އަންދަލުސްގެ ބާޒު - 16

(29 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަބީޢާގެ ރާގުގައި ހުރީ ނަސޭހަތަކަށްވުރެ ބޮޑަށް އާދޭހުގެ އަސަރެވެ. އިސްލާމް އަންހެން ކުއްޖަކަށް ވީތީ، އޭނާގެ ހަމްދަރްދީއާއި ހެޔޮ އެދުން ބަދްރަކަށް އާދަޔާ ޚިލާފު ކަމަކަށް ނުވިއެވެ. އެހެންވީމާ ރަބީޢާގެ ހިތް ހަމަޖައްސައި ދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. [މި ކިއްލާ މިހިރީ ގްރަނާދާގެ އިމުގެ ތެރޭގައެވެ. ކްރިސްޓިއަނުން ގްރަނާދާއާ ހަނގުރާމަކުރަން ރަސްމީކޮށް ނުނިންމާހައި ހިނދަކު މިތަނަކަށް ހަމަލައެއް ނުދޭނެއެވެ. އަޅުގަނޑު ދުވަސްދުވަސްކޮޅުން އައިސް މިތާގައި އުޅޭކަން އެނގުނަސް ކުއްލިއަކަށް މިތަނަށް ހަމަލައެއް ދޭން ކެރޭނޭ ހެންނެއް ހިޔެއް ނުވެއެވެ. ތިޔަ ފިކުރުކުރައްވަނީ އަމިއްލަފުޅު ރައްކާތެރިކަމާ މެދުގައި ކަމުގައި ވަނީނަމަ އަޅުގަނޑު އެއް ކަމެއްގެ ޔަގީންކަން އަރުވާނަމެވެ. ގެއަށް އަންނަން މެހުމާނުންނަށް ރައްކާތެރިކަން ނުދެވޭ ވަރަކަށް އިސްޕޭނުގެ އިސްލާމުން އަދި ނިކަމެއްޗެއް ނުވެއެވެ. ތިޔަ ބޭފުޅުން ގްރަނާދާއަށް ވަޑައިގަންނަވާންދެން އަޅުގަނޑުގެ ސިފައިން ރައްކާތެރިކަން އަރުވާނެއެވެ. އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނެއެވެ.]

ރަބީޢާ ކަންބޮޑުވެފައި ބުންޏެވެ. [ތިޔަ ހީފުޅުކުރެއްވީ ރަނގަޅަކަށް ނޫނެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަމާމެދު އަޅުގަނޑު ކަންބޮޑެއް ނުވެއެވެ. އަޅުގަނޑު މި ވިސްނަނީ މަނިކުފާނާ މެދުގައެވެ. އަޅުގަނޑު އެކަންޏެއް ނޫނެވެ. އަދި ކަސްތިއްޔާ އެކަންޏެއްވެސް ނޫނެވެ. މުޅި އަންދަލުސްގެ ކޮންމެ އިސްލާމް އަންހެންކުއްޖަކު ތާއަބަދު ކުރަމުން ގެންދާ ދުޢާއަކީ ސަރަޙައްދީ ބާޒުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ކުރާ ދުޢާއެވެ. މި ބަދުނަސީބު ގައުމުގެ އެންމެ ފަހުގެ އެހީތެރިޔަކީ މަނިކުފާނެވެ.] ރަބީޢާގެ އަޑު ކުރެހިއްޖެއެވެ. އޭނާގެ ރީތި ދެ ލޮލުގައި ވަނީ ކަރުނައިގެ އަސަރެވެ.

ބަދްރު ބިން މުޣީރާއަށް ކޮންމެވެސް ވަރަކަށް އަސަރު ކޮށްފިއެވެ. [ފިރިހެނުންގެ ހިތަށް ޖިހާދަކީ މަސްލަހަތު ހުރި ކަމެއް ނޫން ކަމަށް ވަންނަ ކަހަލަ ބިރުވެރިކަމެއްގެ ވާހަކަ ގައުމުގެ އަންހެން ދަރިންގެ ދުލުން ބޭރުވުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެކަމަކުވެސް ރަބީޢާގެ ހަމްދަރްދީގެ ޝުއޫރަށްޓަކައި ޝުކުރު ދަންނަވަމެވެ.] މިހެން ވިދާޅުވެފައި އަހުގެ ރިކާބުގައި ފައިންޕުޅު އަޅުއްވައިފިއެވެ.

