(26 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މިހެން ބުނުމަކީ އޭނާއަކަށް އުނދަގޫ ކަމަކަށް ނުވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ވަޒީފާ އަދާކުރި ދުވަސްވަރު، ހެދުން ގަންނަން އޭނާ އެއަށްވުރެ މާގިނައިން ޚަރަދުކުރެއެވެ.
"ޒާރާ ނިކަން ވިސްނާލަބަލަ. އަހަންނަށް ލިބޭ މުސާރައާއި ގޭގެ ޚަރަދުތައް ހުންނަ ގޮތް ޒާރާ އަށް ވަރަށް ރަނގަޅަށް އެނގޭނެ. އެކަމަކުވެސް ތިޔަ ކަހަލަ ވާހަކަ ދައްކަނީތަ؟ އަހަރެން ތިޔަ ބުނާ ހެދުންތައް ހޯދައި ދީފިއްޔާ ގޭގެ ޚަރަދުތައް ހަމަޖައްސާނީ ކިހިނެއް؟"
"ތިޔައީ ޝެހެރޫޒްގެ މައްސަލައެއް." އުފަލާއި ހިތާމައިގައި ބައިވެރިއަކަށް ވާން ވަޢުދުވީ މީހާގެ ހަޤީޤީ ކުލަވަރު ވަރަށް އަވަހަށް ފެންނާން ފަށައިފިއެވެ.
"އަހަރެން މައްސަލައަކީ ޒާރާގެ މައްސަލައެއް ނޫންތަ؟"
"އާނ. އެއީ އަހަރެންގެ މައްސލައެއް ނޫން." އޭނާ ހަރުކަށިކަމާއެކު ބުނެލިއެވެ. އަދި އެނދުމަތީގައި ހުރި ހެދުންތައް ނަގައި އަލަމާރިއަށް ލާން ފަށައިފިއެވެ. އެކަމުން އަވަދިވުމާއެކު އާދައިގެ މަތީން ބޮލާއެކު ރަޖާ އަޅައިގެން އޮށޯވެއްޖެއެވެ. މިއީ އެގޭގައި އޭނާ ކުރި ފުރަތަމަ ދެކޮޅުވެރި ޢަމަލެވެ. ޝެހެރޫޒް އިރުކޮޅެއް ވާންދެން އޭނާ ބޮލުން ރަޖާ ނަގައި، ބަލައިލާތޯ އިނެވެ. އެތައް އިރެއް ވީއިރުވެސް އޭނާގެ ޙަރަކާތެއް ނުވީމާ ތެދުވެއްޖެއެވެ. އަދި މަޑުމަޑުން ކޮޓަރިން ނުކުމެއްޖެއެވެ.
އޭނާ އެއްވެސް ޙަރަކާތެއް ނުކޮށް ދެ ގަޑިއެއްހައި އިރު އޮތެވެ. އޭނާ ހީކޮށްގެން ހުރީ ޝެހެރޫޒް އައިސް އޭނާއަށް ގޮވައި ނަގާނޭކަމަށެވެ. އަދި އޭނާގެ ހިތްހަމަޖައްސައިދޭން ވާހަކަ ދައްކާނޭ ކަމަށެވެ. އެހެންނަމަވެސް އެހެންނެއް ނުވިއެވެ. އޭނާގެ ގާތަށް ވަރަށް ބޮޑަށް ރުޅިއައެވެ. ހިތަށް އެރިއެވެ. އަހަރެންގެ ކޮންމެ އެދުމެއް ފުއްދައި ދިނުމަކީ އޭނާއަށް މަޖްބޫރު ކަމެކެވެ. މިހެން ހިތަށް އެރުމާއެކީ އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރާށް ފަށައިފިއެވެ.
"ދައްތާ." އެ ވަގުތު ޝަކީލާ އޭނާއަށް ގޮވަމުން އައިސް އެ ކޮޓަރިއަށް ވަދެއްޖެއެވެ.
އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ.
"ދައްތާ. ނިދަނީތަ؟" ޝަކީލާ އޭނާގެ މޫނުމަތީގައި އޮތް ރަޖާގަނޑު ނަގައިފިއެވެ.
އޭނާ ލޯހުޅުވައިލިއެވެ.
"މަންމަ އެބަ ގޮވާ."
"ކީއްކުރަން؟"
"ހިނގާ ދިޔައީމާ އެނގިދާނެ."
"އަހަރެން މިއުޅެނީ ބޮލުގައި ރިއްސާތީ. މި ވަގުތު ބޭނުންވަނީ ނިދާލަން."
