
ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ދިވެއްސަކާއި ދެ ބިދޭސީއަކު ދަތުރުކުރި އެދޯނި ފަރަށް އެރުމުގެ ޚަބަރު ލިބުމުން އެމްއެންޑީއެފުން މިހާރު ގެންދަވަނީ ދޯނީގެ ވެރިފަރާތާ ގުޅިގެން އެހީތެރިވަމުންނެވެ. މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި 99 ފޫޓުގެ އެ ދޯނި އަރައިފައިވަނީ މާލެއަތޮޅު ބޮޑުހިތި ރިސޯޓު ކައިރީގައި އޮންނަ ފަރަކަށެވެ. ދޯނީގެ ނަމަކީ "ކީސާ" އެވެ.
މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ދަންވަރު 2:00 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ދޯންޏަށް ގެއްލުން ލިބުނުވާހަކައެއްވެސް އެމްއެންޑީއެފަކުން އަދި ވިދާޅެއް ނުވެއެވެ.