަނގުރާމައަކީ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ އިންސާނިއްޔަތުގެ ހަނގުރާމައެކެވެ. އަހަރެމެންގެ ކާމިޔާބީ ވެގެން ދާނީ އިންސާނިއްޔަތުގެ ކާމިޔާބީއަކަށެވެ. އަހަރެމެންގެ ބަލިވުމަކީ އިންސާނިއްޔަތުގެ ބަލިވުމެވެ. މި ހަނގުރާމައަކީ ޖިހާދެއް ނޫން ކަމަށް ބުނާ އިލްމުވެރިއެއްގެ ނަންވެސް މި މަޖިލީހުގައި ކިޔުމަކީ އަހަރެން ރުހޭ ކަމެއް ނޫނެވެ. ގްރަނާދާގެ އަހުލުވެރިންނޭވެ. އަހަރެމެން މި ހަނގުރާމަކުރަނީ މި ވަގުތު އަހަރެމެން އެ ބިމެއްގެ މަތީގައި ކޮއްޅަށް މިތިބަ ބިމަށްޓަކައިކަން ހަނދާނުން ފުހެލަނީ ކީއްވެގެން ހެއްޔެވެ؟ މި ބިން އަހަރެމެންގެ އަތުން ފޭރިގެންފިނަމަ އަހަރެމެން ތިބޭނީ އެއްވެސް ތަނެއްގައި ލައްވައިނުލައެވެ. އަހަރެމެންގެ އަތުން ގްރަނާދާ ބީވެއްޖެނަމަ އިސްލާމްދީނުގެ ބައްތީގެ ހޫރިހޫރި ހުރި ހުޅުކޮޅު އަބަދަށްޓަކައި މި ގައުމުން ނިވިގެން ހިނގައިދާނެއެވެ.]

މޫސާގެ މި ވާހަކަފުޅަށް ފަހު އެކި މީސްމީހުން މި ބަހުސުގައި ބައިވެރިވެ ވާހަކަދައްކަމުން ދިޔައެވެ. ބަހުސު މުޅީން ނިމުނީ މެންދަން ވީ ފަހުންނެވެ. މޫސާއާއި އޭނާގެ ތިން ހަތަރު ބައިވެރިން ފިޔަވައި އެހެން އެންމެން ބުރަވީ ފެރްނާންދޯގެ ސިޓީގެ ޖަވާބާއެކު އަބުލްޤާސިމް ޢަބްދުލްމަލިކް ފޮނުވާށެވެ. ސުލްހައަށްޓަކައި ފެރްނާންދޯ ހުށަހަޅާ ޝަރުތުތައް ހިފައިގެން އަބުލްޤާސިމް އައީމާ އެ ޝަރުތުތަކާމެދު މަޝްވަރާކޮށް ބަހުސުކުރާ ގޮތަށެވެ. އެ ޝަރުތުތަކާ އެއްބަސްވެވޭނަމަ ސުލްހަވާނީއެވެ. ނޫން ނަމަ ހަނގުރާމަ ކުރިއަށް ގެންދާނީއެވެ.

ފެރްނާންދޯގެ ޝަރުތުތައް ވަރަށް ވިޔާނުދާ ވާނެކަން މޫސާއަށް އެނގިވަޑައިގަނެއެވެ. އަދި ގްރަނާދާގެ ރައްޔިތުން އެ ޝަރުތުތަކާ ދެކޮޅު ހަދާނެކަންވެސް އެނގިވަޑައިގަނެއެވެ. އެހެންވީމާ އޭނާގެ ރައުޔާ ޚިލާފަށް ނަމަވެސް އަބުލްޤާސިމް ދަތުރަށް ނުކުތީމާ މޫސާ ލަޝްކަރަށް ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވާން އަންގަވައިފިއެވެ. އަދި ބަދްރު ބިން މުޣީރާއާއި އޭނާގެ ބައިވެރިންނަށްވެސް ތައްޔާރުވެވަޑައިގަންނަވާން މެސެޖު ފޮނުއްވައިފިއެވެ. އަބުލްޤާސިމް ޢަބްދުލްމަލިކް ތިން ދުވަސް ވާންދެން ފެރްނާންދޯއާއެކު ސުލްހައިގެ ވާހަކަތައް ދެއްކިއެވެ. އެ ދުވަސްކޮޅު މޫސާ ގެންދެވީ މިސްކިތުގައި ޖޯޝުން ފުރިފައިވާ ތަގުރީރު ކުރައްވަމުންނެވެ. އެ ތަގުރީރުތަކުގެ ސަބަބުން ރަށުތެރޭގައި އާދަޔާ ޚިލާފު ދިރުމެއް އުފެދިގެން ހިނގައްޖެއެވެ. ރައްޔިތުންގެ ޖޯޝާއި އަޒުމުގެ ސަބަބުން ހަނގުރާމަޔާ ދެކޮޅު މީސްމީހުންގެ އަޑު މަޑުވެގެން ހިނގައްޖެއެވެ.

(2)

ތިން ދުވަހުގެ ވާހަކަތަކަށް ފަހު ފެރްނާންދޯއާއެކު ވެވުނު އެއްބަސްވުމުގެ ޝަރުތުތައް އެކަށައެޅިއްޖެއެވެ. އެ ޝަރުތުތައް ތިރީގައި މިވަނީއެވެ.