"އަހަރެން ދައްތައަށް ސައި ހަދައި ދޭނަން... ހިނގާ." ޝަކީލާ އޭނާގެ އަތުގައި ހިފައި ދަމަން ފަށައިފިއެވެ. އެހެންވީމާ ދާން ބޭނުން ނުވިޔަސް އޭނާއަށް ޖެހުނީ ދާށެވެ. ބޮޑު ކޮޓަރި ތެރެއަށް ވަން އިރު މަންމަ ބޮޑު ފޮށި ހުޅުވައިގެން އިނެވެ. އޭނާ ފެނުމާއެކު ބުންޏެވެ.
"ޒާރާ... ދަރިފުޅާ. މިކޮޅަށް ބަހީބަލަ."
އޭނާ ކުރިއަށް ނުގޮސް އެކި ދިމަދިމާއަށް ބަލަން ފަށައިފިއެވެ. ޝެހެރޫޒާއި ގޭގެ އެހެން ކުދިންވެސް އެ ތާގައި ތިއްބެވެ.
"ދޭބަލަ. މަންމަ ގޮވަނީ އެއްނު؟" ޝެހެރޫޒް މަންމަޔާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް މަންމަގެ ކައިރީގައި އިށީނދެއްޖެއެވެ.
"ބަލައިލަބަލަ." މަންމަ ފޮށްޓަށް އިޝާރާތްކޮށްފައި ބުނެލިއެވެ. "މިތަނުން ދަރިފުޅު ބޭނުންވަރަކަށް ފޮތި ނަގާ."
"މިއީ ކާކުގެ އެއްޗެއްތޯ؟"
"ތިޔައީ ދަރިފުޅުގެ އެއްޗެހި."
"އަޅުގަނޑުގެއޭތޯ؟" މިހެން ބުނެފައި އޭނާ ޝެހެރޫޒާ ދިމާއަށް ބަލައިލިއެވެ. ޝެހެރޫޒް ހުރީ އޭނާއަށް ސަމާލުކަން ދީގެންނެއް ނޫނެވެ.
"އޭނާ ދިމާޔަށް ބަލާނޭ ކަމެއް ނެތް. އޭނާ މަނައެއް ނުކުރާނެ."
"ލައްބަ... އެކަމަކު..." ހަދާނޭގޮތެއް ނޭނގުނެވެ. މަންމަ ދެ ގަނޑު ފޮތި ނަގައި އޭނާޔާ ދިމާއަށް ދިއްކޮށްލިއެވެ.
"މި ދެ ގަނޑު ފޮތި ދަރިފުޅާ ވަރަށް ގުޅޭނެ."
އޭނާ ޙައިރާންވެފައި މަންމަޔާ ދިމާއަށް ބަލައިލިއެވެ.
"ބޭނުން އެއްޗެއް ނަގާ. ޝަކީލާއާއި ނަބީލާއާ ދެ މީހުން ފަހައިދީފާނެ."
މަންމަ އޭނާގެ އަތަށް ދެ ގަނޑު ފޮތި ދީފައި ބޭރަށް ނުކުމެއްޖެއެވެ. ފޮށި ހުރިގޮތަށް، ހުޅުވައިފައި ބަހައްޓައިފައެވެ. އޭނާ އިރުކޮޅަކު ފޮށްޓާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތަށް އެރިއެވެ. މިއީ އޭނާގެ އެއްޗެހިކަމަށް ވަންޏާ ނުނަގައި ހުރުމުގެ މާނައެއް ނެތެވެ. އޭނާ އަތުގައި އޮތް ދެ ގަނޑު ފޮތި ބާއްވާފައި އޭނާއަށް އެންމެ ރީތިވީ ދެ ގަނޑު ފޮތި ފޮށިން ނަގައިފިއެވެ.
"މަގޭ އަތަށް ގެނޭ ދައްތާ. ފަހައިދޭނަން." ނަބީލާ އޭނާގެ އަތުން ދެ ގަނޑު ފޮތި އަތުލައިފިއެވެ.
އެ ވަގުތު ޝެހެރޫޒް ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ. އޭނާވެސް ތެދުވެގެން ޝެހެރޫޒްގެ ފަހަތުން ހިނގައިގެންފިއެވެ. ކޮޓަރިއަށް ވަދެފައި އޭނާ ބުންޏެވެ.
"ގޭގައި ފޮތި ހުއްޓާ އެއްވެސް ކަމަކާ ނުލައި އަހަރެން ރުޅި އެރުވީ ކީއްކުރަން؟"
"ޒާރާ އެ ތަނުން ފޮތި ނެގީ ކީއްކުރަން؟" ޝެހެރޫޒް ވަރަށް މަޑުމަޑުން އަހައިލިއެވެ.
