އަލިފާންކޮކާ - 15

(24 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝެހެރޫޒް ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ. އެއީ އޭނާއަކަށް އާދައިގެ ވާހަކަ އަކަށް ނުވެއެވެ.

"ޝެހެރޫޒް... އަހަރެންގެ ވާހަކަ އަހާބަލަ. ޝެހެރޫޒްގެ ކުރިމަތީގައި އޮތީ ހަމައެކަނި ޝަކީލާގެ ކާވެނީގެ މައްސަލައެއް ނޫން. އޭގެ ފަހުންވެސް ތިން ކުއްޖަކު އެބަތިބި. އެންމެންގެ ކަންތައްތައް ހަމަނުޖެހިގެން އުޅެނިކޮށް ޝެހެރޫޒް މުސްކުޅިވެދާނެ."

"ޒާރާ. ތިޔަ ވާހަކަ ހުއްޓާލާ."

"ޝެހެރޫޒް. މީއީ، ރަނގަޅު ދަނޑިވަޅެއް. މިކަހަލަ ދަނޑިވަޅެއް ނަގާލައިގެން ނުވާނެ. އެންމެ ފަނަވަރަކަށް ދުވަހުން މުޅި ދިރިއުޅުން އަރާމުގައި ވޭތު ކޮށްލެވޭ ވަރަށް ފައިސާ ލިބިދާނެ. އެއީ އެއްވެސް ކަހަލަ ބުރައެއް ނުއުފުލާ ލިބޭ ފައިސާ."

"ޒާރާ އެކަމަކު..."

"އެކަމަކުއޭ ކިޔައިގެން އަމިއްލައަށް ފިކުރު ބޮޑު ކުރާން މަސައްކަތް ނުކުރޭ. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޝަކީލާގެ ކާވެނި ކުރަން އެބަ ޖެހޭ. އޭގެ ފަހުން..." މިއީ އޭނާ ބޭނުންވާ ގޮތަކަށް ޝެހެރޫޒް އަނބުރައިލާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަން އޭނާއަށް އެނގެއެވެ. އޭނާގެ މޫނުމައްޗަށް ވެރިވެފައިވަނީ ފަތަހައިގެ ހިނތުންވުމެކެވެ.

"މަންމަ ގާތު އަހަރެން ބުނާނީ ކީކޭ؟"

"އެންމެ ފުރަތަމަ ޚާވަރާ ވާހަކަ ދައްކާ. ދާންވީމާ އޮފީހު ދަތުރެއްގައި ދަނީއޭ މަންމަ ގާތު ބުނާނީ."

"ފައިސާގެ ވާހަކަ ބުނާނީ..."

"ޝެހެރޫޒް. މަންމަވެސް މި ވަގުތު އެ އިންނަނީ ފައިސާގެ ބޭނުން ޖެހިފައި. ހަދާނޭ ގޮތް ބޮޑުވެފައި. އެހެންވީމާ މަންމަ ބަލާނީ ފައިސާ ލިބޭތޯ. ލިބުނީ ކިހިނެއްތޯ އޮޅުން ފިލުވާކަށް މަންމައެއް ނޫޅޭނެ. ފަހުން އަހައިފިއްޔާ ކޮންމެވެސް އެއްޗެކޭ ބުނެލާނީ."

ޝެހެރޫޒް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ.

"މާދަމާ ޚާވަރާ ބައްދަލުކުރަން ދާނަން ދޯ؟"

އޭނާ ބޯ ޖަހައިލުމާއެކު ޒާރާގެ ހުރިހައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ކަހަލައެވެ.