  1. ދެ ފަރާތުންވެސް ހަތްދިހަ ދުވަހަށް ހަނގުރާމަ މެދުކަނޑައިލާނެއެވެ. މި މުއްދަތުގެ ތެރޭގައި ތިރީގައިވާ ޝަރުތުތަކުގެ މަތީން ގްރަނާދާގެ ވެރިކަން ފެރްނާންދޯއާ ހަވާލުކުރާނެއެވެ.
  2. ދެ ފަރާތުންވެސް ހަނގުރާމައިގައި ހައްޔަރުކޮށްފައި ތިބި ގައިދީން ދޫކޮށްލާނެއެވެ.
  3. އިސްލާމުންގެ ފުރާނައާއި މުދަލާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ޒިންމާ އުފުލާނީ ގްރަނާދާގެ ކްރިސްޓިއަން ސަރުކާރުންނެވެ. އިސްލާމުންގެ މިސްކިތްތަކާއި ނަމާދުކުރުމާއި އެހެނިހެން އަޅުކަމަށް ސަރުކާރުން ހުރަހެއް ނާޅާނެއެވެ. ނަމާދުކުރުމާއި ބަންގި ގޮވުމާއި ރޯދަހިފުންފަދަ ކަންކަމުގެ ފުރިހަމަ މިނިވަންކަން އިސްލާމުންނަށް އޮންނާނެއެވެ. އިސްލާމުންގެ ގެދޮރަށާއި މިސްކިތްތަކަށް ވަނުމުގެ ހުއްދައެއް ކްރިސްޓިއަނުންނަކަށް ނޯންނާނެއެވެ. އިސްލާމުންގެ ޝަރުޢީ މައްސަލަތައް ނިންމާނީ އެބައިމީހުންގެ ޝަރީޢާތާ އެއްގޮތަށެވެ. އެ ބޭނުމަށްޓަކައި ގާޒީން އައްޔަންކުރެވޭނެއެވެ. އެއްވެސް ކްރިސްޓިއަނަކަށް ނުވަތަ ޔަހޫދީއަކަށް އިސްލާމުންގެ މި ފަދަ މައްސަލައެއްގައި ފައިސަލާކުރުމުގެ ބާރެއް ނޯންނާނެއެވެ.
  4. އިސްލާމުން ބޭނުންވެއްޖެނަމަ އެފްރިކާއަށް ހިޖުރަ ކުރުމުގެ އިޚްތިޔާރާއި ހުއްދަ އޮންނާނެއެވެ. ހިޖުރަކުރުމަށް ބޭނުންވާ ނައުފަހަރު ހަމަޖައްސައިދޭނީ ކްރިސްޓިއަން ސަރުކާރުންނެވެ.
  5. އިސްލާމުންނަށް އެބައިމީހުންގެ ދީން ދޫކުރާކަށް މަޖުބޫރެއް ނުކުރާނެއެވެ. އިސްލާމްދީނަށް ވަދެގެން ތިބި ކްރިސްޓިއަނުންނަށް އަލުން ކްރިސްޓިއަން ވާން މަޖުބޫރެއް ނުކުރާނެއެވެ. އިސްލާމުންގެ ގެދޮރުގެ ބޭރުގައި ކްރިސްޓިއަން ސިފައިންނެއް ފޯރިއެއް ނުމަރާނެއެވެ. އަދި އިސްލާމުންގެ މައްޗަށް އިތުރު ވާރެއް ކަނޑައެއް ނާޅާނެއެވެ.
  6. ގްރަނާދާއިން ނުކުތީމާ އަބޫ ޢަބްދުﷲއާ ހަވާލުކުރެވޭނީ އަލްޕުޚަރާގެ ވެރިކަމެވެ.
  7. ހަތްދިހަ ދުވަހުގެ ތެރޭގައި ގްރަނާދާއާއި އަލްޙަމްރާ ގަނޑުވަރާއި ހުރިހައި އަސްކަރީ ސާމާނެއް ކްރިސްޓިއަނުންނާ ހަވާލުކުރަން ވާނެއެވެ.
  8. ފެރްނާންދޯގެ އިތުރަށް ރޯމްގެ ޕޯޕްވެސް މި އެއްބަސްވުމުގައި ސޮއިކުރާނެއެވެ. އަދި އެއްބަސްވުން ތަންފީޒުކުރުމުގެ ޒިންމާ ދެ މީހުންވެސް އުފުލާނެއެވެ.

އެއްބަސްވުމުގެ ޝަރުތުތައް އަބޫ ޢަބްދުﷲގެ ދަރުބާރުގައި އިއްވުމުގެ ކުރިން އަބުލްޤާސިމް ހުވައެއް ކުޅައެވެ. އެއީ އެ އެއްބަސްވުމުގައި ހުރި ޝަރުތުތަކުގެ ވާހަކަ ގްރަނާދާގެ ރައްޔިތުންނަށް ހާމަ ނުކުރާނޭ ކަމުގެ ހުވައެވެ.

ދަރުބާރުގައި ތިބި ބޮޑުންނާއި ދަންނަބޭކަލުންގެ ގިނަ ބަޔަކު ދުށް ގޮތުގައި ފެރްނާންދޯގެ މި ޝަރުތުތަކަކީ ނުލާހިކު ރަނގަޅު ޝަރުތުތަކެކެވެ. އެކަމަކު މޫސާ ގެންދެވީ އެ ޝަރުތުތަކާ ދެކޮޅު ހައްދަވަމުންނެވެ. ހަތަރު ދުވަސް ވާންދެން ހޫނު ބަހުސުތައް ކުރިއަށް ދިޔައެވެ. އަމީރުންގެ ގިނަ ބަޔަކު އެ ހުރިހައި ޝަރުތަކަށް ތާއީދުކޮށްފިއެވެ. މިއަދަކީ ބަހުސުގެ އެންމެ ފަހު ދުވަހެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.