"ކިހިނެއްވީ؟ އެއީ އަހަރެންގެ އެއްޗިއްސޭ މަންމަ ބުންޏެއްނު؟ އަހަރެންގެ އެއްޗެއް އަހަރެން ނެގީމާ އެއީ ކުރެވުނު ނުބައި ކަމަކީތަ؟"
"އެއީ ޒާރާގެ އެއްޗެހި ކަމަށް ހަމަރަނގަޅަށްވެސް ގަބޫލުކުރަންތަ؟"
"އާނ." އޭނާއަށް ކުއްލިއަކަށް ވިސްނިއްޖެއެވެ. "އަހަރެން ހަނދާން ނެތުނީ. މިއީ މަންމަ އެމީހުންގެ ކާވެންޏަށް ރައްކާކޮށްފައި ހުރި އެއްޗެހި ދޯ؟"
މިހެން ބުނެފައި އަމިއްލަ އަމިއްލައަށް ބުނެލިއެވެ.
"ހެޔޮ. އެ މީހުންގެ ކާވެއްޏަށް އަދި ލައްކަ ދުވަސް އެބައޮތް. އަހަންނަށް ހަމަ މިވަގުތުވެސް މީގެ ބޭނުން މިއޮތީ ޖެހިފައި."
"އާނ! ޒާރާއަށް މިވަގުތު ބޭނުންވާނެ."
ޝެހެރޫޒް މިހެން ބުނެފައި ޒާރާ ހެދިހެން މުޅި ބޮލާ އެއްކޮށް ރަޖާ އަޅައިގެން އޮށޯވެއްޖެއެވެ.
* * *
ސާޖިދާދައްތަގެ ކާވެންޏާއެކު އަޙްސަނާއި ސެހެރްގެ ކާވެނިވެސް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އެހެންވީމާ އޭނާ ތަންކޮޅެއް ގިނަ ދުވަސް ކުރިއަށް އޮއްވާ ގެއަށް އަންނާން މަންމަ ބުނެފިއެވެ. އޭރު އޭނާ ހުރީ ވާން ހުރި ހުރިހައި ތައްޔާރީއެއްވެ ނިމިގެންނެވެ. އެހެންވީމާ މަންމަ އަންނާށޭ ބުނުމާއެކު ސާމާނު ހިފައިގެން ހިނގައްޖެއެވެ. އޭނާ ކަނޑައަޅައިގެން ހުރީ އެނބުރި ގެއަށް ނުގޮސް ހުރިހައި ކަމެއް ނިމިގެން ދާށެވެ. ޝެހެރޫޒާއި ގޭގެ އެންމެން ތިބީ އެގޮތާ ރުހި، ގަބޫލުވެގެންނެވެ. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު އޭނާގެ ހާލު ބަލައިލާން ދާން މަންމަ އޮތީ ޝެހެރޫޒް ގާތު ބުނެފައެވެ.
ޝެހެރޫޒާއި އޭނާގެ ގޭގެ މީހުންގެ ހެޔޮކަމުގެ މައްޗަށް ހިތުގައި ތަޢުރީފާއި ޝުކުރުވެރިކަން އުފެދުމުގެ ބަދަލުގައި އޭނާގެ ހިތަށް ވެރިވެގެން ދިޔައީ ތިމާގެ ބޮޑުކަމެވެ. މުހިއްމުކަމެވެ. އޭނާއަށް ފެނުނު ގޮތުގައި އެ މީހުން އޭނާގެ މައްޗަށް އެހައި ބޮޑު ސަމާލުކަމެއް ދެނީ އޭނާއަށް އެ ސަމާލުކަން ޙައްޤުކަމަށް ދެކޭތީއެވެ.
ޝެހެރޫޒް އައީ އިރުއޮއްސޭން ކައިރިވެފައި ހުއްޓައެވެ. އޭނާ ބުނެގެން ރޭގަނޑު ކައިގެން ދާން މަޑުކުރީއެވެ. ސާޖިދާދައްތައާއި ޢާބިދާގެ ކާވެނި ކުރެވިއްޖެއެވެ. ސެހެރްގެ ކާވެނި އޮތީ މާދަމައެވެ. ރޭގަނޑުގެ ކެއުމުގެ ކަންތަކުން ނިމިގެން ވާހަކަ ދައްކައިލާނޭ ފުރުސަތެއް ލިބުނީމާ އޭނާ ބުނެލިއެވެ.
