އަލިފާންކޮކާ - 8

(19 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޙްސަން ކުޑަކޮށް ހިނިތުންވެލިއެވެ. "ތިޔަ އައީ އަހަރެންގެ ލަފައެއް ހޯދަންތަ؟"

"ނޫން. އަޙްސަން. އަހަރެން މިހާރު ލަފާ ހޯދާ ވަރަށް ވުރެ މާ ދުރަށް ނުކުމެއްޖައިން. މިހާރު އަހަންނަށް ހީވަނީ އޭނާ ނެތިއްޔާ އަހަރެންގެ އަތުގައި އެކައްޗެއް ނެތީއޭ. އޭނާ ލިބުނީމާ ހުރިހައި އެއްޗެއް ލިބި ފުރިހަމަވީއޭ."

"ތިޔަ ކަހަލަ ޝުޢޫރުތަކެއް ޒާރާގެ ފުށުން ފެންނާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަން." އަޙްސަން، ޒާރާއާ ދިމާއަށް ބަލައިލާފައި ބުނެލިއެވެ. "އަމިއްލަ ކަމެއް ބޭނުން ގޮތަކަށް ނިންމުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް އޮންނާނެ... ޒާރާއަށްވެސް އެ އިޚްތިޔާރު އޮންނާނެ. އެކަމަކު އަހަރެން ބުނަން ބޭނުން ވަނީ ޒާރާ ތިޔަ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނޭ. ޒާރާ އައީ އަމިއްލަ އެދުންތަކެއް ފަހަތުން ދުވަމުން. އެހެން އެއްވެސް ޚިޔާލެއް ނުކުރަމު. ހިތުގައި އޮންނަހައިވެސް ކަމަކީ ރީތި، އަރާމު، މޮޅު ދިރިއުޅުމެއް. މިއަދު ތިޔަ އުޅެނީ ހަމަ ކުއްލިއަކަށް އެ ހުރިހައި އެދުމެއް ދޫކޮށްލާފައި އިށީންނަން. އެހެންވީމާ އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަހާ. ތިޔަ ނިންމުމުގެ ސަބަބުން ލިބޭނޭ އެއްވެސް ފައިދާއެއް ނޯންނާނެ... ތިޔައީ ޖަޒުބާތީ ނިންމުމެއް. އެ ޖަޒްބާތުގެ އަސަރު ފިލުމާއެކު އަނެއްކާވެސް އެއްކަލަ އެދުންތަކުގެ މުންނާރު ޒާރާގެ ކުރިމަތީގައި ކޮޅަށް ޖެހޭނެ. ދެން މަސައްކަތް ކުރާނީ އެއަށް އަރަން. އެހެންވާ ދުވަހު ޒާރާ ހަދަނީ ކިހިނެއް؟"

"ތިޔަ ހުރިހައި ކަމަކާ އަހަރެންވެސް ވިސްނައިފިން. އެކަމަކު..." އޭނާ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ.

"އެންމެ ރަނގަޅު. ޒާރާ ބޭނުން ގޮތެއް ހަދާ. އެކަމަކު ތިޔަ ނިންމުމުގެ ސަބަބުން އަހަރެން އުފަލެއް ނުވޭ."

އޭގެ ފަހުން ދެމީހުން އެ މަވްޟޫޢުގެ މައްޗަކަށް ވާހަކައެއް ނުދައްކައެވެ. އެ ދުވަހުގެ ބާކީ އޮތް ބައި އޭނާ ހޭދަ ކުރި ވަރަށް އުފާވެރި މޫޑެއްގައެވެ. ހަވީރު އޭނާ ގެއަށް ލައިދޭން އައީ އަޙްސަނެވެ. އޭނާ އެނބުރި ދާން ފެށީމާ ޒާރާ އަހައިލިއެވެ.

"އަޙްސަން ރުޅި އައީ އަޙްސަންގެ ބަދަލުގައި އަހަރެން ޝެހެރޫޒް ޚިޔާރު ކުރީމާތަ؟"

"ޒާރާ." އޭނާގެ ހިތް ހަރުކަމުގެ މައްޗަށް އަޙްސަންގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އެހެން ނަމަވެސް އަނގައިންވެސް ނުބުނެ ދިޔައީއެވެ.

އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައީ ޝެހެރޫޒް ނުފެނިއެވެ.

އޭނާ އުޅެނީ މަސައްކަތް ކުރާ ތާނގައި އަވަދިނެތިއެވެ. އޮފީހަށް އަންނާނޭ ފުރުސަތެއް އޭނާއަކަށް ނުލިބެއެވެ. އެއް ހަފުތާ ވާންދެން އޭނާއަށް އިންތިޒާރު ކުރުމަށްފަހު އޭނާ ދެކެ ރުޅިއަންނަން ނިންމި ދުވަހު އޭނާ އަތުވެއްޖެއެވެ.

