ރޯދަމަޖާ: އަންހެންކުއްޖަކު ލިބުން

އަންހެންކުއްޖަކު ލިބުން

އަހަރެން ހިނގާފައި ދަނިކޮށް ވަރަށް ރީތި އަންހެންކުއްޖަކު ފެނިއްޖެއެވެ. އަހަރެން ހުއްޓިހުރެ އެ ކުއްޖާއާ ދިމާއަށް ބަލަން ފަށައިފީއެވެ. އެ ކުއްޖާ ހިނިތުންވެލައިފިއެވެ. އަހަރެންވެސް ހިނިތުންވެލައިފީމެވެ. ވީ އުފަލެއްގެ ކޮޅެއް ނެތެވެ. ހިތަށް އެރިއެވެ. އަހަރެންގެ ނަސީބުވެސް މާކަ ނުބައެއް ނޫނެވެ. މިއޮތީ އަންހެންކުއްޖަކު ލިބިފައެވެ.

އިރުކޮޅަކު އެ ކުއްޖާ ހިނގައިގެންފިއެވެ. އަންނާށޭ ބުނެ، އަހަންނަށް އިޝާރާތް ކުރަމުންނެވެ. އަހަރެންގެ ހަށްޓަކުހެއެއް ނެތެވެ. ފަހަތުން ހިނގައިގެންފީމެވެ. އެ ކުއްޖާ ކުރީގައި ހުރެގެން ދަނީއެވެ. އަހަރެން ފަހަތުން ހިނގަމުން ދަނީއެވެ.

އެ ކުއްޖާ ގޮސް ހުއްޓުނީ ކުރަހާ މީހެއްގެ ފިހާރައިގެ ދޮރުމައްޗަށެވެ. ކުރަހަން އިން މީހާއަށް އިޝާރާތުން އަހަރެން ދައްކާފައި ކުރިއަށް ހިނގައިގެންފިއެވެ. އަހަރެން ވަރަށް ބޮޑަށް ހައިރާންވެފައި ކުރަހާ މީހާކުރެން އަހައިފީމެވެ. "މިއީ ކޮން ކަމެއް ހެއްޔެވެ؟"

ކުރަހާމީހާ ބުންޏެވެ. "މާ ބޮޑު ކަމެއް ނޫނެވެ. އެ ކުއްޖާ މިތަނަށް އައިސް ބުނީ ތިމަންނާއަށް ޝައިތާނާގެ ފޮޓޯއެއް ކުރަހައިދޭށޭއެވެ. އަހަރެން ދުވަހަކުވެސް ޝައިތާނާ ނުދެކެމޭ، ދައްކަނިކޮށް ކުރަހައިދީފާނަމޭ ބުނީމާ ގޮސް އެ އައީ ކަލޭ ގޮވައިގެންނެވެ."

ދަތުރުފަތުރު

ވެލާނާ އެއާޕޯޓުގައި ތިބެގެން ދެ މީހަކު ޒުވާބު ކުރަނީއެވެ. އެކަމަކު ރުޅި އައިސް ރަތްވެފައި ހުރެގެން ބުންޏެވެ. "މާ ކަންތައްގަނޑު ބޮޑުނުކުރާށެވެ. އެހެން ނޫނީ ކަންކަށިމަތީގައި ޖަހައިފާނަމެވެ. އޭރުން ކަލޭ ވިއްސައިގެން ގޮސް ޖެހޭނީ ހަނިމާދޫގައެވެ."

ދެވަނަމީހާ އެޔަށްވުރެ ބޮޑަށް ރުޅި އައިސްފައި ބުންޏެވެ. "ކަލެއަށް ޖެހޭނީ ކޮން ޖެހުމެއް ހެއްޔެވެ؟ އަހަރެން ޖަހައިފިއްޔާ ކަލޭ ވިއްސައިގެން ގޮސް ޖެހޭނީ ސީދާ އައްޑުއަތޮޅުގައެވެ."

ކައިރީގައި ހުރި އެހެން މީހަކު އައިސް މިތަނުން އެކަކު ގާތު ބުނެފިއެވެ. "އަހަރެންގެ ކަންކަށިމަތީގައި ނިކަން މަޑުން ޖަހައިލަދީބަލާށެވެ. އަހަރެން ދާން ބޭނުން ވަނީ މާމިގިއްޔަށެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.