"ޝެހެރޫޒް. މާދަމާ ކާވެނީގެ ފަހުން ހަދިޔާ ބަދިޔާގެ ކަންތައްތައް ފެށިއްޖެއްޔާ އަހަރެމެންވެސް ކޮންމެވެސް އެއްޗެއް ދޭންވާނެ."
"މިސާލަކަށް ކޮން އެއްޗެއް؟" އޭނާ އަހައިލިއެވެ.
"އެހެން އެއްޗެއް ނެތިއްޔާ ކުޑަ ފައިސާކޮޅެއް ދިނަސް ރަނގަޅުވާނެ."
"އެހެންވެއްޖެއްޔާ ފައިސާކޮޅެއް ދީ."
"އަހަރެންގެ އަތަކު ފައިސާއެއް ނެތް."
"އައި އިރު އަހަރެން އެއްހާސް ރުފިޔާ ދިނީމެއްނު؟ އެ ފައިސާ ކޮބާ؟"
"ދެ ކާވެންޏަށް ޚަރަދުކޮށް އެ ފައިސާކޮޅު ހުސްވެއްޖެ."
"ޒާރާ. ތިމާގެ ހައިސިއްޔަތާ ނުގުޅޭ ވަރުގެ ބޮޑެތި ޚަރަދުތައް ކުރާކަށް ނުވާނެ." ޝެހެރޫޒް މަޑުމަޑުން ބުނެލިއެވެ.
"އެންމެ ސަތޭކަ ރުފިޔާ ދޭކަށް އަހަންނަކަށް ނުކެރޭނެ."
"ޒާރާއަށް ދޭން ކެރޭނީ ކިހައި ވަރަކަށް؟"
"ނޭނގެ." އޭނާ ރުޅިއައިސްގެން ތެދުވެގެން ހިނގައްޖެއެވެ.
އަނެއް ދުވަހު ޝެހެރޫޒް އައިސް އޭނާގެ އަތަށް ފަސްސަތޭކަ ރުފިޔާ ދީފައި ބުންޏެވެ.
"މިއަށްވުރެ ގިނައިން މިވަގުތަކު ލިބޭކަށް ނެތް."
"މިވަރުން ވާނެ."
"މިއަދު ގެއަށް ދާނަންތަ؟"
"އަވަހަށް ނިމިއްޖެއްޔާ ދާނަން. ލަސްވެއްޖެއްޔާ ދާނީ މާދަމާ."
"ކިތަންމެ ލަހުން ނިމުނަސް މިރޭ ގެއަށް ދާންވާނެ."
"އެއީ ކީއްކުރަން؟"
"ވަކި ކަމެއް ބުނާނީ ގެއަށް ގޮސް." ޝެހެރޫޒް އޭނާގެ އިސްތަށިގަނޑަށް މަޑުމަޑުން ދަމައިލާފައި ބޭރަށް ނުކުމެއްޖެއެވެ.
ކާވެނީގެ ކަންތައްތައް ނިމިގެން އޮތީ ފޮޓޯ ނެގުމެވެ. ފޮޓޯ ނަގަމުން ދިޔައިރު ދިމާވީ ގޮތަކުން ޒާރާއަށް ސެހެރްގެ ކައިރީގައި ހުންނާން ޖެހުނެވެ. އަނެއް ފަރާތުގައި ހުރީ އަޙްސަނެވެ. އޭރު ޒާރާގެ އަތުގައި ހެދިކާ ތަބަކެއް ހުއްޓެވެ.
"އަން. އަމިއްލަ ކާވެނީގެ ހެދިކާވެސް ކާންވާނެ." އޭނާ އަޙްސަނާ ދިމާއަށް ތަބަށް ދިއްކޮށްލިއެވެ.
އަޙްސަން ހެދިކާ ނެގުމުގެ ބަދަލުގައި ހިފީ އޭނާގެ އަތުގައެވެ. ހިފައި ދަމައިގަތް ގޮތުން އަތުގައި ހުރި ތަބަށް ވެއްޓިއްޖެއެވެ.
"ދޫކޮށްލާ... އަހަރެން ވެއްޓިދާނެ."
އަޙްސަން ދުލެއް ނުކުރިއެވެ. ބަލަން ތިބި މީހުން ހީކުރީ ދެ މީހުން ސަމާސާކުރަނީ ކަމަށެވެ. އަޙްސަން ޖެހި ލަތްކަކާއެކު ޒާރާ ބިންމައްޗަށް ވެއްޓިއްޖެއެވެ. މި ހުރިހައި މަންޒަރެއް ޝެހެރޫޒް ދިޔައީ ފޮޓޯ ނަގަމުންނެވެ.
