ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހާސިލުކުރަން ބޭނުންވި މަގްސަދު ހާސިލުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގައި އީވާ ވިދާޅުވީ ވަރަށް ކުރު މުއްދަތެގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓް ކަމަށް ނިކުމެވަޑައިގަންނަވާ ހާސިލު ކުރައްވަން އެދިވަޑައިގެން މަގްސަދާއި ނަތީޖާ ނެރުއްވިކަން ދިވެހި ހުރިހާ ރައްޔިތުން ވެސް ހެކިވާނެ ކަމަށެވެ.
އީވާ ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ދެއްކެވި ވާހަކަތަކަކީ ހަގީގަތެއްކަން މިއަދު ހާމަވާ ކަމަށާއި އެއީ އެއްވެސް ސުވާލެއް އުފެދޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ދެވަނަ ބުރުގައި ވެސް ދަ ޑިމޮކްރެޓްސްއިން އަޅާ ފިޔަވަޅަކީ މުހިއްމު ފިޔަވަޅެއް ކަމާއި ދޭތެރޭ އެއްވެސް މީހަކު ޝައްކެތް ނުކުރާނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އެމްޑީޕީއިން އިނާމުތައް ދިން ކަމަށާއި ރަށްރަށާއި އޮފީސްތަކުގައާއި މަޖިލީހުގައި ވެސް ފުރައްސާރައާއި މަލާމާތްތައް ކުރަމުން ދިޔަ ކަމަށް ވެސް އީވާ ވަނީ ވިދާޅުވެފައެވެ. އަދި ވަޒީފާތަކާއި ވިޔަފާރިތައް ކުރަމުން ދިޔަ މީހުންނަށް ބިރު ދައްކަމުން ދިޔަ ނަމަވެސް އެކަމަށް ނޫނެކޭ ބުނެ، ދުރު ރާސްތާ ވިސްނުމަކާއި އަސާސްތަކުގައި ހިފައިގެން ނިކުތް ޑިމޮކްރެޓުންނަށް އީވާ ވަނީ މަރުހަބާ ދަންނަވާފައެވެ.
އީވާ އިތުރަށް ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާއަކީ ދަ ޑިމޮކްރެޓްސްއަށް އެންމެ ގިނަ ވޯޓު ލިބުނު ދާއިރާ ކަމަށެވެ.