"ހިނގާ އަހަންނާ އެކު ދާން."

އޭނާ ހުރިހައި ރުޅިއެއް ހަނދާން ނައްތައިލާފައި އޭނާޔާ އެކު ހިނގައިގެންފިއެވެ.

ޝެހެރޫޒް އޭނާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. އެއީ ވަރަށް އާދައިގެ ތިން ކޮޓަރީގެ ގެއެކެވެ. މޮޅު އަގުބޮޑު އެއްޗެއް ނެތް ނަމަވެސް ވަރަށް ސާފުތާހިރު ގެއެކެވެ. ހުރިހައި އެއްޗެއް ވެސް ހުރީ ވަރަށް ހެޔޮ ތަރުތީބެއްގެ މަތީން ބަހައްޓައިފައެވެ.

ޝެހެރޫޒްގެ މަންމައާއި ކޮއްކޮއިން އޭނާއާ ބައްދަލު ކުރީ އާދަޔާ ޚިލާފު އުފަލަކާ އެކީގައެވެ. ޝެހެރޫޒް ބުނީ ހަމަ ތެދެކެވެ. މަންމައަށް އޭނާ ފެނުމާއެކު ހުރިހައި މައުލޫމާތެއް އޮޅުން ފިލުވިއެވެ.

އެ ގެއިން ނުކުތް ވަގުތު ވަރަށް އަވަހަށް އަހަރެމެން ތިޔަ ގެއަށް އަންނާނަމޭ ޝެހެރޫޒްގެ މަންމަ ބުންޏެވެ. އެއީ ތެދެއްކަން ޔަގީންވީ ޝެހެރޫޒް އަނެއް ދުވަހު ޔަގީންކޮށްދިނީމައެވެ.

"އާނ. މަންމަ ތިޔަ ގެއަށް ދާނެ. މަންމަ ދެނެގަންނާނެއޭ އަހަރެން ބުނީމެއްނު؟ މަންމައަށް އެނގިއްޖެ. އަހަރެން އެއްވެސް ވާހަކަ އެއް ނުބުނަން."
"މަންމަ ބުނީ ކީކޭ؟" ހުރިހައި ތަފުސީލެއް އޭނާ ބޭނުންވިއެވެ.

"ވަރަށް ގިނަ ވާހަކަ ދެއްކި. ކޮންމެ ވާހަކައެއްވެސް ގޮސް ނިމެނީ ޒާރާއަކީ ރަނގަޅު ކުއްޖެކޭ ބުނެފައި."

"އެހެންތަ؟" ޒާރާ ހީނގަތެވެ.

"މަންމަ ފޮނުވާންވީ ކޮން ދުވަހަކު؟"

"އެންމެ ފުރަތަމަ ގޭ މީހުންނާ ވާހަކަ ދައްކައިލާނަން."

"އަދި ގޭ މީހުންނަކަށް ނާންގަންތަ؟"

"ނާންގަން. އެންމެ ފުރަތަމަ އަހަރެން ބޭނުންވީ ޝެހެރޫޒްގެ ފަރާތުން ޔަގީންކަން ހޯދަން." އޭނާ އެއްވެސް ކަހަލަ ފޮރުވުމެއް ނެތި ބުނެލިއެވެ.

"އަހަންނަށް އިތުބާރު ނުކުރަނީތަ؟"

"އިތުބާރުކުރަން. ކުޑަކޮށް ބިރުވެސް ގަތް. އެކަމަކު މިހާރު މިއޮތީ ބިރު ފިލާފައި. މިހާރު އޮތީ ހަމައެކަނި އިތުބާރު." އޭނާ ހިނިތުންވެލިއެވެ.

"އަހަރެން ހަމަ މިއަދު މަންމަޔާ ވާހަކަ ދައްކާނަން."

އޭނާގެ ވާހަކަ ނިމުނީމާ މަންމަ ބުންޏެވެ.

"ތިޔަ ފެންވަރުގެ މީހަކާ އިންނަން ބޭނުމިއްޔާ އަޙްސަންގެ ކިބައިން ކަލެއަށް ފެނުނީ ކޮން އުނިކަމެއް؟"

"އަޙްސަންގެ އެއްވެސް އުނިކަމެއް ނެތް." އޭނާ ބުންޏެވެ.

"ދެނޯ؟"

"އަހަރެން ދުވަހަކުވެސް އަޙްސަނާ މެދު އެކަހަލަ ގޮތަކަށް ނުވިސްނަން."