ޒާރާ ވެއްޓުމާއެކު އަޙްސަން ކައިރިއަށް އަތުވެއްޖެއެވެ.
"ތަދުވިތަ؟"
ޒާރާ ޖަވާބެއް ނުދީ އަޙްސަނާ ދިމާއަށް ކަޅި އަޅައިލިއެވެ. "ތިޔައީ ވަރަށް ނުލަފާ މީހެއް."
"ޒާރާ... ސަމާސައެއް ކޮށްލީމާ ރުޅިއަންނާކަށް ނުވާނެ." ޝެހެރޫޒް އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
"ކޮން ސަމާސައެއް." އޭނާ ރުޅި އައިސް ފުފިފައި ހުރެގެން އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އޭގެ ފަހުން އެ ކޮޓަރިއަކަށް ނާދެއެވެ. ގެއަށްދާން ތައްޔާރުވާން ފެށީއެވެ. ކުޑައިރުކޮޅެއް ފަހުން އަސްމާ އައިސް އަޙްސަން ބުންޏޭ ފޮޓޯ ނަގަން އަންނާށޭ ބުންޏެވެ. އެހެން ނަމަވެސް އޭނާ ދާކަށް އެއްބަހެއް ނުވިއެވެ. އޭނާހުރީ މެހްމާނުން ގޮސް ނިމުނީމާ ގެއަށް ދާން ތައްޔާރުވެގެންނެވެ. މާގިނަ އިރުތަކެއް ނުވެ އަސްމާ އަނެއްކާވެސް އަތުވެއްޖެއެވެ.
"ދައްތާ ހިނގާބަލަ. އަޙްސަން ބޭބެ ވަރަށް ކަންތައްގަނޑު ބޮޑު ކޮށްލައިގެން އެބައުޅޭ."
"ކިހިނެއްވީ؟" އޭނާ ސިހިފައި އަހައިލިއެވެ.
"އޭނާ ބުނީ ހަމަ މިރޭ ގެއަށް ދާންވީއޭ."
"ކީކޭ؟"
އޭނާ އަސްމާޔާ އިތުރު ސުވާލެއް ނުކޮށް އެ ދިޔަގޮތަށް ގޮސް ވަނީ ބޮޑު ކޮޓަރިއަށެވެ. ޕްރޮގްރާމް ހަމަޖެހިފައި އޮތީ މިރޭ ސެހެރް މި ގޭގައި އޮންނާށެވެ. އަޙްސަން ގެއަށް ދާނީއެވެ. މާދަމާ އައިސް ރަސްމީ އިޙްތިފާލެއްގައި ސެހެރް ގޮވައިގެން ގެއަށް ދާގޮތަށެވެ. އޭނާ އައިސް ވަން އިރު އަޙްސަނު ބުނާ އަޑު އިވުނެވެ.
"ކާވެނި ކުރެވިއްޖެ. ދެން މަޑުކުރުމުގެ ބޭނުމަކީ ކޮބާ؟"
ޒާރާ އައިސް ދޮރުމަތީގައި ހުއްޓިގެން ހުރެއްޖެއެވެ. ކޮންމެވެސް މީހަކު އެއްޗެކޭ ބުނީމާ އަނެއްކާވެސް އަޙްސަން ބުންޏެވެ.
"ކީއްކުރަން؟ މިހާރު ކުރެވުނު ޚަރަދު ކުޑައީތަ؟ އަނެއްކާ މާދަމާ ތިޔަ ބާއްވަން އުޅޭ ރަސްމިއްޔާތަށް އެތައް ޚަރަދެއް ކުރަން ޖެހޭނެ." އަނެއްކާވެސް މީހަކު އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ޖަވާބުގައި އަޙްސަން ބުންޏެވެ.
"ބަލަ މިހާރު އެއީ އަހަރެންގެ މިލްކެއް އަހަރެން ބޭނުންވަނީ ހަމަ މިހާރު ގެންދަން."
"އަހްސަންގެ މިލްކެއް ނޫނެކޭ މީހަކު ނުބުނެއެއްނު؟" ޒާރާ އެތެރެއަށް ހިނގައިގަންނަމުން ބުނެލިއެވެ.
"އެކަމަކު ގެންދަން ޖެހޭ ގޮތެއްވެސް އޮންނާނެއެއްނު؟"
(ނުނިމޭ)
varahves reethi shukuran
varahves reethi