ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާއެއްގައި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

އަންހެނަކާއި ފިރިހެނަކު ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލި ޙާދިސާއެއްގައި އޭގައި އިން އަންހެން މީހާ ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެ ޑިންގީއަކީ ލ. ކައްދޫ އިން މާމެންދުއަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ކަމަށެވެ. ޑިންގީ ބަންޑުން ޖަހާލީ ލ. ގާދޫއާ ހިސާބުންނެވެ.

ޑިންގީ ބަންޑުން ޖަހައިލުމުން ފިރިހެން މީހާވަނީ ފަތާފައި ގޮސް ސިކްސްތު ސެންސް ރިސޯޓަށް އަރައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޑިންގީގައި އިނީ ޢުމުރުން 19 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 9:30 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މަޢޫލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީ ބަންޑުޖަހާލީ ޕެޓްރޯލް ހުސްވެގެން ޕެޓްރޯލް އަޅަން މަޑުކޮށްފައި އޮތްވައި ޖެހި ރާޅެއްގެ ސަބަބުންނެވެ. ޑިންގީ ބަންޑުން ވުމުން ފިރިހެން މީހާވަނީ ޕެޓްރޯލް އަޅަމުންދިޔަ ޓޭންކު އަންހެން މީހާގެ ސަލާމަތަކަށް އޭނާގެ އަތަށް ދީފައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ޓޭންކު އަންހެން މީހާގެ އަތަށް ދިނުމަށްފަހު އޭނާ ރިސޯޓަށް ދިޔައީ އެ ޚަބަރު ދިނުމަށެވެ. "އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށް މަޢުލޫމާތު ލިބެނީލ ކިޔޭ ނުކިޔޭ ނޭގޭ ޙާލަތުގައި އޭނާ ހުރިކަމަށްވަނީ. އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ،" ފުލުހުންގެ މީޑިއާގެ ބޭފުޅަކު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.