"އެހެންވެއްޖެއްޔާ މިހާރު ވިސްނަން ފަށާ. އެއީ ގޭ ކުއްޖެއްނު؟"

"ގޭ ކުއްޖަކަށް ވަންޏާ މި ގޭގައި އެހެން އަންހެންކުދިންވެސް އެބަ އުޅެއެއްނު؟"

އޭނާ މިހެން ބުނީމާ މަންމަ އަނގަޔަކުން ނުބުނެއެވެ.

"މަންމާ. ސެހެރާއި އަސްމާގެ ކައިވެނިވެސް ކުރަން ޖެހެއެއްނު؟" މަންމަ އަނގައިން ނުބުނީމާ އޭނާ ވާހަކަ ކުރިއަށް ގެންދަން އުޅުނެވެ. "އަޙްސަން ބޭނުމިއްޔާ..."

"ދެން ހެޔޮ. ކަލޭ އެކަމާ ފިކުރު ކުރާނޭ ކަމެއް ނެތް." މަންމަ ރުޅިވެރި ރާގަކަށް ބުނެލިއެވެ. އޭނާ ދައްކާން އުޅުނު ވާހަކަ މަންމައަށް ކަމުނުދިޔައީ ކަމަށް ވެދާނެއެވެ.

"އެންމެ ރަނގަޅު. އަހަރެން އެ ކަމަކާ ފިކުރެއް ނުކުރާނަން. އެކަމަކު މަންމަ މިއަދު ޝެހެރޫޒްގެ ވާހަކަ ބައްޕަޔާ ދައްކާތި. މާދަމާ ޝެހެރޫޒްގެ މަންމަ މިގެއަށް އަންނާނެ."

ކަންތައް ކުރަންވާ ގޮތް އޭނާ ކަނޑައަޅައި ނިންމައިލިއެވެ. އެހެންވީމާ މަންމަޔާ ބައްޕަ އިތުރު ވާހަކައެއް ދައްކާނޭ ޖާގައެއް ނެތެވެ. ވަރަށް ކުއްލި ގޮތަކަށް ކުރެވުނު ކާވެންޏަކާއެކު އޭނާ ދިރިއުޅުމުގެ މައިދާނަށް ނުކުމެއްޖެއެވެ.

* * *

ޝެހެރޫޒްގެ ގެއަކީ ވަރަށް އަމާން ހިތްހަމަޖެހޭ މާހައުލެއް އޮންނަ ގެއެކެވެ. ގޭތެރެ އެހެން ބޭއްވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަނީ ޝެހެރޫޒްގެ މަންމައެވެ. އެއީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އެހައިމެ އޮމާން ރީތި ހަމަތަކެއް ހިފަހައްޓާ މީހެކެވެ. ވުމާއެކު އޭނާގެ ދަރިން އޭނާއަށް އާދަޔާ ޚިލާފު އިހުތިރާމެއް ކުރެއެވެ. އެއްވެސް ކުއްޖަކު އޭނާޔާ ބާރަށް ވާހަކަ ދައްކައެއް ނޫޅެއެވެ. އޭނާ ކުރެން ވާހަކައެއް އަހައިލަން ވެއްޖެނަމަ ކައިރިއަށް އައިސް އެ ވާހަކައެއް އަހައިލަނީއެވެ. ދުރުގައި ހުރެގެން ބާރަށް ވާހަކަ ދައްކާކަށް އެކަކަށްވެސް ނުކެރެއެވެ.

ޒާރާއަކީ އާއްމުކޮށް ބާރަށް ވާހަކަ ދައްކާ ކުއްޖެކެވެ. ކިތަންމެ ދުރުގައި ހުރި މީހަކާ ވާހަކަ ދައްކަން ވިޔަސް ހުރި ތަނެއްގައި ހުރެގެން ވާހަކަ ދެއްކުމަކީ ޒާރާގެ އާދައެކެވެ. އެހެންވީމާ އެގެއަށް އައީމާވެސް އާދައިގެ މަތީން ބާރަށް ވާހަކަ ދެއްކެއެވެ. އެއްވެސް މީހަކު އޭނާ އެ ކުރަނީ ކަމުނުދާ ކަމެކޭ ނުބުނެއެވެ. އެހެން ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެއީ ކޮށްގެން ނުވާނޭ ކަމެއްކަން އޭނާއަށް ވިސްނިއްޖެއެވެ. އެއް ދުވަހަކު އޭނާ ދުރުގައި ހުރެގެން ޝެހެރޫޒްގެ މަންމަޔާ ވާހަކަ ދައްކަން ފެށީމާ މަންމަ އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. އެ ދުވަހަކުވެސް ނުރުހުމުގެ އަސަރެއް ނުދައްކައެވެ. އެހެން ނަމަވެސް ޒާރާއަށް މަންމަގެ މެސެޖް ވިސްނިއްޖެއެވެ.

