ދަ ޑިމޮކްރެޓްސް އިން ނިންމީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން

ފޮޓޯ: ސޯޝަލް މީޑިއާ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

މަޖިލީސް އިންތިޚާބާ ގުޅިގެން އެޕާޓީން ނިންމި ނިންމުން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ވަނީ ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

އެ ބައްދަލުވުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ 93 ގޮނޑިއަށް ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މަޖިލީސް މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީސް މެންބަރުންގެ އަދަދު 76ގައި ހިފަހައްޓަން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.

އެހެންވެ، މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީން ވަނީ އެ ގަރާރު ފާސްކޮށް މެންބަރުންގެ އަދަދު ލިމިޓު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ވެސް ނިންމައިފައެވެ. އަދި، އެ އިސްލާހު ނުގެނެވުނު ނަމަވެސް މަޖިލީހަށް އިތުރުވާ ހަ ދާއިރާއާ އެކު 93 ގޮނޑިއަށް ވެސް ވާދަކުރަން އެ ޕާޓީން ނިންމިއެވެ.

އެގޮތަށް އަމަލުކުރަން އެ ޕާޓީގެ ކައުންސިލަށް ހުށަހެޅީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވާ މުހައްމަދު ޝިފާޒެވެ.

"މިހާރު ވެއްޖެއްޔާ އެއީ 93 ގޮނޑި ކަމަށް އިއުލާނުކުރައްވާފައި އެ ވަނީ އިލެކްޝަންސް ކޮމިޝަނުން. އެހެންވީމާ އޭގެ މާނައަކީ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ. އެހެންނަމަވެސް އެއަށް ވުރެ އިސްކަންދީގެން އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ އިލްޔާސް ލަބީބު އެ ހުށަހަޅުއްވާފައި އޮތް އިސްލާހުގައި، ގާނޫނު އަސާސީއަށް އެ ހުށަޅުއްވާފައި އޮތް އިސްލާހުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ކުޑަކުރުމަށް ކުރެވޭ މަސައްކަތް،" ހަަސަން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.