* * *

އަނބިމީހާގެ އަތް މައްޗަށް ދިރިއުޅުމުގެ ކަންތައް ދޫކޮށްލުމަށްފަހު ހިތްހަމަ ޖައްސައިލުމަކީ ގިނަ ފިރިހެނުންގެ އާދައެވެ. ދިރިއުޅުން ކުރިއަށް ގެންދަނީ އަންހެނުން ބޭނުން ގޮތަކަށެވެ. ދިރިއުޅުމުގެ ކުރީކޮޅު ކޮންޓުރޯލު އޮންނަނީ މަންމަގެ އަތުގައެވެ. މީހަކާ އިނީމާ ކޮންޓުރޯލު ލިބެނީ އަނބިމީހާއަށެވެ. މަންމަގެ އަތުގައި ކޮންޓުރޯލު އޮންނައިރު މަންމަ ވިސްނަމުން ދާނީ ދަރިފުޅުގެ ހެވަށެވެ. ދަރިފުޅުގެ ހިތްހަމަޖެހޭ ގޮތަށެވެ. އެކަމަކު އަނބިމީހާގެ އަތަށް ކޮންޓުރޯލު ލިބުނީމާ މުޅީން އެހެން ގޮތަކަށް ބަދަލުވެގެން ހިނގައިދެއެވެ. އެ ހިސާބުން ފެށިގެން އަނބިމީހާގެ އެދުންތަކަށް އިސްކަންދޭން ޖެހިދެއެވެ. ފިރިހެންމީހާ ހުންނަނީ ލޯބީގައި މަސްތުވެފައެވެ. އޭނާގެ އެންމެ ބޮޑު އުފަލަކަށް އޮންނަނީ އަނބިމީހާގެ ހިތްހަމަޖައްސައި ދިނުމެވެ. އަނބިމީހާ އުފަލުން ހުއްޓައި ފެނުނީމާ އެ ނިމުނީއެވެ.  އެކަމަކު މިފަދަ މީހެއްގެ ދިރިއުޅުން ދުވަހަކުވެސް ބާއްޖަވެރިއެއް ނުވެއެވެ. ނުބައި އަނތްބެއްގެ ދަލުގައި ޖެހިއްޖެ ފިރިހެނެއްގެ ދިރިއުޅުން މުޅީން ހަލާކުވެގެން ދާނެއެވެ. މިޔާ ޚިލާފަށް ރަނގަޅު އަނތްބެއްގެ ލޯބި ލިބިއްޖެ މީހެއްގެ ދިރިއުޅުން ބާއްޖަވެރިވީއެވެ.

ދިރިއުޅުމުގެ ފުރަތަމަ ބަޔަށް ބަލާ އިރު ޝެހެރޫޒްވެސް ހިމެނެނީ ނަސީބުވެރިންގެ ތެރޭގައެވެ. އޭނާގެ ދިރިއުޅުމުގެ ހުންގާނު އޮތީ ވަރަށް ރަނގަޅު ހެޔޮ ލަފާ އަންހެނެއްގެ އަތުގައެވެ. އެ އަންހެންމީހާ އޭނާއަށް ދައްކަމުން ދިޔައީ ހެޔޮމަގެވެ. އެ އަންހެނަކީ އޭނާގެ މަންމައެވެ.

އެކަމަކު ދިރިއުޅުމުގެ ދެވަނަ ބައިގައި އޭނާގެ ދިރިއުޅުމުގެ ހުންގާނާ ހަވާލުވީ ޒާރާ ޚާނެވެ. އެއީ ކުރީގެ އަންހެން މީހާޔާ މުޅިން ތަފާތު މީހެކެވެ. އޭނާ ދިޔައީ ސާފު ސީދާ މަގެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު ވާ ވައްދަމުންނެވެ. އޭނާގެ އަމިއްލަ އެދުން ތަކުގެ މަގަށް އަނބުރުވަމުންނެވެ.

ޝެހެރޫޒް ފުރައިގެން ދިޔަ ފަހުން ދިހަ ދުވަސްވެއްޖެއެވެ. އޭނާ ކެތްތެރިކަމެއް ނެތް ގޮތުގައި އިންތިޒާރު ކުރަމުންދަނީއެވެ. އިންތިޒާރުގައި ހުންނަ އިރުވެސް ޝެހެރޫޒަށް ނުރައްކާތެރިކަމެއް ދިމާވެދާނެއެކޭ ފަހަރެއްގައި ވެސް އޭނާގެ ހިތަކަށް ނާރައެވެ. އޭނާގެ ހިތުގައި ރޭވެމުންދަނީ ފައިސާ ހިފައިގެން ޝެހެރޫޒް އައީމާ އެއަށް ހަދާނޭ ގޮތެވެ.