[މަޑުކުރައްވާށެވެ.] ރަބީޢާ ގޮވައިލިއެވެ.

ބަދްރު ރިކާބުން ފައިންޕުޅު ނައްޓަވައިލައްވަމުން ވިދާޅުވިއެވެ. [އަޅުގަނޑަށް ރަބީޢާގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ވަރުގެ ތަސައްލީއެއް އެރުވުނު ކަމަކަށް ނުފެނެއެވެ. ކްރިސްޓިއަނުންގެ އެއްވެސް ހަމަލައަކަށް އަޅުގަނޑު ފަރުވާކުޑައެއް ނުކުރާނެމެވެ. އެމީހުން ހަމަލައެއް ނުދޭނޭ ކަމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް ނުބަލަމެވެ. އެހެންވީމާ ކޮންމެފަދަ ކަމެއް މެދުވެރިވިޔަސް އަޅުގަނޑު ޣާފިލުވެފައެއް ނުހުންނާނަމެވެ. ތިޔަ ހީފުޅުކުރައްވާ ވަރަށްވުރެ މި ކިއްލާގެ ރައްކާތެރިކަން މާ ބޮޑެވެ.]

ރަބީޢާ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން އަހައިލިއެވެ. [މަނިކުފާނު ހުވަފެނަށް އިތުބާރު ކުރައްވަންތޯއެވެ؟]

[އާދޭހެވެ. ބައެއް ހުވަފެނަކީ ތެދު ހުވަފެން ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑު ކުޑައިރު ބައްޕާފުޅާ ބެހޭ ހުވަފެނެއް ދުށީމެވެ. އެ ހުވަފެން އަޅުގަނޑަށް ފެނުނު ގޮތަށް ސީދާވިއެވެ. އޭގެ ފަހުން އަޅުގަނޑުގެ ހުވަފެނުގެ ތައުބީރު ކަނޑައަޅަނީ ކަނޑިންނެވެ. އަޅުގަނޑާ ބެހޭ ގޮތުން ރަބީޢާއަށް ހުވަފެންފުޅެއް ފެނިވަޑައިގަތިއްޔާ އެ ހުވަފެންފުޅުގެ ތައުބީރުވެސް ލިޔާނީ ކަނޑިންނެވެ.]

ރަބީޢާ ކުޑަކޮށް ހިތްހަމަޖެހޭ ގޮތް ވެއްޖެއެވެ. [އަޅުގަނޑު މަނިކުފާނުގެ ކަނޑިކޮޅަށް އިތުބާރު ކުރަމެވެ. އަންދަލުސްގެ ހުރިހައި އިސްލާމުން މަނިކުފާނުގެ ކަނޑިކޮޅަށް އިތުބާރުކުރެއެވެ. އަޅުގަނޑުގެ ހުވަފެނުގެ ތައުބީރު ލިޔުއްވޭނީ ހަމައެކަނި މަނިކުފާނުގެ ކަނޑިކޮޅުންނެވެ. ހުވަފެނުގައި އަޅުގަނޑަށް ފެނުނީ ދުޝްމިނުން ކުއްލިއަކަށް ކިއްލާއަށް ހަމަލަދޭ ތަނެވެ. މަނިކުފާނުގެ ސިފައިންގެ އަދަދާ އަޅައި ބަލާއިރު އެ މީހުންގެ ސިފައިންގެ އަދަދު މާ ގިނައެވެ. ރޭގަނޑުގެ ކަނު އަނދިރީގެ ތެރެއިން އަޅުގަނޑަށް އިވުނީ ބިރުވެރި ނަޣަރާގެ އަޑެވެ. ހީވީ ކިއްލާގެ ފާރުތައް ފޫ އަޅުވައިލައިފައި އެ މީހުން އެތެރެއަށް ވަނީހެންނެވެ. ގަތް ބިރާއެކު އަޅުގަނޑަށް ހޭލެވިއްޖެއެވެ. މިއީ އަޅުގަނޑުގެ ހިތުގައި އޮތް ވަހުމެއްގެ ނަތީޖާއެއްގެ ގޮތުން ފެނުނު ހުވަފެނެއް ކަމުގައި ވެދާނެއެވެ. އެކަމަކު މަނިކުފާނަށް މި ހުވަފެނުގެ ވާހަކަ ނުދަންނަވައި އަޅުގަނޑަށް ނުހުރެވުނީއެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ކަމަނާއަށް ޝުކުރު ދަންނަވަމެވެ. ތިޔަ ހުވަފެންފުޅަކީ އެއްވެސް ހަގީގަތެއް އޮތް ހުވަފެންފުޅަކަށް ވާނަމަ ނަޣަރާގެ އަޑު އިވިވަޑައިގަންނަވާނީ ކިއްލާގެ އެތެރެއަކުންނެއް ނޫނެވެ. އިވިވަޑައިގަންނަވާނީ ކިއްލާގެ ބޭރުން ރުއިމާއި ހަޅޭކުގެ އަޑެވެ.]