ކާވެނީގެ ފަހުން އެއްމަސް ދުވަހުގެ ޗުއްޓީއެއް އޭނާ ނެގިއެވެ. އެ އެއްމަސް ދުވަސް ފާއިތު ވެގެން ދިޔައީ ވިދުވަރެއްހައި ހަލުވިކޮށެވެ. ޝެހެރޫޒާ އެކީ އުޅެވުނީމާ ވަގުތު ފާއިތު ވެގެން ދަނީ އޭނާއަށް ނުވެސް އެނގިއެވެ. ޗުއްޓީ ނިންމައިފައި އޮފީހަށް ނުކުންނާން އޮތް ދުވަހު ތައްޔާރުވެގެން ނުކުތީމާ ޝެހެރޫޒްގެ މަންމަ ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. މަންމަ ހީކޮށްގެން ހުރީ އޭނާ އެ އުޅެނީ އޭނާގެ މަންމަގެ ގެއަށް ދާން ކަމަށެވެ.

"އަޅުގަނޑު މިދަނީ އޮފީހަށް." މަންމަގެ ހިތުގައި އޮތް ސުވާލު ވިސްނިގެން އޭނާ ބުނެލިއެވެ. އެއަށްފަހު ޝެހެރޫޒާ ދިމާއަށް ބަލަން ފަށައިފިއެވެ.

"ދަރިފުޅު ވަޒީފާ ދޫކޮށްލީއެއް ނޫންތަ؟" މަންމަ އަހައިލިއެވެ.
"އަޅުގަނޑު ހުރީ ޗުއްޓީގައި."

"އެހެންވެއްޖެއްޔާ ދެން ވަޒީފާ ދޫކޮށްލާ. އަހަރެމެންގެ ޅީދަރިންނާއި އަންހެން ދަރިންނަކީ ބޭރަށް ނުކުމެ  ވަޒީފާ އަދާ ކުރާ ބައެއް ނޫން."

"މަންމާ. ޝެހެރޫޒާއެކީގައި މަސައްކަތް ކުރަން..."

"ދަރިފުޅާ." މަންމަ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ޝެހެރޫޒާއެކީގައި މަސައްކަތް ކުރާނަމޭ ބުނެފައި އޮތިއްޔާ އެއީ ދަރިފުޅުގެ ރަނގަޅުކަން. ޝެހެރޫޒް ދެކެ ވާ ލޯބީގެ ހެއްކެއް. އޭނާގެ ފައިދާއަށް ވިސްނާ ކަމުގެ ހެއްކެއް. އެކަމާ މަންމަ ވަރަށް ބޮޑަށް އުފާ ކުރަން. އެކަމަކު ވަޒީފާ އަދާ ކުރުމުގެ ހުއްދަ މަންމައެއް ނުދޭނަން. ތިޔައީވެސް މަންމަގެ ދަރިއެއް. ނަބީލާއާއި ޝަކީލާ ފަދައިން މަންމަ ބަލަނީ ތިޔައީވެސް މަންމަގެ އުފަންދަރިއެއް ކަމަށް."

ޒާރާ އިސްޖަހައިލިއެވެ. އަނގަޔަކުން ނުބުނެއެވެ. މަންމަ ދިޔަ ފަހުންވެސް އެހެން އެތައް އިރަކު ހިމޭނުން އިނެވެ.

"އަހަންނަށް ހީވަނީ މަންމަ އެ ދެއްކީ ރަނގަޅު ވާހަކައެއްހެން." ޝެހެރޫޒް އޭނާގެ ކައިރިއަށް އައިސް ބުނެލިއެވެ. "އަހަރެން ހުއްޓާ ދިރިއުޅުމުގެ ކަންތައްތަކާ ޒާރާ ފިކުރު  ބޮޑު ކުރާނޭ ކަމެއް ނެތް."

"އެކަމަކު ޝެހެރޫޒް..."

ޝެހެރޫޒް އޭނާގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. "ތައްޔާރުވެ ނިމިއްޖެއްޔާ ހިނގާ އަހަރެން ޒާރާ ގެންގޮސް މަންމަގެއަށް ލައިދޭނަން."

"ހިނގާ." އޭނާ އެއްބަސްވެއްޖެއެވެ. އަދި ޝެހެރޫޒްގެ މަންމަގެ ހުއްދަ ހޯދައިގެން ޝެހެރޫޒާ އެކީގައި މަންމަގެ ގެއަށް ހިނގައްޖެއެވެ.

ޝެހެރޫޒް ހުރީ އޮފީހަށް ދާން ލަސްވެފައެވެ. އެހެންވީމާ ގޭ ދޮރުމައްޗަށް ޒާރާ ބައިލާފައި އޭނާ ދިޔައީއެވެ. އޭނާ ގޭތެރެއަށް ވަންތަން ފެނިފައި މަންމަ އަހައިލިއެވެ.

"އެކަނިތަ؟"

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.