"ޝެހެރޫޒް ދިޔައީ ކިތައް ދުވަހުން އަންނާނަމޭ ބުނެފައިތަ؟" މަންމަކަން ބޮޑުވެގެން ސުވާލުކޮށްލިއެވެ.

"ހަތަރު ފަސް ދުވަހަކުން އަތުވެދާނެ." އޭނާ ހިތްހަމަޖެހުމާއެކު ބުނެލިއެވެ.

"މީގެ ކުރިން އޭނާ ދުވަހަކުވެސް މި ކަހަލަ ގޮތަކަށް ފުރައިގެންނެއް ނުދޭ." މަންމަ ފިކުރު ބޮޑުވެފައި ބުނެލިއެވެ. ދަރިންނާ މެދު ފިކުރު ކުރުމަކީ މައިންގެ ކިބައިގައި ލައްވައިފައިވާ ޚާއްސަ ސިފައެކެވެ.

"މަންމަ ހާސްވާނެކަމެއް ނެތް. އޭނާ ދިޔައީ އޮފީހުގެ ކަމެއްގައި. މާގިނަ ދުވަހެއް ނުވެ އަތުވެދާނެ." އޭނާ ކުޑަކޮށް ވިސްނައިލިއެވެ.

"މަންމަ ބޭނުމިއްޔާ އަހަރެން މާދަމާ އޭނާގެ އޮފީހަށް ފޯނުކޮށްފައި އަންނާނެ ދުވަހެއް އަހައިފާނަން."

"އާނ! ފޯނުކޮށްފައި އަހާލާތި."

އަނެއް ދުވަހު ފޯނު ކުރާކަށް ނުޖެހުނެވެ. ހެނދުނު ޝެހެރޫޒް އަތުވެއްޖެއެވެ. ޝެހެރޫޒްގެ ލޮލުން ފެންނާން ހުރި ވިދުވަރެގެ ސަބަބުން އޭނާ އެ އައީ ހުރިހައި މައްސަލައެއްގެ ހައްލު ހޯދައިގެންކަން އެނގެއެވެ. ޒާރާ އޭނާޔާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. އެ ވަގުތު އޭނާ އަނގައިން ނުބުނެ ޒާރާ ދިމާއަށް ދިއްކޮށްލީ އޭނާގެ ބްރީފްކޭހެވެ. އޭނާ ބްރީފްކޭސް ހިފައިގެން އެދިޔަ ގޮތަށް ދިޔައީ ކޮޓަރިއަށެވެ.

"މީއީ އަހަރެން ހީކޮށްގެން ހުރި ވަރަށް ވުރެވެސް ގިނަ އަދަދެއް." ރޭގަނޑު ދެ މީހުން އެކަނި ވީމާ އޭނާ ބުންޏެވެ. "އަހަރެމެން މި ފައިސާއިން ގަންނާނީ ބޮޑު ގެއެއް. ބޮޑު ފެންޑާއަކާއި ގޯއްޗެއް އޮތް ގެއެއް." އަމިއްލަ އެދުންތަކުގެ ބާރު ބޮޑުވީމާ ޝަކީލާގެ ކާވެނީގެ މަތީންވެސް އޭނާގެ ހަނދާނެއްނެތެވެ.

"އާނ! އެކަމަކު ފުރަތަމަ ޝަކީލާގެ ކާވެނި ކުރުވާނީ. އެހެން ކަމެއް ކުރާނީ އޭގެފަހުން."

އޭނާ އަނގަޔަކުން ނުބުންޏެވެ.

"ދެރަ ނުވޭ. މި ފަހަރު ނުވިއްޔާ ދެން ފަހަރަކުން ވާނެ."

"އެންމެ ރަނގަޅު." އެހެން ފަހަރުފަހަރާ ޚިލާފަށް އޭނާ ވަރަށް އަވަހަށް އެއްބަސްވެއްޖެއެވެ.