ރަބީޢާ ވައި އަޑުން އާމީން ކިޔައިފިއެވެ. އޭނާގެ މޮޅިވެރި މޫނުމައްޗަށް އުފާވެރިކަމުގެ ކުލަ އަރައްޖެއެވެ.

ބަދްރު ވިދާޅުވިއެވެ. [ހުވަފެންފުޅުގެ ތައުބީރު ބައްލަވާން ބޭނުންފުޅިއްޔާ އަދި ދެތިން ދުވަހު މިތާގައި މަޑުކުރެއްވުން ރަނގަޅު ކަމަށް ފެނެއެވެ. އަޅުގަނޑު ކަމަނާގެ ބައްޕާފުޅާ ވާހަކަދައްކާނަމެވެ. ފަހަރެއްގައި ދެތިން ދުވަހަކަށް ދަތުރުފުޅު ލަސްކުރައްވައިފާނޭކަން ނޭނގެއެވެ.]

ވީ އުފަލެއްގެ ބޮޑުކަމުން ރަބީޢާގެ ހިތް ބާރަށް ތެޅިގެންފިއެވެ. އޭނާ ހިތާހިތާ ކިޔައިލިއެވެ. [މަނިކުފާނުގެ ތިޔަ ހެޔޮފުޅުކަމަކީ އަޅުގަނޑުގެ އެހެން ހުވަފެނެއްގެ ތައުބީރު ކަމުގައިވެސް ވެދާނެއެވެ.]

ބަދްރު ރިކާބުގައި ފައިންޕުޅު އަޅުއްވައިލައްވަމުން ވިދާޅުވިއެވެ. [ތިޔަ ހުންނެވީ ކޮއްކޯފުޅުގެ އިންތިޒާރުގައި ނޫންތޯއެވެ؟ އަޅުގަނޑު ދެން ދަނީއެވެ.]

ބަދްރު އަހަށް ސަވާރުވެވަޑައިގަތުމަށް ފަހު ނޭޒާގައި ހިއްޕަވައިފިއެވެ.

ރަބީޢާ ޖެހިލުންވެފައި ހުރެގެން އަނެއްކާވެސް ބުނެފިއެވެ. [އަޅުގަނޑުގެ ވާހަކައަކީ ސަމާސައެއް ކަމަށް މަނިކުފާނު ބައްލަވައިފާނެތީ އަޅުގަނޑު ބިރުގަނެއެވެ. އަޅުގަނޑުގެ ދޮން މަންމައާއި ކޮއްކޮއާއި ބައްޕަވެސް އަޅުގަނޑު ދައްކާ ވާހަކަ އަހައިފައި ހީނ އުޅެއެވެ. އެއިން މީހަކު ގާތު އަޅުގަނޑު ހުވަފެނުގެ ވާހަކަ ނުދެއްކެވުން ވަރަށް ބޮޑަށް އެދެމެވެ.]

[އަޅުގަނޑުގެ ވާހަކައިން ކަމަނާގެ ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައިގަތް ކަމަށް ނުފެނެއެވެ.] މިހެން ވިދާޅުވެފައި ބަދްރު ވަރަށް ބާރަށް ތުނބުންފުމެލައްވައިފިއެވެ. ޖަވާބުގައި ފެނުނީ ބޯ ގަސްތަކުގެ ތެރެއިން ހަތިޔާރު އެޅި ދެތިން މީހުން ނުކުތްތަނެވެ.

އެތަނުން އެކަކާ މުޚާތަބު ކުރައްވައި ބަދްރު ވިދާޅުއެވެ. [ސުލައިމާނެވެ. ހަމަ މިހާރު ޖަންގަލީގެ ތެރެއަށް ވަދެގެން ދާށެވެ. މިއަދު އިރުއޮއްސުމުގެ ކުރީން ލަޝްކަރުގެ ދެބައިކުޅަ އެއްބައި މީހުން ފަރުބަދައިގެ ފުރަގަހަށް ޖަމާކުރާށެވެ. ކިއްލާގެ އެއްވެސް މީހަކަށް އެ ލަޝްކަރު އޮތްކަން އަންގައިގެން ނުވާނެއެވެ.]

ބަދްެރު އަތްޕުޅުން އިޝާރާތް ކޮށްލެއްވުމާއެކު ގަސްތަކުގެ ތެރެއިން ނުކުތް މީހުން އެ ނުކުތްތަނަށް ވަދެގެން ގޮސް ގެއްލިއްޖެއެވެ. އޭނާ ކުޑަކޮށް ހިނިތުންވެލެއްވުމަށް ފަހު ރަބީޢާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. [މިހާރު ހިތްޕުޅު ހަމަޖެހިވަޑައިގެންފިތޯއެވެ؟ ތިޔަ ބޭފުޅުން މި ކިއްލާގައި ތިބިހައި ދުވަހަކު އަޅުގަނޑުގެ ލަޝްކަރުގެ ދެބައިކުޅަ އެއްބައި ފަހުލަވާނުން ކިއްލާ ބަލަހައްޓާން ފާރައަށް ތިބޭނެއެވެ.]

ރަބީޢާ ކުރިއަށް ޖެހިލައި އަހުގެ ލަގަނުގައި ހިފައިލިއެވެ. [ﷲއަށްޓަކައި ދަންނަވަމެވެ. އަޅުގަނޑު މި އުޅެނީ އަމިއްލަ ނަފުސުގެ ރައްކާތެރިކަމާމެދު ބިރުންނޭ ހީފުޅު ނުކުރައްވާށެވެ. އަޅުގަނޑުގެ ކަންބޮޑުވުން އޮތީ މަނިކުފާނާ މެދުގައެވެ. މަނިކުފާނަކީ އަޅުގަނޑުމެންގެ ގައުމުގެ އަގުހުރި ޖަވާހިރެކެވެ. އަންދަލުސްގެ އިސްލާމުންގެ އުއްމީދެވެ. އަޅުގަނޑުގެ ހުވަފެނުގެ ވާހަކަ ނޫން އެހެން ވާހަކައެއް ދައްކައިގެން މަނިކުފާނަށް ޔަގީންކަން އެރުވޭން އޮތްނަމަ ހާދަހާ ރަނގަޅެވެ. މަނިކުފާނުގެ ދޮރުކޮޅުމަތީގައި ފާރައަށް ހުންނަ މުޖާހިދަކަށް އަޅުގަނޑު ވާނޭ ނަމައެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ އަޅުގަނޑަކީ ވަހުމެއްގެ ތެރޭގައި އުޅޭ ނިކަމެތި އަންހެންކުއްޖަކީމެވެ. އަޅުގަނޑަށް ދެއްކޭން އޮތީ އަޅުގަނޑުގެ ހުވަފެނާއި ދުޢާގެ ވާހަކަ އެކަންޏެވެ.] ރަބީޢާގެ އަޑު އަނެއްކާވެސް ކުރެހިއްޖެއެވެ. ލޮލުން ކަރުނަ ނީރާލައިފިއެވެ.