"ޒާރާ. އަހަރެން ހުރީ ވަރަށް ބިރުން." ޝެހެރޫޒް ބުންޏެވެ. "ބޭޒާރު ވެއްޖެއްޔާ ވާނީ ކިހިނެއް ބާވައޭ ހިތައި އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައި."

"ވާނީ ކޮންކަމެއް؟ މިހައި ގިނަ ފައިސާގެ ތެރެއިން ފަންސާސްހާސް، ނޫނީ ލައްކައެއްހައި ރުފިޔާ ޚަރަދު ކޮށްލާން ޖެހުނަސް އެ ވަރުގެ ކަމަކަށް ނުވާނެ."

"އަޅެ ވިސްނާލަބަލަ." އޭނާ ޒާރާ އާދިމާއަށް ފުންކޮށް ބަލައިލިއެވެ. "އެކަހަލަ ކަމެއް ދިމާވީ ނަމަ ޒާރާ ހަދަނީ ކިހިނެއް؟"

"އަހަރެން މި ފައިސާގެ ބާރުގައި ދެ ގަޑިއިރު ކީއްކުރަން އެންމެ ދެ މިނެޓުން ޝެހެރޫޒް ސަލާމަތް ކުރީމުސް. ފައިސާއަކީ ވަރަށް ބާރުގަދަ އެއްޗެއް. ޝެހެރޫޒް ނިކަން ބަލަން ހުންނާތި. ބޮޑު ގެއެއްގައި އަހަރެމެން އުޅޭން ފެށުމާއެކު ފެންނަ ކޮންމެ މީހަކު އަހަރެމެންނަކީ ތިމާގެ މީހުންކަމަށް ބުނަން ފަށާނެ."

"އެހެންތަ؟" އޭނާ ހީނގަތެވެ. "ތިޔައީ ފަހުގެ ވާހަކަ. މިހާރު ދައްކަންވީ މަންމައަށް މި ފައިސާ ދޭނެ ގޮތެއްގެ ވާހަކަ. މަންމަ ގާތު ބުނާނީ ކީކޭ؟"

"މި ވަގުތު ބުނާނީ ދަރަންޏަށް މީހެއްގެ އަތުން އަތުލީއޭ."

"މަންމަ ގަބޫލު ކުރާނެތަ؟"

"ޤަބޫލު ނުކުރާންވީ ކީއްވެގެން؟"

"އެންމެ ރަނގަޅު." މިހެން ބުނެފައި އިރުކޮޅަކު ޒާރާ އާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އޭނާ އޮށޯވެއްޖެއެވެ.

އޭގެ އަނެއް ދުވަހަކީ ބަންދު ދުވަހެކެވެ. ޒާރާ ހެނދުނު ސައިބޮއިގެން ޝެހެރޫޒާއެކު ދިޔައީ މަންމަގެ ކޮޓަރިއަށެވެ. މެހެރޫޒް އެ ވަގުތު މަންމަގެ ކައިރީގައި ކޮންމެވެސް ވާހަކައެއް ދައްކާން އިނެވެ. އެ  ދެ މީހުން ވަނީމާ ދައްކާން އިން ވާހަކަ ހުއްޓާލައިފިއެވެ.

"ފަހަރި... އަވަހަށް އާދޭ." ނަބީލާ އޭނާ އިންތަނުން ޖާގަ ދައްކަމުން ބުނެލިއެވެ.

ޒާރާ ގޮސް ނަބީލާގެ ކައިރީގައި އިށީނދެއްޖެއެވެ. ޝެހެރޫޒް އިށީނީ މަންމަގެ ކުރިމަތީގައެވެ. ކުޑައިރުކޮޅަކު އެކި ކަހަލަ ވާހަކަ ދައްކާން އިނދެފައި ޝެހެރޫޒް އަހައިލިއެވެ.