ކުއްލިއަކަށް ވިދާޅުވާންވީ ކީކޭ ކަމެއް ބަދްރަކަށް ވިސްނިވަޑައެއް ނުގަތެވެ. ރަބީޢާގެ މޫނުމަތީން ފެންނާން ހުރި ސާދާކަމާއި ނިޔަނެތިކަމުގެ ސަބަބުން ބަދްރުގެ ހިތްޕުޅަށްވެސް އަސަރު ނުކޮށެއް ނުދިޔައެވެ. [އަޅުގަނޑު ދެއްކި ވާހަކައެއްގެ ސަބަބުން ހިތްޕުޅަށް އަސަރު ކުރީތީ ވަރަށް ދެރަވެއްޖެއެވެ. އަޅުގަނޑުގެ މަގުސަދަކީ ފަހަރެއްގައިވެސް ކަމަނާގެ ހިތްޕުޅުގައި ޖެއްސުމެއް ނޫނެވެ. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ﷲ ގެ ރައްކާތެރިކަމުގައި ކަމަނާ ލަހައްޓަވާށިއެވެ.]

ރަބީޢާ ލަގަނުން ދޫކޮށްލުމަށް ފަހު ދުރަށް ޖެހިލައިފިއެވެ. ބަދްރު ކޯރާ ދިމާއަށް މިސްރާބު ޖައްސަވައިފިއެވެ. ރަބީޢާ އެ ދިމާއަށް ބަލަހައްޓައިގެން ހުރެ ބަދްރަށް ރައްކާތެރިކަން ދެއްވާތޯ ހިތުގެ އަޑީން ދުޢާ ކުރަމުން ގެންދިޔައެވެ.

(4)

ރަބީޢާ ބަހައްޓައިފައި އެންޖެލާ އެރީ ފަރުބަދަ މައްޗަށެވެ. ވަކި ހިސާބަކަށް އެރުނު ތަނާ ފެނުނީ ހައެއްކަ ފިޔަވަޅުގެ ދުރުން ބަޝީރް ބިން ޙަސަން ތިރިއަށް ފައިބައިވަޑައިގަންނަވާ ތަނެވެ. އެންޖެލާ ނޭވާ ހަށްޓަށް ފައްތައިލުމުގެ ބޭނުމުގައި ހިލައެއްގެ މަތީގައި އިށީނދެއްޖެއެވެ. ބަޝީރު ކައިރިއަށް ވަޑައިގަތީމާ ރުމާލުން މޫނުގައި ހުރި ދާ ފޮހެމުން ކޮޅަށް ތެދުވެއްޖެއެވެ. ބަޝީރް ބައްލަވާން ފެއްޓެވީމާ ކުރިއަށް ނުގޮސް ހުރި ގޮތަށް ހުރީއެވެ. ހިނދުކޮޅަކު ވިސްނައިލުމަށް ފަހު ކުރިއަށް ދެތިން ފިޔަވަޅު އަޅައިފިއެވެ.

ބަޝީރް ވިދާޅުވިއެވެ. [މިއަދު ގިނިކަންޏާ ވަޑައިގެންނެވި ދުވަހެއްތޯއެވެ؟]

އެންޖެލާ ބުންޏެވެ. [ދައްތަވެސް އަޅުގަނޑާއެކު އައެވެ. ތިރީގައި އެބައިނެވެ. އަޅުގަނޑު ބޭނުންވީ މައްޗަށް އަރާށެވެ. މިތަނުން ބަޝީރުގެ ފައިންޕުޅު ފެންނާނޭ ކަމަކަށް ހިޔެއް ނުކުރަމެވެ. މި ހިސާބަށް މި އެރުނީ ލައްކަ އުނދަގުލުންނެވެ.]

[ވަރަށް ހިތްވަރު ކުރައްވައިފީމުތާއެވެ.]