"މަންމާ. އަހަރެން ނެތީސް ޝަކީލާ އިންނާން އުޅޭ މީހާގެ ގޭ މީހުންނެއް ނާދޭތަ؟"

"އެއްފަހަރު އައި؟"

"އެ މީހުން ބުނީ ކީކޭ؟"

"އެ މީހުން ބުނީ އަވަހަށް ކާވެނި ކުރަންވީއޭ؟ ދައްކާނެ އެހެން ވާހަކައެއް އޮންނާނެތަ؟"

"އަހަންނަށް ފެންނަނީ އަވަހަށް ތާރީޚެއް ބުނަން." އޭނާ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ބުނެލިއެވެ.

"އެއްވެސް ކަހަލަ އިންތިޒާމެއް ނެތި ކަންތައްތައް ހަމަ ނުޖެހެނީސް ތާރީޚެއް ބުނާނީ ކިހިނެއް؟"

"އަހަރެން އައީ ފައިސާގެ ކަންތައް ހަމަ ޖައްސައިގެން."

އޭނާ މިހެން ބުނީމާ މަންމަ ބަލާން ފެށީ މެހެރޫޒާ ދިމާއަށެވެ.

"ކޮންތަނަކުން؟ ކިހިނެއް؟" އުފާވެރިކަމުގެ ބަދަލުގައި މަންމަގެ އަޑުން ފާޅުވަނީ ބިރުވެރިކަމުގެ އަސަރެވެ.

"ލާހޯރުން. އަހަރެންގެ ކުރީގެ ރައްޓެއްސަކާ ބައްދަލުވީ. އޭނާޔާ ވާހަކަ ދައްކައިލީމާ ދަރަންޏަށް ފަންސާސްހާސް ރުފިޔާ ދިނީ." މިހެން ބުނެފައި އޭނާ ޒާރާ އަށް އިޝާރާތް ކޮށްލީމާ އޭނާ ތެދުވެގެން ހިނގައްޖެއެވެ.

އިރުކޮޅަކުން އައިސް މަންމަގެ ކުރިމަތީގައި ފަންސާސް ހާސް ރުފިޔާ ބާއްވައިފިއެވެ. މަންމަ ދެ ލޯ ބޮޑުކޮށްގެން އިރުކޮޅަކު އެ ފައިސާއަށް ބަލަހައްޓައިގެން އިނެވެ. އެއަށްފަހު ޝެހެރޫޒާ ދިމާއަށް ބަލައިލިއެވެ.

"މިއީ ޝަކީލާގެ ކައިވެންޏަށް ގެނައި ފައިސާ." ޝެހެރޫޒަށް މިހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ.

"އެހެން ވެއްޖެއްޔާ މެހެރޫޒް ދެއްކީ ހަމަ ރަނގަޅު ވާހަކައެއްތާ!" މަންމަގެ ރާގުގައި ހަރުކަށިކަމާއެކު ހިތާމައިގެ އަސަރުވެސް އެކުލެވިފައިވެއެވެ. "ކަލޭ ލާހޯރަށް ދިޔައީ އޮފީހުގެ ކަމެއްގައެއް ނޫން."

"މެހެރޫޒް... އަހަރެން..." އޭނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އަހަރެން ކަލޭ ކުރެން އެއްވެސް އެއްޗެކޭ އަހާކަށް ބޭނުމެއް ނޫން. މި ފައިސާ ހިފައިގެން މިތަނުން ނުކުމެގެންދޭ. މި ގެއިންވެސް ނުކުމެގެން ދޭ."

"މަންމާ!"

"އަހަންނާ ދިމާއަށް މަންމާއޭ ކިޔައިގެން ނުވާނެ." މަންމަ ބުންޏެވެ. "މެހެރޫޒް މީނާ ގާތު ބުނޭ މިވަގުތު މިތަނުން ދުރަށް ދާށޭ. އެހެން ނޫނީ އަހަރެން އަމިއްލައަށް މަރު ވެގަންނާނީއޭ."

"ތިޔައީ ޝުކުރު ނުކުރުން." ޒާރާ ކުއްލިއަކަށް ބުނެލިއެވެ. "މަންމަ ބަލަންވީ މޭވާ ކެވޭތޯ. ގަސް..."

"ޒާރާ... ކަލޭ ހިމޭނުން އިނދޭ."

"ހިމޭނުން އިންނާންވީ ކީއްވެގެން؟" އޭނާ ހަޅޭއްލަވައިގަތެވެ. "މެހެރޫޒް މަންމަ ގާތު ބުނީ ކީކޭ ކަމެއް އަހަންނަކަށް ނޭނގެ. ކޮންމެ ވާހަކައެއް ބުންޏަސް އެއީ ހައްތަހާވެސް ދޮގު ވާހަކަ."

"ފަހަރި ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ބޭބެގެ ކުށެއް ނުފޮރުވޭނެ."

"ޝެހެރޫޒް ކުރީ ކޮން ކުށެއް؟"

"ކުށެއް ނުކުރާ ކަމަށް ވަންޏާ މަންމަގެ ބޮލުގައި އަތް އަޅައިގެ ހުރެ މި ފައިސާ އަކީ ރައްޓެއްސަކު ދިން އެއްޗެކޭ ބުނާށޭ ބޭބެ ގާތު ބުނޭ."

"ކަލޭ..." ޒާރާ ރުޅިއައިސް ރަތްވެއްޖެއެވެ. "ކަލޭ ހީކުރަނީ ތިމަން މިއީ ވަރަށް ބުއްދިވެރި މީހަކު ކަމަށްތަ؟"

ޖަވާބުގައި އެއްޗެކޭ ބުނަން މެހެރޫޒް އުޅުނެވެ. އެކަމަކު މަންމަ އެކަން ހުއްޓުވީއެވެ.

"ޒާރާ. އަހަރެންގެ ތަރުބިއްޔަތުގައި އެއްވެސް ކުށެއް ނެތްކަން އަހަންނަށް ޔަގީން. އަހަރެންގެ ދަރިންނަށް، އަހަރެން ދަސްކޮށްދީފައި އޮންނާނީ ހެޔޮ ގޮތް. ސާފުސީދާ މަގުން ހިނގަން. ޝެހެރޫޒް ވާވެއްދީ ކަލޭކަން އަހަންނަށް ޔަގީން."

"އަހަންނޭ!؟"

"ކަލޭމެން ކަހަލަ އަންހެނުންނަކީ އަމިއްލަ އެދުންތަކުގެ ކުރިމަތީގައި އެހެން އެއްވެސް ކަމަކަށް ބަލާ ބައެއް ނޫން. އަމިއްލަ އެދުންތައް ފުއްދާންވެގެން ފިރިމީހާ ވާވެއްދުމަކީ ކަލޭމެން ކަހަލަ މީހުންގެ އާދަ."

"އަހަރެން ކުރި ކަމެއް ކުރީ ޝަކީލާ..."

"ޝަކީލާގެ ބަހަނާ ނުދައްކާ." މަންމަ ދެން ބަލައިލީ ޝެހެރޫޒާ ދިމާއަށެވެ. "ޝެހެރޫޒް އަހްމަދު. އަހަރެން ކަލޭ ތިޔައީ އަހަރެންގެ ދަރިއެއް ނޫނޭ ބުނުމުގެ ކުރިން މި ފައިސާ ހިފައިގެން ނުކުމެގެން ދޭ. ޒާރާވެސް ގޮވައިގެން ދާތި."

ޒާރާ ރުޅި އައިސްގެން ކޮޓަރިން ނުކުމެއްޖެއެވެ.

ޝެހެރޫޒް ހިރިވެސް ނުލައި ހުރީމާ އެންމެ ފަހުން މަންމަ އެކޮޓަރިން ނުކުމެގެން ދިޔައީއެވެ.

"ބޭބޭ." ޝަކީލާ އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. "މަންމަ މި ވަގުތު އެހެރީ ވަރަށް ބޮޑަށް ރުޅި އައިސްފައި. އެހެންވީމާ މި ވަގުތު ބޭބެ މިތަނުން ދޭ."

"ބޭބޭ." ކުޑަ ދެ ބެއިން އައިސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. "ބޭބެ އެއްވެސް ތަނަކަށް ގޮސްގެން ނުވާނެ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.