ބަޝީރުގެ ރާގުގައި ޝައުގުވެރިކަން ކުޑަކަން އެކުލެވިގެންވާ ކަމުގައި އެންޖެލާއަށް އިހުސާސް ކުރެވުނެވެ. އެހެންވީމާ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ބުނެފިއެވެ. [މި ހިސާބަށް އެރުނުއިރު އަޅުގަނޑުގެ ހިތްވަރު އެލިއްޖެއެވެ. މަނިކުފާނުގެ ފައިންޕުޅު ފެނުނުކަން ވަރަށް ރަނގަޅެވެ. ދަތިފުޅު ނޫނިއްޔާ އެންމެ ކުރިއަށް އަރަން އަޅުގަނޑަށް އެހީތެރިވެވަޑައިގެން ދެއްވަފާނުތޯއެވެ؟]

[ހިންގަވާށެވެ.]

[ޝުކުރިއްޔާއެވެ. އެނބުރި ދާނޭ މަގު އޮޅިދާނެތީ އަޅުގަނޑު މި ހުންނަނީ ވަރަށް ބިރުންނެވެ.]

[މިއީ އެހައި އޮޅުންބޮޅުން ބޮޑު މަގެއް ނޫނެވެ.] ބަޝީރް ފަރުވާކުޑަ ގޮތަކަށް ވިދާޅުވިއެވެ.

ބަޝީރް ހިންގަވަމުން ގެންދެވީ ވަރަށް ހަލުވިކޮށެވެ. އެހެންވީމާ ގުނބުހިލިފައި ހުރިވަރުން، ވާހަކަ ދައްކައިލާން ބޭނުން ވިޔަސް އެންޖެލާއަކަށް ވާހަކައެއް ނުދެއްކުނެވެ.

ފަރުބަދައިގެ އެންމެ ކުރިއަށް އެރުނުއިރު އެންޖެލާގެ ގަޔަކު އެއްވެސް ވަރެއް ނެތެވެ. ވަރުބަލިވުމުގެ ސަބަބުން ތުރުތުރުއަޅައެވެ. ދާހިއްލާ ފޯވެއްޖެއެވެ. ބަޝީރް ބިން ޙަސަނަކީ ޑަކްޓަރަކަށްވެސް ވުމާއެކު އަޚްލާގީ އާދަފުޅާ އެއްގޮތަށް އެއްފަހަރު އެ ރީތި އަންހެންކުއްޖާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު ފަރުބަދައިގެ ތިރީގައި އޮތް ފެހިކުލައިގެ ވާދީއާ ދިމާއަށް ބައްލަވާން ފަށްޓަވައިފިއެވެ.

އެންޖެލާ ރުމާލުން ދާ ފޮހެލަމުން ހަމަނޭވާ ލެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. [މަނިކުފާނު ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތްހެންވެސް ހިޔެއް ނުވެއެވެ. އަޅުގަނޑުވާ އަވަދިވެއްޖެއެވެ.]

ބަޝީރް ތިރިއަށް ބައްލަވާން ހުންނަވާފައި ވިދާޅުވިއެވެ. [ފަރުބަދަ މައްޗަށް އެރުމަކީ އަޅުގަނޑު އާދަވެގެން ކޮށް އުޅޭ ކަމެކެވެ. ކަމަނާ އަލަށް އަރާވަޑައިގަތީމާ ވީ ގޮތެކެވެ.]

އެންޖެލާ ބުންޏެވެ. [މިތަނުން ތިރީގައި އެ އޮތް ވާދީ ފެންނައިރު ހާދަހާވާ ރީއްޗެވެ. ދައްތަ ނައިކަން ވަރަށް ދެރައެވެ.]

[އޭނާ އަދި އެހައި ބުރަކޮށް އުޅުއްވާ ވަރެއް ނުވެއެވެ.]

އެންޖެލާ ހިލައެއްގެ މަތީގައި އިށީނދެއްޖެއެވެ. [އަޅުގަނޑު ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ. އިޒުނަފުޅު އޮތިއްޔާ އިރުކޮޅަކު މަޑުކޮށްލަންތޯއެވެ؟]

ބަޝީރު ވިދާޅުވިއެވެ. [އަވަސް ކުރައްވާށެވެ. ކަމަނާގެ ދައިތާފުޅު އިންތިޒާރުގައި އިންނަވާނެއެއް ނޫންތޯއެވެ؟]

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.